ފައްޔާޒު، މަގާމުން އެކަހެރިވެވަޑައިގަތުމަށް ނަޝީދު އެދިވަޑައިގެންފި

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް، މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިވެވަޑައިގަތުމަށް ދަންނަވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފަށް އަންގަވައިފި އެވެ.


އިނގިރޭސިވިލާތުގައި ހުންނަވައި ހަސަން އަށް ނަޝީދު ފޮނުއްވި ސިޓީގައި ވިދާޅުވީ ފައްޔާޒް މަގާމުން އެކަހެރިވެވަޑައިގަތުމަށް ފެނިވަޑައިގަންނަވަނީ އެމްޑީޕީ އަށް ލިބިދާނެ ގެއްލުމަކަށްޓަކައި ކަމަށެވެ. މިކަމުގައި، މިނިސްޓަރު ފައްޔާޒާއި ޕާޓީގެ އެހެން އެއްވެސް ބޭފުޅަކާ ވެސް ޒާތީ މައްސަލައެއް ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ބައެއް މަޝްރޫއުތަކާ ގުޅުވައި މިނިސްޓަރު ފައްޔާޒަށް ކޮރަޕްޝަންގެ ތުހުމަތު ކުރައްވައި އެމްޑީޕީގެ ގައުމީ މަޖިލީސް ގްރޫޕަށް މެސެޖްތަކެއް ނަޝީދު ފޮނުއްވާފައިވާ އިރު، ޕާޓީ އަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އެފަދަ ތުހުމަތުތައް ބަލަން ޖެހޭ ކަމަށެވެ. މީގެކުރިން ނަޝީދު ވަނީ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅުވައި ފައްޔާޒް ވެސް ހިމެނިވަޑައިގަންނަވާ ގޮތުން ގައުމީ މަޖިލީހުގެ ގްރޫޕްގައި ވާހަކަތަކެއް ދެކެވެނިކޮށް "ފަޔާ ވެސް މި ޕާޓީގެ ތެރޭގައި ބްރޯ ވެގެން އުޅެގެން ނުވާނެ" ކަމަށް ވިދާޅުވެފަ އެވެ.

"މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ކޮރަޕްޝަންގެ އަމަލެއް ހިންގެވިތޯ ނުވަތަ ނޫންތޯ ޖިނާއީ މިންވަރަށް ބެލުމަކީ ސިޔާސީ ކަމެއް ނޫނެވެ. ޕާޓީން އަޅުގަނޑާ ހަވާލުވެފައި ވަނީ ސިޔާސީ މަސައްކަތެވެ. އަޅުގަނޑު ފާހަގަ މިކުރަނީ ސިޔާސީ ނަޒަރުން ދެކޭ ނަމަ މިނިސްޓަ ފައްޔާޒަކީ ޕާޓީގެ ޒިންމާއެކެވެ. އެގޮތުން މިނިސްޓަ އަމިއްލަފުޅަށް އެކަހެރިވެވަޑައިގަތުމަށް އަޅުގަނޑު އިލްތިމާސް ދަންނަވަމެވެ،" ނަޝީދު ވިދާޅުވި އެވެ.

ފައްޔާޒް މަގާމުން ދުރަށް ވަޑައިގަތުމަށް ނަޝީދު އެދިވަޑައިގަތްއިރު އިތުބާރު ނެތް ކަމުގެ ވޯޓަކުން މަގާމުން ދުރުކުރެއްވުމުގެ މަސައްކަތް ވެސް ކުރިއަށް އެބަގެންދަވަ އެވެ. މަޖިލީހަށް އެ މައްސަލަ ވެއްދެވުމަށް މެމްބަރުންގެ ސޮއި ވެސް ގެންދަވަނީ ހޯއްދަވަމުންނެވެ.

ދުރުގައި ހުންނެވިޔަސް ކޮންމެހެން ޕާޓީއަށް އަންގަން ޖެހޭ ވާހަކައެއް ކަމުގައި ވިދާޅުވެ ނަޝީދު ފޮނުއްވި ސިޓީގައިވާ ގޮތުގައި، އެ ޕާޓީގެ ކުރު ވެރިކަމެއް ނިމިގެންދިޔައިރު އެންމެ ސާފު އެއް ސިފައަކީ ޕާޓީގެ އިސް މަގާމްތައް ފުރުއްވި ބޭފުޅުންގެ ކޮރަޕްޝަންގެ އަމަލުތައް މަދު ކަމެވެ. އެމްޑީޕީއަކީ އަބަދުވެސް ސާފު ޕާޓީއެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ކަމަށް ވެސް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އިންތިޚާބުތަކުގައި ވެސް އެމްޑީޕީ އަށް ކާމިޔާބު ލިބޭ އެއް ސިފައަކީ އެއީ ކަމަށާއި ކިތަންމެ އިންތިޚާބެއް ކާމިޔާބުކުރަން ރާއްޖޭގެ ދެބައިކުޅަ އެއްބައިމީހުން ތާއީދުކޮށް ވޯޓުދެނީ ވެސް އެ ސަބަަބާ ހެދި ކަމަށެވެ. އެމަނިކުފާނު ރައީސްކަން ކުރެއްވި އެމްޑީޕީގެ ކުރު ވެރިކަން ބަޣާވާތަކުން ބަދަލުކޮށް ވޭތުވެދިޔަ ހަތް އަހަރު ވެސް އެމްޑީޕީ އަށް ނިސްބަތްކޮށް ނުދައްކާ ވާހަކައަކީ ކޮރަޕްޝަންގެ ވާހަކަ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ނުކުމެ މިހުރީ ވޯޓުގެ އަދަދެއް ހޯދުމަކަށް ނޫނެވެ. އަޅުގަނޑު މަސައްކަތް ކުރަނީ އެމްޑީޕީގެ ޒަމާންވީ ތަސައްވަރު ހަގީގަތަކަށް ހެދުމަށެވެ. އެމްޑީޕީގެ ހުރިހާ މެމްބަރުން ވެސް އަޅުގަނޑު މި ދެންނެވި ނުކުތާއަށް ވިސްނާލެއްވުމަށް އަޅުގަނޑު އެދެމެވެ،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ނަޝީދު ކުރެއްވި ތުހުމަތުތައް ދޮގުކުރައްވައި ފައްޔާޒް އިއްޔެ "މިހާރު'އަށް ވިދާޅުވެފައި ވަނީ ކޮރަޕްޝަންގެ އަމަލެއް ނުހިންގަވާ ކަމުގެ 100 ޕަސެންޓް ޔަގީންކަން އަރުވާ ކަމަށެވެ. އެފަދަ ތުހުމަތެއް އޮތް ނަމަ، ބެލޭނެ ނިޒާމްތައް ހުރި ކަމަށާއި އެކަމަށް ޖާގަވެސް އޮތް ކަމަށް ވިދާޅުވި އެވެ.

އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅިގެން ފައްޔާޒު ވިދާޅުވީ އެއީ ސިޔާސީ ކަންކަން ހިނގާ ގޮތް ކަމަށެވެ. އެކަމުގައި މާގިނަ ވާހަކަ ދައްކަވަން ބޭނުން ނުވާ ކަމަށާއި އެކަން އޮންނަ ގޮތަކަށް ނިމިގެންދާނެ ކަމަށް ވިދާޅުވެފައި ވެ އެވެ.

އެކަމަކު، އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ފައްޔާޒު މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ. އެކަމާ ކޮރަޕްޝަނާ ވެސް ނުގުޅުވޭނެ ކަމަށާއި އެއްވެސް ކަމެއް އެ މަގުން ކުރިއަށް ގެންގޮސްފައި ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

މި ސަރުކާރުގައި އެންމެ ނުފޫޒު ގަދަ އެއް މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވައްދަން ބޭނުންވާ ސޮއި ހޯއްދަވަން މިދިޔަ މަހުގެ ކުރީކޮޅު ފެއްޓެވިޔަސް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމައި، އިއްޔެ ޗުއްޓީ އަށް ދިޔައިރު ވެސް މައްސަލަ ހުށަހެއް ނާޅުއްވަ އެވެ. ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕާއި އެ ޕާޓީގެ އެހެން ބައެއް ގުނަވަންތަކުގައި ވެސް ބައިބައިވުން އުފެދިފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފައްޔާޒާ އެއްކޮޅަށް ފާޅުގައި ނުކުންނަވައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިން "މިހާރު" އަށް ވިދާޅުވެފައި ވަނީ އިތުބާރު ގެއްލޭ ފަދަ ކަމެއް ފައްޔާޒު ކުރައްވާފައި ނެތް ކަމަށާއި ޝަކުވާއެއް ވެސް އެ މަނިކުފާނާ ހަމައަށް ނާންނަ ކަމަށެވެ. އަދި މި މައްސަލައިގައި ފައްޔާޒު ދިފާއު ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅޭނީ ގަވައިދު ބުނާގޮތުން މަދުވެގެން 10 މެމްބަރެއްގެ ސޮޔާ އެކު އެވެ. އަދި އެ މައްސަލަ މަޖިލިހުން ފާސްކުރަން ބޭނުންވާނީ 44 ވޯޓެވެ. އެއީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތެވެ. ނަޝީދު ބޭނުންފުޅުވަނީ 44 ވޯޓު ކާމިޔާބު ކުރެއްވޭ ވަރުގެ ޔަގީންކަމާ އެކު، ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވައްދަން ކަމަށް ވެ އެވެ. އެކަމަކު އެ އަދަދަށް ވޯޓު ހަމައެއް ނުވެ އެވެ.