ކޮވިޑުގައި ރާއްޖެއިން 30 ވަނަ މީހާ މަރުވެއްޖެ

ކޮވިޑް-19 ގައި ރާއްޖެއިން 30 ވަނަ މީހާ މިއަދު މަރުވެއްޖެ އެވެ.


ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ދެނިކޮށް އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާ ކަމަށެވެ. މިދިޔަ މާޗު 7 ގައި ރާއްޖެއިން ކޮވިޑް ބަލި ފެނުނު ފަހުން އެ ބަލީގައި 30 ވަނަ މީހާ މަރުވެފައިވަނީ މިއަދު ހަވީރު 6:25 ގަ އެވެ.

މިއީ އެ ބަލީގައި މި މަހުގެ ތެރޭގައި މަރުވި ދެ ވަނަ މީހާ އެވެ. މި މަހުގެ ފުރަތަމަ ދުވަހު ވެސް ކޮވިޑުގައި 79 އަހަރުގެ ފިރިހެނަކު މަރުވެފައި ވެ އެވެ. އޭނާއަށް ފަރުވާ ދެމުން ދިޔައީ ދަރުމަވަންތަ ހޮސްޕިޓަލްގަ އެވެ.

ކޮވިޑް ބަލީގައި ރާއްޖޭގައި ވެސް މަރުވަމުން ދަނީ އުމުރުން ދުވަސްވީ މީހުން ކަމަށް ވާއިރު، ހައި ރިސްކު މީހުންނަށް އެ ބަލި ޖެހޭތީ އެކަމުގެ ކަންބޮޑުވުން އެޗްޕީއޭ އިން މީގެ ކުރިން ވަނީ ފާޅުކޮށްފަ އެވެ. ރާއްޖެއިން ކޮވިޑުގައި މިހާތަނަށް މަރުވެފައިވާ ގިނަ މީހުންނަކީ ވެސް އުމުރުން ދުވަސްވީ މީހުންނެވެ.

އެ ބަލި ޖެހުނު މީހުންގެ އަދަދު 8،714 އަށް އަރާފައިވާއިރު ބަލިން 6،157 މީހުން ރަނގަޅުވެފައި ވެ އެވެ. އެހެންވެ ކޮވިޑަށް މިހާރު ފަރުވާ ހޯދަމުން އަންނަނީ 2،554 މީހުންނެވެ.