އޮސްޓްރޭލިއާގެ މަޝްހޫރު ސްޓޭޝަނަރީ ބްރެންޑް "ސްމިގްލް"ގެ އުފެއްދުންތައް އިރާއީ ބުކްޝޮޕުން ރާއްޖޭގެ ބާޒާރަށް ތައާރަފް ކޮށްފި އެވެ.

އިރާއީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މި ރޭ 8:00 އިން ފެށިގެން ސްމިގްލް ބްރޭންޑުގެ އުފެއްދުންތައް ގަލޮޅުގައި ހުންނަ އިރާއީގެ ފިހާރަ އިން ލިބެން ހުންނާނެ އެވެ.

"ސްމިގްލް ބްރޭންޑުގެ އުފެއްދުންތަކަކީ ކޮލިޓީ ރަނގަޅު، ޔުނީކް އުފެއްދުންތަކެއް. ރާއްޖެއާ އެންމެ ކައިރިން ވެސް މި ބްރޭންޑު ލިބޭނީ މެލޭޝިއާ ނުވަތަ ސިންގަޕޫރުން. މި ބްރޭންޑް ރާއްޖޭން ލިބެން ހުންނާނީ އިރާއީން އެކަނި،" އޭނާ ވިދާޅުވި އެވެ.

އެ ބްރޭންޑުގެ އުފެއްދުންތަކުގެ ތެރޭގައި ދަބަސް، ލަންޗް ބޮކްސް، ފެން އަޅާ ފުޅި، ކަތުރު އަދި ގަލަން ފަދަ ތަކެތި ހިމެނެ އެވެ.

އޮފިިޝަލް ވިދާޅުވި ގޮތުގައި މި އުފެއްދުންތަކަކީ ރާއްޖޭން އާންމުކޮށް ލިބެން ހުންނަ މިފަދަ ތަކެއްޗާ ވަރަށް ތަފާތު އުފެއްދުންތަކެކެވެ. އެގޮތުން، ރީތި ޑިޒައިންތަކުގެ ދަބަހުގެ އިތުރުން މީރު ވަސްތައް ހިމަނާފައިވާ ގަލަމާއި ރަބަރުން ފުހެވޭ ކަހަލަ ގަލަމާއި ގްރެފިކަލް ކަތުރު އެ ބްރޭންޑުން އުފައްދަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސްމިގްލްގެ އެކި އުފެއްދުންތައް ހިމަނާފައިވާ ޕެކް ވެސް އިރާއީން ލިބެން ހުންނާނެ އެވެ. އެގޮތުން، އެއް ވައްތަރު ޑިޒައިންގެ ދަބަހާއި ލަންޗް ބޮކްސް އަދި ފެން އަޅާ ފުޅި ހުންނަ ޕެކް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

އިރާއީން ދުނިޔޭގެ މަޝްހޫރު ސްޓޭޝަނަރީ އަދި ފޮތް ފަދަ ތަކެތީގެ ބްރޭންޑްތައް ރާއްޖެ އެތެރެކޮށް ވިއްކަ އެވެ. މާލޭގައި ދެ ފިހާރަ ހިންގާ އިރާއީން އެކި އުމުރުފުރައިގެ މީހުންނަށް ކަމުދާ ވާހަކަ ފޮތް ވެސް ވިއްކަ އެވެ. އޭގެ ތެރޭގައި، ކުޑަކުދިންގެ މެދުގައި ވަރަށް މަގުބޫލް ވާހަކަ ސިލްސިލާއެއް ކަމަށްވާ "ޑައިރީ އޮފް އަ ވިމްޕީ ކިޑް" ވެސް ހިމެނެ އެވެ.