އޮޅުންބޮޅުން: މާލޭގެ މަގުމަތީ ޓުރެފިކް

އިނގިރޭސިވިލާތުގައި އަމިއްލައަށް އަރުވާލެއްވިގެން ތިއްބެވި ބޭފުޅުންގެ ތެރެއިން، މާލޭގައި ދިރިއުޅޭ މީހުންނަށް ، އެންމެ ބޮޑު ދެރައެއް ލިބުނީ ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބުރާހީމްގެ ފަރާތްޕުޅުންނެވެ. އެއީ އޭނާ ޓުރާންސްޕޯޓް މިނިސްޓުރީން ވަކިކުރެއްވުމާ އެކު އެ މިނިސްޓުރީ ވެސް އުވިގެން ދިއުމުންނެވެ. ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ޓުރާންސްޕޯޓު މިނިސްޓްރީ އަކީ ވަރަށް ބޮޑު މިނިސްޓުރީއެކެވެ. އަދި ވަރަށް މުހިއްމު މިނިސްޓުރީއެކެވެ. މިނިސްޓުރީއެއްގެ ނަން ފިޔަވައި އެހެން ނަމެއް ދެވިގެން އެއްގަމު ދަތުރުފަތުރާ ބެހޭ ކަންތައްތައް ހަމަޖައްސާ ގައުމުތަކުގައި ވެސް އެމަސައްކަތްކުރެވޭ އޮފީހަކީ މިނިސްޓުރީއަކަށް ވެސް ލިބިފައި އޮންނަ ހުރިހާ ބާރުތަކެއް ލިބިފައި އޮންނަ އޮފީހެކެވެ. އޮފީހުގެ ވެރިޔާ ކެބިނެޓްގައި ނުއިންނަވާކަމެވެ.


ރާއްޖޭގައި ޓުރާންސްޕޯޓް މިނިސްޓުރީ އުވާލެއްވުމުން އެ މިނިސްޓްރީގެ މަސައްކަތްތައް އޮތީ ތަފާތު ތަންތަނަށް ބައްސަވާލައްވާފައެވެ. ހައުސިން މިނިސްޓްރީން އެއްބައި ކުރިއަށް ގެންދަވައެވެ. މަގު ހަދާ ކޯޕަރޭޝަނުން ވެސް ބައެއް ފަހަރު ބައެއް ގެންދަވާހެން ހީވެއެވެ. އެއީ ބައެއް ރަށްރަށުގައި މަގުހެދުމަށް ފަހު ޓުރާންސްޕޯޓް އޮތޯރިޓީ އަށް ނޭނގި ބޯޑުތަކެއް ބެހެއްޓުނު މައްސަލައެއް މި ދޭތެރެއަކުން ފެންމަތިވުމުންނެވެ.

މާލޭގެ ބައެއް މަގުތައް އެއް ދުވަހަކު އެއްކޮޅަށް ދުއްވާ މަގުގެ ގޮތުގައި އޮވެދާނެއެވެ. އަނެއް ދުވަހު ދެކޮޅަށް ދުއްވާ މަގުގެ ގޮތުގައި ހައްދަވާފާނެއެވެ. ވަރަށް ހަނި މަގުމަގު ވެސް ދެކޮޅަށް ދުއްވާ މަގުގެ ގޮތުގައި ހަމަޖައްސަވާފާނެއެވެ. އެކަމުގެ މުހިއްމު ސަބަބު އެނގިވަޑައިގަންނަވާނީ އެގޮތަށް ހަމަޖައްސަވާ ފަރާތަށް އެކަންޏެވެ.

އަޅުގަނޑު އެއްބަސްވަމެވެ. ސަބަބު އަޅުގަނޑުމެންނަށް އެނގޭކަށް ނުޖެހެއެވެ. އެހެންނަމަވެސް އެގޮތަށް ހައްދަވަން ޖެހުނު ސަބަބު ވިދާޅުވުމުން ނުކުމެދާނެ މައްސަލައަކީ ކޮބައި ބާވައެވެ؟ އެނިންމެވުމުގެ ސަބަބުތައް ދެއްވިއަސް ނުވަތަ ނުދެއްވިޔަސް އެނިންމުމާ މެދު ޚިޔާލު ތަފާތުވާނެ ބަޔަކު އެވާހަކަ ދައްކާނެއެވެ.

މި ސަރުކާރުން ރައްޔިތުންނަށް ދެރަ ގޮތެއް ނުހައްދަވާނެކަން މިހާރުވެސް އަޅުގަނޑުމެންނަށް އެބަ އެނގެއެވެ. މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރުދާން އޮތް ދެ ފަޅުރަށް، ކުޑަބަނޑޮހާއި، ފޭދޫފިނޮޅު، ބަޔަކަށް ކުއްޔަށް ދިނުމުން ނުވަތަ ވިއްކާލުމުން މިހާރު އެ ހަމަޖައްސަވާދެއްވަނީ މާލޭ ކައިރިން ފަޅެއް ހިއްކާފައި ދަތުރު ދެވޭނެ ގޮތެކެވެ. ފަޅުހިއްކާ ތަރައްޤީކުރަން ހަތަރު މިލިއަން ޑޮލަރު ނުދާނެކަން ޔަޤީނެވެ. އަދި އެރަށް ތަރައްޤީކުރެވޭނީ އަޅުގަނޑުމެންގެ އަތުން ކޮންމެ ދުވަހަކު ޓެކްސްގެ ގޮތުގައި ނަގާ ފައިސާ އިން ކަމަށް ނުވާނެކަން ވެސް ޔަޤީނެވެ. އެފައިދާކުރަނިވި މަޝްރޫޢު ނިމޭއިރު ހުޅުމާލެ އާއި އެރަށާ ގުޅުވާލެވޭނެ ފާލަމެއް އޮތުމަކީ ވެސް ކައިރިކަމެކެވެ. އޭރުން 2018 ގެ ފަހުން އެއްގަމު މަގުން މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް މުނިފޫހިފިލުވުމަށް އެރަށަށް ދެވޭނެއެވެ. މީގައި އޮތީ ފަހުން ނުކުމެދާނެ ވަރަށް ދެރަ މައްސަލައެކެވެ. އަޅުގަނޑުމެންނަށް މި އުފާވެރި ޚަބަރު ލިބުނުތާ ދެތިން ދުވަހުގެ ތެރޭގައި އެނގިގެން ދިޔައީ ދުނިޔޭގައި ގަނޑުވެފައިވާ ބައްރުން ކުޑަ ގައުމެއްގެ ބޮޑުމިނުގެ ގަނޑުފެންގަނޑެއް ކަނޑައިގެން މޫދަށް ހިނގައިދާނެކަމުގެ ބިރު އޮތް ކަމެވެ. އެގޮތަށް ދިމާވެއްޖެ ނަމަ ކަނޑުގެ ލޮނުގަނޑު ތިންހަތަރު އިންޗި އަށް އުފުލިދާނެކަމަށް ބެލެވެއެވެ.

ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ފުލުުހުން ސްޓިކާ ޖަހަނީ: މާލޭގެ ތޮއްޖެހުން ހައްލުކުރެވޭނެ ރަނގަޅު އިންތިޒާމެއް ނެތް. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މާލޭގެ ޓުރެފިކްގެ މައްސަލަ ހައްލުކުރުމަށް ލަފައެއް ދެއްވޭތޯ ބެއްލެވުމަށް ބައެއް ޢިލްމުވެރިން އަމިއްލަފުޅަށް ހައްދަވާފައިވާ ބައެއް ޢިލްމީ ކަރުދާސްތައް ވެސް ޢާއްމުވަމުން އެބަ ދެއެވެ. ސަރުކާރުގެ ފަރާތުން ހައުސިން މިނިސްޓްރީން ވެސް އާ ކަންތައްތަކެއް އެބަ ތަޢާރަފް ކުރައްވައެވެ. ހުރިހާ ފަރާތަކުން ވެސް ބައްލަވަނީ ދުވަހުން ދުވަހަށް ކުރިމަތިވާ ކަންތައްތަކަށް މިހާރުން މިހާރަށް ހައްލެއް ހޯއްދަވައިދެއްވޭތޯއެވެ؟ އުމަގަށް ބޭސްނުކޮށް އުމަގުވެފައިވާ ފާރުގަނޑު ރަނގަޅުކުރެވޭތޯ ބައްލަވަނީއެވެ.

މާލޭގައި ދިރިއުޅޭ މީހުންނަށް ދިރިއުޅުމަށް މިހާ ބޮޑު އުނދަގުލާ ކުރިމަތިލާން ޖެހެނީ ސަރުކާރުތަކުން ގެންގުޅުއްވާ ރައްޔިތުންގެ ވަގުތީ ތާއީދު ހޯއްދެވުމުގެ ސިޔާސަތުގެ ސަބަބުންނެވެ. މާލޭގެ ބޮޑު ދެ ސްކޫލާއި ރައްޔިތުންގެ މަޖިލީސްކުރާގެ ހުންނަ ސަރަހައްދުގައި ދިހަ ފަންގިފިލާ ނުވަތަ އެއަށްވުރެ ވެސް އުސްކޮށް އެތަކެއް އެޕާޓްމެންޓުތަކެއް ކުއްޔަށް ދިނުމަށް އިމާރާތްކުރުމަށް ނިންމަވާއިރު، އެތަނުގައި ދިރިއުޅޭ ބަަޔަކަށް ކުރިމަތިލާން ޖެހޭނެ ދިރިއުޅުމުގެ ގޮންޖެހުންތަކާ މެދު ވެސް ވިސްނާލަން ޖެހެއެވެ. އިމާރާތުން ގިނަ ބަޔަކަށް ނިދަން ޖާގަ ލިބިދާނެއެވެ. އެހެންނަމަވެސް އެހިސާބުން އެކަންތައް ނިމުނީބާވައެވެ؟ އެމީހުން ގެންގުޅޭ ދުއްވާ އެއްޗެތި ޕާކް ކުރާނެ ޖާގަ ބޭނުންވެއެވެ. އެ އެންމެން ބިންމައްޗަށް ފައިބައިގެން ހިނގައިގަތުމުން ވާނީ ކިހިނެއްތޯއެވެ؟ ފިހާރައަކަށް ވަނުމުން ވާނީ ކިހިނެއްތޯއެވެ؟ ހުޅުމާލޭގައި އިމާރާތްކުރާ ތަންތަނުން ބިންމަތިން ޕާކިން ދޫކުރެވުނަސް މާލެއިން އެޖާގަ ހޯދާނީ ކިހިނެއްތޯއެވެ؟ މެކޭނިކަލް ޕާކިން ސިސްޓަމް ރަނގަޅުކަމަށް ވެދާނެއެވެ. އެކަހަލަ ކިތައް ސިސްޓަމް ބެހެއްޓުމަށް މިހާރު މާލެއިން ޖާގަ ލިބިދާނެތޯއެވެ؟ މާލެއަށް އުފުއްލޭނެ އެންމެ ބޮޑު ބަރުދަނަކީ ކޮބައިތޯއެވެ؟ ފަސޭހަކަމާ އެކު ސިއްޙީ ދިރިއުޅުމެއްގައި މާލޭގައި ދިރިއުޅެވޭނީ ކިތައް ލައްކަ މީހުންނަށް ބާވައެެވެ؟

ވަކި ވަގުތެއްގައި ވަކި ވައްތަރެއްގެ ހަތަރު ފުރޮޅުލީ އެއްޗެތި ވަކި މަގުތަކުން ދަތުރުނުކުރެވޭ ގޮތަށް އޮތުމަކީ ރަނގަޅު ކަމެކެވެ. ހަމައެފަދައިން ވަކި ދުވަހެއްގެ ވަކި ވަގުތެއްގައި ވަކި ވައްތަރެއްގެ ވެއިކަލް ދުއްވާ ނަމަ އިތުރު ފީއެއް ދައްކަން އޮތުމަކީ ވެސް ރަނގަޅު ކަމެކެވެ. އޭރުން އެ ސަރަހައްދަށް ކޮންމެހެން ދާން މަޖުބޫރުވާ ވެއިކަލް ނޫނީ ނުދާނެއެވެ.

ކަމެއް ނިންމުމުގެ ކުރިން ކުރިމަތިވާނެ މައްސަލަތަކާ މެދު ދިރާސާކުރުމަށް ފަހު އެކަމެއް ނިންމުމުން ފަހުން ދިމާވާނެ މައްސަލަތައް މަދުވާނެއެވެ. މައްސަލައެއް ކުރިމަތިނުވެ ވެސް ހިނގައިދާނެއެވެ. މާލޭގައި ދިރިއުޅޭ މީހުން މުނިފޫހިފިލުވަން ފަޅުރަށެއް ނުބޭއްވުމުން އެންމެ ފަހުން ވީ ކިހިނެއްތޯއެވެ؟ ފަޅު ހިއްކައިގެން ރަށެއް ހަދަން ނިންމީއެވެ. ގޮނޑުދޮށް؟ ވެލި؟ ޚަރަދު؟ ވަގުތު؟ މިއީ ދުރު ނުބަލާ އަވަސްއަރައިގެން ނިންމާ ނިންމުމުގެ ނަމޫނާ ނިިންމުމެކެވެ.

މާލޭގެ ޓުރެފިކްގެ މައްސަލަ ހައްލުކުރަން ގޮތެއް ނިންމާއިރު އެކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކުގެ ޚިޔާލާއި ލަފަޔާ އެކު ގޮތެއް ނުނިމޭކަމަށް ވާ ނަމަ އަބަދުވެސް ތަފާތު މައްސަލަތަކާ ކުރިމަތިވާނެއެވެ. އަޅުގަނޑު މިދެންނެވީ ފުލުހުންނާއި ހައުސިން މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލް (މިހާރު މާ ބޮޑު ރޯލެއް ނެތަސް) އާއި ޓުރާންސްޕޯޓް އޮތޯރިޓީގެ ވާހަކައެވެ. ޓުރާންސްޕޯޓް އަތޯރިޓީން މިހާރު ހައްދަވައިގެން އުޅުއްވާ ޤަވައިދު ތަންފީޒް ކުރެވިއްޖެ ނަމަ ވެސް ރަނގަޅު ބަދަލުތަކެއް މާލޭގެ މަގުމަތިން ފެނިގެންދާނެކަމަށް އުއްމީދު ކުރެވެއެވެ. ވަކި ވަގުތެއްގައި ވަކި ވައްތަރެއްގެ ހަތަރު ފުރޮޅުލީ އެއްޗެތި ވަކި މަގުތަކުން ދަތުރުނުކުރެވޭ ގޮތަށް އޮތުމަކީ ރަނގަޅު ކަމެކެވެ. ހަމައެފަދައިން ވަކި ދުވަހެއްގެ ވަކި ވަގުތެއްގައި ވަކި ވައްތަރެއްގެ ވެއިކަލް ދުއްވާ ނަމަ އިތުރު ފީއެއް ދައްކަން އޮތުމަކީ ވެސް ރަނގަޅު ކަމެކެވެ. އޭރުން އެ ސަރަހައްދަށް ކޮންމެހެން ދާން މަޖުބޫރުވާ ވެއިކަލް ނޫނީ ނުދާނެއެވެ. ހުޅުވިފައި އޮންނަ ތޮއްޖެހުން ކުޑަ ވަގުތުގައި އެކުރާ ކަމެއް ކުރުމަށް ބާރުއެޅުމަކަށް ވެދާނެއެވެ. އެހެންނަމަވެސް ޤަވައިދު ހެދޭއިރު އެންމެން އެ ޤަވައިދަށް ތަބާވާން ޖެހޭނެއެވެ. އެއްވެސް އިސްތިސްނާއެއް ނެތިއެވެ. މިހާރު ބައެއް ފަހަރު ބައެއް ވެއިކަލްތައް މަގު ބަންދުވާ ގޮތަށް ޕާކްކޮށްފައި އޮތަސް އެފަދަ ކަންތައްތައް ބަލަހައްޓާ މީހުން އެތާގެ ކައިރިން ދަތުރުކުރާ އިރުވެސް ނުފެނެއެވެ. އަނެއް ބައި ވެއިކަލްތައް ގަވައިދާ ޚިލާފަށް ޕާކްކުރުމާ އެކު ފިޔަވަޅުއެޅެއެވެ.

ޤަވައިދާ ޚިލާފަށް ކަންތައް ކުރެވޭ ގޮތަށް އެއްވެސް މީހެއްގެ ވެއިކަލަކަށް ނުފެންނަ ސްޕުރޭ ޖެހިގެންނުވާނެއެވެ. މިހާރު ޤަވައިދުން އުޅެން ޖެހެނީ ވަކި ބައެކެވެ. އަނެއް ބަޔަކަށް ބޭނުން ގޮތަކަށް އުޅެވެއެވެ. ނުފެންނަ ސްޕުރޭ ޖަހައިގެން އުޅޭތީވެއެވެ.