ފަނޑިޔާރުގެއަށް ޖޭއެސްސީގެ ހިޔަނި

ރާއްޖޭގެ ޝަރުޢީ ދާއިރާގެ ތާރީޚުން ތަންކޮޅެކެވެ. މުޙައްމަދު އަމީން، ދާޚިލީ ވަޒީރުކަމުގައި ހުންނެވި ދުވަސްވަރެވެ. މަޙްކަމަތުއްޝަރުޢިއްޔާގައި ފަނޑިޔާރުންނާއި ނައިބުންނާ އެކު ބޭއްވި ބައްދަލުވުމެކެވެ. އެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވީ މުހައްމަދު އަމީން ދީދީ އެވެ.


ފަނޑިޔާރުންނާއި ނައިބުންނާ މުޚާޠަބު ކުރައްވައި އެމަނިކުފާނު ވިދާޅުވި އެވެ. މަޙްކަމަތުއް ޝަރުޢިއްޔާ އަކީ ސިޔާސީ ތަނެއް ނޫނެވެ. ފަނޑިޔާރު ބޭކަލުންނަކީ އެތައް ގޮތަކުން ބަލާއިރު، ރަސްގެފާނަށް ވުރެ މަތިވެރި ބޭކަލުންނެވެ. މިހާރަށް ވުރެ ވެސް މިނިވަންކަމުގައި ދެން މީގެ ފަހަށް މަޙްކަމަތުއް ޝަރުޢިއްޔާގެ ޝަރީޢަތްތައް ހިނގަމުން ދާނެކަމާ މެދު ޝައްކެއް ނުކުރަމެވެ.

ފަނޑިޔާރުންނާއި ނައިބުބޭކަލުންގެ މަޖިލީހެއްގައި މިފަދަ މޭރުކަމުން ވިދާޅުވާން މުޙައްމަދު އަމީނަށް ޖެހިވަޑައިގަތީ އޭރު ވެސް "ސިޔާސީ އަސާ" ގެ ބޭނުން ފަނޑިޔާރުން ކުރައްވާތީ ކަމަށް ވެދާނެ އެވެ.

ޝަރުޢީ ދާއިރާ އިޞްލާޙުކުރެވޭނީ ސިޔާސީ މީހުންގެ ނުފޫޒު ހުއްޓުވައިގެންކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ދާދި މިދާކަށް ދުވަހު ވިދާޅުވި އެވެ. ރައީސްގެ ވާހަކަފުޅުގައި ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވަނީ ކޮން ބައެއްކަން ވިދާޅުނުވިކަމުގައި ވިއަސް އެމަނިކުފާނު ޤަބޫލުފުޅުކުރައްވާ ގޮތުގައި ޝަރުޢީ ދާއިރާ އިޞްލާހުކުރުމުގެ ފުރަތަމަ ފިޔަވަޅަކީ ނުފޫޒުގެ ދޮރުތައް ބަންދުކުރުމެވެ. މިކަމަށްޓަކައި ބޭނުންވަނީ ސަރުކާރަށް އެއްބާރުލުން ދޭނެ ރައްޔިތުންގެ މަޖިލީހެކެވެ. އިސްލާހީ މަސައްކަތަކީ އަބަދުވެސް ކުރަން ޖެހޭ ކަމެކެވެ.

ކޯޓުތަކުގެ ފަނޑިޔާރުން ސިޔާސީ ވަނީ ކީއްވެތޯ ކުރީގެ ރައީސް ޢަބުދުﷲ ޔާމީން އަޅުގަނޑާ ސުވާލު ކުރެއްވި އެވެ. ސުވާލެއްގެ އުސްލޫބުގައި އަޅުގަނޑު ދެންނެވީމެވެ. ސިޔާސީ ބޭފުޅުން، ފަނޑިޔާރުން ސިޔާސީ ނުކުރައްވަންވީ ނޫންތޯ އެވެ. އަޅުގަނޑުގެ މަޤްޞަދަކީ އެމަނިކުފާނާ ޖަދަލު ކުރުމެއް ނޫނެވެ. ފަނޑިޔާރުންނަށް ސިޔާސީ ނުފޫޒު ފޯރުވާކަމުގެ ޙަޤީޤަތް އެމަނިކުފާނު ދެނެވަޑައިގަންނަވާކަމަކީ އަޅުގަނޑު ދެނެހުރިކަމެއްކަން ދަންނަވާލުމެވެ.

ރައީސް ޔާމީނަކީ ރައްޔިތުންގެ މަޖިލީހުގެ ސުޕާ މެޖޯރިޓީ ހޯއްދެވި ވެރިޔެކެވެ. އެމަނިކުފާނުންގެ ސަރުކާރަށް ބޭނުންވި ޤާނޫނުތައް ފާސްކުރި އެވެ. ބޭނުންވި ބަދަލުތައް ޝަރުޢީ ދާއިރާއަށް ގެނަ އެވެ. ހަމައެކަނި މަޤްޞަދަކީ ހުރަސްތައް ނައްތާލުމެވެ. ވެރިކަމަށް ފަހިވާ ގޮތަށް ޖުޑީޝަރީ ފައްސިޔަ ކޮށްލުމެވެ. އެމަނިކުފާނުގެ ރިޔާސީ ދައުރުގައި ފަނޑިޔާރުންގެ މިނިވަންކަމުގެ ޙާލަތު އޮތް ގޮތް ވަޒަންކުރަން އުނދަގުލެއްނުވާނެ އެވެ. ނޫސްތަކުގެ އާކައިވް އިން އެހެރީ ފެންނާށެވެ.

ރައީސް މުޙައްމަދު ނަޝީދަކީ ޝަރުޢީ ދާއިރާ އިޞަލާހުކުރަން ޖެހޭކަމަށް އެންމެ އަޑުހަރުކޮށް ވަކާލާތުކުރައްވާ ސިޔާސީ ލީޑަރެވެ. އެކަމަށްޓަކައި އެޖެންޑާއެއް ތައްޔާރު ކުރައްވައިގެން ވެސް އުޅުއްވަ އެވެ.

ޖޫން 9، 2004 ގައި އޭރުގެ ރައީސް މައުމޫން ޢަބުދުލް ޤައްޔޫމް ޢިޢުލާނު ކުރެއްވި އިޞްލާހީ އެޖެންޑާގެ ކުރީގައި އޮތީ ޝަރުޢީ ދާއިރާ ހަރުދަނާކުރުމުގެ ވާހަކަތަކެވެ. އެ އެޖެންޑާއަށް ޢަމަލީ ސިފަ ގެނައުމަށްޓަކައި އެކުވެރި ބައިނަލްއަޤުވާމީ ޖަމިއްޔާ ޖަމާތްތަކުގެ އެހީތެރިކަން ދިވެހި ސަރުކާރުން ހޯދި އެވެ. އެގޮތުން ކޮމަންވެލްތާއި ޔޫއެންގެ އެހީތެރިކަން ފާހަހަގަކުރެވެ އެވެ.

ރާއްޖޭގެ ޝަރުޢީ ނިޒާމުގެ ޙާލަތު 2008 ގެ ކުރީގައި އޮތް ގޮތް ދެނެގަނެ ދިރާސާ ކުރުމަށް ކޮމަންވެލްތުން ފޮނުވި އޮސްޓްރޭލިޔާގެ ހައި ކޯޓުގެ ފަނޑިޔާރު ޖަސްޓިސް އައިން ފެލްޑް ރާއްޖެ ވަޑައިގެން އެކުލަވާލެއްވި ރިޕޯޓާއި، ޔޫއެންގެ ސުޕެޝަލް ރެޕަޓުއާ ލިއަންޑްރޯ ޑެސްޕޯއީ އެކުލަވާލެއްވި ރިޕޯޓަކީ މިހާރު މިއޮތް ޝަރުޢީ ނިޒާމަށް މަގުކޮށައިދިން ފުރަތަމަ ދެ ޑޮކިޔުމެންޓެވެ.

ފަނޑިޔާރުން ޢައްޔަނުކުރުމާއި، މަގާމުން ވަކިކުރުމާއި، ފިޔަވަޅު އެޅުމުގެ ބާރު ކުރީގެ ޤާނޫނުއަސާސީން ލިބިދީފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އޭނާއަށް ލިބިދީފައި އޮތް މި ބާރުތައް ހަރުދަނާ ގޮތެއްގައި ބޭނުންކުރުމަށާއި ޝަރުޢީ ދާއިރާއަށް ބަދަލުތަކެއް ގަނައުމުގެ ފެށުމެއްގެ ގޮތުން ފަނޑިޔާރުން ޢައްޔަނު ކުރުމާއި މަގާމުން ވަކިކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށް ކުރީގެ ޤާނޫނުއަސާސީގެ ދަށުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ނަމުގައި ކޮމިޝަނެއް ފުރަތަމަ ފަހަރަށް އުފެއްދެވި އެވެ. ކޮމިޝަނުގެ މެމްބަރެއް ގޮތުގައި އޭރުގެ އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތަށް އަށް މެމްބަރުން ޢައްޔަނު ކުރެއްވި އެވެ. ކޮމިޝަނުގެ ހުރިހާ ކަމެއް ހިނގަމުން ދިޔައީ އުއްތަމަ ފަނޑިޔާރުގެ ބެއްލެވުމުގެ ދަށުންނެވެ. މިނިވަން މުސްތަޤިއްލު ކޮމިޝަނެއް ނޫނެވެ.

ދެން އައީ ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަރުޙަލާ އެވެ. އިސްލާހުކުރަމުން ދިޔަ ޤާނޫނުއަސާސީގެ ޑްރާފްޓު މަރުޙަލާގައި ޝަރުޢީ ދައިރާ މުސްތަޤިއްލުކުރާނެ ގޮތަކާ ބެހޭ ގޮތުން ކުރި ބަހުސް ޝައުގުވެރި އެވެ. ޚާއްޞަ މަޖިލީހުގެ ތިލަދުންމަތީ އުތުރުބުރީ މެންބަރުގެ ކަންބޮޑުވެވަޑައިގަތުމަކީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ކޮންޕޮޒިޝަން އެކުލަވައިލެވޭ ގޮތަކުން ފަނޑިޔާރުންގެ މައްޗަށް ސިޔާސީ ނުފޫޒު އޮވެދާނެތީ އެވެ. ކޮމިޝަނަށް ޢައްޔަންކުރާ ސިޔާސީ މީހުންގެ ނިންމުންތަކުގެ މައްޗަށް ބިނާކޮށް ފަނޑިޔާރުން މަގާމުން ވަކިކުރަން ޖެހިދާނެތީ އެވެ. އެ މެންބަރު ނެންގެވި ނުކުތާގެ ސަބަބުން ޑްރާފްޓިން ކޮމެޓީގެ މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވުން ބޮޑުވެ، މި ދުވަހުގެ ބަހުސް ދިގުލައިފި އެވެ. އެންމެންނަށް އެއްބަސްވެވޭ ޙައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ޕްރޮފެސަ ޑަގްލަސް ޝްމައިޒާ އާ ހުށަހެޅުމެއް ހުށަހެޅުއްވި އެވެ.

ޝްމައިޒާގެ ވާހަކަ ހުރި ގޮތުން ކޮމިޝަނުގެ ކޮންޕޮޒިޝަން ގޮތުގައި ހުށަހެޅި ފޯމިއުލާއަށް ބަދަލެއް ގެންނަވާފާނެހެން އައްޑު އަތޮޅު މެންބަރަށް ހީފުޅުވުމުން، ވަގުތުން ތިލަދުންމަތީ އުތުރު ބުރީ މެންބަރު ރައްދު ދެއްވައި އެ މެންބަރުގެ ވާހަކަފުޅަށް އިންކާރުކުރެއްވި އެވެ.

ކުރިން ޖަސްޓިސް މިނިސްޓަކަން ވެސް ކުރެއްވި ރައީސުލްޖުމްހޫރިއްޔާގެ މެންބަރު، އައްޑު އަތޮޅު މެންބަރަށް ތާއީދުކުރެއްވުމާ އެކު ފުލުފުލުން ގިނަ މެންބަރުންތަކެއް އައްޑު އަތޮޅު މެންބަރަށް ތާއީދުކުރައްވައި ވާހަކަފުޅުދެއްކެވި އެވެ.

ހަނދާނަށް އަންނަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ކޮންޕޮޒިޝަނާ ބެހޭ ގޮތުން ޤާނޫނުއަސާސީގެ ޑްރާފްޓިން މަރުޙަލާގައި، މީގެ 12 ވަރަކަށް އަހަރު ކުރިން ކޯޓުތަކުގެ ގާޒީންނަށް މަޢުލޫމާތު ދިނުމަށް ނަލަހިޔާ ހޮޓަލްގެ ކޮންފަރެންސް ހޯލްގައި ބޭއްވި ބައްދަލުވުމެވެ. މި ދުވަހުގެ ބައްދަލުވުމަށް މަޢުލޫމާތު ދެއްވުމަށް ވަޑައިގެންނެވި އެއް ބޭފުޅަކީ އޭރުގެ ޚާއްސަ މަޖިލިހުގެ މެންބަރު އަދި ދާދި ފަހުން ބަނޑާރަނައިބުގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރުކަން ވެސް ކުރެއްވި މުހައްމަދު އަނިލް އެވެ. ބައްދަލުވުމުގައި ގާޒީން ކަންބޮޑުވުން ފާޅުކުރެއްވީ، ކޮމިޝަނުގެ ކޮންޕޮޒިޝަން ރޭވިފައިވާ ގޮތުން ފަނޑިޔާރުން ޢައްޔަންކުރުމާއި މަގާމުން ވަކިކުރުމުގައި ކޮމިޝަނަށް އައްޔަންކުރާ ސިޔާސީ މީހުންގެ ސީދާ ދައުރެއް އޮންނާނެތީ އެވެ. އަދި ޝަރުޢީ ދާއިރާއަށް ސިޔާސީ ނުފޫޒު ވަދެ މިނިވަންކަން ނޯންނާނެތީ އެވެ.

އެ ދުވަހުގެ ބައްދަލުވުމުގައި ގާޒީންނަށް ރައްދުދެއްވަމުން އަނިލް ވިދާޅުވީ ކޮމިޝަން އެކުލެވިފައިވަނީ ޝަރުޢީ ދާއިރާ އެންމެ ރަނގަޅަށް މިނިވަން ކުރެވޭނެ ގޮތަށް ކަމަށެވެ. ކޮމިޝަނުގެ ކޮންޕޮޒިޝަން އެކަށައެޅިފައިވާ ގޮތުގެ ސަބަބުން ކޯޓުތަކުގެ މިނިވަންކަމަށް ބޫރޫ ނާރާނެ ކަމާއި ކޮމިޝަނުގެ މެންބަރުންގެ ފަރާތުން ފަނޑިޔާރުންނަށް ނުފޫޒެއް ނާންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ނިމިދިޔަ ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމެންދެން އަނިލް އިންނެވީ ބަންޑާނައިބުގެ ހައިސިއްޔަތުން ޖޭއެސްސީގަ އެވެ. ބަންޑާރަނައިބުގެ މަސްއޫލިއްޔަތަކީ ޤާނޫނުގެ ޙުކުމް ހިމާޔަތްކުރުމެވެ. އޭނާއަކީ ހަމައެކަނި ސަރުކާރުގެ ނައިބެއް ނޫނެވެ. ފަނޑިޔާރުންނާއި ކޯޓުތަކުގެ މަޞްލަޙަތު ކޮމިޝަނުގެ ތެރޭގައި ވެސް ޙިމާޔަތްކުރުމަކީ ދުސްތޫރީ ގޮތުން ވެސް އޭނާގެ ކޮނޑުގައި އަޅުވާފައި އޮންނަ ވާޖިބެކެވެ. ނަމަވެސް ކުރީގެ ސަރުކާރުން ޖުޑީޝަރީ ފިއްތާލި ކޮންމެ ފަހަރަކުމެ ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން ފެނިގެންދިޔައީ ސަރުކާރު ދިފާޢުކުރެއްވި ތަނެވެ. ކޮމިޝަނުގެ ކޮންޕޮޒިޝަން ބޭނުންކޮށްގެން ވަސީލަތެއް ގޮތުގައި ކޮމިޝަނުގެ ބޭނުން ހިފަމުން ދިޔައިރު އަނިލް އިންނެވީ ކޮމިޝަނުގެ ގޮނޑިއެއްގަ އެވެ. ނިމިދިޔަ ފަސް އަހަރަކީ ޖޭއެސްސީގެ ހަޔާތުގައި ކަޅު ސަފުހާ އެންމެ ގިނައިން ލިޔުނު ފަސް އަހަރެވެ. ސުވާލު އުފެދޭ އެތައް ނިންމުންތަކެއް ޖޭއެސްސީން ނިންމި ފަސް އަހަރެވެ.

ކަން ހިނގި ގޮތުގެ މިސާލެކެވެ. ހައި ކޯޓުގެ ފަނޑިޔާރުންތަކެއް އެ ކޯޓުގެ އިސް ފަނޑިޔާރުގެ މައްޗަށް ހުށަހެޅުއްވި މައްސަލަޔަކާ ގުޅިގެން އެޅުއްވި ތައުދީބީ ފިޔަވަޅެއްގެ ގޮތުގައި ކަމަށް ބުނެ އެ ކޯޓުގެ އިސް ފަނޑިޔާރު ސުޕީރިޔާ ކޯޓެއްގެ ގާޒީއަކަށް ބަދަލުކުރެއްވުމަކީ އެންމެން ދެނެހުރި ހަގީގަތެކެވެ. ކޮމިޝަނުގެ މި ނިންމުމަކީ ކަނޑައެޅިގެން ޣައިރުޤާނޫނީ ނިންމުމެކެވެ. ގާނޫނީ އިމުގެ ތެރެއިން އިސް ފަނޑިޔާރާ މެދު އެޅެން އޮންނާނެ ފިޔަވަޅަކީ ހުންނެވި މަގާމަށް ވުރެ ދަރަޖަ ދަށްކުރުމެވެ. އެހެނީ، ހައި ކޯޓުގެ އިސް ފަނޑިޔާރުކަމުން އެ ކޯޓުގެ ފަނޑިޔާރުކަމަށް ތިރިކުރުމެވެ. ހައި ކޯޓުގެ އިސް ފަނޑިޔާރާ މެދު އެޅި ޣައިރު ޤާނޫނީ ފިޔަވަޅަކީ ކޮމިޝަނުގެ މައްޗަށް ސިޔާސީ ކޮންޓުރޯލް އޮތުމުގެ ސަބަބުން އެޅި ސިޔާސީ ފިޔަވަޅެއްކަން ޤަބޫލުކުރެވިދާނެ ކިތައްމެ ސަބަބުތަކެއް ދެނެހުރީމެވެ. ކޯޓުތަކާއި ފަނޑިޔާރުންގެ މިނިވަންކަމަށް އެޅި ހިޔަންޏެއް ގޮތުގައި ބެލެވިދާނެ މިނޫން ވެސް ކިތައްމެ ކަމެއް ކޮމިޝަނުން ހިންގި އެވެ. އެހުރިހާ ކަމެއް ބަޔާންކުރުމަކީ އަޅުގަނޑުގެ މަޤްޞަދެއް ނޫނެވެ.

ޚާއްސަ މަޖިލީހުގެ ވިސްނުމަކީ ފަނޑިޔާރުންގެ މައްޗަށް ބާރާއި އިޚްތިޞާޞް އޮންނަ ކޮމިޝަނުގައި ދައުލަތުގެ ތިން ބާރުގެ ބައިވެރިވުން ހަމަހަމަ ކުރުންކަމަށް ޤާނޫނުއަސާސީ ޑްރާފްޓުކުރުމުގައި އިސްކޮށް އުޅުއްވި ބޭފުޅުން ވިދާޅުވި އެވެ. އަދި ކޮމިޝަނުގައި ފަނޑިޔާރުންގެ ބާރު ކުޑަކޮށް ޖަވާބުދާރީކުރުވުންކަމަށް ވެސް އެބޭފުޅުން ވިދާޅުވި އެވެ. މިދެންނެވި ސަބަބަށްޓަކައި، ފަނޑިޔާރުންނާއި ގާޒީންނާއި މެޖިސްޓްރޭޓުން ކޮމިޝަނުގެ މެންބަރުކަމަށް ޝަރުޠު ހަމަވާ ގޮތަށް ޤާނޫނުއަސާސީގައި ލިޔުނެވެ. އެހެނަސް، ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް ޝަރުޠު ހަމައެއް ނުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޖޭއެސްސީއަށް ޢައްޔަނުކުރުމަށް ޤާނޫނުއަސާސީގައި ތަރުތީބު ކޮށްފައިވާ ގޮތުގެ ސަބަބުން ފަނޑިޔާރުން ޢައްޔަންކޮށް، އެބައި މީހުންނަށް ފާރަވެރިވެ، މައްސަލަތައް ބަލައި، ފިޔަވަޅު އަޅައި، އަދަބުދިނުންމަށް އުފެއްދި ކޮމިޝަނުގެ މެންބަރަކަށް ވުމުގެ ފުރުސަތު ސިޔާސީ ލީޑަރުންނަށާއި ނުފޫޒު ގަދަ ފައިސާވެރިންނަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ދޮރު ހުޅުވިފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުހިމަނާ މިހާރު މިއޮތް ޤާނޫނުއަސސީގެ ދަށުން ފުރަތަމަ އުފެއްދި ޖޫޑީޝަލް ސާވިސް ކޮމިޝަނުގެ ތަޖުރިބާ ރަނގަޅުކަމަށް ދެންނެވިދާނެ އެވެ. ދާއިމީ ޖުޑީޝަލް ސާވިސް ކޮމިޝަން އުފެއްދި ފަހުން ހިނގާދިޔަ މުއްދަތުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ސިޔާސީ ލީޑަރުން ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ތިއްބެވުމަކީ ޖޫޑީޝަރީއަށް ސިޔަސީ ނުފޫޒު ވަނުމަށް މަގުފަހިކޮށްދޭ ކަމެކެވެ.

ކޮމިޝަނުގެ ހަތް މެންބަރުންނަކީ ދައުލަތުގެ ރަސްމީ މަގާމުތަކުގައި ބުރަ މަސްއޫލިއްޔަތުތައް އަދާކުރައްވާ ބޭފުޅުންނެވެ. އެބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ސިޔަސީ ގޮތުންނާއި އެނޫން ވެސް ގޮތްގޮތުން ފުދުންތެރި ބޭފުޅުންނެވެ. ޚާއްސަކޮށް ސިޔާސީ ގޮތުން ފުންނާބު އުސް ބޭފުޅުނެވެ. އެފަދަ ބޭފުޅުން ފަނޑިޔާރުންގެ ބެލެނިވެރިއެއްގެ ދައުރު އަދާކުރާ ކޮމިޝަނެއްގެ މެންބަރަކަށް ވުމަށް ޝައުގުވެރިވާ ސަބަބާ މެދު ވިސްނާލުމަކީ ރަނގަޅު ނުކުތާއެއް ނޫންތޯ އެވެ؟

ކަންހިނގާ ގޮތުގެ މިސާލެކެވެ. ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ގޮތުން އެންމެ ނުފޫޒު ގަދަ މެންބަރަކަށް ވާނީ އެ މަޖިލީހުގެ ރައީސް ނޫންތޯ އެވެ. މަޖިލީހުގެ ރައީސްގެ ގޮނޑިކޮޅުގައި އެވަގުތަކު އިންނަވާ ބޭފުޅަކީ ސިޔާސީ ޕާޓީއެއްގެ ލީޑަރެއް ކަމަށް ވާ ނަމަ ހައިސިއްޔަތު ވަކިން ތަފާތުވާނެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ސިޔާސީ ޕާޓީއެއްގެ ލީޑަރަކު ފަނޑިޔާރުނަށް ފިޔަވަޅު އަޅާ ކޮމިޝަނެއްގައި އިންނެވުމަކީ ގޯހެއް ކަމަށް ނޫނީ ނުވާނެ އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ތަރާޒު މިހާތަނަށް ބުރަވެފައި ވަނީ އެ މުއައްސަސާ ކޮންޓުރޯލްކުރާ ބައެއްގެ ފަޅިއަށެވެ. ވާނީ ވެސް އެހެންނެވެ. ސަރުކާރާއި ރައްޔިތުންގެ މަޖިލިސް އެއްފަޅިޔަކަށް އަރައިފި ނަމަ ވެރިމީހާ ބޭނުންވާ ހަ މެންބަރަކު ކޮމިޝަނަށް ޢައްޔަންކުރުމުގެ ފުރުޞަތު ފަހިވީ އެވެ. ކޮމިޝަނުގެ ސުޕާ މެޖޯރިޓީ ވެސް ލިބުނީ އެވެ. ނިމިދިޔަ ފަސް އަހަރު ދެކެމުން އައީ އެ މަންޒަރެވެ.

އެޑިޓަރުގެ ނޯޓު

އަހުމަދު ފާއިޒް ހުސެއިން އަކީ ރާއްޖޭގެ ކުރީގެ އުއްތަމަފަނޑިޔާރެވެ. އާ ގާނޫނުއަސާސީގެ ދަށުން އުފެއްދި ދާއިމީ ފުރަތަމަ ސުޕްރީމް ކޯޓުގެ ފުރަތަމަ އުއްތަމަފަނޑިޔާރެވެ. އެމަނިކުފާނު މަގާމުން ވަކިކުރީ، ކުއްލިއަކަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން އޭރުގެ ސަރުކާރުން ނިންމައިގެން، ގާނޫނަށް ގެނައި ބަދަލަކާ އެކު، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވޯޓު ލައިގެންނެވެ.