ޚިޔާލު / ކޮލަމް

އިގުތިސާދު މިނިވަންކުރުން: މަސްވެރިކަމުގެ ސިނާއަތު ފުޅާކުރަމާ!

ދިވެހި މަސްވެރިންތަކެއް ދޯންޏެއްގައި ތިބެ މަސް ބާނަނީ. --- ފޮޓޯ: ދިވެހި މަސްވެރިން ޓުވިޓާ.

އަބްދުލް ހަލީމް އަބްދުލް ލަތީފް

09 އެޕްރީލް 2020 - 09:58

9 comments

އަޅުގަނޑުމެންގެ އެތައް ބަޔަކު ދިރިއުޅުމަށް ކުރަމުން އައި މަސައްކަތްތައް މިވަނީ އިގްތިސާދަށް ދިމާވެފައިވާ ހީނަރުކަމާ ގުޅިގެން ހުއްޓިފަ އެވެ. މި ދަނޑިވަޅުގައި އަޅުގަޑުމެންގެ ހިތްތަކަށް މާޔޫސްކަން ވެރިވި ނަމަވެސް، މުސްތަގުބަލަށްޓަކައި ކުރާ އުންމީދުތަކާއި، ހިތްވަރާއި، އަޒުމަށް ކުޑަ ވެސް ބަދަލެއް އަންނާކަށް ނުޖެހެ އެވެ. ދިވެހިރާއްޖެ އަކީ ގުދުރަތީ މުއްސަދިކަން ލިބިފައިވާ، ޒުވާން އާބާދީއެއް އޮތް، އުމްރާނީ ގޮތުންނާއި، އިޖްތިމާއީ ރައްކާތެރިކަމުގެ ގޮތުންނާއި، ތައުލީމާއި، އާއްމު ސިއްހަތުގެ ގޮތުން ވެސް ފާހަގަކުރެވޭނެ އެތައް ކަމެއް ފެންނަން އޮތް ގައުމެކެވެ.

މި ދަނޑިވަޅުގައި ކުރަންވީ ކަމަކީ، ވިސްނާ ފިކުރުކޮށް، ތަރުތީބެއް ގެނައުމެވެ. އެކި ސަރުކާރުތަކުން ހިންގާފައިވާ ސިޔާސަތުތަކާ ގުޅިގެން ވާރުތަވެފައިވާ ދައުލަތުގެ މާލީ ހަލަތާއި، ރާއްޖޭގެ އިގުތިސާދުގެ ކަންތައްތައް އިންތިޒާމުވެގެން މިއަދާ ހަމައަށް އައިސްފާވާ ގޮތުންނާއި، ދިރިއުޅުމުގެ ވައްޓަފާޅި އާއި ސުލޫކު ރޭވި، އެތުރި، ޖެހިފައިވާ ސިފަތަކުގެ ސަބަބުން، އަޅުގަނޑުމެން ހިތަށްއަރާހާ މޮޅު ގޮތްތަކެއް މާ އަވަހަށް ވާނެ ކަމަށް ދުށުމުގެ ބޭނުމެއް މިވަގުތަކު ނެތެވެ.

ދިވެހިރާއްޖޭގައި ވިޔަފާރިތައް ކުރިއެރީ ދިވެހި ވިޔަފާރިވެރިންގެ ތަސައްވަރުންނެވެ. ބުރަ މަސައްކަތާއި، ކެތްތެރިކަމުންނެވެ. އެއީ ގައުމަށް ލިބުނު ކުރިއެރުމެކެވެ. ރާއްޖޭގައި ބޮޑު އެންމެ އިންޑަސްޓްރީއެއް އޮތުމަކީ އޭގެ ޒާތުގައި މާ ބޮޑު ގޮންޖެހުމެއް ކަމަކަށް އަޅުގަނޑު ނުދެކެމެވެ. އިގުތިސާދެއް އުފެދެނީ ކޮންމެ ގައުމަކަށް ވެސް އެ ގައުމަކަށް ހާއްސަ ވަސީލަތެއްގެ ވަށައިގެންނެވެ. އަޅުގަނޑުގެ ނަޒަރުގައި ކުރިއެރުން ހީނަރުވެފައި އޮތީ ވާރުތަވަމުން އައި ދިވެހި ދައުލަތުގެ އިގްތިސާދީ އަދި މާލީ ސިޔާސަތާއި، ވިސްނުމާއި އިންތިޒާމުތަކެވެ. ރަނގަޅުކުރަން މި ޖެހެނީ މިކަންކަމެވެ.

އަޅުގަނޑުމެންނަކީ ބޮޑު ކަނޑެއްގައި އެތުރިވާފައިވާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ގައުމެކެވެ. އަޅުގަނޑުމެންގެ ގުދުރަތީ ވަސީލަތްތައް އެތުރިފައި ހުރީ، ތިލަދުންމަތިން އައްޑު އަތޮޅަށް ހަމަ ހެޔޮވަރުކޮށްނެވެ. ވަކި ހިސާބެއްގައި ހުރި ވަކި ހާއްސަ މައުދަނެއް ނެތެވެ. ހައްތަހާވެސް ހުރީ، ދޮންވެލިގަނޑާއި، ފަޅާއި، ތިލަ އާއި، ފަރާއި ކަނޑެވެ. އެތެރޭގެ އިގްތިސާދު މިނިވަން ކުރެވިއްޖެ ނަމަ، އަޅުގަނޑުމެންގެ އުފެންދުންތެރިކަން އެތައް ގުނައަކަށް ބޮޑުވެގެންދާނެވެ. މުދާވެރިކަން ހިފެހެއްޓިފައި އޮތް އޮތުން ބޮޑުތަނުން ރަނގަޅުވާނެ އެވެ. މި މަޒުމޫނުގައި އަޅުގަނޑު މި ބަލާލަނީ މަސްވެރިކަމުގެ މައްޗަށެވެ. އަޅުގަނޑުގެ ނަޒަރުގައި މަސްވެރިކަމުގެ ސިނާއަތަކީ އެތައް ގުނައަކަށް ފުޅާކުރެވޭނެ ސިނާއަތެކެވެ. ރަނގަޅު ވަޒީފާ އުފެއްދޭނެ ސިނާއަތެކެވެ. ކާބޯތަކެތީގެ ޔަގީންކަން ފޯރުކޮށް ދިނުމުގައި ވެސް ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ސިނާއަތެކެވެ.

އަޅުގަނޑު މައުލޫމާތު ނަގާފައިވާނީ އެއްއެމްއޭއިން އާއްމުކުރާ ތަފާސްހިސާބުތަކުންނެވެ.

މަސް ބާނާ މިންވަރު

ހިސާބުތަކަށް ބަލާ އިރު 2007 އިން 2018 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މަސްވެރިކަން އެންމެ ހީނަރުވީ 2009 ވަނަ އަހަރު އެވެ. އެ އަހަރު ބާނާފައިވަނީ، 117،000 މެޓްރިކްޓަންގެ މަހެވެ. މި މުއްދަތުގައި، މަސް ބާނައިފައިވާ އަދަދު އެވްރެޖުކޮށް ހުރީ 130،000 މެޓްރިކްޓަންގަ އެވެ. އެހެންކަމުން 2009 ގައި މަސްވެރިކަން ހީނަރުވެފައި ވިޔަސް، ވިދިގެން އައި އަހަރުތަކުގައި ޖުމްލަ ގޮތެއްގައި މަސްވެރިކަން ރަނގަޅެވެ. އަދި 2018 ގައި 151،000 މެޓްރިކްޓަންގެ މަސް ބާނަފައިވާކަމަށް ހިސާބުތަކުން ދައްކަ އެވެ.

ރާއްޖޭގެ އިގުތިސާދުގައި މަސްވެރިކަމުގެ މިންވަރަކީ، އެންމެ 3.7 ޕަސެންޓެވެ. މުޅި އިގުތިސާދުގެ ނިސްބަތުގައި މިއީ ކުޑަ އަދަދެއް ކަމަށް ވިޔަސް، މި ސިނާއަތަކީ ކާބޯތަކެތީގެ ޔަގީންކަން ފޯރުކޮށްދިނުމަށާއި، އަޅުގަނޑުމެން އެހެން ފަރާތަކަށް މާ ބޮޑު ބަރޯސާވުމެއް ނެތި ފުޅާކުރެވެން އޮތް ހަމައެކަނި ސިނާއަތްކަމުން، މަސްވެރިކަން އިތުރަށް ތަރައްގީކޮށް، ފުޅާކޮށް މި ދާއިރާއިން ވަޒީފާގެ ފުރުސަތުތައް އިތުރުކުރަން ހާއްސަ ސިޔާސަތުތަކެއް އެކުލަވާލާ، ޕްރޮގްރާމްތަކެއް ހިންގަން ޖެހެ އެވެ.

މަސްވެރިކަމުގެ ބާވަތްތައް ބޭރަށް ވިއްކައިގެން މިދިއަ އަހަރު ލިބިފައިވަނީ، 150 މިލިއަން ޑޮލަރެވެ. މިދިއަ ފަސް އަހަރު އެވްރެޖްކޮށް ލިބިފައިވަނީ 158 މިލިއަން ޑޮލަރެވެ. މި އަދަދު އިތުރަށް ތަސައްވަރުކޮށް މިންކޮށްލުމަށް މިދިއަ އަހަރު ފަތުރުވެރިކަމުގެ ސިނާއަތުން ލިބުނު 3.1 ބިލިއަން ޑޮލަރާއި މިދިއަ ފަސް އަހަރު މި ސިނާއަތުން އެވްރެޖްކޮށް ލިބުނު 2.8 ބިލިއަން ޑޮލަރު އަޅާބެލިދާނެ އެވެ.

މަސް ގަންނަ މިންވަރު

މަސްވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުމަށް، މި ސިނާއަތުގެ އުފެއްދުންތައް ބޭރަށް އެކުސްޕޯޓް ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އަޅުގަނޑު ދެކެމެވެ. މި ސިނާއަތުގެ އުފެއްދުންތައް ބޭރަށް އެކުސްޕޯޓް ކުރާ މިންވަރު 2010 އިން ފެށިގެން ޖުމްލަކޮށް އިތުރުވަމުން އައިސްފައި ވީނަމަވެސް، ރާއްޖޭން ބޭރަށް އެކުސްޕޯޓް ކުރެވެނީ، އެވްރެޖް ގޮތެއްގައި ބާނާ މަހުގެ 40 ޕަސެންޓަށް ވުރެ ކުޑަ އަދަދެކެވެ.

މަސް ގަންނަ ގޮތަށް ބަލާއިރު، އެންމެ ގިނައިން ގަންނަ ކަމަށް ފެންނަން އޮތީ ކަޅުބިލަ މަހެވެ. އެގޮތުން 2019 ގައި މަސް ގަންނަ ފަރާތްތަކުން 81،000 މެޓްރިކް ޓަނުގެ މަސް ގަނެފައިވާ އިރު އޭގެ ތެރެއިން 60 ޕަސެންޓަކީ ކަޅުބިލަ މަހެވެ. އަދި 38 ޕަސެންޓަކީ ކަންނެއްޔެވެ. މަސްވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުމަށް، މި ސިނާއަތުގައި ބައިވެރިވާ ފަރާތްތަކަށް އެކަށީގެންވާ އާމްދަނީއެއް ލިބުމުގެ މުހިންމުކަން ބޮޑެވެ. އަދި އެކަށީގެންވާ އާމުދަނީއެއް ލިބުމުގައި ހުރީ ކޮން ގޮންޖެހުންތަކެއްކަން ދެނެގަތުމާއި، އެ ގޮންޖެހުންތައް ފިލުވުމުގެ މުހިންމުކަން ވެސް އެހާމެ ބޮޑެވެ.

މަސް ގަންނަ އަގުތައް

ރާއްޖޭގެ ބާޒާރުގައި މަސް ގަންނަ އަގުތަކަށް ބަލާ އިރު ކަޅުބިލަމަހުގެ ކިލޯއެއްގެ އަގު، 2014 އިން ފެށިގެން 17 ރުފިޔާގައި ހިފެހެއްޓިފައި ހުރުމަށް ފަހު، އޮގަސްޓް 2017 ގައި އެ އަދަދު ވަނީ 18 ރުފިޔާ އަށް ބަދަލުވެފަ އެވެ. ކަޅުބިލަމަސް ނޫން އެހެން ބާވަތްތަކުގެ މަހުގެ އަގުތައް ރާއްޖޭގެ ބާޒާރުގައި ވެސް ބަދަލުވެ އެވެ. ބޭރުގެ ބާޒާރުގެ އަގާއި، ރާއްޖޭގެ ބާޒާރުގެ އަގަށް ބަލާއިރު އެންމެ ތަފާތު ކުޑައީ ކަޅުބިލަ މަހުގަ އެވެ. އެގޮތުން 2015 އާއި 2019 ވަނަ އަހަރާ ދެމެދު، 14 ފަހަރަކުމަތިން، ކަޅުބިލަ މަހުގެ އަގު ރާއްޖޭން ބޭރުގެ ބާޒާރުގައި، ރާއްޖޭގެ ބާޒާރުގެ އަގަށް ވުރެ ދަށްވެފައިވެ އެވެ. އެންމެ ބޮޑަށް ދައްވި ފަހަރު، ފަރަގުވެފައި ވަނީ ކިލޯއަކުން ފަސް ރުފިޔާ އެވެ.

ކަންނެލީގެ އަގުތަކަށް ބަލާއިރު ފާއިތުވިދިޔަ ފަސް އަހަރު ރާއްޖޭގެ ބާޒާރުގައި ކަންނެލި ކިލޯއެއްގެ އަގު އެންމެ ދަށްވެފައިވަނީ 50 ރުފިޔާ އަށެވެ. ބޭރުގެ ބާޒާރުގައި 114 ރުފިޔާ އަށެވެ. އަދި ފާއިތުވި ފަސް އަހަރު އެއްވެސް އިރެއްގައި، ކަންނެލީގެ އަގު ބޭރުގެ ބާޒާރުގައި ރާއްޖޭގެ ބާޒާރުގެ އަގަށް ވުރެ ދަށްވެފައެއް ނުވެ އެވެ. ފާހަގަކޮށްލެވޭ އަނެއް ކަމަކީ، ރާއްޖޭގެ ބާޒާރުގެ އަގު ހިފެހެއްޓިފައި ހުރި ނަމަވެސް، ބޭރުގެ ބާޒާރުގައި ކަންނެލީގެ އަގު މައްޗަން ދާން ފަށާފައިވާ ކަމެވެ.

ވޭތުވެ ދިޔަ 14 އަހަރުދުވަހުގެ ތެރޭގައި، ރާއްޖެއިން ބޭރުކުރާ މަސް ޓަނަކަށް އެވްރެޖް ގޮތެއްގައި ލިބިފައިވަނީ 2،693 ޑޮލަރެވެ. އަދި އެންމެ ދަށްކޮށް މަސް ޓަނަކަށް ލިބިފައިވަނީ 1،560 ޑޮލަރެވެ. ރާއްޖެއަށް ބާނާ މަހުގެ އަދަދު ޖުމްލަ ގޮތެއްގައި އިތުރުވަމުން ގޮސްފައިވީ ނަމަވެސް، އެކްސްޕޯޓް ކުރެވެނީ 40 ޕަސެންޓަށް ވުރެ މަދު އަދަދެކެވެ. އެކްސްޕޯޓް އިތުރު ކުރެވިއްޖެ ނަމަ، ބޭރު ފައިސާ ލިބޭ މިންވަރު އިތުރުވުމުގެ އިތުރުން، މަސްވެރިކަން އިތުރަށް ތަރައްގީވެ، ފުޅާވެ އަދި އިތުރު ވަޒީފާތައް ވެސް އުފެދިން ދާނެ އެވެ.

މަސްވެރިކަމުގެ ވިޔަފާރިތަކަށް ދޫކުރާ ލޯނު

މިދިއަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ބޭންކްތަކުން ދޫކޮށްފައިވާ ލޯނުގެ ޖުމްލަ އަދަދަކީ 32 ބިލިއަން ރުފިޔާ އެވެ. މީގެ ތެރެއިން 2019 ގައި އެންމެ ބޮޑު ހިއްސާއަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ދުކޮށްފައިވާ ލޯނުގެ ގިންތި އެވެ. އެއީ 28 ޕަސެންޓެވެ. ފާއިތުވި ފަސް އަހަރު މި ސިނާއަތަށް ދުކޮށްފައިވާ ލޯނު އަހަރަކު އެވްރެޖުކޮށް ހަތް ޕަސެންޓްގައި އިތުރުވި އެވެ. ދެން އެންމެ ބޮޑު ހިއްސާއެއް ކަމަށްވާ 23 އޮތީ އިމާރާތް ކުރުމުގެ ސިނާއަތުގެ ގިންތީގަ އެވެ. މި ސިނާއަތަކީ ފާއިތުވި ފަސް އަހަރު ލޯނު ލިބިފައިވާ މިންވަރު އެންމެ ބޮޑަށް އިތުރުވި ސިނާއަތެވެ. އެއީ އެވްރެޖްކޮށް އަހަރަކު 25 ޕަސެންޓެވެ.

މަސްވެރިކަމަށް ދޫކޮށްފައިވާ ލޯނުގެ ގިންތި ނިސްބަތްވަނީ، 32 ބިލިއަން ރުފިޔާގެ ލޯނުތަކުގެ ތެރެއިން އެންމެ 1.4 ޕަސެންޓަށެވެ. އަދި އަހަރުން އަހަރަށް ދޫކުރަމުން އައި ލޯނަށް ބަލާއިރު، 2015 އާއި 2016 އަހަރު ފިޔަވާ އެހެން އަހަރުތަކުގައި ލޯނު ދޫކުރާ މިންވަރު ވަނީ އެއް އަހަރުން އަނެއް އަހަރަށް ދަށްވެފަ އެވެ.

މަސްވެރިކަމުގެ ސިނާއަތު ދިރުވުން

މަސްވެރިކަމަކީ، އަޅުގަނޑުމެން އެހެން ފަރާތަކަށް މާ ބޮޑު ބަރޯސާވުމެން ނެތި ފުޅާކުރެވެން އޮތް ހަމައެކަނި ސިނާއަތް ކަމުން، މަސްވެރިކަން އިތުރަށް ތަރައްގީކޮށް، ފުޅާކޮށް މި ދާއިރާއިން ވަޒީފާގެ ފުރުސަތުތައް އިތުރުކުރަން، ދުރު ރާސްތާގެ ތަސައްވަރެއްގެ ތެރެއިން އުފަންވާ ސިޔާސަތުތަކެއް އެކުލަވާލައި، ޕްރޮގްރާމްތަކެއް ހިނގުމުގެ މުހިންކަން މިދުވަސްވަރު މިއޮތީ އިހުނަށް ވުރެ ބޮޑަށް ފެންނާށެވެ.

މަސްވެރިކަމުގެ ސިނާއަތް ރޭވިފައިވާ ގޮތާއި، ރާއްޖޭގެ ބާޒާރުގައި މަހުގެ އަގު ކަނޑައެޅޭ ގޮތާއި، މި ސިނާއަތް އިންތިޒާމު ވެފައިވާ ގޮތުން، މި ސިނާޔަތުގެ އެންމެހާ ބައިވެރިންގެ މަސްލަހަތު ރައްކާތެރިކޮށްދޭ މިންވަރަކާއި، މި އެންމެހާ ކަންކަން އިތުރަށް ދިރާސާ ކުރަން ޖެހޭ ކަމަށް އަޅުގަނޑު ދެކެމެވެ. އަދި މިސިނާއަތް ތަރައްގީކުރުމަށް، ހާއްސަ މާލީ އިދާރާއެތް ނުވަތަ ފަންޑެއް އުފެދިގެން ދިއުން ވާނީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި އެހާމެ ބޭނުންތެރި ކަމަކަށެވެ.

އެޑިޓަރުގެ ނޯޓު

ޗާޓަޑް މެނޭޖްމަންޓް އެކައުންޓެންޓެއް ކަމަށް ވާ ހަލީމަކީ، ޕެންޝަން ފަންޑުގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރެވެ. އިންވެސްޓްމެންޓް މެނޭޖްމަންޓް އަދި އިންވެސްޓްމަންޓް އޮފަރޭޝަންގެ ތަޖުރިބާގެ އިތުރުން ހަލީމު ވަނީ ބޭންކިން އިންޑަސްޓްރީގައި ޓްރެޒަރީ މެނޭޖްމަންޓާއި، ކޯފަރޭޓް ބެންކިންގައި މަސައްކަތް ކުރައްވައި، ބޭންކިންގެ ތަޖުރިބާ ވެސް ހޯއްދަވައިފަ އެވެ. މި ދާއިރާތަކުގައި 2009 ގައި މަސައްކަތްކުރައްވަން ފެއްޓެވުމުގެ ކުރިން އޭނާ އުޅުއްވީ ގައުމީ ޔުނިވަސިޓީގަ އެވެ. އޭނާ މިހާރު މަސައްކަތް ކުރައްވަނީ ސޮލަރެލް އިންޝުއަރެންސްގަ އެވެ. މި މެއިލް info@mvmacro.com އިން ހަލީމާ ގުޅުއްވޭނެ އެވެ.

9 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮނަރަބްލް އަފީފު ދީދީ

10 April 2020

ހޮންގްކޮންގ، އެމަރިކާ، ޗައިނާ، ރަޝިޔާ، ކެނަޑާ، ޤަލްފުގެ ޤައުމުތަކާއި އެފްރިކާ ބައްރަށް ކަންނެލި އެކްސްޕޯޓް ކުރުމަށް އުތުރާއި ދެކުނުގެ މަސްވެރިންނަށް މާލޭސަރުކާރުން ހަދާފައިވާ ޤަވާއިދުގެ ސަބަބުން ވަނީ ހުރަސް އެޅިފަ. # މަތީގައިވާ އެއްވެސް ޤައުމެއްގެ ފޫޑް އެން ޑްރަގްސް އޮތޯރިޓީއަކުން ކަޑައަލާފައި ނެތަސް މާލެއިން މަސް ބޭރު ކުރާ ފަރާތް ތަކުގެ ނުފޫޒުން ޤަވާއިދުގެ އޮތީ އެކްސްޕޯޓް ކުރާމަސް އީޔޫ ސެޓިފައިޑް ފެކްޓަރީ ތަކުގައި ބަންދުކުރަން މަޖުބޫރުކޮށްފަ.

The name is already taken The name is available. Register?

މިފްކޯ

09 April 2020

ޓުއަރިޒަމް ސެކްޓަރ އިން ލިބުނު ހުރިހާ ޓެކްސް އެއް ހަރަދު ކުރަނީ މަސްވެރިން އަތުން ބޮޑު އަގުގައި މަސް ގަންނަން. މިއަދު ޓުއަރިޒަމް ނެތުމުން ކޫއްޑޫއިން މަސް ގަންނަނީ ކުރެޑިޓަށް. މަސްވެރިކަމުގެ ދާއިރާ ފުޅާ ކުރެވޭނީ ދެމެހެއްޓެނިވި ގޮތަކަށް އެކަން ބައްޓަން ކޮށްގެން.

The name is already taken The name is available. Register?

ޏަންޏަން

09 April 2020

މިހާރު އެބަލިބޭތަ ޓޫރިސްޓުން އަތުން ޑޮލަރު ކާން. އާޓިކަލްގަ އެކިޔަނީ މިހާރު ޑޮލަރު ކާކަށް ނުލިބޭ އެކަމަކު އަދިވެސް ކަނޑުގަ މަސް އެބަހުއްޓޭ. ކަލޭ ކާން ގަންނަ މަސް އަގު ބޮޑިއްޔާ ކުކުޅު ކައިގެން ހުންނަންވީނު. މަސްވެރިންނަށް ލާރި ދިނީ ކަލޭ އަތުން ނަގާ ޓެކުސްއަކުން ނޫން.

The name is already taken The name is available. Register?

ޓޫރިޒަމް...

09 April 2020

ޓޫރިޒަމް ސެކްޓަރ އިން ލިބުނު ހުރިހާ ޓެކްސް ފައިސާއެއް ކަލޭމެންގެ ކުދިން ޔޫރަޕަށް ކިޔަވަން ފޮނުވާއިރު އޭގެތެރޭގަ މަސްވެރިއަކުގެ ދަރިއަކު ނުހިމެނޭ.

The name is already taken The name is available. Register?

މަހާ

09 April 2020

މަސްވެރިކަ މަކީ ހަ މައެކަނި ދޮށިން ބާނައިގެން ކުރާ ކަ މެއްގެ ގޮތުގައި ދެކޭ ވިސްނުން ބަދަލުކޮށް ޒަ މާނީ ތަފާތު މަސްވެރިކަ މަށް ބަދަލު ކުރަން ޖެހެއެވެ. މިޒަ މާނުގައި މަސްވެރިކަ މަކީ ފަޅުތަކުގަޔާއި ގޭދޮށު ގޯތި ތެރޭގައިވެސް ތަފާތު ބާވަތްތަކުގެ މަސް ބުރީޑްކޮށް ބޮޑުކޮށްގެން ބޮޑު ފައިދާ ނެގެން އޮތް ޒަ މާނެވެ. އެކަ މަށް ބޭނުންވަނީ ސަރުކާރުން ކޮން މެ އަތޮޅެއްގައި ހެޗަރީތައް ތައްޔާރުކޮށް ފަރު މަސް، ޑިނގާ ލޮބުސްޓާ ކަކުނި ފަދަ ބުރީޑް ކޮށް ދިނު މެވެ

The name is already taken The name is available. Register?

falcon_autho

09 April 2020

ޖުމުލަކޮށް ރަނގަޅެވެ. އަޅުގަނޑުމެންނަށް ދިމާވެގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ ގައުމު ދަވާލުމުގެ ވިސްނުން ބޮޑުންގެ ކިބައިގާ ހުރުމެވެ. މިސާލަކަށް މިފްކޯ ނަގަމާތޯއެވެ. އެތަނަކުން ފައިދާއެއްނުވާކަމަށް އަބަދު ކިޔައެވެ. އެކަމަކު އިއްޔެގައި މިފްކޯގެ އިސްމަގާމުތަކުގައި އުޅުއްވި ބޭފުޅުން އެތަނުން ވަކިވެގެން މަސް އެކްޕޯޓް ކޮށްގެން މިލިއަނަރުންނަށް ވަނީ ވެފައެވެ. އެހެންވީއިރު އެމީހުން ވިއްކާ މަހުގައި ރަންހުންނަނީ ބާއެވެ؟ މިފްކޯ މަހަކީ ދަގަނޑަށް ވަނީތާއެވެ؟

The name is already taken The name is available. Register?

ޏަމްޏަމްފުނާ

09 April 2020

ސިޔާސީ ބޭނުމަށް އެކްޓިވިސްޓުންނަށް ގެސްޓްހައުސް އަޅަން ހުރިހާ ލޯނެއް ސަރުކާރުން ދޭކަން ފަހަގަ ކޮށްލިނަމަ ވަރަށް ފުރިހަމަވީސް. މަސްވެރިކަމަކީ ބާނާ ހުރިހާ މަހަކަށް ވެލިއު އެޑް ކޮށްފިނަމަ ސީދާ ދިވެހި ރައްޔިތުންނަށް އޭގެ މަންފާ މިހާރުވެސް ފަހުންވެސް ކުރާނެ ހަމައެކަނި ސިނާއަތް. މަހުގެ ބާވަތްތަކަށް ވެލިއު އެޑް ކޮށްފިނަމަ ރަޢްޖޭގެ ބަޖެޓަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނެ. 20 ބިލިއަން ރުފިޔާ. ސަރުކާރުން ހަމައެކަނި 300މ ރުފިޔާ ޚަރަދު ކުރަން ޖެހެނީ.

The name is already taken The name is available. Register?

އެހެން

09 April 2020

މަސްވެރިކަން އެކަންޏެއްނޫން އިނގޭތޯ؟ ދަނޑުވެރިކަން ފުޅާކޮށް ކައިބޯތަކެތީގެ ޔަގީންކަން އިތުރުކުރުމުގެ އިތުރުން އެކްސްޕޯޓް ކުރެވޭވަރު ކުރުމާ، ޝިޕިން، ޓްރާންޝިޕްމަންޓް، ގާރމެންޓްސް ފަދަ އެތައްކަމެއް އެކްސްޕޯރޓް ކުރެވޭ ފެންވަރަށް ކުރެވެން އެބަޖެހޭ. ފަސޭހައިން ކޮށްލެވޭތީ ދޮންވެލިކޮޅެއް، ގިރިއެއް އޮތަސް ރިސޯޓް ހަދަން ދީގެން ކަމަކު ނުދާނެ.

The name is already taken The name is available. Register?

އަރީފް

09 April 2020

މިހާލަތަކީ މިއަރުގެ މަސްވެރިކަން ހުއްދަ ކޮށް އެކަމުން ބޮޑު ަފާއެއް ދިވެހިން ލިބިގަންނަންވީ ދަނޑިވަޅެވެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454