ޑރ. ޝީނާ އެ ވިދާޅުވާ އެއްޗެއް އެނގޭތަ؟

ގިނަ މީހުން މިހާރު އެންމެ އިންތިޒާރުކުރާނީ ކޮވިޑް-19 ގެ މުޅި ހާލަތު ލަފާކުރައްވައި، ޑރ. ޝީނާ މޫސާ ތައްޔާރުކުރައްވާ އަދަދުތަކާއި ރޮނގުތައް ދެމިގެން ދާނެ ގޮތް ބަލާށެވެ. މިއީ ކޮރޯނާވައިރަސް ރާއްޖޭގައި ފެތުރިފައި އޮވެދާނެ ގޮތުގެ ހިސާބުތަކެވެ. އެކަމަކު ރާއްޖޭގައި ޓެސްޓްކުރުމުގެ ގާބިލްކަން ހުރި މިންވަރުން އެ ލަފާކުރުންތަކާ ކައިރިވާ ވަރަށް ވެސް، އަދަދުތައް ފެންނާނެ ގޮތެއް ނެތެވެ. މައްސަލައަކީ އެ އެވެ.


މިދިއަ ހުކުރު ވިލޭރޭ ޑރ. ޝީނާ ދެއްކެވީ އެ ވާހަކަ އެވެ. މިހާރު ލިބެމުން އަންނަ އަސްލު މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް އޮތް ދުވަސްތަކުގެ ލަފާކުރުން ތައްޔާރުކުރެއްވި އިރު، އެންމެ ފުރަތަމަ އޭނާ ހެއްދެވި އަންދާޒާއަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފަ އެވެ. އެއީ ލޮކްޑައުންއާ އެކު އާންމުން ބޭރަށް ނުކުތުން ބޮޑު ތަނުން މަދުވުމާ އެކު، ފެތުރިގަތުމަށް ވައިރަސްއަށް ޖާގަ ނުލިބުމެވެ. ލޮކްޑައުންގެ ބޭނުމަކީ ވެސް އެ އެވެ. މިހާތަނަށް މާ ގިނަ މައުލޫމާތުތަކެއް ނުލިބޭ މި އާ ވައިރަސް ހުއްޓުވެން އަދި އޮތީ، ހަށިގަނޑު ތެރެއަށް އެ ވަންނާނެ ގޮތްތައް މަދުކޮށްގެންނެވެ.

އެކަމަކު ޑރ. ޝީނާ އާއި ޑރ. އިބްރާހިމް އަފްޒަލް ފަދަ ތަޖުރިބާކާރުން ވިދާޅުވާ ގޮތަށް، ކުރީގެ ލަފާކުރުންތަކަށް ވުރެ ރާއްޖެ އިން ފެންނަ ކޭސްތައް މަދުވުމަކީ، ފިޔަވަޅުތައް ލުއިކުރަން ޖެހޭނެ ސަބަބެއް ނޫނެވެ. އެ ބޭފުޅުން ވެސް އެއްބަސްވެވަޑައިގަންނަވާ ފަދައިން ހަގީގީ މަންޒަރު ފެންނާނެ ގޮތެއް ރާއްޖޭގައި އަދި ނެތެވެ.

"އަޅުގަނޑުމެންގެ ޕްރޮޖެކްޝަންސްގައި އެ ވަރަށް އިންފެކްޝަން އުޅޭނެ ކަމަށް ލަފާކުރިއަސް އެ ދެނެނުގަނެވޭ. އެހެންވެ ނޭނގި އެބަ ފެތުރެއޭ އަޅުގަނޑުމެންގެ ފެމިލީސްތަކުގެ ތެރެއަށް،" ޑރ. ޝީނާ ވިދާޅުވި އެވެ.

މިއީ އާންމުންނަށް އޭނާ ދެއްވި މެސެޖެކެވެ. ރައްކާތެރިވެ ތިބޭށެވެ. ކޮންމެ ރެއަކު ދައްކާ އަދަދުތަކަށް ބަލައިގެން އަދި އުފާނުކުރާށެވެ. ގޭތެރޭގައި ވެސް ވައިރަސްއާ އެކު މީހަކު އުޅެދާނެ އެވެ.

ކޮވިޑް-19އާ ގުޅޭ ލަފާކުރުންތަކެއް: އެކަމަކު އަސްލު އަދަދު ކަށަވަރުވާނެ ވަރަށް ޓެސްޓެއް ހެދޭކަށް ނެތް

މިހާރުގެ ހާލަތުން ކޮވިޑް-19 ގެ ކޭސްތައް އެއް ދުވަހެއްގެ ތެރޭގައި އެންމެ މައްޗަށް އަރާނީ މި މަހު ފަހުކޮޅު، ގާތްގަނޑަކަށް 1،500 ޕޮޒިޓިވް މީހުންނާ އެކު އެވެ. ނަމަވެސް ދުވާލަކު އެންމެ 400 ސާމްޕަލް ޓެސްޓްކުރެވޭ ވަރުގެ ގާބިލްކަމާ އެކު، އެ އަދަދު ފެންނާނެ އެއްވެސް ގޮތެއް ނެތެވެ. އެހެންކަމުން މިހާރު ވެސް ކަރަންޓީންގައި ތިބި މީހުންގެ ތެރެއިން އެވަރަށް ޕޮޒިޓިވް ނުވާ ކަމަށް ވަންޏާ، ވައިރަސް ހިފައިގެން އަހަރެމެންގެ ތެރޭގައި، އެތައް ސަތޭކަ މީހުން އުޅުން އެކަށީގެންވެ އެވެ. މިހާރު ފެނިފައި ހުރި ކްލަސްޓާތަކުގެ ބޭރުން، އޭގެ ކޮޅެއް މެދެއް ނޭނގި ވެސް ބައެއް މީހުން ޕޮޒިޓިވް ވާތީ، ކޮރޯނާވައިރަސް އޭގެ ސިއްރު ފެތުރިގަތުން މިހާރު ވެސް މި އޮތީ، ރަސްމީ އަދަދުތަކުން ނުފެންނާނެ މިންވަރަށް ފުޅާވެފަ އެވެ.

އާ ކޮރޯނާވައިރަސް ވަރަށް ތަފާތެވެ. ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގެ ސައިންސްވެރިންނާއި ބަލިމަޑުކަމާ ބެހޭ ތަޖުރިބާކަރުންގެ ފިކުރު ކުޑައެއް ނޫނެވެ. ހޯދާ ބައެއް މައުލޫމާތުތަކުން އެނގެނީ، މިސާލަކަށް އެމެރިކާ އާއި ފްރާންސްގައި، ބަލި ފެތުރެން ފެށި ކަމަށް ގަބޫލުކުރި ތާރީހަށް ވުރެ ދެ މަސް ކުރިން، އެ ގައުމުތަކަށް ވައިރަސް އަތުވެއްޖެ ކަމެވެ. ރާއްޖޭގައި ވެސް އަސްލު ކަން ވެފައި އޮތީ އެހެންނެވެ. މާލެ އިން ޕޮޒިޓިވް ވި ފުރަތަމަ ކޭސްގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން، ވައިރަސް ފެތުރެން ފަށާފައި އޮވެދާނެ ކަމަށް، ތަޖުރިބާކާރުން ލަފާކުރެ އެވެ.

އެ ލަފާކުރުމުގައި ވެސް ސުވާލުތަކެއް އެބަ ހުއްޓެވެ. މިސާލަކަށް ފެބްރުއަރީ 17-20 އަށް ދުބާއީގައި އޮތް ފުޑް ފެއާއަކަށް ދިޔަ ބައެއް މީހުން ކޮވިޑް-19 އަށް، ފަހުން ޕޮޒިޓިވްވުމެވެ. އެކަމަކު އެ މީހުން ޕޮޒިޓިވް ވީ ރާއްޖެ އައިތާ މާ ފަހުން ކަމަށް ވުމުން، އެއީ ސީދާ އެ ދަތުރާ ގުޅުން ހުރި ކަމަކަށް ވުން ވެސް ދުރެވެ. ނަމަވެސް ވައިރަސް ހަށިގަނޑު ތެރޭގައި ހުރެމެ، އެއްވެސް ކަހަލަ ނިޝާނެއް ނުފެނި، ރަނގަޅުވާ ނިސްބަތް މަތިކަމުން، އެފަދަ ދަތުރުތަކުން ނުވަތަ ބޯޑަ ބަންދުކުރުމުގެ ކުރިން ބޭރުން އައި އެހެން މީހުންގެ ފަރާތުން ވައިރަސް ފެތުރިފައި ނޯވެދާނެއޭ ބުނަން، ތަޖުރިބާރުންނަށް އުނދަގުލެކެވެ.

ގޮތް ނޭނގޭ، އަސްލު ކޮޅު ހޯދަން އުނދަގޫ ވައިރަސްއަކަށް ކޮރޯނާވައިރަސް ވެގެން މި އުޅެނީ، މިވަގުތު ހުރި ގާބިލްކަމަށް ވުރެ މާ ކުރީގައި އެ އުޅޭތީ އެވެ.

ރާއްޖޭގެ ވެރިރަށް ލޮކްޑައުންގައި އޮންނަތާ މަހެއް ވަނީ އެވެ. އުނދަގޫ ހާލަތެކެވެ. އިގުތިސާދު ފުނޑިގެން ވެސް ދާނެ ހާލަތެކެވެ. އެކަމަކު ރާއްޖޭގެ ސިއްހީ ނިޒާމުގައި ހުރި ފެންވަރަށް ބަލަންޏާ މިއީ މިވަގުތު ވާން ޖެހޭނެ ގުރުބާނީއެކެވެ. ސިޔާސީ ގޮތުން ހިޔާލު ތަފާތުވިޔަސް، މިހާރު ދައުލަތުން ކުރާ ބޮޑެތި ހޭދަތަކުގައި ކޮރަޕްޝަނުގެ އަމަލްތައް އިތުރުވެދާނެ ކަމަށް ބަލައި، ފާޑުކީ ނަމަވެސް، މި ލޮކްޑައުން އިން މި ދުވަސްވަރު ބޭރުވެއްޖެ ނަމަ، ދެން ކުރިމަތިވެދާނެ ނުރައްކާ، މާ ބޮޑުވެދާނެ އެވެ.

އަސްލު ބަލަން ޖެހިފައި މި އޮތީ ކޮންމެ ރެއަކު އެ ހާމަކުރާ އަދަދުތަކަކަށް ނޫނެވެ. ގުދު އަރަން ޖެހޭ ވަރަށް އަދިވެސް ނާރާ ނޫންހޭ، ބުނެ ގޭތެރޭގަ އާއި ސޯޝަލް މީޑިއާގެ ގްރޫޕްތަކުގައި ބަހުސްކުރުމުގެ ބޭނުމެއް ނެތެވެ. ސަބަބަކީ މީގެ އަސްލު އަދަދު ހޯދޭނެ ގާބިލްކަން ރާއްޖޭގެ ސިއްހީ ދާއިރާގައި ވެސް ނެތީ އެވެ. އެހެންކަމުން އަހަރެމެން އެންމެން މިހާރު ގަބޫލުކުރަން ޖެހިފައި މި އޮތީ އެ ފެންނަ އަދަދުތަކަކީ، ވައިރަސް ފެތުރޭ ނިސްބަތުން ކުޑަ މިންވަރެއް ކަމެވެ. ގާތްގަނޑަކަށް ދުވާލަކު 300 އާއި 400 އާ ދެމެދުގެ އަދަދަކަށް މި ވަގުތު ފެންނަން ޖެހޭނެ ކަމަށް ލަފާކުރާ އިރު، ބައެއް ދުވަސް ދުވަހު ޕޮޒިޓިވް ކޭސްތައް 90 ގައި، އަނެއް ބައި ދުވަސް ދުވަހު އެންމެ 20 ގައި ހުރުމަކީ، ޑރ. ޝީނާ އެ ވިދާޅުވާ ބަހުގެ މުރާދެވެ.

"ޓެސްޓް ނުކުރެވުމަކީ އަސްލު ކަންބޮޑުވާ ކަމެއް،" އެންމެ ފަހުން އޭނާ ވިދާޅުވީ އެހެންނެވެ.

ކޮންމެ ރެއެއްގެ ޕްރެސްގައި ދައްކާ ސްލައިޑްތަކުގެ މަތިން ކޮންމެވެސް ވަރަކަށް ހަނދާން ނައްތާލަން ޖެހޭ ވަގުތު މިހާރު މި އޮތީ އައިސްފަ އެވެ. ޓެސްޓް ހެދޭ މިންވަރު އިތުރު ކުރެވޭނެ ގޮތް ނެތުމުންނެވެ. ކަމާ ބެހޭ ރަސްމީ ފަރާތްތަކުގެ ބަހުން ނަމަ، އެކަމަށް ބޭނުންވާ ސާމާނު ލިބޭކަށް، ލިބެން ހުއްޓަސް، ދުނިޔޭގެ ހުރިހާ ގައުމަކުންހެން ތަޅާފޮޅާ ކަމެއްގައި، ރާއްޖެއަށް ގެނެވެން ވެސް ނެތީ އެވެ.

އެންމެން ނިންމަންވީ މި ގޮތަށެވެ: ހާލަތު ރަނގަޅުވާނެ ކަމަށް އުއްމީދުކޮށް، ދުއާކުރަމުން، މި ހަނގުރާމަ އަދި ކޮޅެއްގައި ނުޖެހޭ ކަމެވެ. ނުވަތަ އެންމެން އެކުވެގެން ވަމުން މި އަންނަ ގުރުބާނީ އަދިވެސް އޮތީ ކުރިއަށް ކަމެވެ. ލޮކްޑައުން ވެސް ކުރިއަށެވެ. އޭގެ ފަހުން ދިރިއުޅުމުގެ ވައްޓަފާޅި ވެސް މުޅިން ބަދަލުކުރުމެވެ.

ލޮކްޑައުންގައި މާލެ ހުސްކޮށް: މި ގޮތަށް އަދިވެސް ދުވަސްކޮޅަކު ނުބާއްވާ މި ހަނގުރާމަ ކަމިޔާބެއް ނުވާނެ

ލޮކްޑައުންގައި ތިބުމުން ގޭތެރޭގައި ބަލި ފެތުރޭ ވަރު މި އޮތީ ވަރަށް ބޮޑުތަނުން ދަށްކުރެވިފަ އެވެ. ޑރ. ޝީނާގެ ލަފާކުރުންތަކުން ބުނާ ގޮތުން މި ވަގުތު ގޭބިސީތަކުގައި، ކޮންޓެކްޓް ވާ މީހުންގެ ނިސްބަތަކީ އަށެކެވެ. އެކަމަކު ލޮކްޑައުން ނިމި، ކޮންމެވެސް ވަރަކަށް ހެލިފެލިވެ އުޅެން ފެށުމުން، އެ އަދަދު އެހެންނެއް ނޯންނާނެ އެވެ. އޭގެ މާނައަކީ ލޮކްޑައުންނަށް ފަހު އޮތް ބިރު ވެސް އަދި ކުޑަ ނޫން ކަމެވެ.

"އަޅުގަނޑުމެންނަށް ޑިޓެކްޓް ނުވެ އިންފެކްޝަންސް އުޅުމަކީ ކްރޮނިކް ޑިޒީޒް ހުރެ، ނޭނގި ހާލު ކުއްލިއަކަށް ބޮޑުވެގެންދާ ކަމެއް،" ޑރ. ޝީނާ ވިދާޅުވި އެވެ.

ލޮކްޑައުންއަށް ފަހު އަހަރެމެން ބޭރަށް ނުކުތީ އެވެ. އަދިވެސް ވައިރަސް އެންމެންގެ ހަށިގަނޑުން ހުހެއް ނުވެ އެވެ. ދެން ބޭރުގައި އުޅެފައި ވަންނަނީ ގެއަށެވެ. އަހަރެމެންގެ އުމުރުން ދުވަސްވީ ނުވަތަ ބަލި މައިންބަފައިންނާއި ތިމާގެ މީހުންގެ ތެރެއަށެވެ. އެ މީހުންގެ ގަޔަށް ވައިރަސް އަރަ އެވެ. ބަލީގެ ނިޝާންތައް ފެންނަ އިރު، ބައެއް މީހުންގެ ހާލަތު އޮންނަނީ އެންމެ ނުރައްކާ ހިސާބަށް ގޮސްފަ އެވެ.

"އޭގެ މާނައަކީ އަޅުގަނޑުމެންނަށް ޕޭޝަންޓް ލިބޭއިރު ބަލި ބޮޑުވެފައޭ މި އޮންނަނީ ދެއްތޯ. އެހެންވީމަ މެނޭޖް ނުކުރެވޭނެއޭ،" ޑރ. ޝީނާ ވިދާޅުވި އެވެ.

ނިއު ޔޯކްގެ އިސް ޑޮކްޓަރަކު މި ފަހުން ނިއު ޔޯކް ޓައިމްސްގައި ލިއުނު ގޮތުގައި ކޮރޯނާވައިރަސް އިން ފުއްޕާމެއަށް އެ ހަދާލާ އަނިޔާވެރި ގޮތް، ނިއުމޯނިޔާގެ އެހެން ހާލަތްތަކާ މުޅިން ތަފާތެވެ. އެކަހަލަ ތަޖުރިބާއެއް އޭނާއަށް އޭގެ ކުރިން ކުރެވިފައި ނުވާ ކަމަށް ވެސް ލިއުނެވެ. ވައިރަސްގެ ސަބަބުން ބައެއް މީހުންގެ ފުއްޕާމޭގައި ނިއުމޯނިޔާ އުފެދި، ބޮޑުވެގަންނަނީ އާދަޔާ ހިލާފު ހަލުއި މިނެއްގަ އެވެ. އޭގެ ސަބަބު އެ މީހުންނަކަށް އަދި ނުހޯދެ އެވެ.

އެފަދަ ނުރައްކަލުން ސަލާމަތްވެވެން އޮތީ ކުރިން ބަލި ދެނެގަނެވިގެންނެވެ.

"ރިސްކު މި ބޮޑުވަނީ ކުރިން އަޅުގަނޑުމެންނަށް ބަލި ދެނެނުގަނެވޭތީ. އެކްޓިވްކޮށް ކޭސް ހޯދައި ކުރީގައި ބަލި ދެނެގަތުން ވަރަށް މުހިއްމު،" ޑރ. ޝީނާ ވިދާޅުވި އެވެ.

ނަމަވެސް އެކަން ވާކަށް ނެތެވެ. ރެންޑަމްކޮށް ސާމްޕަލް ނެގިޔަސް، އުމުރުން ދުވަސްވީ މީހުންގެ ލިސްޓް ހޯދިޔަސް، މިހާރު މި އޮތް ހާލަތުގައި ރާއްޖޭގައި ކޮރޯނާވައިރަސް ފެތުރިފައި އޮތް މިންވަރު މިވަނީ ނޭނގުމުގެ ތެރޭގަ އެވެ. އެހެންކަމުން ފަރުދީ ޒިންމާ ވަރަށް ބޮޑެވެ. ޑރ. އަފްޒަލް ވިދާޅުވި ގޮތަށް، ކިތައްމެ ލޯބިވާ ބައެއްގެ ގެއަށް ވެސް ތަށިބަރި ވެސް ނުފޮނުވަންވީ އެވެ. އެކަހެރިވެގެން ގޭގައި ތިބެންވީ އެވެ.

މި ނޫން ގޮތެއް އަދި ނުފެނެ އެވެ. ޑރ. ޝީނާގެ ލަފާކުރުންތަކުން ވެސް އެނގެނީ އެކަމެވެ. ފެންނަ މަންޒަރަށް ވުރެ ނުފެންނަ މަންޒަރުގެ ބިރު މާ ބޮޑީ އެވެ. އެ ބިރު ކުޑަކޮށް ސަލާމަތްތެރިކަން ހޯދެން އޮތީ، އޮފީސް ދުރުކުރުމާއި ކޮފީ ދުރުކުރުމާއި ދަތުރުފަތުރު ދުރުކުރުމާއި ތިމާގެ މީހުން ދުރުކުރުމާއި އަމިއްލަ އާއިލާ ތެރޭގައި ވެސް ދުރުވެގަތުން ބާއްވައިގެންނެވެ. މިއަދުގެ ހާލަތަކީ މި އެވެ. މިކަމުން އަވަހަށް ސަލާމަތްވެވެން އޮތީ ވެސް، "ގުދަށް" އަންނަ ބަދަލަށް ނުބަލައި، "ދުރުވެގަނެގެން" ތިބޭ ތިބުން ކުރިއަށް ގެންގޮސްގެންނެވެ.