ފިއުލް ސަޕްލައި އެޗްޑީސީ ކުޅުނު މެޗުގެ ތެރެއިން ---- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
09 ޑިސެމްބަރ 2021 - 09:27
ހުޅުމާލޭގައި މިހާރު ކުރިއަށް ގެންދާ ކްލަބް މޯލްޑިވްސް ފުޓުބޯޅަ މުބާރާތަށް ވަރުގަދަ ޓީމަކާއެކު ތައްޔާރުވި ވެމްކޯ ކަޓުވާލުމަށް ފަހު، ފިއުލް ސަޕްލައި ކުއާޓާ ފައިނަލަށް ރޭ ދަތުރުކޮށްފި އެވެ.
ދެވަނަ ބުރުގައި ރޭ، ވެމްކޯއާ އާއި ފިއުލް ސަޕްލައި ކުޅުނު މެޗުން ފިއުލް ސަޕްލައި މޮޅުވީ 3-1 އިންނެވެ.
ރާއްޖޭގެ އެންމެ މަޝްހޫރު ފުޓްސަލް ކުުޅުންތެރިންނާއެކު ނުކުމެ ވެމްކޯ އަށް ދެވަނަ ބުރަށް ވުރެ ދުރަކަށް ނުދެވުނެވެ. އެންމެ ފަހުން ބޭއްވި މުބާރާތުގައި ފައިނަލް ކުޅުނު ވެމްކޯގެ ޓީމުން ރޭގެ މެޗުގައި ލަނޑު ޖެހީ އަލީ ހާފިޒް (ހައްޕެ) އެވެ. ފިއުލް ސަޕްލައިގެ ލަނޑުތައް ޖެހީ އަހްމަދު ވިޖުދާން (ވިޖޫ) އާއި މުހައްމަދު ތޯހިރު އަދި މުހައްމަދު ޒިޔާދެވެ.
ކުއާޓާ ފައިނަލުން ދެން ޖާގަ ހޯދީ އެޗްޑީސީ، އެމްއޭސީއެލް، އަދި ޕްރިޒްންސް އެވެ. ސިފައިންގެ ކްލަބުގެ މައްޗަށް އެޗްޑީސީ ކާމިޔާބު ހޯދީ 6-1 އިންނެވެ. އެ ޓީމުގެ ހަ ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ އިބްރާހިމް ރިމާހެވެ. އަނެއް ތިން ލަނޑު ކާމިޔާބު ކޮށްދިނީ އަހުމަދު ސިޒާން، އަބްދުﷲ ޝާފިއު އަދި ޔާމީން މުހައްމަދެވެ. ސިފައިންގެ ކްލަބުގެ ލަނޑު ޖެހީ އިބްރާހިމް ފާރިޝް އަހުމަދެވެ.
އެޗްޑީސީ އާއި ސިފައިން ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްއޭސީއެލް ކުއާޓާ އަށް ދަތުރުކުރީ 4-3 އިން އެމްޓީސީސީ ބަލިކޮށްފަ އެވެ. އެމްއޭސީއެލްގެ ލަނޑުތައް ޖެހީ އަބްދުﷲ ސުޒައިރު، އަލީ ޝާފިއު، ސައްޔާހް އައްބާސް، އަދި އަޒްޔާން އިބްރާހިމެވެ. އެމްޓީސީސީ އަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ ހަސަން މިފްރާހް، އަބްދުﷲ މުއާޒު، މުހައްމަދު ޝާހްޒާނެވެ.
ޕްރިޒަންސް ކުއާޓާ އަށް ދަތުރުކުރީ ޕޮލިސް ކްލަބް 3-2 އިން ބަލި ކުރުމަށް ފަހު އެވެ. ޕްރިޒަންސްގެ ސާޖިދު މުހައްމަދު ރަޝީދު ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އަނެއް ލަނޑު ޖެހީ މުރުތަޖާ މުހައްމަދެވެ. ޕޮލިސް ކްލަބުގެ ލަނޑުތައް ޖެހީ މުހައްމަދު އަލީ އާއި ޒާޔިދު މުސްތަފާ އެވެ.
ދެވަނަ ބުރުގެ ފަހު މެޗުތަކުގައި މިރޭ 8:15 ގައި ކުޅޭ ދެ މެޗުގައި ވާދަކުރާނީ އެމްޕީއެލާއި އުރީދޫ އަދި ދިރާގާއި ރޯޑް ކޯޕަރޭޝަނެވެ. މިރޭ 9:45 ގައި ކުޅޭ ދެ މެޗުގައި ވާދަކުރާނީ އެސްޓީއޯ އާއި ޓްރޭޑް އަދި ފެނަކަ އާއި ސްޓެލްކޯ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަަދީފްއޮފިިޝިއަލް
09 December 2021
އެމްއޭސީއެލް އާއި އެމްޓީސީސީ ބައްދަލު ކުރިމެޗުގަ ތިހުރިހާ ގޯލުތަކެއް ނުޖަހާ. އެއީ ޕެނަލްޓީ ޖަހައިގެން ނިމުނު މެޗެއް.