މި އަހަރުގެ މުބާރާތުގެ ތަށި އެމްޕީއެލުން ރޭ އުފުލައިލަނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު
19 ޑިސެމްބަރ 2021 - 00:16
ވެމްކޯގެ މައްޗަށް 7-4 އިން ކާމިޔާބު ހޯދައި، ކްލަބް މޯލްޑިވްސް އަންހެން ޑިވިޝަންގެ ތަށި އެމްޕީއެލުން މިރޭ މިލްކުކޮށްފި އެވެ.
ކްލަބް މޯލްޑިވްސް "18/30 ވިމެން ފުޓްސަލް ފިއެސްޓާ" ގެ ނަމުގައި ބޭއްވި އަންހެން ޑިވިޝަންގެ ތަށި އެމްޕީއެލުން ވަނީ 2018 އާއި 2019 ގައި ވެސް ކާމިޔާބުކޮށްފަ އެވެ. ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރުގެ މުބާރާތް ބާއްވައިފައެއް ނުވެ އެވެ.
ހުޅުމާލޭގެ ރެހެންދި ސްކޫލް ކައިރީގައި އޮންނަ ފުޓްސަލް ދަނޑުގައި ކުޅުނު މެޗުގައި އެމްޕީއެލްގެ ހަތް ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހައި ހެޓްރިކް ހެދީ ފާތިމަތު ޖޫޒާން ޒަރީރެވެ. އަނެއް ހަތަރު ލަނޑު ޖެހީީ ފާތިމަތު ސާލިޔާ، އާމިނަތު ޝާމިލާ، ފަރާހް އަހްމަދު އެވެ. ޝާމިލާ ވަނީ ދެ ލަނޑު ޖަހައިފަ އެވެ.
ވެމްކޯގެ ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ ދަރީކާ ޕިއާންޕައިލުން އެވެ. އަނެއް ލަނޑު ޖެހީ މަރްޔަމް ނޫރާ އެވެ.
ތަށި މިލްކު ކުރުމަށް ފަހު އެމްޕީއެލުން އުފާފާޅު ކުރަނީ --- ފޮޓޯ: ނިޝާން އަލީ/ މިހާރު
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ ކުއީން އޮފްދަ ފުޓްސަލް އަށް ހޮވުނީ ސާލިޔާ އެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުުންތެރިޔަކީ ދިވެހި ސިފައިންގެ ކްލަބުގެ ސާބިނާ ހާތުން އެވެ. އޭނާ ވަނީ 21 ލަނޑު ޖަހައިފަ އެވެ.
މުބާރާތުގެ އެންމެ ގަދަ ފަސް ކުޅުންތެރިންނަކީ ސާލިޔާ، އެމްޕީއެލްގެ މަދީނާ ފަޒެލޮވާ، ވެމްކޯގެ ދަރީކާ، އެމްޕީއެލްގެ ކީޕަރު އަޒަމް އަކްހޮންދީ އަދި ވެމްކޯގެ ވަނަޕޯން ކަސަޔާސީ އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ވެމްކޯގެ އަހްމަދު ނިޔާޒު (ނިޔާ) އެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު މާދަމާރޭ އޮންނާނެ އެވެ. ފިރިހެން ޑިވިޝަން ފައިނަލްގައި ވާދަ ކުރާނީ ފިއުލް ސަޕްލައި އާއި އާރްޑީސީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިޙްސާސް
19 December 2021
މުބާރާތުގެ އެންމެ މޮޅު ކޯޗަކީ އެމްޕީއެލްގެ އަހްމަދު ނިޔާޒު (ނިޔާ) އެވެ.؟ ތެދެއްތަ؟
8858
19 December 2021
މަރުހަބާ އެމް.ޕީ.އެލް ޓީމް
އޮއްޓި
19 December 2021
ކޮރަޕްޝަން