ހއ. އުލިގަމުގައި އިއްޔެ ބޭއްވި ބޮޑު ބާބަކިއުގައި މަސް ފިހެން ތައްޔާރުކޮށްފައި.
04 ޖެނުއަރީ 2022 - 12:42
ހއ. އުލިގަމު ބަނދަރުމަތީގައި ހަދާފައި ހުރި 120 ފޫޓް ދިގު އައްޓެއްގައި 600 އަށް ވުރެ ގިނަ މަސް ފިހަން އިއްޔެ ހަވީރު އަތުރާލީ އެހެން އަހަރުތަކުގައި ވެސް އެ ރަށުގައި މި ހަރަކާތް ބާއްވާހާ ފުރިހަމަކޮށް ހުރިހާ ކަމެއް ނިންމާލުމަށް ފަހުގަ އެވެ. އިޖުތިމާއީ މި ހަރަކާތުގެ އެންމެ ހާއްސަ ކަމަކީ ވެސް އެއީ އެވެ. އެ ބަޔަކާ ހަވާލުވާ މަސައްކަތެއް އެ ބަޔަކަށް ދޭ ވަގުތަށް ނިންމައި ހުރިހާ ކަމެއް ފުރިހަމަކޮށްލަ އެވެ.
މީގެ އެތައް އަހަރެއް ކުރިން ހއ. އުލިގަމުގައި ވަރަށް ކުޑަ ގޮތަކަށް ޒުވާނުންތަކެއް އަމިއްލަ ކަމެއްގެ ގޮތުގައި ފެށި "ބޮޑު ބާބެކިއު" ފުޅާވެ އިޖުތިމާއީ ހަރަކާތެއްގެ ގޮތުގައި ބާއްވަމުން އަންނައިރު މިއީ އެ ހަރަކާތުގައި ބައިވެރިވާން ރަށުން ބޭރުން ވެސް އެންމެ ގިނަ މީހުން އެ ރަށަށް ދިޔަ ފަހަރެވެ.
މި ހަރަކާތް މީގެ އަހަރުތަކެއް ކުރިން ފެށީ ރަށުގެ ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމަށެވެ. އެހެން އަހަރުތަކަށް ވުރެން ބޮޑުކޮށް މި ފަހަރު ބާބެކިއު ކުރިއަށް ގެންދިޔައީ ކޮވިޑާ އެކު ހީނަރުވި ގުޅުންތައް އަލުން ބަދަހިކޮށް އާ ފެށުމަކަށެވެ.
ކޮވިޑާ ހެދި ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އިއްޔެ ބޭއްވި މި ބޮޑު ބާބެކިއު އޮތީ ވެސް ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކާ ވެސް އެކުގަ އެވެ. މި މަހުގެ ފުރަތަމަ ދުވަހު ބާއްވަން އޮތް އިވެންޓް ކޮވިޑް ކޭސްއަކާ ގުޅިގެން ދެ ދުވަސް ފަހުން އިއްޔެ ބޭއްވީ ވެސް ކޭސްއާ ގުޅުން ހުރި އެންމެން ޓެސްޓުކޮށް ނެގެޓިވް ނަތީޖާ ލިބުމުން ރައްކާތެރިކަން ކަށަވަރުކޮށްފަ އެވެ.
މިއީ މަސް ފިހަން އޮންނަ ދުވަހު މަސް ބާނައި ތާޒާ މަސް ބޭނުންކޮށްގެން ބާއްވާ ބާބެކިއުއެކެވެ. ބާބެކިއު އަށް ބޭނުންވާ މަސް ހޯދަން އިއްޔެ ފަތިހު ތިން ދޯންޏެއް ދިޔަ އެވެ. އެއީ ދިރޭ އެން ޖަހައިގެން މަސް ބާނަން ދިޔަ ދޯންޏަކާއި ފައްތައިގެން މަސް ބާނާ ޓީމެއް ހިމެނޭ ދޯންޏެއްގެ އިތުރުން މަސް ހިފަން ދާ ދޯންޏެކެވެ. މިއީ ވެސް ބާބެކިއު އިންތިޒާމްކުރާ ޓީމުން އެންމެންނަށް ބައްދަލުކޮށް ޓީމުތައް ހަދައި އެކި މީހުންގެ ލީޑަރުކަމުގެ ދަށުން ވަރަށް ތަރުތީބުކޮށް ކުރާ ކަމެކެވެ.
މަސް ބޭނުން ކުރިއަށް ދާއިރު ރަށުގައި ތިބި މީހުން ގެންދަނީ މަސް ފިހާ އަށި ހަދައި މަހާ އެކު ކާނެ ބޮނޑިބަތް ފަދަ ތަކެތި ތައްޔާރުކުރަމުންނެވެ.
މަސް ފިހުމުގެ ހަރަކާތުގައި އުޅުނު މީހަކު ކިޔައިދިން ގޮތުގައި މި ފަހަރު ބާބެކިއު އަށް ބޭނުންވާ މަސް ވަރަށް އަވަހަށް ލިބުނެވެ.
"ވަރަށް ވަގުތު އޮއްވައި ދޯނިތައް އަތުވެއްޖެ. ކަނޑައަޅާފައި އޮންނަނީ އެންމެ ލަސްވެގެން ވެސް ހަވީރު 3:00 އަށް ދޯނިތައް އަންނަން. ދޯނިތައް އަންނައިރު އޭގައި ހުންނާނީ މަސް ވެސް ޅިޔަ އަޅައި ސާފުކޮށް ފިހަން ތައްޔާރުކޮށްފައި،" އޭނާ ބުންޏެވެ.
މަސްތައް ރަށަށް ބާލާއިރު ހުންނަނީ މިރުސްގަނޑު ތައްޔާރުކޮށްފަ އެވެ.
"އޫ ޖަހަމުން މިރުސް އަޅަމުން ގެންދާނީ. ހުރިހާ ކަމެއް ނިންމާލާފައި 7:00 ގެ ފަހުން މަސް ފިހަން ފެށީ ވެސް. އިޝާ ނަމާދުން އައިސް އެންމެން ކެއީ ހޫނުކޮށް ހުރި ތާޒާ މަސް،" އޭނާ ބުންޏެވެ.
އުލިގަމު ކައުންސިލުގެ ނައިބް ރައީސް އަސަދުﷲ މުހައްމަދު "މިހާރު" އަށް ވިދާޅުވީ މިފަހަރު ބާބެކިގައި ރަށު ރައްޔިތުންގެ އިތުރުން ރަށުން ބޭރުން އައިސް ތިބި މީހުންނާއި މި ވަގުތު ރަށު ބަނދަރުގައި އޮތް ޔޮޓްތަކުގައި ތިބި ރާއްޖޭން ބޭރު މީހުން ވެސް ބައިވެރިވި ކަމަށެވެ.
އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު މުއާޒު މުހައްމަދު ކުރިން "މިހާރު" އަށް ވިދާޅުވެފައި ވަނީ އެތައް އަހަރެއް ކުރިން ފެށިގެން އެ ރަށުގައި ބާއްވަމުން އަންނަ އެ ހަރަކާތް ފުޅާވީ ކައުންސިލުން އިސްވެ ހަރަކާތް ބާއްވަން ފެށި ހިސާބުން ކަމަށެވެ. ކައުންސިލްތައް އުފެދި 2011 ވަނަ އަހަރުން ފެށިގެން މިކަމުގައި އިސްކޮށް އުޅެނީ ކައުންސިލުންނެވެ.
އެ ރަށުގެ އެންމެން ބައިވެރިވާ އިޖުތިމާއީ މި ހަރަކާތް ކުރިއަށް ގެންދަނީ ރަށުގެ ދެ ޖިންސުގެ ހުރިހާ އުމުރެއްގެ މީހުން ވެސް ހިމެނޭ ގޮތަށް އެކި ގްރޫޕްތަކަށް ބަހާލައިގެންނެވެ. މަސް ފިހާ ދުވަސް ކަނޑައެޅުމާއި މަސް ފިހަން ބޭނުންވާ ދަރު އެއްކުރުމާއި، މަސް ފިހާ ތަން ތައްޔާރުކުރުމާއި، މަހާ އެކު ކާނެ އެހެން އެއްޗެހި ހެދުމަކީ ވެސް އެންމެން އެއްވެ މަޝްވަރާކޮށްގެން އެކި ގްރޫޕްތަކަށް ބަހާލައިގެން ކުރާ ކަންކަމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެފް
04 January 2022
ތިޔައީ ވަރަށް ފައްކާ ކަމެކެވެެ. ދިވެހިންގެ ރީތިސަގާފަތާ ރައްޔިތުންގެ އެއްބައިވަންތަ ކަމާ ގުޅިލާމެހިފައިވާ ކަމެކެވެ. ފިހުނުމަހަކީ ކުރިއްސުރެ، ޚާއްސަކޮށް ރަމަޟާންމަހުގެ ސުފުރާގެ އެންމެ ޚާއްސަބާވަތެވެ. ފައިދާ ހުރި ފަރުމަހުގެ ބޮޑުބާބަކިޔުއާ އުލިގަމަށް މަރުހަބާއެވެ.
ރަދީފްއޮފިޝިއަލް
04 January 2022
ވަރަށް ބެސްޓް ކަމެއް.މާލޭން ދެކުނުގެ އެއްވެސް ރަށެއްގެ ބަޔަކަށް ކެރޭނެ ބާ މިފަދަ ކަމެއް އިންތިޒާމްކޮށްލަން!!!
ހިބިރިންބެއްޔާގެ ކުޑަސޮރު
04 January 2022
ހުރިހާރަށެއްވެސް މިގޮތަށް ބާބަކިއުހަދައިގެން އެއްބައިވާންވީ. ދެން އެއަށްފަހު ކުރަންވީކަމަކީ ޑިމޮކުރަސީ ނައްތާލުން.