ކުޅިވަރު

އެފްރިކަން ކަޕް އޮފް ނޭޝަންސް މިރޭ ފަށަނީ

ކޮންމެ މެޗަކަށް ވެސް 11 ކުޅުންތެރިން ހަމަ ނުކުރެވޭ ނަމަ 2-0 އިން އެ ޓީމެއް ބަލިވާނެ.

ކެމަރޫން އިން 2017 ވަނަ އަހަރުގެ އެފްކަން މުބާރާތުގެ ތަށި އުފުލާލަނީ. ކެމަރޫން ވަނީ ފަސް ފަހަރު މުބާރާތް ކާމިޔާބު ކޮށްފައި.-- ފޮޓޯ: ބެކްޕޭޖްޕިކްސް

ކެމަރޫން (ޖެނުއަރީ 9) - ކެމަރޫން އާއި ބުރްކިނާ ފަސޯގެ މެޗުން އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކަން) މިރޭ ފަށާނެ އެވެ.

ދެ އަހަރުން އެއް އަހަރު ބާއްވާ އެފްރިކާ ބައްރުގެ އެންމެ ޝަރަފްވެރި ފުޓުބޯޅަ މުބާރާތް، އެފްކަން ބާއްވަން އެފްރިކާ ފުޓުބޯޅައިގެ މައި އިދާރާ (ކަފް) އިން މިދިޔަ އަހަރަށް ތާވަލް ކޮށްފައި އޮތް ނަމަވެސް ނަމަވެސް ކޮވިޑް-19 ގެ ހާލަތާ ހުރެ ނިންމީ މިއަހަރުގެ ޖެނުއަރީގައި މުބާރާތް ކުރިޔަށް ގެންދާށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އިތުރުން ޔޫރަޕުގައި ކުޅޭ މަޝްހޫރު ގިނަ ކުޅުންތެރިން ނިސްބަތްވާ ގައުމުތަކަކާ އެކު މިރޭ ފަށާ މުބާރާތުގައި 24 ޓީމެއް ވާދަކުރާނެ އެވެ. އެންމެ ފަހުން މިސްރުގައި 2019 ވަނަ އަހަރު ބޭއްވި މުބާރާތުގެ ކުރިން އެފްކަންގައި ވާދަކުރަނީ 16 ގައުމެވެ.

އެންމެ ފަހު މުބާރާތުން މިސްރު ކެޓީ ގަދަ 16 ގައި އެންމެ ފަހު ވަގުތު ދެކުނު އެފްރިކާ އަތުން ބަލިވެގެންނެވެ. ފައިނަލުގައި ކުޅުނީ ސެނެގާލް އާއި އަލްޖީރިއާ އެވެ. ފައިނަލްގެ ދެވަނަ މިނިޓުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑުން މޮޅުވެ އަލްޖީރިއާ ވަނީ ތާރީހުގައި ދެވަނަ ފަހަރަށް މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

އަލްޖީރިއާގެ ކެޕްޓަން ރިޔާދް މަހްރޭޒް 2019 ވަނަ އަހަރުގެ މުބާރާތުގެ ތައްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: ގެޓީ އިމޭޖަސް

އެންމެ ފަހުގެ ޗެމްޕިއަން އަލްޖީރިއާ އިން މުބާރާތަށް ނުކުންނަނީ އެ ގައުމު އެންމެ ފަހުން ކުޅުނު 34 މެޗުން ވެސް ބަލި ނުވެ ރެކޯޑަކާ އެކު އެވެ. އެޓީމުގެ ކެޕްޓަނަކީ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ވިންގާ ރިޔާދް މަހްރޭޒް އެވެ. ޕްރިމިއާ ލީގު ލިވަޕޫލަށް ކުޅޭ، ދުނިޔޭގައި މި ވަގުތު ހުރި އެންމެ އެއް މޮޅު ކުޅުންތެރިޔާ މުހައްމަދު ސަލާހު ނިސްބަތްވާ މިސްރަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެ ޓީމުން ވަނީ ހަތް ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ސަލާހުގެ އިތުރުން އާސެނަލްގެ އެލްނެނީ އާއި އެސްޓާންވިލާގެ ޓްރެޒެގޭ ވެސް މިސްރު ޓީމުގައި ހިމެނެ އެވެ.

ސަލާހު (ވ) އާއި އެލްނެނީ (ކ) މިސްތު ޓީމުގައި.-- ފޮޓޯ: އޭއެފްޕީ

ކުރިން މި މުބާރާތް ކާމިޔާބުކޮށްފައިވާ ގާނާ އާއި ނައިޖީރިއާގެ އިތުރުން އައިވަރީ ކޯސްޓާއި ޓިއުނީޝިއާ އަދި މޮރޮކޯ ޓީމުގައި ވެސް މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނެ އެވެ.

މުބާރާތް ބާއްވާ ގައުމު ކެމަރޫންގައި ހިމެނެނީ މުޅިން ވެސް ގައުމުން ބޭރުގައި ކުޅެމުން އަންނަ ކުޅުންތެރިންނެވެ. ކެމަރޫން، އަލްޖީރިއާ، ސެނެގާލް، މާލީ، ގެބޮން، ގިނީ-ބިސާއު އަދި ކޮމޮރޯސްގައި މުޅިން ވެސް ހިމެނެނީ ގައުމުން ބޭރު ލީގުތަކުގައި ކުޅޭ ކުޅުންތެރިންނެވެ.

މިއީ ކޮމޮރޯސް މި މުބާރާތަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. ކޮމޮރޯސްގެ އިތުރުން ގެމްބިއާ ވެސް މި މުބާރާތުގައި ވާދަކުރާ މިއީ ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އާސެނަލްގެ ކެޕްޓަންކަމުން ވަކިކުރި ޕިއޭ އެމެރިކް އޮބާމެޔަންގެ ކެޕްޓަންކަމުގެ ދަށުން ކުޅޭ ގެބޮން ޓީމުގައި އިންޑިއާގެ ބެންގަލޫރު އެފްސީއަށް ކުޅޭ 30 އަހަރުގެ ޑިފެންޑަރު ރޮންޑޫ މުސާވޫ-ކިންގް ވެސް ހިމެނެ އެވެ. ފްރާންސްގެ ދެވަނަ ޑިވިޝަނުގައި ކުޅެމުން އައި މުސާވޫ-ކިންގް ބެންގަލޫރަށް ބަދަލުވީ މިދިޔަ އަހަރުގެ މާޗް މަހު އެވެ. ބެންގަލޫރާ އެކު އޭނާ ވަނީ މިދިޔަ އަހަރުގެ އޭއެފްސީ ކަޕް ޕްލޭއޮފްގައި ރާއްޖޭގައި ކުލަބް އީގަލްސްއާ ދެކޮޅަށް ކުޅެފަ އެވެ. އެ މެޗުން މޮޅުވެ، ގުރޫޕް ސްޓޭގުގައި އޭޓީކޭ މޯހަންބަގާނާއި ބަޝުންދަރާ ކިންގްސް އަދި މާޒިޔާއާ ދެކޮޅަށް ވެސް އޭނާ ވަނީ ކުޅެފަ އެވެ.

އޭއެފްސީ ކަޕް 2021 ގައި ދެކުނު އޭޝިއާގެ ޕްލޭއޮފް މެޗުގައި ބެންގަލޫރުގެ ގެބޮން ޑިފެންޑަރު މުސާވޫ-ކިންގް އަތުން ބޯޅަ ހޯދަން އީގަލްސްގެ އަސްހަދު އަލީ (އަޑޭ) މަސައްކަތް ކުރަނީ--. ފޮޓޯ: ނިޝާން އަލީ/މިހާރު

ލިވަޕޫލްގެ ސަޑިއޯ މާނޭ އާއި ޗެލްސީގެ އެޑުއާޑް މެންޑީގެ ސެނެގާލަކީ ތަރިންގެ ޓީމެކެވެ. ޕްރިމިއާ ލީގުގައި ނަން މަޝްހޫރު ކުޅުންތެރިންގެ އިތުރުން އިޓަލީގައި ކުޅޭ ކަލިދޫ ކުލިބަލީ އާއި އިބްރާހިމް އެމްބާޔޭ އާއި ކެއިތާ ބާލްޑޭގެ އިތުރުން ފްރާންސްގެ ޕީއެސްޖީއަށް ކުޅޭ އަބޫ ޑިއާލޯ އާއި އިދުރީސާ ގާނާ ގޭއި އަދި މިނޫން ވެސް މަޝްހޫރު ކުޅުންތެރިން އެ ޓީމުގައި ހިމެނެ އެވެ. ނަމަވެސް މި އަހަރުގެ މުބާރާތަށް އެންމެންގެ ސަމާލުކަން ހުއްޓިފައި ވަނީ ވަޓްފޯށަށް ކުޅޭ އިސްމާއީލާ ސާ އަށެވެ. ކުޅުންތެރިޔާގެ އަނިޔާގެ މައްސަލައެއް އުޅޭ ކަމަށް ބުނެ ވަޓްފޯޑުން ވަނީ އޭނާ ގައުމީ ޓީމަށް ދޫކުރަން ދެކޮޅު ހަދައިފަ އެވެ. ވަޓްފޯޑުން ގައުމީ ޓީމަށް ސާ ދޫކުރީ ސެނެގާލުން ފުޓުބޯޅައިގެ މައި އިދާރާ ފީފާގައި މައްސަލަ ޖެއްސުމުންނެވެ.

ކަފް އިން މި މުބާރާތް ޖެނުއަރީ މަހު ބާއްވާތީވެ، ކުލަބް ފުޓުބޯޅަ ސީޒަން މެދުތެރޭން ކުޅުންތެރިން އެފްކަންގައި ވާދަކުރާ ގައުމީ ޓީމުތަކަށް ދޫކުރަން ޖެހޭތީވެ ޔޫރަޕުގެ ގިނަ ކުލަބުތަކަކުން އަބަދުވެސް އަންނަނީ ޝަކުވާ ކުރަމުންނެވެ.

ވަޓްފޯޑަށް ކުޅޭ ނައިޖީރިއާ ފޯވާޑް ޑެނިސް (ކ) އަދި ސެނެގާލް ފޯވާޑް ސާ (ވ).-- ފޮޓޯ: ގެޓީ އިމޭޖަސް

ޕްރިމިއާ ލީގުގެ ރެލިގޭޝަން ޒޯނުގެ ބިރު އޮތް ވަޓްފޯޑުން ވަނީ އިސްމާއިލާ ސާގެ އިތުރުން އެޓީމަށް ކުޅޭ ނައިޖީރިއާގެ ފޯވާޑް އެމަނުއެލް ޑެނިސް ވެސް އެފްކަންގައި ކުޅެން ނައިޖީރިއާ ޓީމަށް ދޫކުރަން ދެކޮޅު ހަދައިފަ އެވެ. ޑެނިސް އަކީ ވަޓްފޯޑަށް މި ސީޒަނުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ލީގުގައި އެ ޓީމަށް މިހާތަނަށް އަށް ލަނޑު ޖަހައި، ފަސް ލަނޑު ޖަހަން އެހީވެދީފަ އެވެ. ޑެނިސް ގައުމީ ޓީމަށް މި ވަގުތު ދޫކުރަން ވަޓްފޯޑުން ދެކޮޅު ހެދިއިރު ކުޅުންތެރިޔާ ވެސް ބޭނުންވީ ކުލަބުގައި މަޑުކުރާށެވެ.

މި ކަންކަމާ ހުރެ މިދިޔަ ޑިސެމްބަރު މަހު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ މި މުބާރާތް ސެޕްޓެމްބަރާއި ނޮވެމްބަރު މަހާ ދެމެދު ބާއްވާ ގޮތަށް ފީފާގެ މެޗު ކަލަންޑަރު ބަދަލުކުރަން ހުށަހަޅައިފަ އެވެ.

ގުރޫޕް ސްޓޭޖުގެ މެޗްތަކުން މިރޭ މުބާރާތް ފަށާއިރު، މުބާރާތުގެ ގަދަ 16 އަށް ދަތުރުކުރާނީ ޓީމްތައް ބަހާލެވިފައިވާ ހަ ގުރޫޕުން، ކޮންމެ ގުރޫޕެއްގެ އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެކެވެ. މީގެ އިތުރުން ގުރޫޕްތަކުގެ ތިންވަނައަށްދާ ހަ ޓީމުގެ ތެރެއިން މި ބުރުގެ އެންމެ ނަތީޖާ ރަނގަޅު ހަތަރު ޓީމު ވެސް ގަދަ 16 ޓީމު ވާދަކުރާ ބުރުގައި ކުޅޭނެ އެވެ. މުބާރާތުގެ ފައިނަލް އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރެވެ.

ޖުމްލަ ހަ ދަނޑެއްގައި މެޗުތައް ކުރިޔަށް ގެންދާއިރު، ކޮރޯނާވައިރަހުގެ ސަބަބުން، ދަނޑަށް ކުޅިބަލަން ވަދެވޭނީ ސްޓޭޑިއަމްތަކުގެ ކެޕޭސިޓީގެ 60 ޕަސެންޓެވެ. ނަމަވެސް ކެމަރޫން ކުޅޭ މެޗުތަކުގައި ދަނޑުގެ 80 ޕަސެންޓް ކެޕޭސިޓީ ބޭނުން ކުރެވޭނެ އެވެ. ދަނޑަށް ވަދެވޭނީ ކޮވިޑުން ރައްކާތެރިވާން ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމާ އެކު ނެގެޓިވް ކޮވިޑް ޓެސްޓް ނަތީޖާއަކާ އެކު އެވެ. ދުނިޔޭގެ ކޮވިޑް ވެކްސިނޭޝަން ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ވަނީ، 26 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮންނަ ކެމަރޫންގެ ދެ ޕަސެންޓް ރައްޔިތުންނެވެ.

މުބާރާތުގައި ވާދަކުރާ ޓީމުތަކަށް ވެސް ކޮވިޑުގެ އަސަރު ވަނީ ވަރަށް ބޮޑަށް ކޮށްފަ އެވެ. ބައެއް ޓީމުތައް ކުޅެން ހަމަޖެއްސި ރަހުމަރްތެއިކަމުގެ މެޗުތައް ކެންސަލް ކުރަން ޖެހުނުއިރު އަނެއްބައި ޓީމުތަކަށް ވަނީ ކެމަރޫން އަށް ދަތުރުކުރުން ވެސް ލަސް ކުރަން ޖެހިފަ އެވެ.

ކޮވިޑުގެ ހާލަތާ އެކު ވެސް މުބާރާތް ކުރިޔަށް ގެންދާއިރު، ކަފް އިން ނެރުނު އާ ގަވާއިދުގެ ދަށުން ޓީމުގައި ގޯލްކީޕަރެއް ނެތަސް 11 ކުޅުންތެރިން ހަމަވާނަމަ މެޗުތައް ކުޅޭނެ އެވެ. މެޗަށް ކުޅުންތެރިން ހަމަ ނުކުރެވިއްޖެ ނަމަ ނިންމާނީ 2-0 ގެ ނަތީޖާއަކުން އެޓީމެއް ބަލިވީ ކަމަށެވެ.

ކެމަރޫން އާއި ބުރްކިނާ ފަސޯގެ މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން 9 ޖަހާއިރު އެވެ.

4 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 100%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްއޮފިޝިއަލް

12 January 2022

މިމުބާރާތާއި ބެހޭ އެއްވެސް ހަބަރެއް މި ނޫހުން ނުފެނުން އެއީ ދެރަކަމެއް.

The name is already taken The name is available. Register?

މޯނާ

09 January 2022

ރާއްޖޭގެ އެއްވެސް ޗެނަލަކުން މުބާރާތް ދައްކާނެ ތޯ

The name is already taken The name is available. Register?

މިީޑީއާނެޓްޓީވީ

09 January 2022

އަހަރެމެންގެ ޗެނަލް 102 އައިސް ސްޕޯޓްސް އިން ދައްކާނެ

The name is already taken The name is available. Register?

ޖަންބެ

09 January 2022

ކެމަރޫނަކީ ކުރިން މަވަަރަށް ސޕޯޓުކުރިޓީމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454