ތިން އަންހެން އެކުވެރިންގެ ވާހަކަ ކިޔައިދޭ "ޖީ ލޭ ޒަރާ" ގެ ކާސްޓްގައި ޕްރިޔަންކާ އާއި އާލިއާ ވެސް ހިމެނޭ.
11 ޖެނުއަރީ 2022 - 06:44
ކެޓްރީނާ ކައިފް ސޮއިކޮށްފައި އޮތް ޑައިރެކްޓަރު ފަރުހާން އަޚްތަރުގެ ރޯޑް ޓްރިޕް ފިލްމު "ޖީ ލޭ ޒަރާ" ގެ ރޯލެއް އޭނާގެ ފިރިމީހާ އަދި ބޮލީވުޑްގެ އެކްޓަރު ވިކީ ކޯޝަލް އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި މިދިޔަ މަހު ކައިވެނިކުރި ކެޓްރީނާ އާއި ވިކީ އަދި މިހާތަނަށް އެކީގައި ފިލްމެއްގައި މަސައްކަތްކޮށްފައި ނުވާތީ، އެ ދެ ތަރިން އެކީގައި މި ދަނޑިވަޅުގައި ފިލްމަކަށް ނަގައިފި ނަމަ މިއީ ފިލްމުގެ ޕްރޮމޯޝަނަށް ވެސް ލިބޭނެ ކުރިއެރުމެކެވެ. އެހެންވެ ވިކީ ފިލްމަށް ގެންނަން މިހާރު ވާހަކަ ދައްކަމުން އަންނަ ކަމަށް މީޑިއާތަކުން ބުނެ އެވެ.
އެކަމަކު މިއާ އެކު އުފެދޭ ސުވާލަކީ ތިން ބަތަލާއަކާ އެކު ލީޑް ކުރާ ފިލްމެއްގެ ސަޕޯޓީން ރޯލެއް ވިކީ ގަބޫލުކޮށްފާނެތޯ އެވެ؟ މިހާރު ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ ވިކީ "ޖީ ލޭ ޒަރާ" އަށް އެއްބަސްވާ ނަމަ، އެ ސަބަބަކީ ހަމައެކަނި ފަހަރުގައި އޭގެ ކާސްޓްގައި ކެޓްރީނާ ހުރުން ކަމަށް ވެދާނެ އެވެ.
މި އަހަރު ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ފިލްމުގެ ކާސްޓްގައި ކެޓްރީނާއާ އެކު ދެން ހިމެނެނީ އާލިއާ ބަޓާއި ޕްރިޔަންކާ ޗޯޕްރާ އެވެ. މި ފިލްމަކީ އެކްސެލް އިން ހަދާ ތިން ވަނަ ރޯޑް ޓްރިޕް ފިލްމެވެ. ކުރީގެ ދެ ފިލްމަކީ ތިން ފިރިހެން އެކުވެރިންތަކެއްގެ ވާހަކަ ކިޔައިދިން 2001 ގެ "ދިލް ޗާތާ ހޭ" އާއި 2013 ގެ "ޒިންދަގީ ނާ މިލޭގީ ދުބާރާ" އެވެ.
ފަރުޚާން ޑައިރެކްޓްކުރި "ދިލް ޗާތާ ހޭ" ގެ ތަރިންނަކީ އާމިރު ޚާނާއި ސައިފް އަލީ ޚާނާއި އަކްޝޭ ކަންނާ އެވެ. ބަތަލާއިންނަކީ ޕްރިތީ ޒިންތާ، ޑިމްޕަލް ކަޕާޑިއާ އަދި ސޮނާލީ ކުލްކަރްނީ އެވެ. ޒޯޔާ ޑައިރެކްޓްކުރި "ޒިންދަގީ ނާ މިލޭގީ ދުބާރާ" ގެ ތަރިންނަކީ ރިތިކް ރޯޝަނާއި ފަރުޚާނާއި އަބޭ ޑިއޯލް އެވެ. ބަތަލާއިންނަކީ ކެޓްރީނާ އާއި ކަލްކީ ކޮއެޗްލިން އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ "ޖީ ލޭ ޒަރާ" ގެ ރޯލެއް ފަރުޚާން ވެސް ކުޅޭނެ އެވެ. އަދި ފިލްމަށް ވިކީ އެއްބަސްވާނެ ކަމަށް ޔަގީންނުކުރެވޭތީ، ތިން ވަނަ ބަތަލަކު ހޯދުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy