ކުޅިވަރު

އެފްރިކަން ކަޕް: މެޗަކުން މޮޅު ނުވެ ޗެމްޕިއަން އަލްޖީރިއާ ކަޓައިފި

އައިވަރީ ކޯސްޓް އަތުން ރޭ ބަލިވި މެޗަށް ފަހު އަލްޖީރިއާގެ ފޯވާޑް ރިޔާދު މަހްރޭޒް އަދި އައިއްސާ މާންދީ. --ފޮޓޯ:އޭއެފްޕީ

ކެމަރޫން (ޖެނުއަރީ 21) –ގުރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުން ވެސް ބަލިވެ، އެންމެ ފަހުގެ ޗެމްޕިއަން އަލްޖީރިއާ އެފްރިކަން ކަޕުން ކަޓައިފި އެވެ.

ރޭ ކުޅުނު ގުރޫޕް އެފްގެ މެޗުގައި އަލްޖީރިއާ ބަލިވީ ގުރޫޕްގެ އެއްވަނަ ހޯދި އައިވަރީ ކޯސްޓާ ވާދަކޮށް 3-1 އިންނެވެ. އަލްޖީރިއާ ވަނީ ފުރަތަމަ މެޗުގައި ސިއެރާ ލިއޯންއާ ވާދަކޮށް އެއްވަރު ކޮށްފަ އެވެ. ނަމަވެސް ދެވަނަ މެޗުގައި ވަނީ އިކުއަޓޯރިއަލް ގިނީ އަތުން ބަލިވެފަ އެވެ.

ފުރަތަމަ ހާފުގައި އައިވަރީ ކޯސްޓަށް ލީޑު ނަގައިދިނީ އިޓަލީގެ އޭސީ މިލާނަށް ކުޅެމުން އަންނަ މިޑްފީލްޑަރު ފްރޭކްކް ކެސިއޭ އެވެ. ނެދަލެންޑްސްގެ ޕީއެސްވީ އަށް ކުޅޭ މިޑްފީލްޑަރު އިބްރާހިމް ސަގަރޭ ހާފު ނިމުމުގެ ކުރިން ދެވަނަ ލަނޑެއް ޖަހައިދީފައި ވަނިކޮށް ތިންވަލަ ލަނޑު ދެވަނަ ހާފު ފެށިގެން ނުވަ ވަނަ މިނިޓުގައި ޖެހީ އާސެނަލް އަށް ކުޅޭ ނިކޮލަސް ޕެޕޭ އެވެ.

އަލްޖީރިއާ އަށް ސުން ކަނޑުވާލަދިނީ މިޑްފީލްޑަރު ސޮފިއާނީ ބެންޑެކާ އެވެ. މިއީ އަލްޖީރިއާ އަށް މުބާރާތުގައި ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑެވެ.

މި ނަތީޖާއާ އެކު އައިވަރީ ކޯސްޓަށް ގްރޫޕުގެ އެއްވަނަ ލިބުނީ ހަތް ޕޮއިންޓާ އެކު އެވެ. ދެވަނައިގައި ނިންމި އިކުއެޓޯރިއަލް ގިނީ ވަނީ ރޭ ސިއެރާ ލިއޯންއާ ވާދަކޮށް 1-0 އިން މެޗު ކާމިޔާބު ކޮށްގެން ހަ ޕޮއިންޓް ހަމަކޮށްފަ އެވެ.

ގުރޫޕް އެފްގައި ރޭ ގެމްބިއާއާ ވާދަކޮށް ޓިއުނީޝިއާ ވަނީ 1-0 އިން ބަލިވެފަ އެވެ. ގެމްބިއާ އިން މެޗުގައި ޖެހި ހަމައެކަނި ލަނޑު ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތިންވަނަ މިނިޓުގައި ޖެހީ އަބީލޭ ޖަލޯ އެވެ.

މި ނަތީޖާއާ އެކު ވެސް ޓިއުނީޝިއާ އަށް ދެވަނަ ބުރުން ޖާގަ ލިބުނީ ގުރޫޕުތަކުން ތިންވަނައަށް ދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ހަތަރު ޓީމުގެ ތެރޭގައި ހިމެނިގެންނެވެ. ފުރަތަމަ މެޗުގައި މާލީ އަތުން ބަލިވި ނަމަވެސް ޓިއުނީޝިއާ ވަނީ ދެވަނަ މެޗުގައި 4-0 އިން މައުރިޓިއާނާ ބަލި ކޮށްފަ އެވެ.

މި ގުރޫޕުގައި ހިމެނޭ މާލީ ވަނީ މައުރިޓިއާނާއާ ވާދަކޮށް 2-0 އިން މެޗު ކާމިޔާބު ކޮށްފަ އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު ދެވަނަ މިނިޓުގައި މަސައިޑޯ ހައިދަރާ ޖަހައިދިންއިރު، ދެވަނަ ހާފުގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން ދެވަނަ ލަނޑު ޖަހައިދިނީ އިބްރާހިމާ ކޯނޭ އެވެ. ގުރޫޕުގެ އެއްވަނަ އަދި ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދީ މާލީ އާއި ގެމްބިއާ އެވެ.

ރޭގެ މެޗްތަކާ އެކު މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ވަނީ ނިމިފަ އެވެ. ގުރޫޕްތަކުގެ އެއްވަނަ އަދި ދެވަނައަށް ދިޔަ ޓީމުތަކާއި، ހަ ގުރޫޕުން ތިންވަނައަށް ދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ހަތަރު ޓީމާ އެކު ގަދަ 16 ގެ މެޗްތައް ފަށާނީ އާދިއްތަ ދުވަހުގެ ރެ އެވެ. ތިންވަނައިގައި ނިންމި ޓީމުތަކުގެ ތެރެއިން ގަދަ 16 އިން ޖާގަ ހޯދީ ޓިއުނީޝިއާގެ އިތުރުން ކޭޕް ވާޑޭ އާއި މަލާވީ އަދި ކޮމޮރޯސް އެވެ.

މުބާރާތުގެ ގަދަ 16 ޓީމު ވާދަކުރާ ބުރުގެ މެޗް ޝެޑިއުލް:

- ޖެނުއަރީ 23: (21:00) ބުރްކީނާ ފާސޯ – ގެބޮން

- ޖެނުއަރީ 24: (00:00) ނައިޖީރިއާ – ޓިއުނީޝިއާ

- ޖެނުއަރީ 24: (21:00) ގިނީ – ގެމްބިއާ

- ޖެނުއަރީ 25: (00:00) ކެމަރޫން – ކޮމޮރޯސް

- ޖެނުއަރީ 25: (21:00) ސެނެގާލް – ކޭޕް ވާޑޭ

- ޖެނުއަރީ 26: (00:00) މޮރޮކޯ – މަލާވީ

- ޖެނުއަރީ 26: (21:00) އައިވަރީ ކޯސްޓް – މިސްރު

- ޖެނުއަރީ 27: (00:00) މާލީ – އިކުއަޓޯރިއަލް ގިނީ

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 50%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްއޮފިޝަލް

21 January 2022

އައިވޮރީ ކޮސްޓާއި މިސްރުގެ މެޗަކީ ވަރަށް ފޯރިގަދަ މެޗެއް...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454