ކުޅިވަރު

އެފްރިކަން ކަޕް: ނައިޖީރިއާ ކަޓުވާލައި ޓިއުނީޝިއާ ކުއާޓަ ފައިނަލަށް

ނައިޖީރިއާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ޓިއުނީޝިއާ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ކެމަރޫން (ޖެނުއަރީ 24) - މި އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ގުރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކާމިޔާބު ކޮށްގެން ދެވަނަ ބުރުން ޖާގަ ހޯދި ނައިޖީރިއާ ކަޓުވާލުމަށް ފަހު، ޓިއުނީޝިއާ މުބާރާތުގެ ކުއާޓަ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ގުރޫޕުގެ ތިންވަނަ ހޯދައިގެން ދެވަނަ ބުރުން ޖާގަ ހޯދި ޓިއުނީޝިއާ އިން ރޭ ނައިޖީރިއާ ބަލިކުރީ 1-0 އިންނެވެ. އެ ޓީމުގެ ހަމައެކަނި ލަނޑު ދެވަނަ ހާފު ފެށިގެން ދެވަނަ މިނިޓުގައި ޖަހައިދިނީ ފޯވާޑް ޔޫސެފް ސަކްނީ އެވެ. އިދިކޮޅު ޓީމުގެ ހާފު މެދަކާ ހިސާބުން ކުޅުންތެރިއެއް ކައިރިން ނައްޓާފައި ތިރިތިރިން އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ، ވަޓްފޯޑަށް މި ސީޒަނުގައި ބަދަލުވި ނައިޖީރިއާގެ ޒުވާން ކީޕަރު މަޑޫކާ އޮކޯޔޭ އަތުގައި ޖެހިފަ އެވެ.

ޓިއުނީޝިއާ އިން ލީޑު ނަގައިފައި ވަނިކޮށް ނައިޖީރިއާ އިން ވަނީ، ލެސްޓާ އަށް ކުޅޭ ފޯވާޑް ކެލެޗީ އިހެނާޗޯގެ ބަދަލުގައި އެވަޓަން އަށް ކުޅޭ ކުރީގެ އާސެނަލް ވިންގާ އެލެކްސް އިވޯބީ ކުޅެން އަރުވައިފަ އެވެ. ނަމަވެސް ކުޅެން ނުކުތްތާ މާ އިރުތަކެއް ނުވެ، ރެފްރީ ވަނީ އޭނާއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.

ޓިއުނީޝިއާގެ ޔޫސެފް ސަކްނީ ނައިޖީރިއާ ކޮޅަށް ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

އިވޯބީ އަށް ރެފްރީ ފުރަތަމަ ރީނދޫ ކާޑެއް ދެއްކި ނަމަވެސް ވީއޭއާރު ރިވިއު އަށް ފަހު ނިންމީ ރީނދޫ ކާޑު އަނބުރާ ގެނެސް ސީދާ ރަތް ކާޑު ދައްކާށެވެ. މެޗުގެ 66 ވަނަ މިނިޓުގައި ދެއްކި މި ރަތް ކާޑަށް ފަހު ނައިޖީރިއާ އިން މެޗުގެ ބާކީ ބައި ފުރިހަމަ ކުރީ 10 ކުޅުންތެރިންނާ އެކު އެވެ.

ނައިޖީރިއާ ވަނީ މިހާތަނަށް ތިން ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އެންމެ ފަހުން 2013 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ނައިޖީރިއާ އަތުން ބަލިވި ބުރްކީނާ ފާސޯ ވަނީ ރޭ ޕެނަލްޓީ ޖަހައިގެން ގެބޮން ބަލިކޮށް، ކުއާޓަ ފައިނަލުން ޖާގަ ހޯދައިފަ އެވެ.

ބުރްކީނާ ފާސޯ އާއި ގެބޮން ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 އިން ދެ ޓީމު އެއްވަރު ވެގެންނެވެ. ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ލަނޑެއް ނުޖެހުމުން ބުރްކީނާ ފާސޯ މޮޅުވީ ނަތީޖާ ނެރެން ޖެހި ޕެނަލްޓީ ޝޫޓްއައުޓް 7-6 އިން ކާމިޔާބު ކޮށްގެންނެވެ.

ބުރްކީނާ ފާސޯ އިން ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބު ކުރުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

މެޗުގައި ފުރަތަމަ ލަނޑު ޖެހީ ވެސް ބުރްކީނާ ފާސޯ އިންނެވެ. މެޗުގެ 28 ވަނަ މިނިޓުގައި އުފެއްދި ކައުންޓާ އެޓޭކެއްގައި މި ލަނޑު ޖަހައިދިނީ ކެޕްޓަން ބާޓްރަންޑް ޓްރައޯރޭ އެވެ. މީގެ ކުރިން ވެސް އެ ޓީމަށް ވަނީ ލީޑު ނަގަން ޕެނަލްޓީއެއް ލިބި ނާކާމިޔާބުވެފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ އެސްޓަން ވިލާ އަށް ކުޅެމުން އަންނަ ޓްރައޯރޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗުގެ 67 ވަނަ މިނިޓުގައި ގެބޮންގެ ޑިފެންޑަރު ސިޑްނީ އޮބީސާ އަށް ރެފްރީ ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދެއްކުމުން އެ ޓީމު މެޗު ފުރިހަމަކުރީ 10 ކުޅުންތެރިންނާ އެކު އެވެ. ގެބޮން އިން އެއްވަރު ކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގަ އެވެ. މިއީ ގެބޮންގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ޕެނަލްޓީ ޝޫޓްއައުޓުގައި ކޮންމެ ޓީމަކުން ނުވަ ޕެނަލްޓީ ފޮނުވާލިއިރު، ގެބޮންގެ ތިން ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ. ބުރްކީނާ ފާސޯއަށް ވަނީ ދެ ޕެނަލްޓީ ނާކާމިޔާބުވެފަ އެވެ.

ކުއާޓަ ފައިނަލުގައި ބުރްކީނާ ފާސޯ ވާދަކުރާނީ ޓީއުނީޝިއާއާ ދެކޮޅަށެވެ. ގަދަ 16 ޓީމުގެ ބުރުގައި މިރޭ 9 ޖަހާއިރު ވާދަކުރާ މެޗުގައި ބައްދަލުކުރާނީ ގިނީ އާއި ގެމްބިއާ އެވެ. އަދި މިރޭ 12 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކޮމޮރޯސް އާއި މުބާރާތް ބާއްވާ ގައުމު ކެމަރޫން އެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 50%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޫސަބޭ.

24 January 2022

ރޭގައި ނުނިދާ ބެލީ މިމެޗް. ޔޫރޯ މުހިއްމެއްނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454