ކުޅިވަރު

އެފްރިކަން ކަޕް: ޕެނަލްޓީއިން މޮޅުވެ، މިސްރާއި އިކުއެޓޯރިއަލް ގިނީ ކުއާޓާއަށް

ސަލާހު، މިސްރު މޮޅުކޮށްދިން ޕެނަލްޓީ ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ކެމަރޫން (ޖެނުއަރީ 27) - ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބުކޮށްގެން މިސްރާއި އިކުއެޓޯރިއަލް ގިނީ މި އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ރެކޯޑް އަދަދެއް ކަމަށްވާ ހަތް ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ މިސްރުން ރޭ އައިވަރީ ކޯސްޓާ ދެކޮޅަށް ކުޅުނު މެޗުގައި ޕެނަލްޓީ ޖެހީ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުވި އިތުރު ވަގުތުގެ ދެ ހާފުގައި ވެސް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވުމުންނެވެ. މިސްރުގެ ކެޕްޓަން މުހައްމަދު ސަލާހާއި މޮސްތަފާ މުހައްމަދު ފުރަތަމަ ހާފުގައި ގޯލާ އަމާޒުކޮށް ފޮނުވާލި ހަމަލާތައް އައިވަރީ ކޯސްޓުގެ ކީޕަރު ބަދްރާ އަލީ ސަންގާރޭ ދިފާއު ކުރި އެވެ. މުޅިން ހުސްކޮށް ހުރެ އައިވަރީ ކޯސްޓުގެ އިބްރާހިމް ސަންގާރޭ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް މިސްރުގެ ކީޕަރު މުހައްމަދު އެލް ޝެނާވީ ވަނީ މަތަކޮށްފަ އެވެ.

ދެވަނަ ހާފުގައި ސަބަސްޓިއެން ހޯލާ ފޮނުވާލި ބޯޅައެއް ވެސް މިސްރުގެ ކީޕަރު ޝެނާވީ ދިފާއު ކުރިއިރު، އަނިޔާގެ ސަބަބުން ކީޕަރު ޝެނާވީގެ ބަދަލުގައި މެޗުގެ 88 ވަނަ މިނިޓުގައި ވަނީ މިސްރުގެ ބަދަލު ކީޕަރު މުހައްމަދު އަބޫ ގަބާލް ކުޅެން އަރުވައިފަ އެވެ. އިތުރު ވަގުތުގެ ދެ ހާފުގައި ވެސް މުހިއްމު ސޭވްތަކެއް ކުރުމަށް ފަހު، ޕެނަލްޓީ ޝޫޓްއައުޓުގައި ކީޕަރު ގަބާލް ވަނީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ އައިވަރީ ކޯސްޓުގެ ޑިފެންޑަރު އެރިކް ބާއީ ޖެހި ޕެނަލްޓީ މަތަކޮށްފަ އެވެ.

މިސްރުގެ ބަދަލު ކީޕަރު ގަބާލް ރޭގެ މެޗުގައި.-- ފޮޓޯ: އޭއެފްޕީ

މިސްރުން ޕެނަލްޓީގައި ކުރި ހޯދީ 5-4 އިންނެވެ. އެ ޓީމުން ފޮނުވާލި ފަސް ޕެނަލްޓީ ވެސް ވަނީ ކާމިޔާބު ކޮށްފަ އެވެ. އައިވަރީ ކޯސްޓުން ކާމިޔާބުކުރީ ނިކޮލަސް ޕެޕޭ އާއި އިބްރާހިމް ސަންގާރޭ އަދި މެކްސްވެލް ކޯނެޓާއި ވިލްފްރެޑް ޒަހާގެ ޕެނަލްޓީ އެވެ. މިސްރުގެ ފުރަތަމަ ހަތަރު ޕެނަލްޓީ ޖަހައިދިނީ ޒިޒޯ އާއި އަމްރު އަލް ސޯލިއާ އާއި އުމަރު ކަމާލް އަދި މުހައްމަދު އަބްދުލްމުންނިމެވެ. މޮޅުވި ޕެނަލްޓީ ޖަހައިދިނީ ސަލާހެވެ. ކުއާޓާ ފައިނަލުގައި މިސްރު ވާދަކުރަން ޖެހޭނީ މޮރޮކޯއާ އެވެ.

ގަދަ 16 ޓީމު ވާދަކުރި ބުރުގެ ފަހު މެޗުގައި ރޭ އިކުއެޓޯރިއަލް ގިނީ ވެސް ވަނީ ލަނޑެއް ނުޖެހި އެއްވަރުވެގެން، ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި، މާލީ ބަލިކޮށްފަ އެވެ. ދުނިޔޭގެ ފީފާ ރޭންކިން 114 ވަނައިގައި އޮތް ކުއެޓޯރިއަލް ގިނީ އިން ވަނީ ގުރޫޕް ސްޓޭޖުގައި އެންމެ ފަހުގެ ޗެމްޕިއަން އަލްޖީރިއާ ވެސް ބަލިކޮށްފަ އެވެ.

މެޗުގެ 90 މިނިޓުގެ ކުޅުމާއި އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުން ނިމުނުއިރު ވެސް ދެ ޓީމުން ވެސް ގޯލާ އަމާޒުކޮށް ފޮނުވާލާފައި ވަނީ އެންމެ ހަމަލާއެކެވެ.

ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި އިކުއެޓޯރިއަލް ގިނީ މޮޅުވީ 5-6 އިންނެވެ. ޕެނަލްޓީ ޝޫޓްއައުޓުގައި ބަތަލަކަށްވީ މި އަހަރު ސްޕެނިޝް ލަ ލީގާގަ ފުރަތަމަ މެޗެއް ކުޅުނު އިކުއެޓޯރިއަލް ގިނީގެ ޒުވާން ކީޕަރު ޖީސަސް އޮނޯވޯ، 20، އެވެ. ސްޕެއިންގެ އަލާވޭސް އަށް ކުޅޭ ކީޕަރު އޮނޯވޯ ވަނީ މާލީ އިން ޖެހި އަށް ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ މަތަ ކޮށްފަ އެވެ.

ކުއާޓާ ފައިނަލުން ޖާގަ ހޯދުމަށް ފަހު އިކުއެޓޯރިއަލް ގިނީ ކުޅުންތެރިން އެޓީމުގެ ކީޕަރު އޮނޯވޯ އާއެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

އިކުއެޓޯރިއަލް ގިނީ އިން ފޮނުވާލި ފުރަތަމަ ޕެނަލްޓީ، ކުރިން ލަ ލީގާ އާއި ޕްރިމިއާ ލީގުގައި ވެސް ކުޅުނު އެމިލިއޯ އެންސޫއޭ ލޮޕޭޒް ފޮނުވާލުމުން މާ މަތިން ބޭރަށް ދިޔައިރު، ސްޕެއިންގައި ކުޅޭ ރުބެން ބެލީމާ އާއި ކާލޯސް އަކާޕޯ އަދި ޔަނިކް ބަައިލާގެ ޕެނަލްޓީތައް ވަނީ ކާމިޔާބު ކޮށްފަ އެވެ. ފީފާ ރޭންކިންގައި ގިނީ އަށް ވުރެ 61 ދަރަޖަ ކުރީގައި އޮތް މާލީގެ ފުރަތަމަ ދެ ޕެނަލްޓީ، ތުރުކީގައި ކުޅޭ އެޑަމާ ޓްރައޯރޭ އާއި ސައުތެމްޓަން އަށް ކުޅޭ މޫސާ ޖެނޭޕޯ ކާމިޔާބުކުރިއިރު، ތިންވަނަ ޕެނަލްޓީ ފްރާންސްގެ ލެންސް އަށް ކުޅޭ މަސާއިޑޯ ހައިދަރާ ފޮނުވާލުމުން ކީޕަރު އޮނޯވޯ ދިފާއު ކުރި އެވެ. އެއަށް ފަހު، ރެނެސް އަށް ކުޅޭ ހަމާރީ ޓްރައޯރޭ ޖެހި ޕެނަލްޓީ ދިޔައީ ގޯލު މަތިން ބޭރަށެވެ.

އިކުއެޓޯރިއަލް ގިނީގެ ޕަބްލޯ ގަނެޓް ފޮނުވާލި ފަސްވަނަ ޕެނަލްޓީ މާލީގެ ކީޕަރު އިބްރާހިމް މުންކޯރޯ ދިފާއުކުރުމުން، މާލީގެ ޒުވާން ފޯވާޑް އެލް ބިލާލް ޓޫރޭ ވަނީ އެ ޓީމުގެ ފަސްވަނަ ޕެނަލްޓީ ކާމިޔާބުކޮށް، ޕެނަލްޓީ ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.

އެއަށް ފަހު އިކުއެޓޯރިއަލް ގިނީގެ ސައުލް ކޮކޯ އާއި އިބާން ސަލްވަޑޯ އަދި ސަންޓިއާގޯ އެނެމޭ ޖެހި ޕެނަލްޓީ ކާމިޔާބު ކުރިއިރު، މާލީގެ އަލިއޫ ޑިއެން އާއި މުހައްމަދު ކަމާރާ ފޮނުވާލި ޕެނަލްޓީ ވެސް ކާމިޔާބު ކުރި އެވެ. ނަމަވެސް މާލީގެ ފަހު ޕެނަލްޓީ ފަލަޔޭ ސަކޯ ފޮނުވާލުމުން އޮނޯވޯ ވަނީ ދިފާއުކޮށް އިކުއެޓޯރިއަލް ގިނީ މުބާރާތުގެ ކުއާޓާ ފައިނަލަށް ގެންގޮސްދީފަ އެވެ. ކުއާޓާގައި އިކުއެޓޯރިއަލް ގިނީ ވާދަކުރާނީ އެންމެ ފަހުގެ ރަނަރަޕް ސެނެގާލްއާ ދެކޮޅަށެވެ.

ކުއާޓާ ފައިނަލުގެ ހަތަރު މެޗު އޮންނާނީ އަންނަ ހޯމަ ދުވަހާއި އާދިއްތަ ދުވަހުގެ ރެ އެވެ.

ކުއާޓާ ފައިނަލުގެ މެޗު ޝެޑިއުލް:

- ޖެނުއަރީ 29: (21:00) ގެމްބިއާ – ކެމަރޫން

- ޖެނުއަރީ 30: (00:00) ބުރްކީނާ ފާސޯ – ޓިއުނީޝިއާ

- ޖެނުއަރީ 30: (21:00) މިސްރު – މޮރޮކޯ

- ޖެނުއަރީ 31: (00:00) ސެނެގާލް – އިކުއެޓޯރިއަލް ގިނީ

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454