ކުޅިވަރު

އެފްރިކަން ކަޕް: ފަހަތުން އަރައި އެއްވަރުކޮށް، ޕެނަލްޓީން ކުރިހޯދައި ކެމަރޫން ތިންވަނަ ހޯދައިފި

މުބާރާތުގެ ތިންވަނަ ހޯދި ކެމަރޫން ޓީމު މެޑަލް އާއެކު އުފާފާޅުކުރުމުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ކެމަރޫން (ފެބްރުއަރީ 6) - އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ތިންވަނަ ހޮވި މެޗުގައި ފަހަތުން އަރައި 3-3 އިިން އެއްވަރުކޮށް، ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބު ކޮށްގެން މުބާރާތުގެ ތިންވަނަ ކެމަރޫން ހޯދައިފި އެވެ.

އަމިއްލަ ގައުމުގައި ކުރިޔަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލުން ކެމަރޫން އަށް ޖާގަ ނުލިބުނީ ސެމީ ފައިނަލުގައި މިސްރު އަތުން ޕެނަލްޓީ ޖަހައިގެން ބަލިވުމުންނެވެ. ނަމަވެސް ކެމަރޫން އިން ވަނީ ރޭ ޖެހި ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކޮށް 5-3 އިން ޕެނަލްޓީ ޝޫޓްއައުޓުގައި ކުރި ހޯދައިފަ އެވެ.

ކެމަރޫން އިން މެޗުގައި ޖެހި ތިން ލަނޑު ވެސް ޖެހީ ބުރްކީނާ ފާސޯ އިން ތިން ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށެވެ. ބުރްކީނާ ފާސޯގެ ފުރަތަމަ ލަނޑު 24 ވަނަ މިނިޓުގައި ސްޓީވް ޔާގޯ ޖެހިއިރު، ދެވަނަ ލަނޑަކީ ފުރަތަމަ ހާފް ނިމެނިކޮށް ކެމަރޫންގެ ކީޕަރު އަންޑްރޭ އޮނާނާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި ތިންވަނަ ލަނޑު ޖެހީ ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނިޓުގައި ޖިބްރީލް އައުޓާރާ އެވެ.

އަބޫބަކާ ރޭގެ މެޗުގައި ލަނޑެއް ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ކެމަރޫން އިން ފުރަތަމަ ލަނޑު ޖެހީ 71 ވަނަ މިނިޓުގަ އެވެ. އެޓީމުން ނެގި ކޯނަރެއް ބުރްކީނާ ފާސޯ ޑިފެންޑަރުންނަށް ރަނގަޅަށް ކްލިއާކޮށް ނުލެވުމުގެ ފައިދާ ނަގައި މި ލަނޑު ޖަހައިދިނީ ސްޓެފަނީ ބަހޯކެން އެވެ.

ކެމަރޫން އިން އެއްވަރުކުރީ ފަހު ވަގުތު ގާތް ގާތުގައި ކެޕްޓަން ވިސެންޓޭ އަބޫބަކާ ޖެހި ދެ ލަނޑުންނެވެ. އޭނާގެ ފުރަތަމަ ލަނޑު، ކޯނަރަކުން ހުރަސްވި ބޯޅައެއް ބޮލުން ޖަހައި 85 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިންއިރު، ބުރްކީނާ ފާސޯގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ނަތީޖާ އެއްވަރުކުރި ލަނޑު ޖެހީ 87 ވަނަ މިނިޓުގަ އެވެ.

މިއީ އޭނާ މި މުބާރާތުގައި ޖެހި އަށްވަނަ ލަނޑެވެ. އޭރިއާ ތެރެއަށް މަތިން އައި ބޯޅަ އަބޫބަކާ ހޯދުމުގެ ކުރިން ބުރްކީނާ ފާސޯގެ ކީޕަރު އެ ބޯޅަ ހޯދަން ފުންމައިގެން އެރި ވަގުތު އޮފްބެލެންސް ވެގެން ބޯޅަ ނުލިބި ވެއްޓުމުން، އަބޫބަކާ ވަނީ ބޯޅަ ހޯދައި ޑިފެންޑަރުންނަށް އެއްވެސް ފުރުސަތެއް ނުދީ ގޯލު ތެރަށް ފޮނުވާލައިފަ އެވެ. ވެއްޓިފައި އޮތް ކީޕަރަށް ވަނީ، ދަނޑުމަތީގައި ފަރުވާ ދިނުމަށް ފަހު ބަދަލު ކީޕަރު ކުޅެން އަރުވައިފަ އެވެ.

ކެމަރޫން އަށް ލޯމެޑަލް ހަވާލުކުރި ރަސްމިއްޔާތުގައި އަބޫބަކާ އާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއެކު.-- ފޮޓޯ: އޭއެފްޕީ

އަބޫބަކާ ވަނީ އެފްރިކަން ކަޕުގެ ތާރީހުގައި މިހާތަނަށް ނުވަ ގޯލު ޖަހައިފަ އެވެ. އޭނާގެ ފުރަތަމަ ލަނޑަކީ 2017 ވަނަ އަހަރުގެ ފައިނަލުގައި މިސްރާ ވާދަކޮށް ކެމަރޫން މޮޅުވި މެޗުގައި ޖެހި ލަނޑެވެ. އެ މެޗުގައި އޭނާ ކުޅެން ނުކުތީ ދެވަނަ ހާފަށް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

މެޗު އެއްވަރު ވުމުން އިތުރު ވަގުތުގެ ދެ ހާފު ނުކުޅެ، ނަތީޖާ ނެރުނީ ސީދާ ޕެނަލްޓީ ޖަހައިގެންނެވެ. ފުރަތަމަ ޕެނަލްޓީ ޖެހީ ވެސް ކުރިން ޕޯޓޯ އާއި ބެސިކްތާސް އަށް ކުޅުނު ކެމަރޫންގެ ކެޕްޓަން އަބޫބަކާ އެވެ. އޭގެ ފަހުން މޫމީ އެންގަމާލޭ އާއި ކާލް ޓޯކޯ އެކަމްބީ އަދި ޕިއޭރޭ ކޫންޑޭ އާއި އެމްބްރޯސޭ އޮޔޮންގޯގެ ޕެނަލްޓީ ވެސް ކާމިޔާބު ކުރި އެވެ. ބުރްކީނާ ފާސޯ އަށް ނާކާމިޔާބުވީ ތިންވަނައަށް ޖެހި ޕެނަލްޓީ އެވެ. ބްލާޓީ ޓޫރޭ ޖެހި ޕެނަލްޓީ ކީޕަރު އޮނާނާ ދިފާއުކުރީ އެވެ.

މެޗަށް ފަހު އަބޫބަކާ، ކެމަރޫންގެ ކުރީގެ ތަރި އަދި މިހާރު އެގައުމުގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ސެމުއެލް އެޓޫއާ އެކު.-- ފޮޓޯ: އޭއެފްޕީ

އެފްރިކަން ކަޕުގެ އެންމެ ކާމިޔާބު ޓީމު މިސްރާއި ސެނެގާލާ ބައްދަލުކުރާ ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަސްތަރި

06 February 2022

އަބޫބަކާ އެއް ނޫން ދޮއްތޯ.. އަބޫބަކުރު.. އިސްލާމް ނަމެއްވެސްމެ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454