ރިޕޯޓް

ދަރިފުޅަށްޓަކައި އުފަންވި "ބިއުޓިފުލް އައިސް"

"ޑޮކްޓަރު އެހެން ބުނިއިރު އެއްވެސް ގޮތަކަށް ރެޑީއެއް ނޫން. ޑައުންސިންޑްރަމް ނުވެސް އިނގޭ އެއްވެސް ވަރަކަށް. އެ ތިން ހަފްތާގެ ތެރޭގައި އެއްކޮށް ކިޔެވީ، ހުރިހާ ޑީޓެއިލްއެއް."

ނީލްގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ޕާޓީގައި، އަންސާމާއި އަންހެނުން އަދި ދޮށީ ދަރިފުޅު ބައިވެރިވަނީ.

މީހުންގެ ކުރިމައްޗަށް ނުކުމެ، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ލީޑަރެއްގެ ގޮތުގައި މަސައްކަތްކުރަން ޖެހިދާނެ ކަމަކަށް އަހުމަދު އަންސާމް އެއްގޮތަކަށް ވެސް ހިއެއް ނުކުރެ އެވެ. އެކަމަކު، ހަގަށް ހުރި 10 އަހަރުގެ އާދަމް ނީލްއާއެކު އެ ކުޑަކުޑަ އާއިލާގެ ދިރިއުޅުން އެއްކޮށް ބަދަލުވެގެން ދިޔައީ އެވެ.

ޑައުންސިންޑްރޯމް ކުއްޖެއްކަން އެނގުނީ ނީލް އަށް ފަސް މަސް ފަހުގަ އެވެ. އޭރު އެ މީހުން ތިބީ މި ފަދަ ކަމަކަށް ތައްޔާރުވެގެން ނޫނެވެ.

"ހަމަ އަޕްސައިޑް ޑައުން. ކުރިން ޕަބްލިކަށް ވާހަކަދައްކާ މީހެއް ވެސް ނޫން މިއީ. އެކަމަކު ޖަމިއްޔާ އުފެއްދި ފަހުން ޓީވީ ޕްރޮގްރާމްތަކާއި ލައިވް ޕްރޮގްރާމްތަކަށް އަރާފައި ވެސް ހުންނާނެ. އެއީ ކުރިން ބޭނުންވި ކަންކަމެއް ނޫން. މީހާ އެއްކޮށް ބަދަލުވީ،" އަންސާމް ބުންޏެވެ.

މާބަނޑު ދުވަސްވަރު ހަދާ ޓެސްޓުތަކާއި ސްކޭންތަކުން ޑައުންސިންޑްރޯމް ކުއްޖެއް ނަމަ އެކަމަށް ޝައްކުވެ އެވެ. ޔަގީން ވާނީ ވިހެއުމުންނެވެ. ނީލް ވިހޭއިރު ވެސް ބަރުދަން ލުއިކޮށް ހުއްޓަސް، އިތުރު ފީޗާއެއް ފާހަގަވާން ނެތުމުން އެކަމެއް ނޭނގުނެވެ.

އަންސަމް ބުނީ ކަނދުރާ ހަރުނުލައި ލަސްވަމުންދާތީ ނީލް އެންމެ ފުރަތަމަ ދެއްކީ ފަސް މަހުގައި ކުޑަކުދިންގެ ޑޮކްޓަރު، ޑރ. އަބްދުﷲ ނިޔާފަށް ކަމަށެވެ. ފެންނަން ހުރި އަލާމަތްތަކަށް ބަލައި ޑޮކްޓަރު ވަނީ ޑައުންސިންޑްރޯމް ކަމަށް ޝައްކުކޮށްފަ އެވެ. ނަމަވެސް އެކަން ޔަގީންވީ އައިޖީއެމްއެޗުން އިންޑިއާ އަށް ފޮނުވައިގެން ހެދި ޓެސްޓުތަކުންނެވެ.

ސާމްޕަލް ފޮނުވައިގެން ނަތީޖާ ލިބުމާ ހަމައަށް ހޭދަވި ގާތްގަނޑަކަށް ތިން ހަފްތާގެ ތެރޭގައި އަންސަމް އާއި އޭނާގެ އަންހެނުން ވަނީ ޑައުންސިންޑަރޯމްއާ ބެހޭ ހުރިހާ ކަމެއް ދަސްކޮށްފަ އެވެ.

"ޑޮކްޓަރަށް ދެއްކި އިރު ވެސް ޝައްކުވި ޑައުންސިންޑްރަމް އަށް. އޭރު ޖެހުނީ ލޭ ވަކި ވަރަކަށް ނަގައިގެން ޓެސްޓެއް ހަދަން. އައިޖީއެމްއެޗުން ސާމްޕަލް ނަގާފައި އިންޑިއާ އަށް ފޮނުވީ. އެ ނަތީޖާ ލިބެން ތިން ހަފްތާ ވާނެ. އެ މުއްދަތުގެ ތެރޭގައި އަހަރެމެން ވެސް ތައްޔާރުވިން،" އިންޓީރިއާ ޑިޒައިންގެ މަސައްކަތް ކުރަމުން އަންނަ އަންސަމް ބުންޏެވެ.

"ޑޮކްޓަރު އެހެން ބުނިއިރު އެއްވެސް ގޮތަކަށް ރެޑީއެއް ނޫން. ޑައުންސިންޑްރަމް ނުވެސް އިނގޭ އެއްވެސް ވަރަކަށް. އެ ތިން ހަފްތާގެ ތެރޭގައި އެއްކޮށް ކިޔެވީ، ހުރިހާ ޑީޓެއިލްއެއް."

ޑައުންސިންޑްރޯމް ކުއްޖެއްކަން ޔަގީންވުމާއެކު އަންސަން ނިންމީ އޭރު އަށް އަހަރަށް ހުރި ލީން އާއި އަންހެނުންނާ އެކު ނީލް އަށް ފަރުވާ ދިނުމަށް ބެންގަލޫރަށް ފޮނުވާލާށެވެ. ރާއްޖޭގައި އޭރު އެ ކުދިންނަށް އެކަށީގެންވާ ގޮތެއްގައި ތެރަޕީއެއް ނުލިބެ އެވެ. ސްކޫލް ސިސްޓަމް ވެސް 2012 ވަނަ އަހަރު އޮތީ އެ ކުދިންނަށް މަރުހަބާ ކިޔަން މާ ބޮޑަށް ތައްޔާރުވެގެން ނޫނެވެ.

އެ ދަތިތަކާ އެކު، ޑައުންސިންޑްރޯމް ކުދިންނަށް ހައްގު ހޯދައިދިނުމަށް އިސްނެގީ އަންސާމެވެ.

އެހެން މީހުންނާ ގާތް ގުޅުމެއް ބާއްވާ އަދި ކާރަށް ހާއްސަ ލޯތްބެއް އޮންނަ ނީލް ކިޔަވަނީ އަމީނިއްޔާ ސްކޫލްގެ ގްރޭޑު ތިނެއްގަ އެވެ. އަންސާމް ހުރީ ހުރިހާ ކުދިން ބައިވެރިކޮށްގެން ކިޔަވައިދެމުން އަންނަ ސްކޫލް ނިޒާމާ މެދު ހިތްހަމަޖެހިގެންނެވެ.

ނީލްގެ މަންމަ އާއި ބައްޕަ އަދި ދައްތަ.

ނީލް އަށް މިހާރު އަންނަނީ ހަފްތާއަކު އެއް ދުވަހު އޭޑީކޭއިން ސްޕީޗް ތެރަޕީ ދެމުންނެވެ. ދިގު ޖުމްލަތައް ރަނގަޅަށް ކިޔަން ނޭނގުނަސް ތެރަޕީގެ ސަބަބުން ބަދަލުތަކެއް އައިސްފައިވެ އެވެ.

"ބިއުޓިފުލް އައި"؛ ހާލަތަށް ލުއެއް ހޯދައިދީފި

ގާތްކޮށް އުޅުނު ރައްޓެހިން އެދިގެން އަންސާމް ނިންމީ މާލޭގައި މަޑުކޮށް، ތަމްރީނު ލިބިފައި ތިބި މީހުން ބޭރުން ގެނެސްގެން ފަރުވާ ދެވޭނެ ގޮތެއް ހޯދާށެވެ. އެއަށްފަހު، ޑައުންސިންޑްރަމް ކުދިންގެ ބެލެނިވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި މަޝްވަރާތަކެއް ކުރުމަށްފަހު ނިންމީ ޖަމިއްޔާއެއް އުފައްދާށެވެ.

"ބިއުޓިފުލް އައި" ގެ ނަމުގައި އެ ޖަމިއްޔާ ވުޖޫދުވީ ނޮވެމްބަރު، 2012 ގަ އެވެ. އޭގެ އަހަރެއްގެ ތެރޭގައި އެ ކުދިންނަށް ހާއްސަ ސެންޓަރެއް ހުޅުވި އެވެ. އަދި އެ ކުދިންނަށް ތެރަޕީ ދިނުމަށް ހަތަރު ޓީޗަރަކު ތަމްރީނުކުރަން ސްރީލަންކާ އަށް ފޮނުވި އެވެ.

އަންސާމް ބުނީ ތެރަޕީ ފެށިއިރު ދުވާލަކު 25 ކުދިން އެ ސެންޓަރުން ފަރުވާ ނެގި ކަމަށެވެ. ނަމަވެސް މާލީގޮތުން ކުރިމަތިވި ގޮންޖެހުންތަކާ އެކު ބިއުޓިފުލް އައި ސެންޓަރު ހިންގުނީ ތިން އަހަރު ވަންދެންނެވެ.

ޑައުންސިންޑްރޯމް އަށް ބެލެނިވެރިން ހޭލުންތެރިކަން ބޭއްވި ޓްރެއިނިން ޕްރޮގްރާމް.

"މި ވީ މުއްދަތުގެ ތެރޭގައި ވެސް ޑައުންސިންޑްރޯމް ކުދިންނަށް ސްކޫލް މާހައުލުން އެކަށީގެންވާ ތައުލީމެއް ފޯރުކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީ އާއި ކަމާބެހޭ ފަރާތްތަކާއެކު މަސައްކަތްކުރިން،" ޑިސްއެބިލިޓީ އެމްބެސެޑަރުކަން 2019 އަދި 2020 އަހަރު އަދާކުރި އަންސަމް ބުންޏެވެ.

އެ ސެންޓަރު ހުއްޓާލިއިރު، ސްކޫލްތަކުގައި މަޑުމަޑުން ތެރަޕީތައް ފަށާފައިވުމަކީ ލިބޭ ހިތްހަމަޖެހުމެކެވެ.

"މިހާރު އެޑިއުކޭޝަން ސިސްޓަމް ފުދޭވަރަކަށް ރަނގަޅު އޭރާ ބަލާފައި. ސްކޫލްތަކުގައި އެއްކަމެއް ކުރަނީ މިހާރު. މިހާރު މުހިއްމެއް ނޫން ވަކިން އެ ކުދިންނަށް ތަނެއް ހިންގުމެއް،" އަންސާމް ބުންޏެވެ.

މުޅިން ނޯމަލް ދިރިއުޅުމެއް ނުލިބުނަސް އަންސާމް އަދި އެ އާއިލާއިން މަސައްކަތްކުރަނީ ނީލް އަށް ރަނގަޅު އަދި އުފާވެރި ހަޔާތެއް ފޯރުކޮށްދެވޭތޯ އެވެ.

1 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 3%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 91%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަމީދު 1

23 March 2022

އަލްހަމްދު ﷲ. ތިޔަ ކުރައްވާ މަސައްކަތުގައި ﷲ ބަރަކާތް ލައްވާށިއެވެ. ތިޔަ އާއިލާއާއި އެފަދަ ކުދިން ބަލަމުންގެންދަވާ ޢާއިލާތަކަށް ކެތްތެރިކަން ދެއްވާށި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454