ކުޅިވަރު / އިންޑިއަން ޕްރިމިއާ ލީގު

އައިޕީއެލް 2022: ޗެމްޕިއަން ސީއެސްކޭ ފުރަތަމަ ތިން މެޗުން ވެސް ބަލިވެއްޖެ

ޕަންޖާބުން ވިކެޓެއް ނަގައި އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މުމްބާއީ (އޭޕްރީލް 3) - އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ކްރިކެޓް މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޗެންނާއީ ސުޕަ ކިންގްސް (ސީއެސްކޭ) މި އަހަރު ކުޅުނު ފުރަތަމަ ތިން މެޗުން ވެސް ބަލިވެއްޖެ އެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު ފެށި މި އަހަރުގެ އައިޕީއެލް ސީޒަން ހުޅުވަން ކޮލްކަތާ ނައިޓް ރައިޑާސްއާ ދެކޮޅަށް ކުޅުނު މެޗުން ހަ ވިކެޓުން ބަލިވިއިރު، މިއަހަރަށް އަލަށް އުފެއްދި ފްރެންޗައިޒް ޓީމު ލަކްނޯ ސުޕަ ޖަޔަންޓްސް އަތުން ވެސް ބަލިވީ ހަ ވިކެޓުންނެވެ.

މިރޭ ކުޅުނު ސީއެސްކޭގެ ތިންވަނަ މެޗުން އެޓީމު ބަލިވީ ޕަންޖާބް ކިންގްސް އަތުން 54 ލަނޑުންނެވެ. ސީއެސްކޭ އަށް ޓޮސް ދިމާވުމުން ނިންމީ އުކާށެވެ. ޕަންޖާބުން ވަނީ ފުރަތަމަ އިނިންސްގައި ކުޅެން އަރައި 20 އޯވަރުން އަށް ކުޅުންތެރިން ނުބައި ވެގެން 180 ލަނޑު ހަދައިފަ އެވެ.

ސީއެސްކޭގެ މުކޭޝް ޗޯދަރީ އުކި ފުރަތަމަ ބޯޅަ ޕަންޖާބުގެ ކެޕްޓަން މަޔަންކް އަގަރްވާލް ހަތަކަށް ޖެހި ނަމަވެސް ދެވަނައަށް އުކި ބޯޅައިން އޭނާ ވަނީ ނުބައިވެފަ އެވެ. ޕަންޖާބުން އެންމެ ރަނގަޅަށް ކުޅުނީ އެޓީމުގެ އޯޕަނިން ދެ ބެޓްސްމަނުން ނުބައިވެގެން ކުޅެން އެރި އިނގިރޭސި އޯލްރައުންޑަރު ލިއަމް ލިވިންސްޓަން އެވެ. އޭނާ ވަނީ 32 ބޯޅައިން 60 ލަނޑު ހަދައިފަ އެވެ. އަދި އޭނާ ވަނީ ފަސް ބޯޅަ ހަތަރަކަށް ޖަހައި، ފަސް ބޯޅަ ހަޔަކަށް ވެސް ޖަހައިފަ އެވެ. އޭނާ ނުބައިވީ 10 ވަނަ އޯވަރުގަ އެވެ. ސީއެސްކޭގެ ކެޕްޓަން ރަވިންދްރަ ޖަޑޭޖާ އުކި ބޯޅަ އޭނާ ޖެހުމުން ހިފީ އަމްބާނީ ރަޔުޑޫ އެވެ.

މުކޭޝް އަމްބާނީ، ޕަންޖާބުގެ ކެޕްޓަން ނުބައިކުރި ބޯޅަ އުކަނީ.-- ފޮޓޯ: އައިޕީއެލް

ޖަވާބުގައި ކުޅެން އަރައި ސީއެސްކޭ އަށް 18 އޯވަރުން ހުރިހާ ކުޅުންތެރިން ނުބައި ވެގެން ހެދުނީ 126 ލަނޑެވެ. އަށްވަނަ އޯވަރު ނިމެން ވާއިރަށް ސީއެސްކޭގެ ފަސް ކުޅުންތެރިން ވަނީ ނުބައިވެފަ އެވެ. ފަސްވަނައަށް ނުބައިވި ރަޔުޑޫ އަށް ފަހު ކުޅެން އެރީ ކުރީގެ ކެޕްޓަން މަހިންދްރަ ސިންގް ދޯނީ އެވެ. ދޯނީއާ އެކު ޝިވަމް ޑުބޭއާ އެކު ވަނީ ރަނގަޅު ޕާޓްނާޝިޕެއް ހަދައި، ސްކޯ މަތި ކޮށްފަ އެވެ. ނަމަވެސް 15 ވަނަ އޯވަރުގައި ޝިވަމް ނުބައިވީ 30 ބޯޅައިން 57 ލަނޑު ހަދާފައި ވަނިކޮށެވެ.

ދޯނީ ނުބައިވީ 18 ވަނަ އޯވަރުގެ ފުރަތަމަ ބޯޅައިންނެވެ. އޭނާ ވަނީ 28 ބޯޅައިން 23 ލަނޑު ހަދައިފަ އެވެ. ދޯނީގެ ވިކެޓަކީ ސީއެސްކޭގެ ނުވަވަނަ ވިކެޓެވެ. ދިހަވަނަ ވިކެޓު ދިޔައީ 18 ވަނަ އޯވަރުގެ ފަހު ބޯޅައިގަ އެވެ. ސީއެސްކޭގެ މޮއީން އަލީ އާއި ޑްވޭން ބްރާވޯ އަދި ކެޕްޓަން ޖަޑޭޖާ ވެސް ނުބައިވީ އެންމެ ލަނޑެއް ވެސް ނުހެދި އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕަންޖާބަށް އެންމެ ރަނގަޅަށް ސްކޯ ކުރި ލިވިންސްޓަން އެވެ. އޭނާ ވަނީ މެޗުގައި ދެ ވިކެޓު ވެސް ނަގައިފަ އެވެ. ޝިވަމް އާއި ބްރާވޯގެ ވިކެޓު ނެގީ އޭނާ އެވެ. އަދި ސީއެސްކޭގެ ފަހު ވިކެޓު ނަގަން، ކްރިސް ޖޯޑަން ޖެހި ބޯޅަ ހިފީ ވެސް އޭނާ އެވެ.

މީގެ ކުރިން އަށް ޓީމު ވާދަކުރި އައިޕީއެލްގައި މި ސީޒަނުން ފެށިގެން 10 ޓީމު ވާދަކުރާނެ އެވެ. ލަކްނޯ ސުޕަ ޖަޔަންޓްސްގެ އިތުރުން މި އަހަރަށް އުފެއްދި އާ ފްރެންޗައިޒް ކުލަބަކީ ގުޖުރާތު ޓައިޓަންސް އެވެ. އައިޕީއެލްގެ ޕޮއިންޓް ޓޭބަލްގެ އެއްވަނައިގައި މި ވަގުތު އޮތީ ކުޅުނު ދެ މެޗު ވެސް ކާމިޔާބުކުރި ރާޖެސްތާން ރޯޔަލްސް އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 50%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454