އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުން ރަޝިއާ ސަސްޕެންޑްކުރުމާ މެދު ގޮތެއް ނިންމަން ބޭއްވި ބައްދަލުވުން--
08 އެޕްރީލް 2022 - 15:13
ރަޝިއާގެ ސިފައިން ޔުކްރެއިނަށް އަރައި ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ރަޝިއާ ސަސްޕެންޑްކުރަން ނެގި ވޯޓުގައި ރާއްޖޭން މިފަހަރު ވަކި ކޮޅަކަށް ވޯޓެއް ނުދިނެވެ.
ނަމަވެސް ޔުކްރެއިނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް ރަޝިއާގެ ސިފައިން ވަގުތުން ފޭބުމަށް ގޮވާލައި އދ. ގެ އާންމު މަޖިލީހުގައި މިދިޔަ މަހު ނެގި ވޯޓުގައި ރަޝިއާއާ ދެކޮޅަށް ރާއްޖޭން ވޯޓު ދިނެވެ.
އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުން ރަޝިއާ ސަސްޕެންޑްކުރުމަށް 193 ގައުމުގެ ތެރެއިން 93 ގައުމަކުން ތާއީދުކުރިއިރު 58 ގައުމަކުން މި ވޯޓުގައި ވަކި ކޮޅަކަށް ވޯޓެއް ނުދެ އެވެ. ރާއްޖެ ހިމެނޭ ގޮތަށް މި ސަރަހައްދުގެ އެހެން ގައުމުތައް ހިމެނެނީ މި ލިސްޓުގަ އެވެ. ވޯޓުގައި ބައިވެރިނުވާ 18 ގައުމެއް އޮތެވެ.
ހިއުމަން ރައިޓްސް ކައުންސިލުން ރަޝިއާ ސަސްޕެންޑްކުރުމަށް ފާސްކުރަން ނިންމި ނިންމުމާ އެކު ރަޝިއާގެ އދ. ގެ ޑެޕިއުޓީ އެމްބެސަޑަރު ޖެނަންޑީ ކުޒްމިން ވިދާޅުވީ އެއީ ގަވާއިދުތަކާ ހިލާފު އަދި ސިޔާސީ މަންފާއަކަށް ފާސްކުރި ނިންމުމެއް ކަމަށެވެ.
ވޯޓަށް ފަހު އޭނާ ވިދާޅުވީ ރަޝިއާ އޮތީ އެ ކައުންސިލުން ވަކިވާން އަމިއްލައަށް ނިންމައިގެން ކަމަށެވެ.
އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުން ރަޝިއާ ސަސްޕެންޑްކުރަން ނެގި ވޯޓުގައި ގައުމުތަކުން ވޯޓު ދިން ގޮތް--
ރަޝިއާއާ ދެކޮޅަށް ބޮޑެތި ބައެއް ގައުމުތަކުން ވޯޓު ދިނަސް ޗައިނާއިން ވަނީ އެގައުމު ސަސްޕެންޑް ކުރަން ނުފެންނަ ކަމަށް ވޯޓު ދީފަ އެވެ.
ވޯޓުގެ ކުރިން، ޗައިނާ އިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު ޒަންގް ޖުން ވަނީ އާންމު މަޖިލީހުން މާ އަވަސް އަރުވާލައިގެން ގޮތް ނިންމަން އުޅޭތީ ގައުމުތަކަށް ވަކި ކޮޅެއް ނަގަން މަޖުބޫރުވާ ކަމަށް ވިދަޅުވެ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭނާ ސިފަ ކުރެއްވި ގޮތުގައި އެކަމަކީ "އަނދައަނދައި ހުރި އަލިފާނަށް ތެޔޮ އެޅުން" ފަދަ ކަމެކެވެ.
އދ. ގެ ހިއުމަން ރައިޓްސް ކައުންސިލަށް ތިން އަހަރުގެ މުއްދަތަކަށް ރަޝިއާ އިންތިހާބުކޮށްފައި އޮއްވައި މި ސަސްޕެންޑްކުރީ ދެވަނަ އަހަރުގަ އެވެ. އާންމު މަޖިލީހުން ނިންމައިގެން ރަޝިއާގެ ސަސްޕެންޝަން ފަހުން އުވާލެވެން އޮތް ނަމަވެސް ރަޝިއާ އިން އަމިއްލައަށް ކައުންސިލުން ވަކިވާން ނިންމުމުން ދެން އެގޮތަށް އަމަލެއް ނުކުރާނެ އެވެ.
ހިއުމަން ރައިޓްސް ކައުންސިލުން މީގެ ކުރިން ވެސް އެކި މައްސަލަތަކުގައި ގައުމުތައް ސަސްޕެންޑްކުރަން ނިންމުމުން އަމިއްލައަށް ވަކިވެފައިވެ އެވެ. އެމެރިކާ ވަނީ 2018 ވަނަ އަހަރު އިޒްރޭލާ އެއްކޮޅަށް އޮތްކަން ދެއްކުމުގެ ގޮތުން ކައުންސިލުން ވަކިވެފަ އެވެ.
އެ ކައުންސިލަކީ ގާނޫނީ ނިންމުންތައް ނިންމޭ ކައުންސިލަކަށް ނުވިޔަސް މިއީ ސިޔާސީ ގޮތުން މުހިއްމު މެސެޖްތަކެއް ދޭ ކައުންސިލެކެވެ. އަދި ތަހުގީގުތައް ހިންގުމުގެ ބާރު ވެސް ލިބިފައިވާ މި ކައުންސިލުން ވަނީ ޔުކްރެއިންގެ ހައްގުތައް ނިގުޅައިގަތުމުގެ ތުހުމަތުކުރާތީ އެ މައްސަލަ ތަހުގީގުކުރަން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް
09 April 2022
މި ސަރުކާރަކީ ހަނގުރާމައިގެ މުޖުރިމުންގެ ރަށްޓެހިން. ތަހުޒީބުވެފައިވާ ހުޅަނގުގެ އަދުއްވުން. ހުޅަނގުގެ އެންބެސީ ތަކުން މިކަން ފާހަގަ ކޮށްދެއްވުން އެދެން.
އަބްޑޫޅް
09 April 2022
މި ބައިގަނޑު އަބަދު ވޯޓު ދެނީ އިޒުރޭލާ ދެކޮޅަށް. އެއީ މެދުއިރުމަތީގަ އޮތް، ހަމަ އެކަނި ދިމިގަރާތީ. މި ފަހަރު މި ވޯޓު ދިނީ އިންޑިޔާގެ އަމުރަށްކަން ޔަގީން. މި އެންޑީޕީ ބައިގަނޑަކީ ހުޅަނގާ މުޅިން ދެކޮޅު ބައިގަނޑެއް.
ހާމިދު ޝާހިދު
09 April 2022
ކުރީ ވޯޓުގައި ރަޝިއާއާ ދެކޮޅަށް ވޯޓު ދެވުނީ އޮޅުމަކުން، އިންޑިއާއިންވެސް ދެކޮޅަށް ދޭނެކަމަށް ހީކޮށް. އެހެނީ އެމެރިކާގެ މިސަރަހައްދުގެ ޕްރޮކްސީގެ ރޯލު ކުޅޭ ބަޔަކީ އިންޑިއާ ކަމަށްވާތީ. ފަހުން އިނގުނީ މިކުރެވުނީ ގޯސް ކަމެއްކަން. ރަޝިއާއިން ގިއްކިޔާފައި ފަތުރުވެރިން އައިސް އައިސް ތިއްބާ އެކަން ކުރެވުމުން، ޓޫރިޒަމް އިންޑަސްޓްރީ ބޮޑުން ސަރުކާރައް ގިއްކިޔާފައި ފާޑު ކިޔަން ފެށުމުން، ގޮތް ހުސްވެގެން މިފަހަރު ވަކިކޮޅަކަށް ނުދިނީ ތި! ލަނޑު ލިބޭ ސަރުކާރު!
އޭޝިއާ ބޮޑު މަންޒަރު
09 April 2022
ބޮޑެތި ގައުމުތަކުގެ މެދަށް ވަނުމުގެ ބޭނުމެއް ނެތް. މީ ނިއު ވޯލްޑް އޯޑާރ އެއްގެ ފެށުން. އޭޝިއާ އިންފްރާސްޓްރަކްޗަރ ބޭންކް އައިއެމްއެފް އާއި ދެކޮޅަށް. ސިވިފްޓް ކޯޑާއި ދެކޮޅަށް ޗައިނާގެ ސިޕްސް ޕޭމަންޓް ސިސްޓަމް. ޗައިނާ ކޮމްޕިއުޓަރ ޗިޕް ކޮންޓްރޯލް ނެގުން. އިންޑިއާ ރޫޕޭ ވިސާ މާސްޓާ ކާޑާއި ދެކޮޅަށް. 2019 އޮކްޓޯބަރ ވޫހާން މިލިޓަރީ ގޭމްސް ތެރެއިން ކޮވިޑް 19 ފަތުރާލުން. މިހާރު މިދަނީ ޔޫކްރެއިން ހަނގުރާމަ ފަށާ ބަދަލަށް ރަން ބޭނުންކޮށް ޔޫއެސްޑީ ވައްޓާލުން.
ސަދަން
09 April 2022
ޝުކުރިއްޔާ ރައީސް ސޯލިހް. ވަރަށް ބޮޑަށް ޝުކުރިއްޔާ
ޢަޙުމަދު.
09 April 2022
. ޢެއްދުވަސް ވަރެއްގަ އދ ގައި ރަސިޔާގެ ފަރާތުން ހުންނަވާ އެމްބިސޮޑަރު ކުރޮސްޗޮޕް ބުނެއޭ އދ.އަކީ އެއްވެސް ކަމެއް ވާތަނެއް ނޫނޭ. ޢެންމެކުޅުޖަހާ ފީކުދާނެކޭ. ޢެކަން ވަރަށް ސާފުކޮށް މިއަދާހަމަ އަށްވެސް އެއޮތީ ފެންނަން. ބާރުގަދަ ގަޢުމުތަކުން ޚާއްސަކޮށް އެމެރިކާ އަޑީގަޔާ މަތީގަޔާ އޮވެގެން މުޅި އަރަބި ގައުތަށް ތަޅާ ސުއްނާފަތި ކުރިއިރުވެސް ތި އދ ހަމަ އޮވޭ ވީއެއްކަމެއްނެއް. ކޮންމެ ރޭވުމެއްގަ އޮންނާނީ ހަތިޔާރު ތަކެއް ސިއްރުން ބަޔަކަށް ވިއްކާލުން.
ލޮލީބޮލީ
08 April 2022
އެއްވެސް ގައުމަކާ މިރާއްޖެއާ ގުޅުން ގޯސްވެގެން ނުވާނެ ވަކިކޮޅަކަށް ނުޖެހި މިރާއްޖެ އޮންނަންވާނީ މިނިވަންކަންމަތީ. ކުރިޔަށް ދިވެހިގައުމު
ހަސަންފުޅުބެ
08 April 2022
އަލިފުދާލަކީ ގިނައިން ލާރިދޭމީހާ ބޭނުންކުޅިއެއްކުޅޭތަނެއް. މެދުއިރުމަތީގެ ގައުމުތައް އެމެރިކާ އަދި ހުޅަގު އެކުވެގެން ހަލާކުކޮށް މީހުން ކަތިލިއިރު ވޯޓެއްބަޔަކު ނުވެސް ނަގާ. އިޒުރޭލުން ފަލަސްތީނު ހަލާކު ކުރާއިރު ކަމެއްބޮޑެއްނުވޭ.
ބަކުރު
08 April 2022
އިންޑިއާއިން ވޯޓު ދޭގޮތަކަށް މިސަރުކާރަށް ވޯޓުދެވޭނީ.މީ ބެނދެވޮފައިވާ ސަރުކާރެއް
އަލީ
08 April 2022
ގަތުލުއާއްމު ފޮރުވަދިނުމަކީ ވަރަށް ނުބާކަމެއް.އަހަރެން ތިވޯޓުން ބަރީއަވާން.