ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބު ކުރެވުމާ އެކު އޮސްޓްރޭލިއާގެ ކީޕަރު އެންޑްރޫ ރެޑްމޭން އުފާފާޅުކުރަނީ: އޭނާ ކުޅެން ނުކުތީ ޕެނަލްޓީ ޝޫޓްއައުޓަށް ހާއްސަކޮށް .-- ފޮޓޯ: ރޮއިޓަސް
14 ޖޫން 2022 - 11:12
އަލް ރައްޔާން، ގަތަރު (ޖޫން 13) - ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ އިންޓަ ކޮންޓިނެންޓަލް ޕްލޭއޮފްގެ ޕެނަލްޓީ ޝޫޓް އައުޓަށް ބަދަލު ކީޕަރު އެންޑްރޫ ރެޑްމޭން ކުޅެން ނުކުމެ އޮސްޓްރޭލިއާ ވޯލްޑް ކަޕަށް ކޮލިފައިކޮށް ދީފި އެވެ.
ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުނު މެޗުގައި، އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން ވެސް ނަތީޖާ އަށް ބަދަލެއް ނައެވެ. އިތުރު ވަގިުތުގެ އެންމެ ފަހު މނެޓްގައި އޮސްޓްރޭލިއާ އިން ވަނީ ޕްރިމިއާ ލީގުގެ ބްރައިޓަން އަށް ކުޅުނު ތަޖުރިބާކާރު ގޯލްކީޕަރު މެތިއު ރަޔަން ބޭލުމަށް ފަހު، އޭނާގެ ބަދަލުގައި ރެޑްމޭން ކުޅެން އަރުވައިފަ އެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ޕެރޫއިން ޖެހި އެންމެ ފަހު ޕެނަލްޓީ، އެލްކްސް ވަލެރާ ފޮނުވާލުމުން ރެޑްމޭން ވަނީ އެ ޕެނަްލޓީ ދިފާއުކޮށް 5-4 ން އޮސްޓްރޭލިއާ އަށް މެޗު ކާމިޔާބު ކޮށްދީފަ އެވެ.
އޮސްޓްރޭލިއާ އަކީ މިއަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވި 31 ވަނަ ޓީމެވެ. މިއާ އެކު މިއަހަރުގެ މުބާރާތުން އޭޝިއާގެ ހަ ގައުމު މުބާރާޓުން ފެންނާނެ އެވެ. އޮސްޓްރޭލިއާ އިންޓަ ކޮންޓިނެންޓަލް ޕްލޭއޮފް ކުޅެން ޖެހުނީ ދެ ގުރޫޕަށް ކުޅުނު ކޮލިފައިންގެ ތިންވަނަ ބުރުގައި ގުރޫޕު ބީގެ ތިންވަނައިގައި ނިންމުމުންނެވެ. އޮސްޓްރޭލިއާ ވަނީ ގުރޫޕް އޭގެ ތިންވަނަ ހޯދި ޔޫއޭއީއާ ވާދަކޮށް 2-1 އިން މެޗު ކާމިޔާބު ކޮށްފަ އެވެ.
އޮސްޓްރޭލިއާ އާއި ޕެރޫ ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ
ފުރަތަމަ ޕެނަލްޓީ އޮސްޓްރޭލިއާގެ މާޓީ ބޮއިލް ފޮނުވާލުމުން ޕެރޫގެ ކީޕަރު ޕެޑްރޯ ގަލީސް ދިފާއު ކުރި އެވެ. ނަމަވެސް އާރޮން މޫއީ އާއި ކްރެއިގް ގުޑްވިން އަދި އައިޑިން ރަސްޓިކާއި ޖެމީ މެކްލަރެން ވަނީ ދެން ޖެހި ހަތަރު ޕެނަލްޓީ އޮސްޓްރޭލިއާ އަށް ކާމިޔާބުކޮށް ދީފަ އެވެ.
ޕެރޫގެ ފުރަތަމަ ފަސް ޕެނަލްޓީގެ ތެރެއިން ޖިއާންލޫކާ ލަޕަޑުލާ އާއި އަލެކްޒަންޑާ ކަލެންސް އަދި ރެނާޓޯ ޓަޕިއާ އާއި އެޑިސަން ފްލޯރެސްގެ ޕެނަލްޓީތައް ކާމިޔާބު ކުރި އެވެ. ނާކާމިޔާބުވީ ތިންވަނައަށް އެޓީމުގެ ލުއިސް އަޑްވިންކުލާ ފޮނުވާލި ޕެނަލްޓީ އެވެ. އަޑްވިންކުލާގެ ޕެނަލްޓީ އަމާޒުވީ ދަނޑިއަށެވެ.
އޮސްޓްރޭލިއާ އިން ފޮނުވާޅި ހަވަނަ ޕެނަލްޓީ ކާމިޔާބު ކުރީ އާވާ މަބީލް އެވެ. އެއަށް ފަހު ރެޑްމޭން ވަނީ، އޭނާ ގައުމީ ޓީމަށް ކުޅުނު ތިންވަނަ މެޗުގައި، ޕެރޫގެ އެލެކްސް ވަލޭރާ ފޮނުވާލި ޕެނަލްޓީ ދިފާއުކޮށް އޮސްޓްރޭލިއާ ޖެހިޖެހިގެން ފަސްވަނަ ވޯލްޑް ކަޕަށް ކޮލިފައި ކޮށްދީފަ އެވެ.
ކީޕަރު ރެޑްމޭން، ޕެރޫގެ ހަވަނަ ޕެނަލްޓީ މަތަކުރުމުން ކުޅުންތެރިން ކީޕަރު ވަށާލައި އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ރެޑްމޭން އަކީ އޭނާގެ ޅަ އުމުރުގައި އިނގިރޭސި ކްލަބް އާސެނަލް އާއެކު ކުޑަ ދުވަސްކޮޅަކު ފަރިތަކުރި ކުޅުންތެރިއެކެވެ. ނަމަވެސް ރެޑްމޭންގެ ބަދަލުގައި އާސެނަލްގެ ޕްރޮފެޝަނަލް ކޮންޓްރެކްޓެއް އެފަހަރު ލިބުނީ 15 އަހަރުގެ ޕޮލެންޑު ގޯލްކީޕަރު ވޮސިއެޗް ޝެޒްނީ އަށެވެ.
"އޭނާ އަކީ ވަރަށް ރަނގަޅަށް ޕެނަލްޓީ މަތަކުރާ ކީޕަރެއް، އޭނާ ކުޅެން އެރުވުމުން އިދިކޮޅު ކުޅުންތެރިންނަށް ނަފްސާނީ ގޮތުން އަސަރު ކުރާނެ،" މެޗަށް ފަހު އޮސްޓްރޭލިއާގެ ކޯޗު ގްރަހަމް އާނޯލްޑް ބުންޏެވެ.
"އެހެން ވެގެން ކަންނޭނގޭ އެމީހުންގެ ޕެނަލްޓީ އެއް ދަނޑިއަށް ވެސް އަމާޒުވި. ނަފްސާނީ ގޮތުން އެއް ޕަސެންޓު ނަމަވެސް އަސަރު ކުރާނެ ޕެނަލްޓީ ޖަހަން އަންނަ ޕެރޫ ކުޅުންތެރިޔާ އަށް. މިއީ އަހަރެން ނެގި ރިސްކެއް އެހެން ނަމަވެސް ކާމިޔާބު ވެއްޖެ."
އޮސްޓްރޭލިއާގެ ކީޕަރު ރެޑްމޭން، ވޯލްޑް ކަޕަށް ކޮލިފައި ކޮށްދިނުމަށް ފަހު ސަޕޯޓަރުންނާ އެކު ސެލްފީ ނަގަނީ.-- ފޮޓޯ: އޭއެފްޕީ
މިއީ އޮސްޓްރޭލިއާ ވޯލްޑް ކަޕަށް ކޮލިފައިވި ހަވަނަ ފަހަރެވެ. އެންމެ ފުރަތަމަ އޮސްޓްރޭލިއާ ވޯލްޑް ކަޕުގައި ކުޅުނީ 1974 ވަނަ އަހަރު ހުޅަނގު ޖަރުމަނުގައި ބޭއްވި މުބާރާތުގަ އެވެ. އޭރު އޮސްޓްރޭލިއާ އަކީ އޯޝޭނިއާ ބައްރުގެ ގައުމެކެވެ.
އޭގެ ފަހުން 2006 އިން ފެށިގެން މިހާތަނަށް ހުރިހާ ވޯލްޑް ކަޕަކުން ވެސް ޖާގަ ހޯދަމުން އަންނަ އޮސްޓްރޭލިއާ ވަނީ، 2006ގެ ނޮކައުޓް ބުރުގައި ކުޅެފަ އެވެ. ވޯލްޑް ކަޕުގައި އޭޝިއާގެ ގައުމެއްގެ ގޮތުގައި އޮސްޓްރޭލިއާ ވާދަކުރަން ފެށީ 2010 ވަނަ އަހަރުން ފެށިގެންނެވެ.
ޖުމްލަ 32 ޓީމު ވާދަކުރާ މުބާރާތުގެ ކޮލިފައިން ނިމޭނީ، އުތުރު އެމެރިކާ ބައްރުގެ ކޮސްޓަ ރިކާ އާއި އޯޝޭނިއާގެ ނިއުޒިލެންޑް މިރޭ ބައްދަލުކުރާ އިންޓަ ކޮންޓިނެންޓަލް މެޗުންނެވެ. މި މެޗުން މޮޅުވާ ޓީމަކަށް މިއަހަރުގެ ވޯލްޑް ކަޕުގެ ފަހު ޖާގަ ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
14 June 2022
އޮސްޓްރޭލިއާ އޮތީ ވަރަށް އުނދަގޫ ގްރޫޕެއްގަ.ފްރާންސް ، ޑެންމާކް އަދި ޓިއުނީޝިޔާ ހިމެނޭ މި ގްރޫޕުން ޕޮއިންޓެއް ހޯދުންވެސް އެއީ އޮސްޓްރޭލިއާއަށް ލިބޭނެ ވަރަށް ބޮޑު ކާމިޔާބީއަކަށްވާނެ.ވ.ވެދުން