ކުޅިވަރު / ޔޫއެސް އޯޕަން ޓެނިސް މުބާރާތް

ޔޫއެސް އޯޕަން ކާމިޔާބުކޮށް އަލްކަރާޒް ދުނިޔޭގެ އެއް ވަނައަށް

އަލްކަރާޒް، ޔޫއެސް އޯޕަން ތަށި އުފުލާލަނީ، މިއީ އޭނާ ގްރޭންޑް ސްލޭމް މުބާރާތެއް ހޯދި ފުރަތަމަ ފަހަރު.-- ފޮޓޯ: އޭއެފްޕީ

ނިއު ޔޯކް (ސެޕްޓެމްބަރު 12) - ޔޫއެސް އޯޕަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލުގައި، ނޯވޭގެ ކެސްޕާ ރޫޑް ބަލިކޮށް ސްޕެއިންގެ އުއްމީދީ ޓެނިސް ކުޅުންތެރިޔާ ކާލޯސް އަލްކަރާޒް، ދުނިޔޭގެ ރޭންކިންގެ އެއް ވަނައަށް ޖެހިލައިފި އެވެ.

ފައިނަލް މެޗު ކާމިޔާބު ކުރާ ކުޅުންތެރިއަކަށް ރޭންކިންގެ އެއްވަނަ ޔަގީން ވެފައި އޮތްއިރު، އުމުރުން 19 އަހަރުގެ އަލްކަރާޒް މި މެޗުގެ ސެޓުތައް ގެންދިޔައީ، 6-4، 2-6، 7-6 (7-1) އަދި 6-3 އިންނެވެ.

މިއީ އަލްކަރާޒް، ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ ގްރޭންޑް ސްލޭމް ފައިނަލަކަށް އޭނާ ދަތުރު ކުރި ފުރަތަމަ ފަހަރު ވެސް މެ އެވެ. ނަމަވެސް މިއީ ރޫޑް، 23، ވާދަކުރި ދެ ވަނަ ގްރޭންޑް ސްލޭމް ފައިނަލެވެ. އޭނާ ވަނީ މިއަހަރުގެ ފްރެންޗެ އޯޕަންގެ ފައިނަލުގައި ވެސް ކުޅެފަ އެވެ.

ޔޫއެސް އޯޕަން ކާމިޔާބުކުރި އަލްކަރާޒް (ވ) އާއި ރަނަރަޕް ރޫޑް (ކ). -- ފޮޓޯ: އޭއެފްޕީ

"މިއީ އަހަރެން ކުޑައިރުން ފެށިގެން ދެކެމުން އައި ހުވަފެނެއް. ދުނިޔޭގެ އެއްވަ ނަ ހޯދުން، ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކުރުން، މިއީ ވަރަށް ބުރަ މަސައްކަތް ކޮށްގެން ހޯދި ކާމިޔާބެއް،" ފައިނަލް މެޗަށް ފަހު އަލްކަރާޒް ބުންޏެވެ.

"މިއީ އަހަރެންގެ މައިންބަފައިންނާއި އަހަރެންގެ ޓީމާ އެކު ކުރި ވަރަށް ބުރަ މަސައްކަތުގެ ނަތީޖާ. އަހަރެންގެ އުމުރުން އަދި އެންމެ 19 އަހަރު، ހުރިހާ ނިންމުމެއް ނިންމާފައި ހުންނާނީ އެމީހުންގެ ލަފާގެ މަތިން. އެހެންވެ މިއީ ވަރަށް ހާއްސަ ކާމިޔާބީ އެއް."

އަލްކަރާޒް ފައިނަލަށް ދަތުރުކުރީ ފައިނަލް ބުރުގައި ފަސް ސެޓަށް ދެމިގެން ދިޔަ ދެ މެޗު ކާމިޔާބު ކޮށްފަ އެވެ. ފައިނަލް މެޗާ އެކު މި ތިން މެޗުގައި އޭނާ ވަނީ ޖުމްލަ 23 ގަޑިއިރާއި 40 މިނިޓު ކޯޓުމަތީގައި ހޭދަ ކޮށްފަ އެވެ. އަލްކަރާޒް ބުނީ އެއްވެސް މުބާރާތެއްގެ ފަހު ބުރުގައި ވަރުބަލި ވާނެ ވަގުތެއް ނެތް ކަމަށާއި، ކާމިޔާބު ލިބޭނީ ކޮންމެ ހާލަތަކަށް ވެސް ތައްޔާރަށް ހުރެގެން ކަމަށެވެ.

ރޭންކިންގެ އެއް ވަނަ އާއެކު އަލްކަރާޒް ވެފައި ވަނީ 49 އަހަރުވީ އޭޓީޕީ ރޭންކިންގެ ތާރީހުގައި ވެސް އެއް ވަނަ ހޯދި 19 އަހަރުން ދަށުގެ ފުރަތަމަ ކުޅުންތެރިޔާ އެވެ. އަދި އޭނާ އަކީ ސްޕެއިންގެ ރަފައެލް ނަޑާލް 2005 ވަނަ އަހަރު ފްރެންޗް އޯޕަން ކާމިޔާބުކުރި ފަހުން ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކުރި އެންމެ ހަގު ކުޅުންތެރިޔާ އެވެ.

އަންހެން ޗެމްޕިއަނަކީ ސްވިއާޓެކް

ޔޫއެސް އޯޕަން އަންހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އެއް ވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ އީގާ ސްވިއާޓެކް އެވެ.

އީގޯ ސްވިއާޓެކް، މުބާރާތުގެ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދުމަށް ފަހު. -- ފޮޓޯ: އޭއެފްޕީ

ޕޮލެންޑުގެ ސްވިއާޓެކް ވަނީ ފައިނަލުގައި ޓިއުނީޝިއާގެ އޮންސް ޖަބެއާއާ ވާދަކޮށް 6-2 އަދި 7-6 (7-5) އިން މެޗު ކާމިޔާބު ކޮށްފަ އެވެ.

މިއީ އުމުރުން 21 އަހަރުގެ ސްވިއާޓެކް ކާމިޔާބުކުރި ތިން ވަނަ ގްރޭންޑް ސްލޭމް މުބާރާތެވެ. އެންމެ ފުރަތަމަ 2020 ވަނަ އަހަރު ފްރެންޗް އޯޕަން ކާމިޔާބުކޮށް، މިއަހަރުގެ މުބާރާތް ވެސް އޭނާ ކާމިޔާބު ކުރި އެވެ.

ޔޫއެސް އޯޕަންގެ ފުރަތަމަ ތަށްޓާ އެކު ސްވިއާޓެކް ވެފައި ވަނީ، މީގެ ހަފްތާ އެއް ކުރިން އުމުރުން 40 އަހަރުގައި ރިޓަޔާ ކުރި ލެޖެންޑަރީ ޓެނިސް ތަރި ސެރީނާ ވިލިއަމްސް 2014 ވަނަ އަހަރުގެ ޓުއާގައި ހަތް މުބާރާތެއް ކާމިޔާބު ކުރި ފަހުން މި ރެކޯޑާ ހަމަކުރި ފުރަތަމަ އަންހެން ކުޅުންތެރިޔާއަށެވެ.

ޖަބެއާ، 28، ވަނީ މިއަހަރުގެ ވިމްބެލްޑަން ފައިނަލުގައި ވެސް ވާދަ ކޮށްފަ އެވެ. އޭނާ އަކީ ޔޫއެސް އޯޕަން ފައިނަލުގައި ކުޅުނު ފުރަތަމަ އެފްރިކާ ކުޅުންތެރިޔާ އެވެ.

މި އަހަރުގެ ސީޒަން ފެށުނު އިރު އޭނާ އޮތީ ޑަބްލިއުޓީއޭ ރޭންކިންގެ 10 ވަނައިގަ އެވެ. އަދި ޔޫއެސް އޯޕަން އާ ކުރިމަތިއލި އިރު ރޭންކިންގެ ފަސްވަނައިގައި އޮތް ނަމަވެސް، އޭނާ ވަނީ ރޭންކިންގެ ދެ ވަނައަށް ޖެހިލައިފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454