ކޮރެއާގެ ފޯވާޑް ޗޯ، ގާނާ ކޮޅަށް ގޯލު ޖެހުމަށް ފަހު އުފާފާޅު ކުރަނީ. ވޯލްޑް ކަޕް ތެރޭގައި އޭނާ އަށް އަންނަނީ ބޮޑޫ ސަމާލުކަމެއް ލިބެމުން.-- ފޮޓޯ: އޭއެފްޕީ
04 ޑިސެމްބަރ 2022 - 10:02
ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ދެކުނު ކޮރެއާ ޓީމަށް ކުޅޭ ފޯވާޑް ގޫ ސަންގް ޗޯ އަށް ކައިވެނީގެ ހުށަހެޅުންތައް އާދަޔާ ހިލާފަށް ގިނައިން ލިބޭތީ އޭނާގެ ފޯނު ނިއްވާލަން ޖެހިއްޖެ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
އުމުރުން 24 އަހަރުގެ ސްޓްރައިކަރު ވޯލްޑް ކަޕަށް ދިޔައިރު އޭނާ އަކީ އެހާ މަގުބޫލު ކުޅުންތެރިއެއް ނޫނެވެ. ސީނިއާ ގައުމީ ޓީމަށް ވެސް އޭނާ ކުޅެން ފެށީ މިދިޔަ އަހަރު އެވެ. ނަމަވެސް ގުރޫޕް ސްޓޭޖުގައި ގާނާއާ އެއްވަރުކުރަން ދެ ގޯލު ޖަހައިދިން ފޯވާޑަށް މިހާ ބޮޑު މަޝްހޫރު ކަމެއް ލިބުނީ އޭނާގެ ރީތިކަމާ ވެސް އެކު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
"އޭނާއަށް އަރާމު ބޭނުންވޭ. ރޭގަނޑުގަޑީގައި ވެސް އޭނާގެ ފޯނު ރިންގުވުން ނުހުއްޓޭ. އެހެންވެ އޭނާ އަށް ނިދަން ވެސް އުނދަގޫވޭ. އޭނާ ހުރީ ހުރިހާ ސަމާލުކަމެއް ފުޓުބޯޅައަށް ދީގެން، އެކަމަކު އެތައް ބައިވަރު މެސެޖެއް އޭނާއަށް އެބަ ލިބޭ،" ކޮރެއާގެ ނޫސްވެރިއަކާ ހަވާލާދީ، އެމެރިކާގެ ދި އެތުލެޓިކް ނޫހުން ރިޕޯޓްކޮށްފައިވެ އެވެ.
ގާނާ ކޮޅަށް ލަނޑެއް ޖެހުމަށް ފަހު ޗޯ (9) އާ އެކު އެޓީމުގެ ކުޅުންތެރިން އުފާފާޅު ކުރަނީ. -- ފޮޓޯ: އޭއެފްޕީ
މީގެ އިތުރުން ސޯޝަލް މީޑީއާގައި ވެސް އޭނާ އަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. މުބާރާތް ފެށުމުގެ ކުރިން އޭނާގެ އިންސްޓަގްރާމުގައި ތިބީ 20،000 އެއްހާ ފޮލޯވަރުންނެވެ. ނަމަވެސް ވޯލްޑް ކަޕް ތެރޭގައި އިންސްޓަގްރާމްގައި އޭނާގެ ފޮލޯވަރުންގެ އަދަދު މިހާރު ވަނީ ދެ މިލިއަނަށް ވުރެ މައްޗަށް ގޮސްފަ އެވެ.
ޗޯ ވަނީ މިހާތަނަށް ގައުމީ ޓީމަށް 19 މެޗު ކުޅެދީ، ހަ ގޯލު ޖަހައިދީފަ އެވެ. އަދި 2020 ވަނަ އަހަރު އެގައުމުގެ 23 އަހަރުން ދަށުގެ ޓީމާ އެކު އޭއެފްސީ ޗެމްޕިއަންޝިޕް ވެސް އޭނާ ކާމިޔާބު ކުރި އެވެ.
ޑިފެންސިވް މިޑްފީލްޑަރަކަށް ކުޅެން ފެށި ނަމަވެސް އޭނާގެ ޔުނިވާސިޓީ ޓީމުގައި އެ މަގާމަށް މާ އެދެވޭ ކުޅުމެއް ނުކުޅެވޭތީ ސްޓަރައިކަރަކަށް ކުޅުވަން ފެށީ އެ ޓީމުގެ ކޯޗެވެ. އަދި 2019 ވަނަ އަހަރު ކޮރެއާގެ ދެ ވަނަ ޑިވިޝަނުން ފަށައިގެން އޭނާ ވަނީ ދެ ވަނަ ޑިވިޝަނާއި އެއް ވަނަ ޑިވިޝަން ލީގު ވެސް ކާމިޔާބުކޮށްފަ އެވެ.
ޗޯ އާ ރައްޓެހިވެގެން އުޅޭ ކަމަށް އަޑު ފެތުރުނު އެގައުމުގެ މޮޑެލް ޖީ މިންޖޫ. ނަމަވެސް ޖީ މިންޖޫގެ އޭޖެންސީ އިން ވަނީ އެކަން ދޮގު ކޮށްފައި. -- ފޮޓޯ: މުސިންސާ
ޗޯ އުޅެނީ ދެކުނު ކޮރެއާގެ މޮޑެލް ޖީ މިންޖޫ އާ ރައްޓެހި ވެގެން ކަމަށް ވެސް މި ފަހުން ހަބަރުތައް ފެތުރުނެވެ. ނަމަވެސް ޖީ މިންޖޫގެ އެޖެންސީ އިން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.
މި އަހަރުގެ ކޮރެއަން އެފްއޭކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައި، އެ ގައުމުގެ އެއް ވަނަ ޑިވިޝަން ލީގުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ވެސް ހޯދި ޗޯ އަށް ޔޫރަޕުގެ މަޝްހޫރު ކުލަބްތަކުން ފާރަލަމުން އަންނަ ކަމަށް ވެސް އެ ނޫހުން ރިޕޯޓް ކުރެ އެވެ. އޭގެ ތެރޭގައި ސްކޮޓްލެންޑްގެ ސެލްޓިކާއި ތުރުކީގެ ފެނަބާޗޭގެ އިތުރުން ޖަރުމަން ބުންޑެސްލިގާގެ ބޮރޫޝިއާ ޑޯޓްމަންޑް ހިމެނެ އެވެ.
ވޯލްޑް ކަޕް ގެ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އުރުގުއޭއާ ދެކޮޅަށް ޗޯ ކުޅެން އެރީ މެޗުގެ ފަހު 15 މިނިޓަށެވެ. އެ މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.
ނަމަވެސް ދެވަނަ މެޗުގައި ގާނާއާ ދެކޮޅަށް އޭނާ ވަނީ ފުރަތަމަ 11 ގައި ހިމެނިގެން މެޗު ފުރިހަމަ ކޮށްފަ އެވެ. ފުރަތަމަ ހާފުގައި ގާނާ އިން ދެ ގޯލު ޖަހައި ލީޑު ނެގި ނަމަވެސް ކޮރެއާއިން އެއްވަރުކުރީ ޗޯ ޖެހި ދެ ލަނޑުންނެވެ. އެކަމަކު ގާނާ އިން އިތުރު ލަނޑެއް ޖެހުމުން އެ މެޗުން ކޮރެއާ ވަނީ ބަލި ވެފަ އެވެ. ފަހު މެޗުގައި ޕޯޗުގަލް އާ ދެކޮޅަށް ވެސް އޭނާ ވަނީ ސްޓާޓް ކޮށްފަ އެވެ. މި މެޗުގައި އޭނާ ބަދަލުކުރީ، މެޗުގެ އިތުރު ވަގުތުގައި، ކޮރެއާ މޮޅުވި ލަނޑު ވެސް ޖެހި ފަހުންނެވެ.
ދެކުނު ކޮރެއާ ވަނީ ގުރޫޕް ސްޓޭޖުގައި އެ ޓީމުގެ ފަހު މެޗުގައި އެންމެ ފަހު ވަގުތު ޕޯޗުގަލް ބަލިކޮށް، ގުރޫޕްގެ ދެ ވަނަ ހޯދައި ގަދަ 16 އަށް ދަތުރުކޮށްފަ އެވެ.
ގަދަ 16 ގައި އެ ޓީމު ވާދަކުރަން ޖެހެނީ ދުނިޔޭގެ ފުޓުބޯޅައިގެ ރަސްގެފާނު ބްރެޒިލް އާ ދެކޮޅަށެވެ. މި މެޗް އޮންނާނީ ހޯމަ ދުވަހުގެ ރޭ 12 ޖަހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖީ މިންޖޫ
04 December 2022
ފޯވާޑު ގޫ ސަންގަކީ ޖަޕާނުގެ ހީރޯ އެއް
48343
04 December 2022
ކާފަގަނޑަކަށް ތިގޯލުޖެހުނުނަމަ ތިވަރުވީސްބާ؟
ރަދީފު ބިން ރަފައިދާ
04 December 2022
ގޯލެއްޖެހުމަކީ މީހާއަށް ގިނަ ފުރުސަތުތަކެއް ހުޅުވޭކަމެއް. އެހެންކަމުން ނިއްވާލި ފޯނުވެސް އަވަހަށް ހުޅުވާންއުޅޭ. އިރުކޮޅަކުން ގުޅާނީ ސްޕޮންސަރެއް. އެއީ ކިތައް މިލިޔަންގެ ޑީލެއްކަމެއްވެސް ނޭންގޭ.
ޑަމްއޭސް
04 December 2022
ސްޕޮންސަރުން ކޮންޓެކްޓު ކުރާނީ އޭޖެންޓުންނާ. ފޯނަކަށް ނުގުޅާނެ.
ގުމްރީ
04 December 2022
ބައެއް ދިވެހި އަންހެން ކުދިން ގެ އުނދަގޫ ހަމަ ބޮޑީ ދޯ. އެބުނީވިއްޔަ ނިދޭ ވަރެއްނޫނޭ.
ރީތި މީހާ
04 December 2022
އަހަރުންގެ އަދި ރީތި މީހަކު ފެނިއްޔެޖާ ކިހަވަރެއް ވާނެ