ރާއްޖޭގައި 2021 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕުގައި ލަނޑު ޖެހުމަށް ފަހު އިންޑިއާގެ ޗެތުރީ އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
18 ޖެނުއަރީ 2023 - 11:36
މި އަހަރުގެ ޖޫން މަހު ބާއްވަން ތާވަލުކޮށްފައިވާ ސާފް ޗެމްޕިއަންޝިޕަށް އިންޑިއާ އިން ފޮނުވާނީ 23 އަހަރުން ދަށުގެ ޓީމު ކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު މި އަހަރުގެ ކަލަންޑަރާ ހަވާލާދީ ނޫސްތަކުން ބުނެފި އެވެ.
މި މުބާރާތް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ އިންޑިއާ އިން 2009 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް މުބާރާތަށް ފޮނުވީ ވެސް 23 އަހަރުން ދަށުގެ ޓީމެވެ. އެ ފަހަރު އިންޑިއާ އިން ޕެނަލްޓީ ޖަހައިގެން ރާއްޖެ ބަލިކޮށް ތަށި ހޯދި އެވެ.
އިންޑިއާ އިން އޭރު 23 އަހަރުން ދަށުގެ ޓީމު ފޮނުވަން ނިންމީ، ސީނިއާ ޓީމު އޭޝިއާ ފެންވަރުގެ މުބާރާތްތަކަށް ފޯކަސްކުރުވުމަށާއި ޒުވާން ޓީމަށް ތަޖުރިބާ ހޯދައިދިނުމުގެ ބޭނުމުގަ އެވެ.
އެކަމަކު ފަހުން ކޯޗާއި ޓެކްނިކަލް ޑިރެކްޓަރުން ބަދަލުވެ އެ އުސޫލު އެގޮތަކަށް ކުރިއާށް ނުދިޔަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޯލް އިންޑިއަން ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އިން ވަނީ އަލުން އެ ގޮތަށް ބަދަލުކޮށްފަ އެވެ.
އިންޑިއާ އިން ވަނީ އެހެން ގައުމުތަކަށް ދައުވަތު ދީގެން ކުރިން ބާއްވާ ނެހުރޫ ކަޕް، އިންޓަކޮންޓިނެލްޓަލް ކަޕަށް ރީބްރޭންޑްކޮށް މި އަހަރު ޖޫން 8-16 އަށް ބާއްވަން ރާވައިފަ އެވެ.
ސާފް ޗެމްޕިއަންޝިޕް ބާއްވަން އޮތީ ޖޫން 20 އިން ޖުލައި 2 އަށެވެ. އެހެންވެ ސާފް ޗެމްޕިއަންޝިޕަށް ޒުވާން ޓީމު ފޮނުވުން ނޫން ގޮތެއް ވެސް އިންޑިއާ އަށް މި ވަގުތު ނެތެވެ.
އިންޑިއާ އިން ވަނީ ސަރަހައްދުގެ ޗެމްޕިއަންކަން 1993، 1997، 1999، 2005، 2009، 2011، 2015 އަދި 2021 ގައި ހޯދައިފަ އެވެ. އިންޑިއާ އަށް ފަހު އެންމެ ކާމިޔާބީ 2018 އާއި 2018 ގައި ތަށި ހޯދި ރާއްޖެ އެވެ. އެ ދެ ފަހަރު ވެސް ރާއްޖެ މޮޅުވީ އިންޑިއާ އަތުންނެވެ.
އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ވެސް ވަނީ ސާފް ޗެމްޕިއަންޝިޕަށް 23 އަހަރުން ދަށުގެ ޓީމު ފޮނުވަން މިދިޔަ އަހަރުގެ ޖޫން މަހު ގޮވާލައިފަ އެވެ. އޭނާ ބުނީ ސާފް އަށް ފޮނުވަންވީ 23 އަހަރުން ދަށުގެ ޓީމު ނުވަތަ ސީނިއާ ޓީމުން ފުރުސަތު ތިބި ކުޅުންތެރިންގެ ޓީމެއް ކަމަށެވެ.
"ބޮޑު ވަރަކަށް އަހަރެމެން އަތުން ތަށި ގެއްލޭނީ. އެކަމަކު އަހަރެމެން އަތުގައި މިހާރު ވެސް 8 ތަށި އެބައިން. އެހެންވީމާ ބަލިވިޔަސް އެއީ މައްސަލައަކަށް ނުވާނެ،" ޗެތުރީ ބުންޏެވެ.
އޭނާ ބުނީ އޭނާ އެގޮތަށް ދެކެނީ ސާފް ޗެމްޕިއަންޝިޕް މުހިއްމު ނުވާތީ ނޫން ކަމަށާއި އެކަމަކު މިދިޔަ 15 އަހަރު ދެކުނު އޭޝިއާގައި އިންޑިއާ އިން ރަނގަޅަށް ވާދަކޮށްފައިވާތީވެ، އެ ރިސްކު ނެގެން އޮތުމުން ކަމަށެވެ.
އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުގެ ޓެކްނިކަލް ކޮމިޓީގެ އާ ޗެއާމަން ކަމަށްވާ ކުރީގެ ފޯވާޑް އައި.އެމް ވިޖަޔަންގެ ލަފާގެ ދަށުން އެކުލަވާލި ކަލަންޑަރުގެ ދަށުން ސީނިއާ ޓީމު ކުޅޭ ރަސްމީ ކޮންމެ މެޗެއްގެ ކުރިން 7-10 ދުވަހުގެ ތަމްރީން ކޭމްޕެއް ބާއްވާނެ އެވެ.
އިންޑިއާ އަކީ މި ސަހަރައްދުގެ ގައުމުތަކުގެ ތެރެއިން އޭޝިއަން ކަޕުގައި ވާދަކުރާ ހަމައެކަނި ގައުމެވެ. އެހެންވެ އިންޑިއާގެ ވިސްނުން މިހާރު ވަނީ ދެކުނު އޭޝިއާ އިން ދުރަށް ގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑެނީ
19 January 2023
ތި އިންޑިޔާގެ ނަވާރަ އަހަރުން ދަށުގެ ޓީމު ބައިވެރިވި ވިއަސް ރާއްޖޭގެ މިހާރުގެ އޮތް ޓީމެއް ނެތް ކާމިޔާބު ލިބޭނެ ވަރު ކޮލިޓީ އެއް 2018 ކާމިޔާބު ކުރީ އޭރުގެ ކޯޗް މިތްނެތް މަސައްކަތުން އޭނާ ވެސް ބުރުވާލީ
އިޙްސާސް..
18 January 2023
ދިވެހި ފުޓުބޯޅަ ދުވަނީ ފަހަތަށް. ފުރެންޑުލީއަކަސް ނަގަންޖެހެނީ އެންމެ ސީނިއާގަ އުޅޭ ކުޅުންތެރިން.
އަޑަފި
18 January 2023
އިންޑިއާމީހުން އެބުނަނީ ތީ އިންޑިއާގެ ފެންވަރެއްނޫނޭ، ތީ ހައްޕުނޑޭ.
ނަވާރަ19
18 January 2023
ރާއްޖެއިން 19 އަހަރުން ދަށުގެ ޓީމު ފޮނުވަން ފެނޭ
މޯޑިސް ފޭން
18 January 2023
ރާއްޖޭން ނަމަނަމަ މިކަހަލަ ގޮތެއް ނުހަދާތި. ސާފް ޗެމްޕިއަންޝިޕް އަކީ ރާއްޖެ ޓީމު ކުޅޭ ވޯލްޑް ކަޕް. އޭޝިއަން ކަޕް އިޒް ނޮޓް އަވަ ލެވެލް ޔެޓް. އެހެން މުބާރާތްތަކާ ފްރެންޑްލީޒް އިން މޮޅެތި ޒުވާން ކުޅުންތެރިންނަށް ތަޖުރިބާ ހޯދައިދޭން ރަނގަޅުވާނެ. އެފްއޭއެމް ތިހާ ވަނދުކޮށް ނުތިބެ މަސައްކަތެއް ކޮށްބަލަ. ދެފައިގަ ހިފާ އާދޭސް ކުރަން. ޕްލީޒް.