21 ފެބުރުއަރީ 2023 - 12:06
ތުރުކީ އަށް މިދިޔަ ހަފުތާގައި އައި ބިންހެލުމުގައި އިމާރާތެއްގެ ދަށުވެ މަރުވި ގާނާގެ ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއަން އަޓްސޫ އަށް އިހުތިރާމު އަދާކުރުމުގެ ގޮތުން، އެ ގައުމުގެ ފޯވާޑް މުހައްމަދު ކުޑޫސް ޖާޒީގެ ދަށުން މެސެޖެއް ދެއްކުމަށް ޖާޒީ ބޭލި ނަމަވެސް އަދަބު ނުދޭން ރެފްރީ ނިންމައިފި އެވެ.
ނެދަލެންޑްސްގެ އަޔަކްސް އަށް ކުޅޭ ކުޑޫސް ޖާޒީ ބާލައި، އެތެރެއިން ލައިގެން ހުރި ޓީޝާޓުގައި ލިޔެފައިވާ މެސެޖެއް ދައްކާލީ އާދީއްތަ ދުވަހުގެރޭ ސްޕާޓާ ރޮޓެޑަމް އަތުން 4-0 އިން މޮޅުވި މެޗުގަ އެވެ. އާއްމު އުސޫލުން ނަމަ ޖާޒީ ބޭލުމުން ރީނދޫ ކާޑު ދައްކާނެ އެވެ. އެކަމަކު ރެފްރީ ޕޮލް ވެން ބޯއެކެލް ނިންމީ އެ ހާލަތުގައި ކާޑު ނުދައްކާށެވެ.
އެ މެޗަށް ފަހު ކުޑޫސް ވަނީ ރެފްރީ އަށް ޝުކުރު އަދާ ކޮށްފަ އެވެ. ކުޑޫސް ބުނީ އޭނާގެ ހާލަތު ވިސްނޭ ކަމަށް ރެފްރީ ބުނި ކަމަށެވެ.
"މިއީ ފުޓްބޯޅައިގެ އުސޫލުތަކަށް ވުރެ ބޮޑެތި ކަންކަން. މިއީ ދިރިހުރުމާއި މަރާ ގުޅޭ ކަންކަން. ރެފްރީ ބުނި [ޖޯޒީ ބޭލުން] އެއީ ހުއްދަ ކަމެއް ނޫނޭ އެކަމަކު ހާލަތު އޭނާއަށް ވިސްނެއޭ. އަހަރެން ރެފްރީގެ ނިންމުމަށް ޝުކުރުވެރި ވަން، އަދި އިހުތިރާމް ކުރަން،" ކުޑޫސްސް، 22، ބުންޏެވެ.
"އަހަރެން [އަޓްސޫ] ކުޅޭ ތަން ބަލައިގެން ވަރަށް ބައިވަރު ކަންކަން ދަސް ކުރިން. އޭނާ އަހަރެންނަށް ގަވާއިދުން ނަސޭހަތް ދޭނެ. މެޗުގައި އަހަރެން ކުރި ހުރިހާ ކަމެއް މި ކުރީ އޭނާއަށްޓަކައި. މެޗުގައި ގޯލެއް ނުޖެހުނު ނަމަ އަހަރެން އިހުތިރާމް އަދާ ކުރީހީ މެޗަށް ފަހު."
ބިންހެލުމުގެ ކުރިން އަޓްސޫ ވަނީ އޭނާ ކުޅޭ ތުރުކީގެ ހަތޭސްޕޯ އެންމެ ފަހުން ކުޅުނު ލީގު މެޗުގެ އިތުރު ވަގުތުގައި ހިލޭޖެހުމަކުން ގޯލެއް ޖަހައިދީ ޓީމު މޮޅު ކޮށްދީފަ އެވެ
ޕޯޗުގަލް އާއި އިންގްލެންޑް އާއި ނެދަލެންޑްސް އަދި ސްޕެއިންގެ އެއް ވަނަ ޑިވިޝަން ގައި ކުޅުނު އަޓްސޫ މި ސީޒަން ގައި ތުރުކީ ލީގަށް ބަދަލުވީ މިދިޔަ ސީޒަން ގައި ސައުދީ އަރަބިއްޔާ ގައި ކުޅުމަށް ފަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިސްމަތު
21 February 2023
ރެފްރީގެ ވަރަށް ރަނގަޅު ނިންމުމެއް.