އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ކުޅުންތެރިއެއްގެ އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ.
22 މާޗް 2023 - 11:46
ސާފް ޗެމްޕިއަންޝިޕުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރަހައްދުން ބޭރުން އެކެއް ނޫނީ ދެ ގައުމަށް ފުރުސަތު ދޭން ވިސްނާ ކަމަށް އޯލް އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަން (އޭއައިއެފްއެފް) ގެ ރައީސް ކަލްޔާން ޗޯބޭ ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ޖޫން 21 އިން ޖުލައި 3 އަށް އިންޑިއާގެ ބެންގަލޫރުގައި އޮންނާނެކަން އިއުލާންކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗޯބޭ ވިދާޅުވީ ސަރަހައްދުން ބޭރުގެ ދެ ގައުމެއް ބައިވެރިކުރުމުން އިންޑިއާއަށް ވާދަވެރިން ލިބޭނެ ކަމަށެވެ.
"މަތީ ރޭންކުގެ ޓީމުތައް މުބާރާތުގައި ބައިވެރިކުރުވުމުން އިންޑިއާ ފުޓްބޯޅައިގެ ފެންވަރު މަތިވާނެ. ކަމާބެހޭ ފަރާތްތަކާ މި އަންނަނީ މަޝްވަރާކުރަމުން އެކަމާ ބެހޭގޮތުން. ނިންމާ ގޮތެއް މޭ މަހު އިއުލާންކުރާނަން،" އިންޑިއާއާ އެކު 1999 އާއި 2005 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޗޯބޭ ވިދާޅުވި އެވެ.
މިހާތަނަށް ބޭއްވި 13 ސާފް ޗެމްޕިއަންޝިޕުގެ ތެރެއިން އަށް މުބާރާތް ކާމިޔާބުކުރީ އިންޑިއާ އެވެ. ފަހަކަށް އައިސް އެ ގައުމާ އެންމެ ބޮޑަށް ވާދަކުރާ ގައުމަކީ ރާއްޖެ އާއި އަފްގާނިސްތާނެވެ. އެކަމަކު އަފްގާނިސްތާން މިހާރު މެދުތެރޭ އޭޝިއާ އަށް ބަދަލުކޮށްފައިވާތީ ސާފް ޗެމްޕިއަންޝިޕުގައި ވާދަނުކުރެ އެވެ. އެހެންވެ އިންޑިއާ އަށް ކޮންމެ ފަހަރަކު ވެސް މުބާރާތް ކާމިޔާބުކުރަން އޮންނަނީ ފަހި ފުރުސަތެކެވެ.
އިންޑިއާ އިން ވަނީ މުބާރާތުން މާބޮޑު ފައިދާއެއް ނުކުރާތީ މި އަހަރުގެ މުބާރާތަށް 23 އަހަރުން ދަށުގެ ޓީމު ފޮނުވަން ވެސް ވިސްނާފަ އެވެ. އެކަމަކު ބެލެވޭ ގޮތުގައި އިންޑިއާގެ މިހާރުގެ ވިސްނުމަކީ އެހެން ދެ ގައުމެއް ބައިވެރިކޮށް މުބާރާތް ވަރުގަދަކުރުމެވެ.
މި އަހަރުގެ މުބާރާތުގައި، ފީފާ އިން ސަސްޕެންޑްކޮށްފައިވާ ސްރީ ލަންކާ ފިޔަވައި އަނެއް ހަ ގައުމުން ބައިވެރިވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު، އިންޑިއާއާ ސިޔާސީ ގޮތުން ވާދަވެރި ޕާކިސްތާނާ މެދު ސުވާލު ވަނީ އުފެދިފަ އެވެ. ސަލާމަތީ ސަބަބުތަކަށްޓަކައި، ޕާކިސްތާން ޓީމުތައް އިންޑިއާ އަށް ދިއުން ދައްޗެވެ.
ޗޯބޭ ވިދާޅުވީ ކުޅިވަރާއި ސިޔާސީ ކަންކަން އެއްކުރަން ބޭނުންނުވާ ކަމަށާއި އެކަމަކު ޕާކިސްތާން ޓީމު އައުމާ މެދު އިންޑިއާގެ ފޮރިން މިނިސްޓްރީން ނިންމާ ނިންމުމަކަށް އިހުތިރާމުކުރާނެ ކަމަށެވެ.
"އަހަރެމެން ބޭނުން ހުރިހާ ގައުމަކަށް ވެސް މަރުހަބާ ކިޔަން،" ޗޯބޭ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުނާރު
22 March 2023
ރަނގަޅު ނިންމުމެއް. ޢޭޝިޔާގެ އެންމެ ވަރުގަދަ ކޮރެއާ ނުވަތަ ޖަޕާން ފަދަ ގައުމެއް ނުގެނެވޭނަމަ ޔޫރަޕްގެ 2 ވަނަ ދަރަޖައިގެ ޓީމެއް ގެނެވޭ ގޮތްވެއްޖެނަމަ ވަރަށް ފައިދާ ކުރާނެ ފޯރިވެސް ގަދަވާނެ
އެކަމަކުދޯ
22 March 2023
އެރޮގަންޓް މަޗް؟
އަލިކޮ
22 March 2023
އެރޮގަންޓް ވިޔަސް އެބުނީ ތެދެއް. އިންޑިއާ އާ ވާދައެއް ނުކުރެވޭ މިސަރަހައްދުގައި ދެން ތިބި ގައުމުތަކަށް. ރާއްޖޭގެ ފުޓުބޯޅައިގެ ހިންގުންތެރިކަން ރަނގަޅު ނަމަ ރާއްޖެއަށް ވާދަކުރެވޭނެ، އެކަމަކު އެއީ ބައްސާމް ހުރެގެން ކުރެވޭނެ ކަމެއް ނޫން.