ކުޅިވަރު / އިންޑިއަން ޕްރިމިއާ ލީގު

ފަހު ބޯޅައިން ގުޖުރާތު ބަލިކޮށް ސީއެސްކޭ ޗެމްޕިއަންކަން ހޯދައިފި

ސީއެސްކޭ އިން ފަސްވަނަ ފަހަރަށް އައިޕީއެލް ތަށި އުފުލާލަނީ.-- ފޮޓޯ: އޭއެފްޕީ

އަހުމަދުއާބާދު، އިންޑިއާ (މެއި 30) - ފަހު ބޯޅައިން ޖުގުރާތު ޓައިޓަންސް ބަލިކޮށް ޗެންނާއީ ސުޕަ ކިންގްސް (ސީއެސްކޭ) އިން ފަސްވަނަ ފަހަރަށް އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ކްރިކެޓް މުބާރާތް ކާމިޔާބު ކޮށްފި އެވެ.

މިއީ ސީއެސްކޭ ވެސް މުބާރާތުގެ ތަށި ހޯދި ފަސްވަނަ ފަހަރެވެ. ސީއެސްކޭ ވަނީ މީގެ ކުރިން 2010، 2011، 2018 އަދި 2021 ވަނަ އަހަރު އައިޕީއެލްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެޓީމުން ވަނީ 10 ފަހަރު ފައިނަލް ކުޅެފަ އެވެ. މިއާ އެކު ސީއެސްކޭ އިން މިވަނީ އެންމެ ގިނަ ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ މުމްބާއީ އިންޑިއަންސްގެ ރެކޯޑާ އެއްވަރު ކޮށްފަ އެވެ. މުމްބާއީ އިން ވެސް ވަނީ ފަސް ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

ފައިނަލް މެޗުގެ ކުރިން މިއީ 41 އަހަރުގެ ކެޕްޓަން ދޯނީގެ ފަހު މުބާރާތް ކަމަށް ގިނަ ވާހަކަތަކެއް ދެކެވުނު ކަމުގައި ވިއަސް، މެޗަށް ފަހު ދޯނީ ވަނީ އިތުރު އެއް ސީޒަން ކުޅެފާނެ ކަމުގެ އިޝާރާތެއް ކޮށްފަ އެވެ.

ގުޖުރާތުގެ ސައި ސުދާޝަން ބެޓު ކުރާއިރު ދޯނީ، ވިކެޓް ބަލަހައްޓަނީ، ދޯނީ ވަނީ މެޗުގައި ދެ ވިކެޓް ނަގައިފައި.-- ފޮޓޯ: އޭއެފްޕީ

"މިއީ ރިޓަޔާމަންޓް އިއުލާން ކުރަން އެންމެ ފުރިހަމަ ވަގުތު. އެކަމަކު އަހަރެންނަށް މި ލިބެމުންދާ ލޯބިން އަބަދުވެސް ދެވަނަ ވިސްނުމަކަށް މި ގެންދަނީ. އެންމެ ފަސޭހަ ކަމަކަށް ވާނީ މިހިސާބުން އަހަރެންގެ ދަތުރު ނިންމާލުން. އެންމެ އުނދަގޫ ކަމަކީ އިތުރު ނުވަ މަސްދުވަހު މަސައްކަތް ކޮށްގެން އިތުރު އައިޕީއެލް ތަށްޓެއް ހޯދަން މަސައްކަތް ކުރުން،" ކެޕްޓަނެއްގެ ގޮތުގައި ސީއެސްކޭ އަށް ފަސް ތަށި ހޯދައިދިން ދޯނީ ބުންޏެވެ.

"މިއީ އަހަރެންނަށް ހަދިޔާއަކަށް ވާނީ. އެކަމަކު ހައްޓަށް ފަސޭހައެއް ނުވާނެ. އިމޯޝަނަލް ވާނެ. ސީއެސްކޭ އަށް ކުޅުނު ފުރަތަމަ މެޗުގައި އެންމެން އަހަރެންގެ ނަން ގޮވަމުން ދިޔައީ. އަހަރެން ފެންކަޅި ވެސް ވި. އަހަރެން އެބަ ޖެހޭ ކުޑަ ވަގުތުކޮޅަކު ދުރުގައި ހުރެ ވިސްނާލަން."

މި އަހަރުގެ އައިޕީއެލް މުބާރާތް ސީއެސްކޭ އިން ކާމިޔާބު ކުރީ ރޭ ކުޅުނު ފައިނަލްގައި، ތަށި ދިފާއު ކުރުމަށް ނުކުތް ގުޖުރާތު ޓައިޓަންސް އާ ވާދަކޮށް ފަސް ވިކެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.

ރޭ ކުޅެވުނު ފައިނަލް މެޗަކީ އާދިއްތަ ދުވަހުގެ ރޭ ކުލެން ތާވަލް ކުރެވުނު މެޗެކެވެ. ނަމަވެސް ވިއްސާރައިގެ ސަބަބުން މެޗު ފަސްކުރީ އެވެ.

މެޗުގެ ޓޮސް ދިމާވެގެން ސީއެސްކޭ އިން ނިންމީ ފުރަތަމަ އުކާށެވެ. މި އިނިންސްގައި ގުޖުރާތުން ވަނީ ހަތަރު ކުޅުންތެރިން ނުބައި ވެގެން 214 ލަނޑު ހަދައިފަ އެވެ. މިއީ އައިޕީއެލްގެ ތާރީހުގައި ވެސް ފައިނަލް މެޗެއްގެ އިނިންސްގެ އެންމެ މަތީ ސްކޯ އެވެ. އެންމެ މޮޅަށް ކުޅުނީ، 96 ލަނޑު ހެދި ސައި ސުދާޝަން އެވެ.

ޖަޑޭޖާ ފަހު ބޯޅަ ހަތަރަކަށް ޖަހައި ސީއެސްކޭ މޮޅުކޮށްދިނުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޗުގެ ވަރަށް ކުރީކޮޅު، ގުޖުރާތުގެ އެންމެ ނުރައްކާތެރި ބެޓްސްމަން ޝުބަމް ގިލް ނުބައިކޮށްލަން ސީއެސްކޭ އަށް ފުރުސަތު ލިބުނެވެ. ނަމަވެސް ދީޕަކް ޗަހާރަށް ގިލް ޖެހި ބޯޅަ ހިފޭގޮތެއް ނުވި އެވެ. ގިލް ނުބައިވީ 20 ބޯޅައިން 39 ލަނޑު ހަދައިފަ އެވެ.

ސީއެސްކޭގެ އިނިންސް ފަށައިގެން ފުރަތަމަ ދެ ބޯޅައިން ވެސް ލަނޑެއް ނުހެދުނެވެ. ތިންވަނަ ބޯޅަ، ރިތުރާޖް ގައިކްވާޑް ހަތަރަކަށް ޖެހި އިރަށް ވެހެން ފެށި ވާރެއާ އެކު މެޗު ޖެހުނީ މެދުކަނޑާލާށެވެ.

ގާތްގަނޑަކަށް ތިން ގަޑިއިރެއްހާއިރު ފަހުން މެޗު ހުއްޓާލި ހިސާބުން ކުރިއަށް ގެންދަން ނިންމީ 15 އޯވަރަށް، ސީއެސްކޭ އަށް 171 ލަނޑުގެ ޓާގެޓެއް ދީފަ އެވެ.

ސީއެސްކޭ އިން ވަރުގަދައަށް ކުޅެ އެޓީމުން މެޗު ކާމިޔާބު ކުރީ އެންމެ ފަހު ބޯޅައިންނެވެ. އެޓީމުން ވަނީ ފަސް ކުޅުންތެރިން ނުބައި ވެގެން 171 ލަނޑު ހަދައިފަ އެވެ. ދޯނީ ކުޅެން އެރި ނަމަވެސް އޭނާ ނުބައިވީ ފުރަތަމަ ބޯޅައިންނެވެ.

އެންމެ ފަހު ދެ ބޯޅަ ބާކީ އޮތްއިރު ވެސް ސީއެސްކޭ އަށް މޮޅުވާން 10 ލަނޑު ބޭނުން ވިއެވެ. ޓީމު މޮޅުކޮށްދިނީ ރަވިންދުރަ ޖަޑޭޖާ، ފަހު ދެ ބޯޅައިގެ ތެރެއިން ފުރަތަމަ ބޯޅަ ހަޔަކަށް ޖަހައި ފަހު ބޯޅަ ހަތަރަކަށް ޖަހައިގެންނެވެ.

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފެޗފރފރފރ

30 May 2023

ގާތްގަނޑަކަށް ތިން ގަޑިއިރެއްހާއިރު...މިހިރީ މި ކުޅިވަރުގަ ވަގުތު ނަގާވަރު.. މީހުން އެބަ ތިބޭ ދުވާލުދާ ހަތަރު ދަމު މި ވާނުވާ ބަލަން..

The name is already taken The name is available. Register?

ރައްޔިތުކަލޯ

30 May 2023

ކުޅިވަރުގަ ހުނަރާ ތަޖުރިބާ އާ ރޭވުންތެރިކަމާ ވިސްނުންތެރިކަމުގެ މުހިންމުކަން ރޭވެސް ކެޕްޓަން ދޯނީ އެ ސާބިތު ކޮށްދިނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454