ކްރޮއޭޝިއާގެ ފަހު ގޯލު ޖެހުމަށް ފަހު މޮޑްރިޗް (ކ)، ޓީމު ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
15 ޖޫން 2023 - 09:54
ރޮޓަޑޭމް، ނެދަލެންޑްސް (ޖޫން 15) - ޔޫއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ރޭ 4-2 އިން ނެދަލެންޑްސް ބަލިކޮށް ކްރޮއޭޝިއާ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.
ނެދަލެންޑްސްގައި ކުޅުނު ސެމީ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ. ކްރޮއޭޝިއާ ކުރި ހޯދީ އިތުރު ވަގުތުގެ ދެ ހާފުގައި ޖެހި ގޯލުތަކުންނެވެ.
ފުރަތަމަ ގޯލު 34 ވަނަ މިނެޓުގައި ޖެހީ ނެދަލެންޑްސްގެ ޑޮންޔެލް މާލެން އެވެ، ކްރޮއޭޝިއާ އިން ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ދެ ގޯލު ޖަހައި ނަތީޖާ އެޓީމު ކޮޅަށް އަނބުރާލި އެވެ. އެޓީމުގެ ފުރަތަމަ ގޯލު، ލިބުނު ޕެނަލްޓީއަކުން 55 ވަނަ މިނިޓުގައި ޖެހީ އަންދްރޭ ކަރަމަރިޗް އެވެ. ކްރޮއޭޝިއާ އިން ލީޑު ނެގީ 72 ވަނަ މިނިޓުގައި މާރިއޯ ޕަސަލިޗް ޖެހި ގޯލުންނެވެ.
ކްރޮއޭޝިއާ މޮޅުވާން ދަނިކޮށް ނެދަލެންޑްސް އިން ނަތީޖާ ހަމަހަމަކުރީ އިތުރު ވަގުތުގެ ހަ ވަނަ މިނިޓުގައި ނޯ ލޭންގް ޖެހި ގޯލުންނެވެ. އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ކްރޮއޭޝިއާގެ ތިން ވަނަ ގޯލު ކާމިޔާބު ކޮށްދިނީ ބްރޫނޯ ޕެޓްކޮވިޗް އެވެ. ކްރޮއޭޝިއާގެ ލީޑު ފުޅާކުރި ގޯލު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ލޫކަ މޮޑްރިޗް އެވެ.
މެޗަށް ފަހު ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑަލިޗް ބުނީ އުއްމީދަކީ ފުރަތަމަ ފަހަރަށް ކްރޮއޭޝިއާގެ ފުޓްބޯޅަ ޓީމަށް ރަން މެޑަލް ހޯދައިދިނުން ކަމަށެވެ.
"ލޯ މެޑަލް އާއި ރިހި މެޑަލް ލިބިއްޖެ. ދެން އޮތީ ރަން މެޑަލް ހޯދަން މަސައްކަތްކުރުން. މި ޓީމުގެ ތާރީހު އެގޮތުގައި ލިޔުން ބޭނުމަކީ" މެޗަށް ފަހު ކްރޮއޭޝިއާގެ ކޯޗު ބުންޏެވެ.
ކްރޮއޭޝިއާ ވަނީ 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލުގައި ކުޅެ ފްރާންސް އަތުން ބަލިވެފަ އެވެ. އެފަހަރު ހޯދި ރިހި މެޑަލްއާ އެކު މިދިޔަ އަހަރުގެ ވޯލްޑް ކަޕްގައި ވެސް އެޓީމު މޮޅު ކުޅުމެއް ދެއްކި އެވެ. މިދިޔަ އަހަރު ގަތަރުގައި އޮތް ވޯލްޑް ކަޕްގެ ތިން ވަނަ ކްރޮއޭޝިއާ ހޯދި އެވެ.
ނޭޝަންސް ލީގުގެ ދެ ވަނަ ސެމީގައި ވާދަކުރާނީ ސްޕެއިން އާއި އިޓަލީ އެވެ. އެ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 11:45 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy