ކުޅިވަރު / އަންހެނުންގެ ވޯލްޑް ކަޕް

ބޮޑެތި ބަދަލުތަކާ އެކު އަންހެނުންގެ ވޯލްޑް ކަޕް މިއަދު ފަށަނީ

20 ޖުލައި 2023 - 10:29

އޯކްލޭންޑް، ނިއުޒިލެންޑް (ޖުލައި 20) - އަންހެން ފުޓްބޯޅައިގެ ތާރީހުގައި ފުރަތަމަ ފަހަރަށް 32 ޓީމާ އެކު ބާއްވާ "ފީފާ ވިމެންސް ވޯލްޑް ކަޕް" މިއަދު ފަށާނެ އެވެ.

މިފަހަރުގެ މުބާރާތް ބާއްވަނީ ނިއުޒިލެންޑާއި އޮސްޓްރޭލިއާގަ އެވެ. މިއީ ދެ ގައުމެއް އެކުވެގެން އަންހެނުންގެ ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ފަހަރެވެ. މީގެ ހަތަރު އަހަރު ކުރިން ފްރާންސްގައި އޮތް އަންހެނުންގެ ވޯލްޑް ކަޕްގައި ވާދަކުރީ 24 ޓީމެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ގްރޫޕް އޭ ގައި ހިމެނޭ ނިއު ޒީލެންޑް ނުކުންނާނީ ނޯވޭއާ ދެކޮޅަށެވެ. މިއަދު ކުޅޭ ދެ ވަނަ މެޗުގައި އޮސްޓްރޭލިއާ އާއި ރިޕަބްލިކް އޮފް އަޔަލެންޑް ވާދަކުރާނެ އެވެ.

ފުރަތަމަ މެޗުގެ ކުރިން ނިއުޒިލެންޑްގައި ހިނގި ބަޑީގެ ހަމަލާތަކެއްގައި ދެ މީހަކު މަރުވެ ހަ މީހަކަށް ވަނީ އަނިޔާވެފަ އެވެ. ހާދިސާ ހިނގީ މެޗު ކުޅެން އޮތް އޯކްލޭންޑް ސިޓީގެ އެޑެން ޕާކް ސްޓޭޑިއަމްއާ މާ ދުރުނޫން ހިސާބެއްގަ އެވެ. ހާދިސާއާ ގުޅިގެން ނިއުޒިލެންޑްގެ ސަލާމަތީ ކަންކަން ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ. މިފަހަރުގެ ވޯލްޑް ކަޕްގެ 64 މެޗުގެ ތެރެއިން ނުވަ މެޗު އެ ސިޓީގައި ކުޅޭނެ އެވެ.

ހިތާމަވެރި ހާދިސާ ހިނގި ނަމަވެސް ފީފާ އިން ބުނީ ތާވަލްކޮށްފައިވާ ގޮތަށް ނިއު ޒީލެންޑް އަދި އޮސްޓްރޭލިއާގައި ވެސް މިއަދުގެ މެޗުތައް ކުރިއަށްދާނެ ކަމަށެވެ. އެ ދެ މެޗު ބެލުމަށް ގާތްގަނޑަކަށް ލައްކައެއްހާ ސަޕޯޓަރުން ދަނޑަށް ވަންނާނެ ކަމަށް ބެލެވެ އެވެ.

ދެ ގައުމުގެ ނުވަ ސިޓީގައި މެޗު ކުޅޭނީ 10 ސްޓޭޑިއަމްގަ އެވެ. މުބާރާތް ފެށުމުގެ ކުރިން 1.3 މިލިއަން ޓިކެޓް ވަނީ ވިކިފަ އެވެ. މުބާރާތް އިންތިޒާމުކުރާ ފަރާތުން އަންދާޒާ ކުރަނީ ޓީވީ މެދުވެރިކޮށް ދެ ބިލިއަން މީހުން މިފަހަރުގެ މުބާރާތް ބަލާނެ ކަމަށެވެ. އެއީ އެންމެ ފަހުގެ ވޯލްޑް ކަޕާ އަޅާބަލާއިރު ދެ ގުނަ އަދަދެކެވެ.

"ފުޓްބޯޅައިގައި އަންހެނުންނަށް ކުރިމަގު އެބައޮތް. މިއީ އެންމެ ފުރިހަމަ އަންހެން ވޯލްޑް ކަޕަށް ވާނެ،" މުބާރާތުގެ ކުރިން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވި އެވެ.

މިފަހަރުގެ މުބާރާތުގައި އަލަށް އަށް ގައުމު ވާދަކުރާނެ އެވެ. އެއީ ރިޕަބްލިކް އޮފް އަޔަލެންޑް، ވިއެޓްނާމް، ޒެމްބިއާ، ހެއިޓީ، މޮރޮކޯ، ޕެނަމާ، ފިލިޕިންސް އަދި ޕޯޗުގަލް އެވެ.

އަންހެނުންގެ ވޯލްޑް ކަޕް 2019 ވަނަ އަހަރު ފްރާންސްގައި ކާމިޔާބުކުރީ އެމެރިކާ އެވެ. އެގައުމުން ވަނީ މިހާތަނަށް ހަތަރު ފަހަރު އެ މުބާރާތް ކާމިޔާބުކޮށްފަ އެވެ. މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ ތެރެއިން ރޭންކިންގެ އެއް ވަނައިގައި އޮތީ ވެސް އެމެރިކާ އެވެ. ރޭންކިންގެ އެންމެ ފުލުގައި އޮތީ 77 ވަނައިގައި އޮތް ޒެމްބިއާ އެވެ.

ނިއުޒިލެންޑާއި ނޯވޭ ވާދަކުރާ މެޗު ފަށާނީ މިއަދު މެންދުރު ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ. ދެ ވަނަ މެޗުގައި އޮސްޓްރޭލިއާ އާއި އަޔަލެންޑް ކުޅޭނީ މިއަދު 3 ޖަހާއިރު އެވެ. ފައިނަލް މެޗު އޮސްޓްރޭލިއާގައި އޮންނާނީ އޮގަސްޓް 20 ވަނަ ދުވަހު އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454