23 ޖުލައި 2023 - 10:20
ނިއު ޒީލެންޑް (ޖުލައި 23) - އަންހެނުންގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އިއްޔެ ވިއެތުނާމް އަތުން 0-3 އިން މޮޅުވި މެޗުގައި އެމެރިކާ އަށް ގިނަ ގޯލުތަކެއް ނުޖެހުނީ ކުޅުންތެރިން މާބޮޑަށް ޕްރެޝަރު ވުމުންކަމަށް އެމެރިކާ ޓީމުގެ ކޯޗު ވްލަޓްކޯ އެންޑޮނޯވްސްކީ ބުނެފި އެވެ.
އަންހެނުންގެ ވޯލްޑް ކަޕް ހަތަރު ފަހަރު ކާމިޔާބު ކޮށްފައިވާ އެމެރިކާ އަކީ މިފަހަރުގެ މުބާރާތުގެ ވެސް ފޭވަރިޓެކެވެ. ވިއެތުނާމް އަންހެނުންގެ ވޯލްޑް ކަޕްގައި ވާދަކުރަނީ އަލަށެވެ.
ވިއެތުނާމް މެޗުގައި އެމެރިކާ އަށް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވި އެވެ. މެޗުގައި އެމެރިކާގެ ގޯލުތައް ކާމިޔާބުކޮށްދިނީ ސޯފިއާ ސުމިތާއި ކެޕްޓަން ލިންޑްސޭ ހޯރަން އެވެ. ސުމިތު މެޗުގައި ދެ ގޯލު ޖެހި އެވެ.
"ކުޅުންތެރިން ފެނުނީ ޕްރެޝަރުގައި ތިބިތަން. ނަތީޖާ އިން އެކަން ދެއްކި" މެޗަށް ފަހު އެމެރިކާ ޓީމުގެ ކޯޗު އެންޑޮނޯވްސްކީ ބުންޏެވެ.
މުބާރާތަށް އެމެރިކާ ޓީމުގައި ހިމެނި 23 ކުޅުންތެރިންގެ ތެރެއިން 14 ކުޅުންތެރިން ވޯލްޑް ކަޕްގައި ކުޅޭ މިއީ ފުރަތަމަ ފަހަރެވެ. އޭގެތެރޭގައި ވިއެތުނާމް ކޮޅަށް ދެ ގޯލު ޖެހި ސުމިތު ވެސް ހިމެނެ އެވެ.
ވިއެތުނާމް މެޗުގައި އެމެރިކާ އިން 28 ހަމަލާ އުފެއްދިއިރު އެޓީމަށް ލިބުނު ޕެނަލްޓީއެއް އަލެކްސް މޯގަން އަތުން ބޭކާރުވި އެވެ.
"އަހަރެން ކަންބޮޑެއް ނުވޭ. މެޗުގައި ކުޅުނު 11 ކުޅުންތެރިން އެއްކޮށް އެ ކުޅުނީ އަލަށް. ވަރަށް ގިނަ ފުރުސަތު ތަނަވަސްކުރި. ދެން އޮތީ ލިބޭ ފުރުސަތު ނިންމާލުން" ކޯޗު ބުންޏެވެ.
އެމެރިކާ އާއި ވިއެތުނާމްގެ އިތުރުން އެ ގްރޫޕުގައި ހިމެނެނީ ނެދަލެންޑްސް އާއި ޕޯޗުގަލް އެވެ. ދެ ވަނަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު އެމެރިކާ ވާދަކުރާނީ ނެދަލެންޑްސްއާ އެވެ.
އަންހެނުންގެ ވޯލްޑް ކަޕްގައި އިންގްލެންޑް އިއްޔެ ވަނީ ހެއިޓީއާ ވާދަކޮށް 0-1 ގެ ހަނި ނަތީޖާއަކުން މޮޅުވެފަ އެވެ. ސޯޅަ އަހަރުގެ މެދުކެނޑުމަކަށް ފަހު ވޯލްޑް ކަޕްގައި ވާދަކުރަމުން އަންނަ ޑެންމާކް ވަނީ ފުރަތަމަ މެޗުގައި އިއްޔެ ޗައިނާ 0-1 އިން ބަލިކޮށްފަ އެވެ. ޑެންމާކް މޮޅުވީ ފަހު މިނިޓުގައި އެމާލީ ވެންގްސްގާޑް ޖެހި ގޯލުންނެވެ.
ޒެމްބިއާއާ ވާދަކުރި މެޗުން ޖަޕާން މޮޅުވީ 5-0 އިންނެވެ. ޒެމްބިއާ އަކީ މިފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކުގެ ރޭންކިންގެ އެންމެ ފުލުގައި އޮތް ޓީމެވެ،
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy