24 ޖުލައި 2023 - 10:17
މެލްބާން، އޮސްޓްރޭލިއާ (ޖުލައި 24) - އަންހެނުންގެ ފީފާ ވޯލްޑް ކަޕްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ހިޖާބް އަޅައިގެން ކުޅެ ތާރީހު ބަދަލުކޮށްލުމުގެ ފުރުސަތު މޮރޮކޯގެ ޑިފެންޑަރު ނުހައިލާ ބެންޒީނާ އަށް ލިބިއްޖެ އެވެ.
އަންހެނުންގެ ވޯލްޑް ކަޕްގައި މިއަދު ތިން މެޗު ކުޅޭނެ އެވެ. މޮރޮކޯ ނުކުންނާނީ ވަރުގަދަ ޖަރުމަނާ ދެކޮޅަށެވެ. މިއަދު ދެން ކުޅޭނީ އިޓަލީ އާއި އާޖެންޓީނާ ވާދަކުރާ މެޗާއި ބްރެޒިލް އާއި ޕެނަމާ ވާދަކުރާ މެޗެވެ. މޮރޮކޯ އަކީ އަންހެނުންގެ ވޯލްޑް ކަޕަށް ކޮލިފައިވި އަރަބި ފުރަތަމަ ގައުމެވެ.
ވޯލްޑް ކަޕްގައި ފާއިތުވި އަށް މުބާރާތުގައި ހިޖާބް އަޅައިގެން އެއްވެސް ކުޅުންތެރިއަކު ކުޅެފައެއްނުވެ އެވެ. ބެންޒީނާ، 25، ޖަރުމަނާ ދެކޮޅަށް ކުޅެފިނަމަ ތާރީހުގައި އޭނާގެ ނަން ލިޔެވޭނެ އެވެ.
ބެންޒީނާ އަކީ އެގައުމުގެ ލީގު ޗެމްޕިއަން ޓީމަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. ވޯލްޑް ކަޕާއި ގުޅޭގޮތުން ބެންޒީނާ އަދި އެއްވެސް ވާހަކައެއް މީޑިއާއާ ހިއްސާކޮށްފައެއްނުވެ އެވެ.
"އަންހެނުންގެ ވޯލްޑް ކަޕްގައި ވާދަކުރާ ފުރަތަމަ އަރަބި ގައުމަށް ވުމަކީ މޮރޮކޯ އަށް ލިބޭ ފަހުރެއް. ކުޅުންތެރިންގެ ޒިންމާ އަދާކޮށް ބޭނުންވަނީ ނަމޫނާ ދައްކަން. އަދި، މޮރޮކޯ އިން ހޯދާފައިވާ ކުރިއެރުން ދުނިޔެ އަށް ދައްކަން ބޭނުން" މެޗުގެ ކުރިން މޮރޮކޯ ޓީމުގެ ކެޕްޓަން ގިޒްލާން ޗެބަކް ބުންޏެވެ.
އަންހެން ފުޓްބޯޅަ ކުޅުންތެރިންނަށް ހިޖާބާ އެކު ކުޅުމުގެ ހުއްދަ ފީފާ އިން ދިނީ 2014 ވަނަ އަހަރު އެވެ. އޭގެ ދެ އަހަރު ފަހުން 17 އަހަރުން ދަށުގެ އަންހެނުންގެ ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް ހިޖާބް އަޅައިގެން ކުޅުނެވެ. އެއީ ފީފާގެ ބައިނަލްއަގްވާމީ މުބާރާތެއްގައި އެ ފުރުސަތު އަންހެން ކުޅުންތެރިންނަށް ލިބުނު ފުރަތަމަ ފަހަރެވެ.
މުސްލިމް އަންހެން ކުޅުންތެރިންގެ ނެޓްވޯކްގެ ކޯ ފައުންޑާ، އަސްމާހް ހެލާލް ވިދާޅުވީ އަންހެން އެތުލީޓުންނަށް އެފަދަ އިތުރު ފުރުސަތުތައް ފަހިކޮށްދޭން ޖެހޭ ކަމަށާއި، ޕޮލިސީ ލެވެލްގައި އެފަދަ ފުރުސަތުތައް ދިނުމަށް މިއަދު ގިނަ ބަޔަކު ތާއީދުކުރާނެ ކަމަށެވެ.
"މުސްލިމް ކުޅުންތެރިން ހިޖާބް އެޅުމަކީ މުހިއްމު ކަމެއްކަން އެންމެން ވެސް ގަބޫލުކުރަންޖެހޭ. އެ ފުރުސަތު އެންމެންނަށް ހަމަހަމައަށް ލިބުމަކީ މިއަދު ފެންނަ މަންޒަރެއް. އެ ބަދަލާ އެކު ފުޓްބޯޅައިގައި ޝާމިލްވާ މުސްލިމް އަންހެން ކުޅުންތެރިން ނިސްބަތް ވަނީ އިތުރުވެފަ،" އަންހެން ކުޅުންތެރިންގެ ހައްގުގައި ވަކާލާތު ކުރަމުން އަންނަ އޮސްޓްރޭލިއާގެ ހެލާލް ވިދާޅުވި އެވެ.
އަންހެނުންގެ ފުޓްބޯޅައިގެ ރޭންކިންގައި މޮރޮކޯ އޮތީ ޖަރުމަނަށް ވުރެ 70 ދަރަޖަ ފަހަތުގަ އެވެ. ދުނިޔޭގެ ރޭންކިންގެ ދެ ވަނައިގައި އޮތް ޖަރުމަނުން ވަނީ 2003 ވަނަ އަހަރާއި 2007 ވަނަ އަހަރުގެ ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދާފަ އެވެ.
އޮސްޓްރޭލިއާގެ މެލްބާންގައި ޖަރުމަނާއި މޮރޮކޯ ވާދަކުރާ މެޗު ފަށާނީ މިއަދު މެންދުރު 1:30 ގަ އެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ކޮލަމްބިއާ އާއި ދެކުނު ކޮރެއާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިބްރަތުލް މުންތަހާގެ ބޮޑު ވަޒީރު.
25 July 2023
ވަރައް އުފާ ވެއްޖެ. ލަސްވެއްޖެ އެކަމު މީގެން ދޭހަވަނީ، ސައުދީމީހުން މިގަރުނައް އާދެވިއްޖެ ކަން. ބިން ސަލްމާން އައް ޝުކުރު ކުރަންޖެހޭ. އަންހެން ކުޅުންތެރިން މުބާރާތް ތަކުގަ ކުޅުމަކީ ސައޫދީ ވެރިންނައް އޯކޭ ކަމައް ބުނީމަ، މުޅި ދުނިޔޭގައި އުޅޭ މުސްލިމް އަންހެނުންނައް ހިތްހަމަ ޖެހިލައިގެން މުބާރާތް ތަކުގަ ބައިވެރި ވެވެނީ! މިހާރު ދެން އޮންނާނީ މިއުޅޭ ހައްދު ފަހަނަ އެޅި ‘އިލްމް ވެރިން’ ގެ ބަސްބުނުން މައިތިރި ކުރުން. އުންދަގޫ ކަމަކައް ވެދާނެ!!
ނުރަބޯ
25 July 2023
އަނގަމަޑުން ލައިގެން ހުރުން ރަގަޅުވާނެ.