އިއްޔެގެ މެޗަށް ފަހު ފްރާންސްގެ ކޯޗުން މޮރޮކޯގެ ކުޅުންތެރިންނަށް ހިތްވަރުދެނީ.-- ފޮޓޯ: އޭއެފްޕީ
09 އޯގަސްޓް 2023 - 11:20
އަޑެލައިޑް، އޮސްޓްރޭލިއާ (އޮގަސްޓް 9) - ވޯލްޑް ކަޕުގެ ގަދަ 16 ގައި ފްރާންސް އަތުން 4-0 އިން ބަލިވެގެން ކެޓިއަސް، ޓީމާ މެދު ފަހުރުވެރި ވާކަމަށާއި އަމާޒު ހުރީ އަންނަ އަހަރުގެ ޕެރިސް އޮލިމްޕިކްސް އަށް ޓީމު ކޮލިފައި ކޮށްދޭން ކަމަށް މޮރޮކޯ އަންހެން ގައުމީ ޓީމުގެ ކޯޗު ރޭނާލްޑް ޕެޑްރޯސް ބުނެފި އެވެ.
މޮރޮކޯ ބަލިކުރި ފްރާންސް، ކުއާޓާގައި ނުކުންނާނީ ހޯމަ ދުވަހު 2-0 އިން ޑެންމާކް ބަލުކުރި އޮސްޓްރޭލިއާ އެވެ. ހޯމަ ދުވަހު ޕެނަލްޓީ ޖަހައިގެން 4-2 އިން ނައިޖީރިއާ ބަލިކުރި އިންގްލެންޑް ކުއާޓާގައި ނުކުންނާނީ އިއްޔެ 1-0 އިން ޖެމެއިކާ ބަލިކުރި ކޮލަމްބިއާއާ ދެކޮޅަށެވެ.
ކޯޗު ޕެޑްރޯސް ބުނީ، ވޯލްޑް ކަޕަށް އަލަށް ކޮލިފައިވެގެން ގުރޫޕް ސްޓޭޖު ފަހަނައަޅައި ދެވުމަކީ ވެސް ޓީމަށް ސެމީ ފައިނަލަކަށް ދެވުން ފަދަ ކަމެއް ކަމަށެވެ.
ނޮކައުޓް ބުރުގެ މެޗަށް ފަހު މޮރޮކޯގެ ކޯޗު، ފްރާންސްގެ ބައެއް ކުޅުންތެރިންނާ ވާހަކަ ދައްކަނީ.-- ފޮޓޯ: އޭއެފްޕީ
"ފުރަތަމަ ފަހަރަށް ވާދަކޮށް މި ޓީމާ އެކު ގަދަ 16 އަށް ދެވުމުން ހަގީގަތުގައި މިއީ ސެމީ ފައިނަލަށް ދެވުން ފަދަ ކަމެއް. މާ ބޮޑަށް ވެސް ރަނގަޅު. އަހަރެމެން މި ޓީމު ބިނާކުރުމުގެ މަސައްކަތް ފެށީ މީގެ ތިން އަހަރު ކުރިން. މުބާރާތުން ކެޓިއަސް އަހަރެމެން ފަހުރުވެރި ވާނޭ ބައިވަރު ކަންކަން ހިނގައިފި،" މޮރޮކޯ ޓީމުގެ ކުރިއެރުމާ ގުޅޭގޮތުން ކޯޗު ބުންޏެވެ.
މިދިޔަ އަހަރު އެފްރިކަން ކަޕް އޮފް ނޭޝަންސް އެ ގައުމުގައި ބޭއްވުމުގެ ކުރިން 22 އަހަރު ވަންދެން ޓީމު އެ މުބާރާތަށް ވެސް ކޮލިފައިއެއް ނުވެ އެވެ. މިއާ އެކު ވެސް އެޓީމުން މުބާރާތުގެ ފައިނަލްގައި ވާދަކޮށް ރިހި މެޑަލް ހޯދި އެވެ.
އަންހެން ވޯލްޑް ކަޕުގައި ވެސް މޮރޮކޯ ތާރީހުގެ ތެރެއަށް https://t.co/LivnHrY79a
— Mihaaru (@Mihaarunews) August 4, 2023
އަވަސް ކުރިއެރުންތަކަކާ އެކު ވޯލްޑް ކަޕަށް ކޮލިފައިވެ، އެޓީމު ކުޅުނު ފުރަތަމަ ގުރޫޕް ސްޓޭޖު މެޗުގައި ދިމާވީ ހިތްދަތިކޮށެވެ. ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރި ޖަރުމަން އަތުން ބަލިވީ 6-0 އިންނެވެ. ނަމަވެސް ދެކުނު ކޮރެއާ އާއި ކޮލަމްބިއާ ވެސް 1-0 އިން ބަލިކޮށް ޖަރުމަން ކަޓުވާލައިފައި ގުރޫޕްގެ ދެވަނަ ހޯދީ މޮރޮކޯ އެވެ.
މޮރޮކޯ އަކީ މިއަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވި ޓީމުތަކުގެ ތެރެއިން ރޭންކިންގެ އެންމެ ދަށުގައި އޮތް ޓީމެވެ. އަލަށް ވާދަކުރި ޓީމުތަކުގެ ތެރެއިން ގުރޫޕް ސްޓޭޖު ފަހަނައަޅައި ދެވުނު ހަމައެކަނި ޓީމަކީ ވެސް މޮރޮކޯ އެވެ. އަދި ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ އަރަބި ގައުމުގެ ޝަރަފާ އެކު، ޓީމުގެ ޑިފެންޑަރު ނުހައިލާ ބެންޒީނާ ވެފައި ވަނީ ސީނިއާ ލެވެލްގެ ފީފާ މުބާރާތެއްގައި ހިޖާބް އަޅައިގެން ކުޅުނު ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ.
ފްރާންސްގެ ފޯވާޑް ޔޫޖެނީ ލެ ސޮމާ ހުއްޓުވަން ފްރާންސްގެ ޑިފެންޑަރު ބެންޒީނާ މަސައްތަކް ކުރަނީ.-- ފޮޓޯ: އޭއެފްޕީ
"އަހަރެން ކުޅުންތެރިންނަށް މަރުހަބާ ކިޔަން. އަދި ޝުކުރު އަދާކުރަން ބޭނުން މުބާރާތުގައި ދެއްކި ކުޅުމާ އެކު އަހަރެމެންނަށް ހާއްސަ ކަމެއް އިހުސާސް ކޮށްދިން ކަމަށް. މިއަށް ފަހު ވެސް އަހަރެމެންގެ މަސައްކަތް ދާނީ ކުރިއަށް،" ޓީމާމެދު ފަހުރުވެރި ވެފައި ހުރި ކޯޗު ބުންޏެވެ.
"އަހަރެމެން ދެން ތައްޔާރުވާން އޮތީ އޮލިމްޕިކް ކޮލިފައިން އަށް، ވޯލްޑް ކަޕުން ވަރަށް ބައިވަރު ތަޖުރިބާ ލިބިއްޖެ. އަހަރެން ވަރަށް ފަހުރުވެރިވޭ މި ޓީމުގެ ކޯޗުގެ ގޮތުގައި ހުންނަން. ޓީމުގައި މިތިބީ ވަރަށް ބަރާބަރު ކުޅުންތެރިންތަކެއް.
ވޯލްޑް ކަޕް ކުއާޓާ ފައިނަލްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފްތާ ބަންދުގެ ދެ ދުވަހު އެވެ.
◂ 11 އޮގަސްޓް، 06:00 / ސްޕެއިން - ނެދަލެންޑްސް
◂ 11 އޮގަސްޓް، 12:30 / ޖަޕާން - ސްވިޑެން
◂ 12 އޮގަސްޓް، 12:00 / އޮސްޓްރޭލިއާ - ފްރާންސް
◂ 12 އޮގަސްޓް، 15:30 / އިންގްލެންޑް - ކޮލަމްބިއާ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy