ފައިނަލް މެޗަށް ފަހު ކާމޮނާ، އޭނާގެ މަންމަ އާއި ބޭބެ އާއެކު.-- ފޮޓޯ: އޭއެފްޕީ
21 އޯގަސްޓް 2023 - 11:51
ސިޑްނީ (އޮގަސްޓް 21) - ފައިނަލްގައި 1-0 އިން އިންގްލެންޑް ބަލިކޮށް ސްޕޭނުން ފުރަތަމަ ފަހަރަށް އަންހެނުންގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްފި އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ސްޕެއިންގެ ހަމައެކަނި ގޯލު ޖަހައިދިނީ ޒުވާން ކެޕްޓަން އޮލްގާ ކާމޮނާ، 23، އެވެ. މުޅި ގައުމަށް ގެނެސް ދިން އުފާވެރިކަމުގެ ވަގުތުކޮޅަށް ފަހު ދެން އޭނާ އަށް ދިރިއުޅުމުގައި ލިބުނު އެންމެ ހިތްދަތި ޚަބަރެވެ. ލޯބިވާ ބައްޕަގެ މަރުގެ ޚަބަރުން ފެންކަލީކޮށްލީ ކާމޮނާ އެކަންޏެއް ނޫނެވެ. ސްޕެއިންގެ މުޅި ޓީމަށް އެ ޚަބަރުވީ މޯޅިކަން ގެނައި ކަމަކަށެވެ.
"އޮލްގާ ކާމޮނާގެ ބައްޕަ ނިޔާވި ހަބަރު އެހީ ފުން ހިތާމައަ އެކު. ކުޅުންތެރިޔާ އަށް މިކަން އެނގުނީ ވޯލްޑް ކަޕް ފައިނަލް މެޗަށް ފަހު،" ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނުގައި ވެއެވެ.
"އޮލްގާ އާއި އޭނާގެ އާއިލާއަށް މި ހިތްދަތި ވަގުތުގައި ތައުޒިޔާ ކިޔަން. އަހަރެމެން އޮލްގާ ދެކެ ވަރަށް ލޯބިވޭ، ތިއީ ސްޕެއިންގެ ފުޓްބޯޅައިގެ ތާރީހު ބަދަލުކޮށްލި ކުޅުންތެރިއެއް."
އޮލްގާގެ ބައްޕަ ނިޔާވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށް ފަހު، ހުކުރު ދުވަހު އެވެ. ސްޕެއިންގެ މީޑީއާތަކުން ހާމަކުރާ ގޮތުގައި ކުޅުންތެރިޔާގެ އާއިލާ އާއި ރަހުމަތްތެރިން ނިންމީ، ވޯލްޑް ކަޕް ފައިނަލް މެޗަށް ފޯކަސް ކުރަން ފުރުސަތު ދޭން ވެގެން، މެޗުގެ ކުރިން އޭނާއަށް ބައްޕަ ނިޔާވި ހަބަރު ނުދޭށެވެ.
ކާމޮނާ ސްޕެއިން ޓީމާ އެކު ވޯލްޑް ކަޕް ތަށި އުފުލާލަނީ.-- ފޮޓޯ: އޭއެފްޕީ
ކާމޮނާގެ މަންމަ އާއި ބޭބެއިން ވަނީ ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި ޓީމަށް ސަޕޯޓް ކުރަން ނިއުޒިލެންޑަށް ގޮސްފަ އެވެ. އޭގެ ފަހުން ސްޕެއިން އަށް ގޮސް، ފައިނަލް މެޗުގައި ރެއާލް މެޑްރިޑަށް ކުޅޭ ފުލްބެލް ކާމޮނާއަށް ސަޕޯޓް ކުރަން އޮސްޓްރޭލިއާއަށް ދިޔައެވެ.
މިއީ ސްޕެއިންގެ އަންހެން ޓީމުން ހޯދި ފުރަތަމަ ކާމިޔާބީ އެވެ. އެންމެ ފުރަތަމަ 2015 ވަނަ އަހަރު އަލަށް ވޯލްޑް ކަޕްގައި ވާދަކުރި އިރު، 2019 ގައި ވަނީ ގަދަ 16 އަށް ދަތުރު ކޮށްފަ އެވެ. އިއްޔެގެ ފައިނަލަކީ، މިދިޔަ އަހަރުގެ ޔޫރޯ މުބާރާތް ކާމިޔާބުކުރި އިންގްލެންޑުން އަންހެނުންގެ ވޯލްޑް ކަޕް ފައިނަލް ކުޅުނު ފުރަތަމަ ފަހަރެވެ.
މުބާރާތުގެ ތިންވަނަ ހޯދީ، ސްވިޑެން އެވެ. ސްވިޑެން ތިންވަނަ ހޯދީ ހޮނިހިރު ދުވަހު، މުބާރާތުގެ އެއް ކޯ ހޯސްޓުން ކަމަށްވާ އޮސްޓްރޭލިއާ ބަލިކޮށްފަ އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޕެއިންގެ މިޑްފީލްޑަރު އައިޓާނާ ބޮންމަތީ އެވެ. ފަސް ގޯލު ޖަހައިގެން ޖަޕާނުގެ ހިނާޓާ މިޔަޒާވާ ރަން ބޫޓު ހާސިލް ކުރިއިރު އެންމެ މޮޅު ކީޕަރަކަށް ހޮވުނީ އިންގްލެންޑުގެ މަރީ އިޔާޕްސް އެވެ. އޭނާ ވަނީ ފައިނަލް މެޗުގައި ސްޕެއިންގެ ޖެނިފާ ހާމޯސޯ ފޮނުވާލި ޕެނަލްޓީ މަތަކޮށްފަ އެވެ.
ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް ހޮވުނީ ބާސެލޯނާއަށް ކުޅޭ ސްޕެއިންގެ ވިންގާ ސަލްމާ ޕަރަލުއެލޯ އެވެ. ފެއާޕްލޭ ޓީމަކީ ކުއާޓާގައި ސްވިޑެން އަތުން ބަލިވި ޖަޕާނެވެ. ޖަޕާން ވަނީ ސްޕެއިން އާ އެއް ގުރޫޕެއްގައި ވާދަކޮށް، ތިން މެޗު ވެސް ކާމިޔާބު ކޮށްގެން ގުރޫޕްގެ އެއްވަނަ ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy