05 ސެޕްޓެމްބަރ 2023 - 13:08
ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް އެންމެ ބޮޑަށް އިސްކަން ދެއްވާ ކަންކަމުގެ ތެރެއިން ވެސް އެންމެ ކުރީގައި އޮތީ ވަކިވަކި ފަރުދުންގެ ދިރިއުޅުން ތަނަވަސްކޮށްދީ، އާންމުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނައުމެވެ. މި އިންތިހާބުގައި ވާދަކުރައްވާ އެންމެ ޒުވާން ކެންޑިޑޭޓު ދެކެވަޑައިގަންނަވާ ގޮތުގައި، ދައުލަތުގެ އާމްދަނީ ބޮޑުވާ ވަރަކަށް، އަމިއްލަ މީހުންގެ ދިރިއުޅުމުން އެކަން ފެންނަ ފަދަ ގޮތަކަށް ސަރުކާރުގެ ސިޔާސަތު ބަދަލުވާން ޖެހެ އެވެ. ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ހުންނެވީ ޑިމޮކްރެޓްސްގެ ވެރިކަމެއްގައި އެ އަމާޒަށް މަސައްކަތް ކުރެއްވުމަށެވެ.
ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ކުރިމަތިވެފައިވާ އެތައް ހާސް ބަޔަކަށް، ވެރިކަމުގެ ފުރަތަމަ ފަސް އަހަރު ތެރޭގައި ވެސް ހައްލެއް ހޯދުމަށެވެ. މާލޭގައި ތޮއްޖެހިފައިވާ ސަރަހައްދުތަކުގައި ކޮންޑޮމީނިއަމްތައް އެޅުމުގެ އިތުރުން އާމްދަނީއެއް ނުލިބޭ މީހުންނަށް ކައުންސިލް ހައުސިންގެ 2،000 ފްލެޓް އެޅުމަށް ޑިމޮކްރެޓްސްގެ މެނިފެސްޓޯގައި ހިމަނާފައިވެ އެވެ. އަދި ކުރިއަށް އޮތް ފަސް އަހަރު ތެރޭ މާލެ ސަރަހައްދަށް ބޭނުންވާ 25،000 ހައުސިން ޔުނިޓް އެޅުމަކީ އިލްޔާސްގެ އެންމެ މުހިންމު އެއް އަމާޒެވެ.
އިލްޔާސް ބަޔަކާ އެކު ފޮޓޯއަކަށް ހުއްޓިގެން-- ފޮޓޯ: ޑިމޮކްރެޓްސް
"އެއްވެސް ވަރަކަށް އާމްދަނީއެއް ނުލިބޭ، ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ އެންމެ ދަށް އާމްދަނީ ލިބޭ 1،800 މީހުން ތިބި ކަމަށް ރިޕޯޓުތަކުން ދައްކާ. އެމީހުންނަށް ހިލޭ ތިބެވޭ ގޮތަށް އަޅުގަނޑުމެން ބިނާކޮށްދެނީ 2،000 ހައުސިން ޔުނިޓް،" އިލްޔާސް "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވި އެވެ.
މިއީ އެ އިންޓަވިއުގެ ހުލާސާއެކެވެ.
އަޅުގަނޑުމެންގެ އިންތިހާބު ކާމިޔާބު ކުރަން އެއީ ވަރަށް ބޮޑު ރޯލެއް އަދާކުރައްވާނެ ބޭފުޅުން. އޭގެ އިތުރަށް ދިވެހި ހުރިހާ ރައްޔިތުން އަޅުގަނޑުމެން މިކުރާ މަސައްކަތުގައި އިތުބާރު ކުރައްވާ. އަޅުގަނޑުމެންގެ މެނިފެސްޓޯއަކީ ރައްޔިތުންނާ ސީދާ ގުޅުން އޮތް މެނިފެސްޓޯއެއް. ރައްޔިތުންގެ ފަރުދީ ތަނަވަސްކަން އިތުރުކުރުމަށް އަޅުގަނޑުމެން ސިޔާސަތުތަކެއް ރާވާފައި އޮތީ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ސަޕޯޓަރުންނާ ސަލާންކުރައްވަނީ. -- ފޮޓޯ: ޑިމޮކްރެޓްސް
އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހުރި ކަންކަމަކީ ދިވެހި ރައްޔިތުންނަށް މިދެންނެވި ކަންކަން ހާސިލުކޮށްދޭން ހުށަހާ މެނިފެސްޓޯއެއް. އެ ބޭފުޅުން މި ބަލައިގަނޭ. އިތުބާރު ކުރޭ.
ދައުލަތުގެ އާމްދަނީ މިދިޔަ ދިހަ ބާރަ އަހަރު ތެރޭގައި ހަތް ބިލިއަން ރުފިޔާ އިން 30 ބިލިއަން ރުފިޔާއަށް އަރައިފި. ކޮން ރައްޔިތެއްގެ އާމްދަނީތޯ ހަތަރު ފަސް ގުނަ އިތުރުވީ؟ ދައުލަތުގެ އާމްދަނީ ހަތަރު ފަސް ގުނަ އިތުރުވި އިރު. ރާއްޖޭގެ ޕާ ކެޕިޓާ، މީހެއްގެ ބޮލަކަށް ޖެހޭ ވަރު 18،000 ޑޮލަރުގައި އެހުރީ. ވަކި ވަކި ފަރުދުންގެ އާމްދަނީ އިތުރެއް ނުވޭ. ހަމައެކަނި ބޮޑުވީ ދިރިއުޅުމުގެ ހަރަދު. ކުރީގަ 500ރ.-700ރ. އަށް ކުރާ ހަރަދު މިއަދު 1،500ރ. އަށް ބަދަލުވެއްޖެ. ދިރިއުޅުމުގެ އަގު ބޮޑުވީ. އަޅުގަނޑުމެންގެ މިއަންނަނީ "ފަސޭހަ ވިޔަފާރި" ސިޔާސަތުގެ ތެރެއިންނާއި އަދި އަޅުގަނޑުމެންގެ އެހެން ސިޔާސަތުގެ ތެރެއިން ދިވެހި އާއިލާތަކަށް ފަރުދުންގެ އާމްދަނީ އިތުރު ކުރެވޭނެ ގޮތް ފަހި ކުރެވޭނެ.
ޑިމޮކްރެޓްސްގެ ކެމްޕެއިނު ދަތުރެއްގައި ރަށެއްގެ އަތިރިމަތީ އެ ޕާޓީގެ ކެންޑިޑޭޓް އިލްޔާސް ލަބީބް ބަޔަކާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ޑިމޮކްރެޓްސް
އަބުރުވެރި ހަޔާތެއް ނުލިބޭނެ އާސަންދައަށް ސަލާން ޖަހައިގެން. އަބުރުވެރި ހަޔާތެއް ނުލިބޭނެ ބޯހިޔާވަހިކަމެއް ނެތިއެއް. އަބުރުވެރި ހަތާތެއް ނުލިބޭނެ ރަނގަޅު ތައުލީމެއް ނުލިބިއެއް. އަނބުރުވެރި ހަޔާތެއް ނުލިބޭނެ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ކުދިން ސަލާމަތް ކުރެވޭނެ ގޮތެއް ނެތިއެއް.
ފަރުދުންގެ ތަނަވަސްކަން އިތުރުކަން ހިންގާ އެންމެ މުހިއްމު އެއް ކަމަކީ ފަސޭހަ ވިޔަފާރި. އަތުގައި ލޯ ލާރިއެއް ނެތަސް، އެކައުންޓުގައި ފައިސާއެއް ނެތަސް. އެކައުންޓަށް މަހުން މަހުން ފައިސާ ވަނަސް ނުވަނަސް، އަޅުގަނޑުމެން އެމީހަކު ޝައުގުވެރިކަން ހުންނަ ދައިރާއަކުން، ކިޔަވައިގެން ހުންނަ ދާއިރާއަކުން ފީޒަބަލް ޕްރޮޖެކްޓެއް ހުށަހެޅީމާ، 15 ދުވަސް ތެރޭ އެކަން ކުރެވޭނެ ގޮތްތައް ހޯދައިދެނީ.
އެއީ އަމިއްލަ މަސައްކަތް ކުރަން ބޭނުންވާ މީހުންނާއި ވަޒީފާތަކުގައި އުޅޭ މީހުންނަށް ވެސް އެ ފުރުސަތު އޮންނާނެ. އާ ޖެނެރޭޝަންތަކެއް ވިޔަފާރިތެރެއަށް ވެއްދުމަށް މަސައްކަތް ކުރަނީ.
އަޅުގަނޑުމެންގެ ސިޔާސަތަކީ ރާއްޖޭގެ އެއްވެސް ހިސާބެއްގައި އަމިއްލަ ގޯއްޗެއް އޮވެފައި ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށް ވެސް ބޯހިޔާވަހިކަން ހޯދައިދިނުން. އެކަމަށް ބޭނުންވާ ފައިސާ ހޯދައިދިނުން. ލޯނު ނެގުމުގެ ގާބިލުކަން ނެތް މީހުންނަށް ސަރުކާރުން ގެރެންޓީދީގެން އެކަން ކުރެވޭނެ މަގު ތަނަވަސްކޮށްދެނީ.
މާލޭގައި 16،000 އާއިލާއަށް ވުރެ ގިނަ މީހުން އެބަ ދިރިއުޅޭ 600 އަކަފޫޓަށް ވުރެ ކުޑަ ތަންތަން ކޮޅުގައި. އެއް ކޮޓަރިއެއްގައި ފަސް ހަ މީހުން އެބަ ދިރިއުޅޭ. އެއް ކޮޓަރީގައި ޑިއުޓީ ބަހައިގެން އެބަ ނިދާ ހަދާ. އަޅުގަނޑު މާލޭގެ ރައްޔިތުން އުޅޭ ގޭގެއަށް ގޮސް، އެމީހުން އުޅޭ ހާލަތު ބަލާފައި މިހުރީ. މި ސިޔާސަތު ނެރުނީ ވެސް މިކަން ރަނގަޅަށް ބަލާފައި.
ޑިމޮކްރެޓްސްގެ ހަރުގެ ޖަލްސާއެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީީބް ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އަޅުގަނޑުމެންނަށް ގުޅީފަޅާއި ގިރާވަރު ފަޅު ހިއްކައިގެން އެތަންތަނުގެ ބިން ސެޓުލްވެ، މަގުތައް ހަދައި، ފެނާއި ނަރުދަމާ އާއި ކަރަންޓާއި މިސްކިތް އަޅައި، އެތަނުގައި ގެ އަޅަން ނަގާނެ 20-25 އަހަރު. މިހާއިރު ވަންދެން އަނެއްކާ މާލޭގެ އާއިލާތަކަށް މަޑުކުރެވޭ ކަށް ނެތް. އެމީހުންނަށް މިހާރުން މިހާރަށް އެބަޖެހޭ ހައްލު ހޯދައިދޭ. މާލެއިން އެކަން ކުރެވޭނެ.
މާލޭގެ ދެކުނު ފަރާތުގައި އެބަހުރި ސަރުކާރުގެ ބިންތައް. އަޅުގަނޑުވާނެ ފަސް ބްލޮކް ނުވަތަ ކޮށި ފާހަގަކޮށްފައި. އެ ފަސް ބްލޮކްގައި މި އަޅަނީ 15 ބުރީގެ ކޮންޑޮމީނިއަމްތައް. އެ ކޮންޑޮމީނިއަމްތަކުގެ ތެރެއިން 13 ބުރި ހާއްސަ ކުރަނީ ދެ ކޮޓަރި، ތިން ކޮޓަރީގެ އެޕާޓްމެންޓްތައް. އެތަނުގެ ކޮންމެ ތަނެއްގައި 500 އެޕާޓްމެންޓްތައް އެޅޭނެ. ޖުމްލަ 2،500 އެޕާޓްމެންޓް އެ ފަސް ބްލޮކްގައި އަޅަނީ. އެތަނުގައި އެބަހުރޭ ޑެކެއާ އާއި ޕާކިން އާއި ބައްދަލުވުންތައް ބޭއްވޭނެ ހޯލްތައް، ކެޕޭތައް ހެދޭނެ ޖާގަ. އެތަނުގައި ފިހާރަތައް. އެތަނުގައި ސްވިމިން ޕޫލް ލާފައި ރަނގަޅު ދިރިއުޅެއް އެބަ ހޯދައިދޭން.
އަޅުގަނޑުމެން މިހާރު ވެސް ވަނީ ތޮއްޖެހިފައިވާ ބްލޮކްތައް ފާހަގަކޮށް އެތަންތަނުގައި އުޅޭ މީހުންނަށް އާ ކޮންޑޮމީނިއަމްތަކަށް ބަދަލުވާން ދައުވަތު ދީފައި. އެ ތޮއްޖެހިފައި އޮތް ބްލޮކްގައި ގޯތި އޮތް މީހަކަށް އަޅުގަނޑުމެން ހުޅުމާލެއިން 1،000 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް އެބަދެން. އަދި އިމާރާތެއް ކޮށްފައި އިނިއްޔާ، އެތަނުގެ ބަދަލު ފައިސާއިން އެބަދެން. އެގޭގަ ރަޖިސްޓްރީވެފައިވާ މީހުންގެ ތެރެއިން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް އަޅުގަނޑުމެން މި އެޕާޓްމެންޓްތައް އަޅާ ކޮންޑޯއިން އެބަ އެޕާޓްމެންޓްތައް ދެން.
އަށާރަ މަސް ދުވަހުގެ ތެރޭގައި ފުރަތަމަ ފަސް ބްލޮކް ނިންމާފައިވާ މީހުން ވައްދާނަން. އަދި 36 މަސް ތެރޭ އިތުރު 10 ބްލޮކް ނިންމާފައި މީހުން ވައްދާނަން.
ގެސްޓްހައުސްއަށް އިންވެސްޓްކުރަން ވަރަށް ބައިވަރު ފަރާތްތައް އެބަހުރި. އެއީ ސަކްސެސްފުލް ކަމާ އެކު އެކަން އެބަ ކުރޭ. އަޅުގަނޑުމެން ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން ޓިކެޓުގެ އަގު ދިވެއްސެކޭ ބޭރު މީހެކޭ އެއް ހަމަ ކުރާނަން. އޭރު ދިވެހިންނާ އެއް އަގެއްގައި ބޭރު މީހުންނަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ދަތުރު ކުރެވޭނެ. ރާއްޖޭގައި މިހާރު ހުރި އެއާޕޯޓުތައް އިތުރަށް ތަރައްގީ ކުރާނަން.
އަޅުގަނޑުމެން ގެސްޓްހައުސް ވިޔަފާރި ފަށާނެ އެތައް ބަޔަކު ތިބިކަން ފާހަގަކުރެވޭ. އެމީހުންނަށް އެކަން ނުވެފައިވަނީ އެކަން ކުރަން ބޭނުންވާ ލޯނު ނަގަން އިކުއިޓީއެއް ރަހުނެއް ނެތުމުން. އަޅުގަނޑުމެން މި އަންނަނީ އެމީހުންނަށް ފައިނޭންސް ހޯދައިދޭން. ބޭންކްތައް މެދުވެރިކޮށް ފައިނޭންސް ހޯދައިދޭން.
ހައިކޮމިޝަންތަކާއި ކައުންސިލްތަކާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ވަކިވަކި ރަށްތައް މާކެޓު ކޮށްދޭނަން.
ރާއްޖޭގެ ބޭންކިން ސެކްޓަރުގެ ކޭޝް ލިކުއިޑިޓީގެ 60 ޕަސެންޓު ނަގަނީ ސަރުކާރަށް. ޓީބިލާއި ބޮންޑާއި ލޯނާއި އެކި ނަންނަމުގައި. އެ ނަގާފައި ބޭކިން ސެކްޓާއިން ބާކީއޮތް 40 ޕަސެންޓުން 20 ޕަސެންޓު މި ދެނީ ބޮޑެތި ވިޔަފާރިތަކަށް. ދެން އޮންނަ 20 ޕަސެންޓު މިދެނީ ސްޓޫޑަންޑް ލޯނާއި ގޭގެ އިމާރާތް ކުރުމަށާއި ދެން ކުރާ ހުރިހާ ކަމަކަށް. އަޅުގަނޑުމެން އެ އަނެއްކޮޅަށް ޖަހާނަން. އަޅުގަނޑުމެން އެ އަނެއް ކޮޅަށް ޖަހާނަން. އެފައިސާ އަޅުގަނޑުމެން ބޭނުންވަނީ ދިވެހި ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ދޫކުރަން.
ސަރުކާރު ހިންގަން ޖެހޭނީ ބޭންކްތަކުގައި ހުންނަ ފައިސާއިން. ސަރުކާރު ހިންގާނީ ލިބޭ އާމްދަނީން. އެހެންވީމަ ބޭންކުތަކުން ސަރުކާރަށް ބޭނުން ކުރާނީ ކުޑަ ޕަސެންޓެއް.
ރާއްޖެއަށް ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ގުޅުންތައް ބަދަހިކޮށްގެން ހައިކޮމިޝަންތައް މެދުވެރިކޮށް މިކަންކަމަށް އިންވެސްޓްމަންޓްތައް ހުޅުވާލާނަން.
ދިވެހި ދައުލަތުގެ ދަރަންޏަކީ ދިވެހި ރާއްޖޭގެ ސަލާމަތަށް ވެސް ނުކުރައްކާ ހުރި ކަމެއް. ރާއްޖެ ދަރަނި އޮތީ 60 ބިލިއަން ރުފިޔާއަށް އަރާފައި. އޭގެ ކުރީ ހުރިހާ ސަރުކާރަކުން އޮތީ 48 ބިލިއަން ރުފިޔާ އަރާފައި. މިހާ ބޮޑު ދަރަންޏެއް މި ފަސް އަހަރު އެރުން މިއީ އަޅުގަނޑުމެން އިންތިހާއަށް ކަންބޮޑުވާ ކަމެއް. އަޅުގަނޑުމެން ދަރަނި ދައްކަން ރީސްޓްރަކްޗާ ކުރަން ޖެހޭ. ރީސްޓްރަކްޗާ ކުރުމުގެ ޕްރޮގްރާމެއް ހިންގާނަން. މި ޕްރޮގްރާމު ހިންގާ އިރު ބޭރު ފަރާތްތަކުގެ، ވޯލްޑް ބޭންކާއި އައިއެމްއެފްގެ އެހީ ހޯދާނަން.
އަޅުގަނޑުމެން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނަން. އިތުރު ގްރޭސް ޕީރިއަޑް ހޯދަން ޖެހޭ. ޑެޓް ޓު އެންވަޔަރުމަންޓް ސްވޮޕެއް ހެދޭނެ ގޮތްތައް މިހާރު ވެސް އެބަ ހޯދަން. އެކަމަށް އެބަހުރި މަގުފަހިވެފައި.
ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު "މިހާރު" އަށް އިންޓަވިއު ދެއްވަނީ. -- ފޮޓޯ: މިހާރު
ދަރަނި ރީސްޓްރަކްޗާ ނުކޮށް އަޅުގަނޑުމެންނަށް 2025 އަދި 2026 ގައި ވަރަށް ދަތިވާނެ. ސަތޭކަ ޕަސެންޓު ޔަގީންކަން އެބައޮތް ދަރަނި ރީސްޓްރަކްޗާކޮށްގެން ދަރަނި އަދާކުރުމަށް.
ޓެކްސް ބޮޑުކުރަން މަޖުބޫރުވާ ވާހަކަ ބުނާ އިރު ވޯލްޑް ބޭންކުން އެބަ ބުނޭ ހަރަދުތައް ކުޑަކުރަން ޖެހޭ ކަމަށް. ހިންގާ ޕްރޮޖެކްޓްތައް އެޕިޝަންޓް ވާނެ ކަމަށް. ސަރުކަރުން ހިންގާ ޕްރޮޖެކްޓްތަކުގެ 90 ޕަސެންޓު ޕްރޮޖެކްޓަކީ 200 ޕްރޮޕިޓް މާޖިނެއް ލައިގެން ހިންގާ ޕްރޮޖެކްޓްތައް.
ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ ތެރެއިން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދީގެން އެ ކުންފުނިތައް މެދުވެރިކޮށް ސަރުކާރާ ގުޅުން އޮންނަ މީހުންނަށާއި މަޖިލީސް މެންބަރުންނަށާއި އެމީހުންނާ ގުޅުން އޮންނަ ވިޔަފާރިތަކަށް ސިޔާސީ ބޭނުމަށް ދީ ކޮރަޕްޝަނުގެ އަމަލުތަކުގެ ހިންގަން ބޭނުން ކުރަނީ. އަޅުގަނޑުން އޯޕަން ޓެންޑާ އުސޫލުން ހިންގާ ނަމަ އަސްލު އަގުގައި ޕްރޮޖެކްޓްތަކުގެ އަގުތައް ހިނގާނެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަދުކުރަނީ
06 September 2023
އުގެނުމާއި އުގަންނައިދިނުމުގެ ހައްގު ހަނިކުރުން އުގަންނައިދޭން ޓީޗަރުންނަގަން މަޖުބޫރުކުރާ ލައިސަންސް ވެސް ކެންސަލް ކުރޭ
މުހައްމާ
05 September 2023
ގޯތީގެ ބަދަލުގައި ހުޅުމާލެއިން ބިން ދީފައި، އިމާރާތުގެ ބަދަލުގައި ފައިސާ ދީފައި އަދި 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ކޮންޑޮމީނިއަމްއިން ޔުނިޓެއް ތިދެނީ ތި ފައިނޭންސް ކުރަންޖެހެނީ މުޅި ދިވެހި ރައްޔިތުން ދަރައިގެން ނަގާ ލޯނުންތޯ އޮޅުން ފިލުވާލަދިން ނަމަ ވަރަށް ރަގަޅުވާނެ. ކަލްޓުގެ ބޮޑެތި މީހުންނަށް ރައްޔިތުންގެ ފައިސާއިން ބައިވަރުތަކެއް ލިބޭގޮތަށް ސިޔާސަތުތައް ބައްޓަންކުރަނީ ހަމަ ރައްޔިތުންދެކެވާ ލޯބިންތޯ ނުވަތަ ވަކިބަޔަކަށް މަންފާ ހޯދަންތޯ
ވާންޗޯސް
05 September 2023
ޕަޕެޓް މާސްޓަރ ބުނާގޮތަށް ހަދަން ޖެހޭނީ، ބުނާ އެއްޗެއް ބުނެވޭނީވެސް.
އަހުމޭ
05 September 2023
ރައްޔިތުން ފުދުންތެރި ކުރުވާ ސިޔާސަތު ތަކެއް ވިޔަފާރިވެރިންނާ ދެކޮޅައް ތަންފީޒް ކުރީ އެންމެ ވެރިއެއް. އެއީ އަންނި