މިއަދު ހެނދުނު އިންޑިއާގެ ޕެއާއާ ކުޅުނު މެޗަށް ފަހު ރާއްޖޭގެ އެޑަމް އާއި ކުޑަކާއްޓޭގެ ޕެއާ.-- ފޮޓޯ: ވީއޭއެމް
14 ސެޕްޓެމްބަރ 2023 - 10:19
ބަންގްލަދޭޝްގައި އިއްޔެ ފެށި ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) ފިރިހެނުންގެ ބީޗް ވޮލީބޯޅަ ޓުއާގައި ރާއްޖެ ތަމްސީލުކުރާ އާދަމް ނަސީމް (އެޑަމް) އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)ގެ ޕެއާ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ކޮކްސް ބަޒާރުގެ ކަލަޓާލީ ސީ ބީޗުގައި ކުރިއަށްދާ މި މުބާރާތުގެ ކުއާޓާ އިން އެޑަމް އާއި ކުޑަކާއްޓޭގެ ޕެއާ ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްގެންނެވެ.
އިއްޔެ ހެނދުނު ކުޅުނު ފުރަތަމަ މެޗުގައި ބޫޓާންގެ ސޯނަމް އާއި ރާމް ބަދުރުގެ ޕެއާއާ ވާދަކޮށް މޮޅުވީ ސީދާ ދެ ސެޓުންނެވެ. ސެޓްތައް ގެންދިޔައީ 21-5، 21-8 އިންނެވެ. ދެވަނަ މެޗުގައި އިއްޔެ މެންދުރު ބަންގްލަދޭޝްގެ މަންސޫރާއި ޝާހްޖަހާންގެ ޕެއާގެ މައްޗަށް ކުރި ހޯދީ 21-13، 21-19 އިންނެވެ. އަދި ތިންވަނަ މެޗުގައި މިއަދު ހެނދުނު ވަނީ 21-18، 21-15 އިން އިންޑިއާގެ ނިތިން އާއި ރާމާގެ ޕެއާ ބަލިކޮށްފަ އެވެ.
އެޑަމް އާއި ކުޑަކާއްޓޭ ވަނީ މިދިޔަ އަހަރުގެ ކާވާ ބީޗް ވޮލީބޯޅަ ޓުއާގެ ހުރިހާ މެޗަކުން މޮޅުވެގެން، ފުރަތަމަ ފަހަރަށް ވޮލީބޯޅައިން ރާއްޖެއަށް ރަން މެޑަލްއެއް ހޯދައިދީފަ އެވެ.
ރާއްޖޭގެ ޕެއާ މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދީ ބްރެޒިލްގެ ވިނީޝިއުސް މާޓިންސްގެ ކޯޗުކަމުގެ ދަށުންނެވެ. މިއަހަރުގެ މުބާރާތުގައި ރާއްޖޭގެ ޓީމަށް އިރުޝާދު ދެނީ ކުރީގެ ކުޅުންތެރިޔާ ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy