ޑިމޮކްރެޓްސް އިން ކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ޕާޓީގެ މުއައްސިސް ހަސަން ލަތީފު ވާހަކަދައްކަވަނީ: އޭނާ ވިދާޅުވި ގޮތުގައި މުއިއްޒުގެ ސަރުކާރުގެ މަގާމުތަކުގައި އެ ޕާޓީގެ މެމްބަރުން ތިބޭނެ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
07 އޮކްޓޯބަރ 2023 - 16:33
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެކި މަގާމުތަކުގައި ޑިމޮކްރެޓްސްގެ މެމްބަރުން ތިއްބަވާނެ ކަމަށް އެ ޕާޓީގެ މުއައްސިސް ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.
ޑިމޮކްރެޓްސް އިން މިއަދު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމއްގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ހަސަން ވިދާޅުވީ މުއިއްޒުގެ ސަރުކާރު ހިންގުމުގައި އެ ޕާޓީގެ ބައިވެރިވުން އޮންނާނެ ކަމަށެވެ.
ސަރުކާރު ހިންގުމުގައި އޭގެ މާނައަކީ ސަރުކާރުގެ އެކި މަގާމުތަކުގައި ވެސް ޑިމޮކްރެޓްސްގެ މެންބަރުން ވެސް ތިއްބެވުން: ހަސަން
"އުއްމީދު ކުރަނީ އެ ސަރުކާރު ހިންގުމުގައި ވެސް ބައިވެރިވުން. ކޮންމެހެން ސަރުކާރަށް މަޝްވަރާ އާއި ލަފާ ދިނުމަށް އެ ގޮތްގޮތުން ބައިވެރިވުން އެކަންޏެއް ނޫން، ސަރުކާރު ހިންގުމުގައި ވެސް ބައިވެރިވުން. އެ މާނައިގައި ކުރިން ވެސް އެ ވާހަކަ ދެންނެވީ،" ހަސަން ވިދާޅުވި އެވެ.
"ސަރުކާރު ހިންގުމުގައި އޭގެ މާނައަކީ ސަރުކާރުގެ އެކި މަގާމުތަކުގައި ވެސް ޑިމޮކްރެޓްސްގެ މެންބަރުން ވެސް ތިއްބެވުން."
އަންނަ މަހުގެ 17 ގައި ރައީސްކަމުގެ ހުވާ ކުރައްވާ މުއިއްޒު ބައެއް އިންޓަވިއުތަކުގައި ވިދާޅުވެފައިވާ ގޮތުގައި، އެއްވެސް ޕާޓީއަކަށް ވަކި މަގާމެއް ދޭން ނިންމާފައި ނުވާނެ އެވެ. އެކަމަކު، އެކަށީގެންވާ ތައުލީމެއް ލިބި، ގާބިލް ބޭފުޅެއްގެ ނަން ހުށަހަޅައިފި ނަމަ އެ ފުރުސަތު އޮންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައި ވެ އެވެ.
މުއިއްޒު ނިންމަވާފައި ވަނީ "މަތި ބަރު ނޫން" ސަރުކާރެއް އެކުލަވައިލާށެވެ. މަގާމުތަކަށް އައްޔަން ކުރައްވާނީ ވެސް ތައުލީމީ، ގާބިލު ބޭފުޅުން ކަމަށް އެ މަނިކުފާނު ވިދާޅުވެފައި ވެ އެވެ.
ރިޔާސީ އިންތިހާބު މުއިއްޒު ކާމިޔާބު ކުރެއްވި ފަހުން، މިދިޔަ އާދިއްތަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަސަން ވަނީ މުއިއްޒުގެ ސަރުކާރު ހިންގުމުގައި އެ ޕާޓީން ބައިވެރިވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، އިތުރު ތަފުސީލު އޭރަކު ނުދެއްވަ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ވަނީ ތިންވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދަވައިފަ އެވެ. އެއީ 15،000 ވޯޓެވެ. ނަމަވެސް، ދެވަނަ ބުރުގައި އެ ޕާޓީން ނިންމީ އެއްވެސް ކޮޅަކަށް ތާއީދު ނުކުރުމަށެވެ. އެކަމަކު، އެ ޕާޓީގެ ބައެއް އިސް ބޭފުޅުންނާއި ގޮފިތަކުންނާއި އާންމު މެންބަރުން ވަނީ ދެ ވަނަ ބުރުގައި މުއިއްޒަށް ތާއީދު ކޮށްފަ އެވެ.
ޑިމޮކްރެޓްސް އަކީ އެމްޑީޕީއާ ހިޔާލު ތަފާތުވެ، އެ ޕާޓީން ވަކިވެވަޑައިގެންނެވި ބައެއް ބޭފުޅުން އިސްވެ އުފެއްދި ޕާޓީއެކެވެ. ނަޝީދު އިސްކޮށް ހުންނަވާ އުފެއްދި އެ ޕާޓީ ދޫކުރައްވައި، އަލުން ވެސް އެމްޑީޕީއާ ގުޅިވަޑައިގަތުމުގެ ޝައުގުވެރިކަން އެމަނިކުފާނު ވަނީ ފާޅުކުރައްވައިފަ އެވެ.
ޑިމޮކްރެޓްސް އިން އެންމެ ބޮޑަށް ވަކާލާތު ކުރަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުމަށެވެ. އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތް ކުރަމުންދާއިރު، އެމްޑީޕީގެ ގިނަ މެންބަރުން އިންތިހާބަށް ފަހު ގެންދަނީ އެކަމާ ދެކޮޅު ހަދަމުންނެވެ. އަދި ނިޒާމު ބަދަލުކުރުމުގެ ފުރުސަތު ނުދޭން އެ ޕާޓީގެ ގައުމީ މަޖިލީހުން ވެސް ވަނީ މިދިޔަ ހަފުތާގައި ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިނރުޓޭ
08 October 2023
ޑރ މުއިއްޒު ދަންނަވާލަން ބޭނުން ވަނީ ތި އަންނި އާ ހެޔޮ ނުވާނެއޭ ވައި އެޅެން! ލަނޑު ދޭނެ ކަން ޔަގީން!
ކިންގުލީ
08 October 2023
ހޯހޯ... ގައިކޮޅު ގައިގައި ދުރު!
އަބްޑޫޅް +
08 October 2023
ދެންފަހެ، ކޮންމެއަކަސް، ބަރުލަމާނީގެ ދަށުން، އިގިރޭސިވިލާތުގަ އޮންނަހެން، ބޭފުޅުންގެ މަޖިލީހަކާއި، ދެރަސޮޑާއިންގެ މަޖިލީހެއް އުފައްދަން ފެނޭ. އަދި އޭގެ އިތުރުން މަނިކުފާނުންގެ މަޖިލީހަކާއި މެޑަމުންގެ މަޖިލީހެއް ވެސް، ކެބިނެޓް ފެންވަރުގަ އޮތުމަށް، އުސޫލެއްގެ ގޮތުން، މިހާރުން މިހާރަށް އެބަ ޖެހޭ. މާތުރަ.
ލަދުކުޑޭ
08 October 2023
މަތިންބައިންޖެހިގެންވެސް މިއީ ދެން ބޮޑު ވަރު!
ކޮލޖެން
08 October 2023
އެންމެ މީހަކު ލިޔަސް ބަލާނީ ކެނޑޕޭނުގަ މުއިއްޒު ދޮގު ހެދި ކަމަށް
ތިޔަކުނެތް
08 October 2023
މުއިއްޒު ކޯޗެއް ހޯދަން ކުނި ގޮނޑު މިހާވަނީ. ތީގަ އޮންނާނީ ހުސް ކުނި. އަނެއްކާ މުައިއްޒަށް ތާއީދުވެސް ކުރި ބައެއް ނޫން
މުއިއްޒު އަށް
07 October 2023
މިވަގުތަށް ކައިރި ކޮށްލާށެ. ނަމަވސް ފަހުން ދުރުކޮށްލާށެ. ތީ ވަރަށް މުނާފިގު ބައެކެވެ.
ޕްރޭމްޗޯޕްރާ
07 October 2023
މިހާރު ޑިމޮކްރެޓްސް އެކޭ ކުރިން ބައިއަޅަން އުޅުނު ކުދި އަދި ވަނދު ޕާޓީތަކެކޭ އެއްގޮތްވީނުން…! މަޤާމަށް ނޫންގޮތަކަށް ޑރ.މުއިއްޒުވީވަޢުދު ފުއްދުމުގައި އެއްބާރުލުން ހަމަދެވެންނެތީތައް؟
ބޮޑުމީހާ
07 October 2023
ސިޔާސީ ކަންކަމަކީ އަދި އެހާ ސާފުސީދާކޮށް އޮންނަ ކަމެއްނޫން. މަޖްލިސް އިންތިހާބު ނިމެންދެން ޑިމޮކްރެޓުގެ މަޖްލިސް މެމްބަރުންގެ ތާއިދު މުއިއްޒު ބޭނުންވާނެ. އޭގެ ބަދަލުގައި ސަރުކާރުގައި ޑިމޮކްރެޓުންނަށް ހިއްސާއެއް އޮތުމަކީ ދެކޮޅަށްވެސް މިވަގުތަށް އެންމެ ފައިދާ ހުރި ގޮތް. އޭގެ ބަދަލުގައި މުއިއްޒު އެކަނި މިކަންކުރަން ނިންމައިފިނަމަ ޕީޕީއެމް މަދު މަޖްލިސް މެމްަބަރުންނާއިއެކު މިކަން ކުރަން ތަންކޮޅެއް ގޮންޖެހުން ބޮޑުވާނެ
ހުސެންް
07 October 2023
ތިބައިގަނޑު ވައްދައިފި ތަނެއްވެސް ރަނގަޅެއް ނުވާނެ. މުއިއްޒު ތިކަން ކޮށްފިއްޔާ އޭގެމާނައަކީ މުއިއްޒު އަމިއްލަ ކަރުގައި ވާގަނޑެއް އެއްސުމޭ.