އެފްއޭއެމްގެ ރައީސް ބައްސާމް (ވ) އާއި އޭނާގެ ނައިބު އަލީ އުމަރު: މާދަމާ ކުޅޭ މެޗު ޕްރަމޯޓް ކުރަން އެފްއޭއެމުން އެކަށީގެންވާ މަސައްކަތެއް ނުކުރެ --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު
11 އޮކްޓޯބަރ 2023 - 10:26
ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭއޮފްގައި މާދަމާ ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ މެޗަކީ ކުރިއަށް އޮތް އެއް އަހަރު ރާއްޖޭގެ ފުޓްބޯޅައިގެ ކަލަންޑަރު ކަނޑައެޅުމާ ގުޅިފައި އޮތް މެޗެކެވެ. މާދަމާ ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ރާއްޖެ ކުޅޭ މެޗަކީ ވޯލްޑް ކަޕް ކޮލިފައިންގެ ގުރޫޕް ސްޓޭޖަށް ކޮލިފައިވުމަށް ކުޅޭ ޕްލޭއޮފް ބުރުގެ ފުރަތަމަ ލެގް މެޗެވެ. މި ބުރު ރާއްޖެ އަށް ގެއްލިއްޖެނަމަ، ކުރިއަށް އޮތް އަހަރަށް ދިވެހި ގައުމީ ޓީމުގެ ހަރަކާތް ހުއްޓޭނެ އެވެ. ކިތަންމެ ދިގު މުއްދަތަކަށް ލީގު ހުއްޓާލައިގެން އޮންނަން ޖެހުނަސް އިންޓަނޭޝަނަލް ފްރެންޑްލީ ގިނަ މެޗުތަކެއް ރާއްޖެއަކުން ނުކުޅެ އެވެ.
ޕްލޭއޮފް ބުރުގެ މެޗުން ގުރޫޕް ސްޓޭޖަށް ދެމި ނުގަނެވިއްޖެނަމަ އަންނަ އަހަރުގެ ނިޔަލަށް ފުޓްބޯޅައިގެ މާ ބޮޑު ހަރަކާތެއް ރާއްޖެއަކަށް ނޯންނާނެ އެވެ.
ރާއްޖޭގެ ފުޓްބޯޅަ އަށް މުހިންމު މި މެޗު ޕްރޮމޯޓް ކުރަން އެފްއޭއެމުން އެކަށީގެންވާ މަސައްކަތެއް ނުކުރެ އެވެ. ފުޓްބޯޅަ އާއި އެފްއޭއެމް ރިފޯމް ކުރަމަށް ގޮވާލާ ކެމްޕޭން ފަށައިފައިވާ ސޭވް އެފްއޭއެމްގެ އޮފިޝަލަކު ބުނީ މެޗުގެ ފޯރި ހިއްޕުމުގެ މަސައްކަތުގައި އެފްއޭއެމުން ތިބީ އަތް އުރާލައިގެން ކަމަށެވެ.
"އެފްއޭގެ ފޭސްބްކް ޕޭޖުގައި ޕޯސްޓެއް ޖަހާލާތަން ފެންނަނީ. އެކަމަކު އެއީ ކޯއްޗެއް، ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެސޯސިއޭޝަނާ ބަލާއިރު މި ފެންވަރަކަށް ނޫން ދާން ޖެހޭނީކީ،" އޭނާ ބުންޏެވެ.
އޭނާ ބުނީ އެފްއޭއެމުން އިސްނަގައިގެން މީގެ ކުރިން ވެސް މުހިންމު މެޗުތައް ޕްރޮމޯޓްކުރަން މަސައްކަތްކޮށްފައި ނުވާ ކަމަށެވެ. މީގެ ކުރިން މިކަހަލަ މެޗުތައް ޕްރޮމޯޓްކުރަން އެފްއޭއެމުން މަސައްކަތް ކުރީ ފުޓްބޯޅަ އަށް ޝައުގު ހުންނަ ކޮންމެ ވެސް އާރުލާ މީހަކު އިސް ނަގައިގެން މަސައްކަތް ކުރަން އުޅުމުން ކަމަށެވެ.
"މިދިޔަ ހަތަރު ވަރަކަށް އަހަރު މަހޭ [ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް] ނޫނީ ބަލަކު [ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު] އުޅުނީމަ މެޗުތައް ޕްރޮމޯޓް ކުރަން އެފްއޭއެމުން ކިރިޔާ ވެސް ކަމެއް ކޮށްފައި އޮތީ،" އޭނާ ބުންޏެވެ.
"އޭގެ ކުރިން ޓޮމް [އަހުމަދު ތޯރިގު] (އެފްއޭއެމްގެ ރައީސްކަމުގައި) ހުރި އިރު ފެނުނު ކުޅުދުއްފުށިން ސަޕޯޓަރުން ގެނެސް ހާއްސަ ކަންތައްތަކެއް ކުރިތަން. އެކަމަކު މިހާރު އޮތް ލީޑާޝިޕުން އިސް ނަގައިގެން އެކަހަލަ އެއް ވެސް މަސައްކަތެއް ކޮށްފައެއް ނެތް."
އޭނާ ބުނީ އެފްއޭއެމްގެ ހިންގުން ދޯދިޔާ ވެގެން ދިއުމުން ގައުމީ ޓީމުގެ މެޗުތަކަށް ވެސް އާންމުންގެ ސަމާލުކަން ކުޑަވެއްޖެ ކަމަށެވެ. މެޗު ޕްރޮމޯޓްކުރަން ބައެއް މައުލޫމާތުތައް ހޯދަން ނޫސްވެރިން ވެސް އެފްއޭއެމްގެ މީޑިއާ ގުރޫޕްގައި ތަކުރާރުކޮށް އެދެމުން ދިޔަ ކަމަށެވެ. އެކަމަކު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ޖެނަރަލް ސެކްރެޓަރީ ހުސައިން ޖަވާޒާއި އޭނާގެ ނައިބު އަދި ގައުމީ ޓީމުގެ މެނޭޖަރު އަބްދުﷲ ޝިބާއު ވެސް ތިއްބަވާ އެ ގުރޫޕްގައި އެއިން އެއްވެސް ބޭފުޅަކު ނޫސްވެރިންގެ އެ ރިކްއެސްޓްތައް ފުރިހަމަކޮށްދީފައެއް ނުވެ އެވެ.
ބަންގްލަދޭޝްއާ ދެކޮޅަށް 2016 ގައި މާލޭގައި ކުޅުނު މެޗުގައި ކުޅުދުއްފުށިން އައި ސަޕޯޓަރުންނަށް ގައުމީ ޓީމުގެ ކުޅުންތެރިން ޝުކުރު އަދާކުރަނީ: މާދަމާ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗު ޕްރޮމޯޓްކުރުމުގައި އެފްއޭއެމުން އެކަށީގެންވާ މަސައްކަތެއް ނުކުރޭ
ޓިކެޓް ވިއްކަން ފަށާނީ ކޮން އިރަކުންތޯ، މެޗަށް ދަނޑަށް ވައްދާނީ ކިހާ ސަޕޯޓަރުންނެއްތޯ، އަދި ގައުމީ ސްކޮޑަށް ނެގި ކުޅުންތެރިންގެ ލިސްޓް ހޯދަން ވެސް ނޫސްވެރިން އެ ގުރޫޕްގައި އެދިފައި ވެއެވެ. އެކަމަކު މެޗު ފަށަން ތިރީހަކަށް ގަޑިއިރަށް ވީ އިރު ވެސް އެ މައުލޫމާތުތައް ހިއްސާކޮށްފައެއް ނެތެވެ.
ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔަކު ބުނީ މި އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އަށް ކުރިމަތިވި ދަށް ނަތީޖާ އާ އެކު ފުޓްބޯޅަ އާ މެދު އާންމުންގެ ސަމާލުކަން ދަށަށް ދިއުމުން ކުރިއަށް އޮތް މެޗު ޕްރޮމޯޓް ކުރަން އެފްއޭއޭމުން ދެ ގުނަ އަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
"އާޓިފިޝަލް ބީޗް ކަހަލަ ތަނެއްގައި އިވެންޓެއް ބޭއްވުން. އެތަނުން މެޗުގެ ޓިކެޓް ވިއްކަން ފަށައި ހަމަ އެތަނުން ގައުމީ ޓީމު ޖޯޒީ ގަންނަން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސޭނެ. މި ހުންނަނީ އެފްއޭއެމްގެ ލެވަލްގައި ކުރެވޭނެ ކަންކަން. މިއީ ފުޓްބޯޅައިގެ އެންމެ ބޮޑު ފޯރިއެއް އޮންނަ ޔޫރަޕްގެ ގައުމުތަކުގައި ވެސް ކަންކަން ކުރާ ގޮތް،" އޭނާ ބުންޏެވެ.
އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ހުސައިން ޖަވާޒު: މީޑިއާ ގުރޫޕްގައި މެޗާ ގުޅޭ ގޮތުން ނޫސްވެރިން ކުރާ މުހިންމު ސުވާލަތަކަށް އޭނާ ވެސް ޖަވާބު ނުދޭ -- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު
ގައުމީ އަންހެން ޓީމުގެ ހެޑް ކޯޗު އަދި ބުރު ސްޕޯޓްސްގެ ވެސް ކޯޗު މުހައްމަދު ނިޒާމް ބުނީ ބަންގްލަދޭޝްގެ މެޗުން މޮޅުވެއްޖެ ނަމަ ފުޓްބޯޅައިގެ ފޯރި އަލުން ގެނައުމަށް ބޮޑު އެހީ އަކަށް ވާނެ ކަމަށެވެ.
އެކަމަކު މެޗުގެ ކުރިން އާންމުންގެ މެދުގައި އެ ފޯރި ގެންނަން އެފްއޭއެމުން އެކަށީގެންވާ މަސައްކަތެއް ނުކުރެ އެވެ. އެއަށް ވުރެ އެ އެސޯސިއޭޝަން އޮތީ މާލީ ގޮތުން ބޮޑު އަޑިގަނޑަކަށް ވެއްޓިފަ އެވެ. ފީފާ އާއި އޭއެފްސީން ފައިސާ ފޯރުކޮށް ދެމުން ދިޔައިރު ވެސް އެ ދަރަންޏާއި މުސާރަ ނުދިނުމުގެ މައްސަލަތަކަށް ހައްލެއް ނުލިބެ އެވެ.
އެފްއޭއެމްގެ ޓެކްނިކަލް އަދި އިދާރީ މުވައްޒަފުންނަކަށް މުސާރަ ނުދެ އެވެ. ކްލަބްތަކަށް ދޭން ޖެހޭ ފައިސާއެއް ނުދެ އެވެ. ދަރަނީގެ މައްސަލަތަކުގައި އެ އެސޯސިއޭޝަނާ ދެކޮޅަށް އޯގަސްޓް އަދި ސެޕްޓެމްބަރު މަހުގައި ވެސް ކޯޓުން ހުކުމްތަކެއް ކޮށްފި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާހިރު
12 October 2023
މިހާރުގެ ހާލަތުގައި ރާއްޖޭގެ ޓީމުތައް އެހެން ޤައުމުތަކުގެ ޓީމުތަކާ ކުޅޭއިރުވެސް ދަނޑަށް ވަންނާނެ މީހަކު ނުވެއެވެ. އަދި ޤައުމީ ޓީމު ކުޅޭ މެޗުތަކަށް ވަންނަމީހުންގެ ޢަދަދުވެސް ވަނީ ވަރަށްބޮޑަށް މަދުވެފައެވެ. ބެލެވޭގޮތުން މިއަދުގެ މެޗުގައިވެސް ގިނަވާނީ ބަނގްލަދޭޝް ޓީމުގެ ސަޕޯޓަރުންނެވެ. އެހެންކަމުން ސޭވް އެފް.އޭ.އެމް ގެ ޙަރަކާތްތައް އިތުރަށް ވަރުގަދަކޮށް އެފް.އޭ.އެމް ގައި އިސްކޮށްތިބި މީހުން ބޭރުކޮށް ރާއްޖޭގެ ފުޓުބޯޅަ ސަލާމަތްކުރަންޖެހެއެވެ.
ފައިލް
12 October 2023
ބައްސާމް އައުޓް ބައްސާމް އައުޓް. ކިތައް ފަހަރު ކިޔަން ޖެހެންޏާ އެވަރެއް އަންގާލަ ދީބަލަ. އޭރުން މަވެސް މަސައްކަތް ކުރާނަން އެމީހަކު އައުޓް ކޮށްލެވޭތޯ. އަހަރެން ހިތަށްއަރަނީ މީހަކުގެ ލަދުހަޔާތުގެ ކުޑަނަމަވެސް ހުރިނަމަ މިވަރަށް ބަވާއިރު އިސްތިއުފާ ދީފަ ހިނގައިދާނެކަން. ދެރަކަމަކީ ރާއްޖޭ ފުޓުބޯޅަ ރާއްޖޭގެ އެންމެ ކުލަބަކަށްޓަކާ ފަނާކޮށްލިކަން. ދެން އެކުލަބަށޤ ތަށިތައްލިބިފާވާތީ އެންމެން އަތްޖަހާ.
ބޯގޯ
12 October 2023
ހަގީގަތުގާވެސް ބައްސާމު ދުރުކުރުން މާލަސްވެއްޖެ ތަނަށްކުރިއެރުނުން ނުލިބެންޏާ ބަހައްޓާނެކަމެއްނެއް އެއްތާކުވެސް
ނާދިރު
12 October 2023
ބައްސާމް ނޫން ގޮތެއް !!
ސަމްސިއްޔާ
12 October 2023
ބައްސާމު ދެން އިސްތިއުފާ ދޭންވީއެއްނު.
އނދރ
11 October 2023
ދައުލަތަށްވުރެމަތީބޭޅުން ތިއްބަވާނީ ތިހިން. ތިތަން ދަރާފައިވާދަރަނިފިލައި، އެޅިފައިވާތަޅު ހުޅުވޭތަން ދުވަސްކޮޅަކުން ފެންނާނެ. ބަލަންތިބޭ.
މައު
11 October 2023
މިއައްވުރެ ލަދުނުގަންނަ އިންސާނަކު އޭސިއާ ސަރަހައްދުގަ ނުހުންނާނެ..
ގޮވެލި
11 October 2023
ހަމަ ތިފަދައިން ފުޓްބޯޅަ ކްލަބްތަކުގެވެސް ލަދެއްނެތް. ކްލަބްތައް ބޭނުންނަމަ ބައްސާމް ބޭރުކުރެވޭނެ. ބައްސާމަށް އެތިވަރުގޮވާއިރު ކްލަބްތަކުގެ ހިންގުންތެރިންނަށާ ވެރިންނަށްވެސް އެތިވަރުގޮވާބަލަ. ކީއްވެ ނުކެރެނީ؟
އޭބަލަ
11 October 2023
ހަލޯ ބަލަ މި ބައްސާމު އެފްއޭއެމްގެ ހުރި ލާރިން ދުނިޔެ ވަށާ ފަސްޓު ކުލާހުގައި ބުރުޖަހާ ނިމިގެންދޯ ފުޓުބޯޅައާއިގެން އުޅެވޭނީ
ހެހެހެހެހެހެހެ
11 October 2023
ބައްސާމް އައުޓް ކެމްޕޭން، ޕީއެންސީ ކެމްޕޭން މެނޭޖްމެންޓް ޓީމް އާ ހަވާލު ކުރަމާ، އެމީހުނަށް މިކަން ވެދާނެ، އެޔޮތް ބޮޑު އިންޑިއާ އައުޓް ކޮށްލީ.
ވައްކޭކޯޗު
11 October 2023
މަދު ފައިސާކޮޅަކަށް ދިވެހި ފުޓުބޯޅައިގެ ކުރިމަގު ބައްސާމަށް ވިއްކާލީ މާޒިޔާ ސްޕޯޓްސްއޭ ކިޔާތީ އަހަމެވެ. ޢެންމެ ފަހުގެ އެފްއޭއެމްގެ ކޮންގްރެސް ހިނގި ގޮތް ހަބީބުގެ އިންވެސްޓިގޭޝަނަކުން ކިޔައިދިނުން އެދެމެވެ.