ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ކުޅުންތެރިޔަކު ދަނޑުމަތީގައި މަޑުކޮށްލައިގެން: މުޅި ދަނޑު އޮތީ ފަޅުކޮށް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
21 ނޮވެމްބަރ 2023 - 12:46
ގާތްގަނޑަކަށް 80 ދުވަހަށްފަހު، ދިވެހީންގެ ފުޓްބޯޅައިގެ ޕްރިމިއާ ލީގު މިދިޔަ ބުރާސްފަތި ދުވަހު ފެށި އިރު، ފުޓްބޯޅައިގެ ފެންވަރު އޮތީ އޯގަސްޓް މަހު ފަހުކޮޅު ލީގު މެދުކަނޑާލިއިރު އޮތް ހާލަތަށް ވުރެ ދެރަ ހާލަތެއްގަ އެވެ.
ލީގުގެ އެންމެ ފަހުން ކުޅުނު މެޗުތަކުގެ މި ފޮޓޯތަކުން ވެސް އެކަން ވަރަށް ރަނގަޅަށް އެނގެ އެވެ. "މިހާރު" ގެ ފޮޓޯ ޖާނަލިސްޓުންގެ ކެމެރާތަކުން ކުލަ ކުރި މި ފޮޓޯތައް ޝެއާ ކުރުމަށް ފަހު، ދިވެހި ލީގުގައި ކުރިން، ށ. މިލަންދޫ އަދި ޓީސީ ސްޕޯޓްސް ކްލަބަށް ވެސް ކުޅުނު އިޝާން އިބްރާހިމް (ސައްޓު) ބުނީ ފުޓްބޯޅައިގައި ޝާމިލުވާ އެންމެ ފެއިލް ވެއްޖެ ކަމަށެވެ.
"އެފްއޭއެމް ފެއިލް، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ ފެއިލް. ފުޓްބޯޅަ ކްލަބްތައް ފެއިލް. މުޅި ސިސްޓަމް އޮތީ ފެއިލްވެފައި،" ފުޓްބޯޅައިގެ އެންމެ މަޝްހޫރު ރަށް، ބ. އޭދަފުއްޓަށް ނިސްބަތްވާ ސައްޓު ސޯޝަލް މީޑިއާގައި ލިޔެފައި ވެއެވެ.
"މިހާރު" ގެ ފޮޓޯގްރާފަރުންގެ ފޮޓޯތަކުގެ ތެރެއިން ފުރަތަމަ ފެންނަނީ ގަލޮޅު ދަނޑުގެ ލައިޓްތައް ފަނޑުވެފައިވާ މަންޒަރެވެ. ރާއްޖޭގެ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގެ ލައިޓިން ސިސްޓަމް އެ ގޮތަށް ހުރެގެން ފީފާގެ ސްޓޭންޑަޑަށް ނުފެތޭނެ އެވެ. އެއީ އާދިއްތަ ދުވަހުގެ ރޭ މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީ ކުޅުނު މެޗުގައި ދަނޑުގެ ލައިޓިން ސިސްޓަމް ފެއިލްވެ ފަނޑު އައްޔަކަށް މުޅި ދަނޑު ބަދަލުވި އެވެ.
މެޗު ކުޅެމުން ދިޔައިރު ދަނޑުގެ ލައިޓިން ސިސްޓަމް މައްސަލަ ޖެހިފައި: އެކަށީގެންވާ ސްޓޭންޑަޑަށް ފެތޭ އަލިކަމެއް މެޗު ކުޅުނު އިރު ވެސް ދަނޑުގައި ނެތް --- ފަޔާޒު މޫސާ | މިހާރު
އެ މުޗުގެ އަނެއް ކަމަކީ ޔޫވީގެ ކީޕަރު އިބްރާހިމް ފައިރޫޝް ފައިސަލް އަށް އަނިޔާވެގެން ބަދަލު ކުރަން ޖެހުނު އިރު އަރާނެ ބަދަލު ކީޕަރެއް ޔޫވީގެ ބެންޗުގައި ނެތުމެވެ. ކީޕަރުގެ އަންގި އަތަށް މަހައިގެން ގޯލް ބަލަހައްޓަން ނުކުތީ ޓީމުގެ ޑިފެންޑަރު މުހައްމަދު ފާރިސް އެވެ.
ދެން އަނެއް ފޮޓޯއިން ގަލޮޅު ދަނޑުގެ ސްކޯ ބޯޑެވެ. ޑިޖިޓަލް ކަމަށް ބުނާ ސްކޯ ބޯޑު ހުރި ނިއްވާލާފަ އެވެ. ބޭނުމެއް ނުކުރެވެ އެވެ. "މިހާރު" ގެ ފޭސްބުކް ޕޭޖުގައި ޖެހި އެ ފޮޓޯ ޝެއާ ކުރުމަށްފަހު ސީނިއާ ރެފްރީ ޝިފާން އަބްދުރަހީމް ބުނީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހައިރާންކޮށްލައިފި ކަމަށެވެ.
"މިހާރު" އިން ހިއްސާ ކުރި އެ ޕޯސްޓްގައި ބައެއް މީހުން ވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.
ޑިޖިޓަލް ސްކޯބޯޑް ބޭނުމެއް ނުކުރެވޭ: ދަނޑުގައި އިތުރު ސްކޯބޯޑެއް ނެތް --- ފޮޓޯ: ފަޔާޒު މުސާ | މިހާރު
އަލުން މެޗުތައް ފެށި އިރު ބޯޅަ ހޮވާނެ ކުދިން ކޮޅެއް ދަނޑުގައި ނެތެވެ. ކުރިން ބޯލް ބޯއިސްގެ ގޮތުގައި ފެންނަ ކުދިންގެ ބަދަލުގައި ފަހުން ބިދޭސީން ވެސް ދަނޑުގައި ބޯޅަ ހޮވަން އުޅުނެވެ. އެކަމަކު މިހާރު ބޯޅަ ހޮވަން ވަކި ހާއްސަ ބަޔަކު ރާއްޖޭގެ އެންމެ ބޮޑު ލީގުގެ މެޗުތަކުން ނުފެނެ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ކުޅުނު މެޗުގައި، ފުޓްބޯޅައިގެ ޒަމާންވީ ހިދުމަތްތެރިޔާ ހަސަން ނިޒާރު (ބޮޑޭ) ބޯޅަ ހޮވަން އުޅުނު މަންޒަރު ފެނުނެވެ.
ލީގުގެ ފެންވަރު ދަށް ހާލަތަކަށް ވެއްޓުނު އަނެއް ސަބަބަކީ ކްލަބްތަކުގެ މާލީ ހާލަތެވެ. ވެލެންސިއާ އާއި ގްރީން ސްޓްރީޓްސް އިން ވަނީ ލީގުން ވަކިވެފަ އެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ވިދާޅުވީ މިހާރު ފުޓްބޯޅައިގެ ހާލަތު އޮތް ގޮތުން، އެފްއޭއެމްއާ އަލުން ހަވާލުވާ މީހަކަށް ފަސޭހަ ނުވާނެ ކަމަށެވެ. އޭނާ ހިޔާލަކީ އެފްއޭއެމް އިންޓަރިމް ހާލަތަކަށް ގެންގޮސް ހަމަޔަކަށް އެޅުވުމަށް ފަހު އަލުން އިންތިހާބަކަށް ދިއުމަށެވެ.
އާޒިމް ވިދާޅުވީ، ފުޓްބޯޅައިގައި ދަރިން ޝާމިލުކުރަން ގިނަ މައިންބައިފައިން މިހާރު ބޭނުން ނުވާ ކަމަށެވެ.
ޔޫވީގެ ކީޕަރު ފައިރޫޝް ބޯޅަ ނަގަނީ: އޭނާ އަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނު އިރު އެ ޓީމުގެ ބެންޗުގައި އިތުރު ކީޕަރެއް ނެތުމުން ގޯލަށް ކުޅުނީ ޑިފެންޑަރު --- ފޮޓޯ: ފަޔާޒު މުސާ | މިހާރު
"(ބެލެނިވެރިން) މިހާރު ބޭނުމެއް ނުވޭ ދަރިން ފުޓްބޯޅަ އަށް އެސޯސިއޭޓްކުރުވާކަށް. ޕޭރަންޓުން ބޭނުންނުވާ އެއް ސަބަބަކީ ތި ވިދާޅުވީ،" ރާއްޖޭގެ ލީގުގެ މިހާރު އޮތް ހާލަތާ ބެހޭގޮތުން ސުވާލު ކުރުމުން، "މިހާރު" ގެ މެދު ސޮފްހާ އަށް ދިން އިންޓަވިއުގައި އާޒިމް ވިދާޅުވި އެވެ.
"ފުޓްބޯޅަ ފެންނަނީ ގޭންގް ކުޅިވަރެއްގެ ގޮތުގައި. މިހާރު ޕާސެޕްޝަނަކީ، ހަމަގައިމު ވެސް ދިވެހިން ދެކެނީ މީ މިހާރު ގޭންގް ހިންގާ ކުޅިވަރެއްގެ ގޮތުގައި. ބޭނުންނުވާނެ އެތަނަކަށް މަގޭ ދަރި ގެންގޮސް ފުޓްބޯޅަ ތެރެއަށް ވައްދާކަށް. އެކަޑަމީތައް ވެސް އެބައުޅޭ ކިޔާ ނަމުގެ ގޮތުން ވެސް ގެންދަން ބޭނުން ނުވޭ."
އޭނާ ވިދާޅުވީ އެކަހަލަ ނަންތައް ކިޔާ ކްލަބްތައް ބަލައިނުގަތުމަކީ އެފްއޭއެމް އަށް އޮތް ބާރެއް ކަމަށެވެ.
"ރީތިކޮށް ފުޓްބޯޅަ ގެންދިއުމަށް، މުޖުތަމައު ގަބޫލުކުރާ ބަލައިގަންނަ އެއްޗަކަށް ފުޓްބޯޅަ ހެދުމަކީ ފުޓްބޯޅަ އެސޯސިއޭޝަންގެ އެންމެ މުހިންމު ކަންތައް. އެއީ ފީފާ އިން އެންމެ ބާރުއަޅާ އެއް ކަންތައް. އެކަމަކު ރާއްޖޭގައި މި ފެންނަނީ އެކަން އެހާ ރީތިކޮށް ގެންދާކަށް ނުޅޭތަން،" އާޒިމް ވިދާޅުވި އެވެ.
އެފްއޭއެމްގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ ހާމިދު އަބްދުލް ގަފޫރު ވިދާޅުވީ، ރާއްޖޭގެ ލީގު ދެން ހަރުދާނާ ވަނީ އަތޮޅުތެރެއަށް ލީގު ގެންގޮސްގެން ކަމަށެވެ. އޭނާ ވިދާޅުވީ ލީގަށް 10 ނުވަތަ 12 ކްލަބް އިތުރުކޮށްގެން ރާއްޖޭގައި ވެސް ލީގު ހެދިދާނެ ކަމަށް އެފްއޭއެމްގެ ވެރިންނަށް ހީވާ ކަމަށެވެ. އަންނަ އަހަރު ރާއްޖޭގެ ލީގުގައި ޖުމުލަ 12 ޓީމު ވާދަ ކުރާނެ އެވެ.
ލީގު މެޗުތަކުގައި މިހާރު ބޯޅަ ހޮވާނެ ބަޔަކު ނެތުމުން، ފުޓްބޯޅައިގެ ހިދުމަތްތެރިޔާ ބޮޑޭ ބޯޅަ ހޮވުމުގެ މަސައްކަތުގައި --- ފޮޓޯ: އަބްދުﷲ އަބީދު
"ލީގަކީ އެހެން ހަދާއެއްޗެއް ނޫން. ލީގަކީ ތަނުގެ ނިސްބަތަށް ތަނުގެ ސްކޭލަށް ހަދާއެއްޗެއް. އޭރުން އޭގެ ބެސްޓް ފިޓް ހޯދޭނީ،" ހާމިދު ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭގޮތުގައި ފަށައިގަންނަން ރާއްޖެ އަށް ރަނގަޅީ ހަތް ޓީމުގެ ނެޝަނަލް ލީގެއް... އަޅުގަނޑަށް ފެންނަގޮތުގައި ޕްރެކްޓިކަލް ކަމަކަށްވާނެ މާލޭން އުތުރަށް ދެ ޓީމު، ދެކުނަށް ދެ ޓީމު. ދެން މާލެ ސަރަހައްދަށް ދެ ޓީމު. އެވީ ހައެއް ނޫންތޯ. ދެން ހަތްވަނަ ޓީމު އުތުރުން ވެސް ދެކުނު ވެސް އެންމެ މޮޅު ޓީމު. ދެން ކޮމްޕްޓީޝަން ރާވާ ގޮތަކުން އެނގޭނީ. އެއީ ހަތްވަނަ ޓީމު. ފުރަތަމަ ފަށައިގަންނައިރު މިގޮތަށް ރަނގަޅު ދެން ހޯމް އެންޑް އަވޭ ކުޅޭނީ."
ހާމިދު ވިދާޅުވީ ހޯމް އެންޑް އަވޭ ކުޅޭނެ ދަނޑުތަކާއި އަވޭ މެޗުތަކަށް ދަތުރުކުރުމަށް ބޭނުންވާ ދަތުރުފަތުރުގެ ވަސީލަތްތައް ވެސް ރާއްޖޭގައި ގާއުމުކޮށްފައި އެބަހުރި ކަމަށެވެ.
"ހޯމް އެންޑް އަވޭ ކުޅެން ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ރާއްޖޭގައި އެބައހުރި، ޓްރާންސްޕޯޓް އެބައޮތް. ފަންޑިން، ރަނގަޅަށް ހިނގަންޏާ ފަންޑިން ވެސް ހޯދޭނެ. އަނެއްކާ ފަށައިގަންނައިރު ސަރުކާރު އެބައޮތް،" ހާމިދު ވިދާޅުވި އެވެ.
އެކަމަކު ރާއްޖޭގެ ފުޓްބޯޅަ ހިންގަންތިބި މީހުންގެ ކިބައިގައި އެ ވިސްނުން ނެތް ކަމަށް ހާމިދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން ނިހާދު
24 November 2023
މާޒިޔާ އާއި އީގަލްސްގެ ފިތުނަ ތަކުގެ ސަބަބުން ދިވެހިން ދިވެހި ފުޓްބޯޅައާ ދުރަށް ދާން ފަށާފިއް
ސިލްމާ ޒާހިރު
22 November 2023
ފުޓްބޯޅަ ހަލާކުކުރީ ބައްސާމް. އެފްއޭއެމް އަކީ ސަރުކާރުތަކުގެ ބާރު ފޯރުވޭނެ ތަންތަނެއް ނޫން. ސިޔާސީ ނުފޫޒުން އެފްއޭ ތައް މިނިވަންކޮށްގެން ފީފާއިން ހިންގަނީ. އޭގެ ނާޖާއިޒް ފައިދާނެގީ ބައްސާމް. މަހުލޫފެއް ނޫން ރައީސުލް ޖުމްހޫރިއްޔާއަކަށް ވެސް އެކަމަކާ ނުބެހެވޭނެ. ކްލަބްތައް ގަނެލީ!
ބެލެނިވެރިން
21 November 2023
މިހާރު ތިބޭނީ ރާކަނިމަސް ކެވިފަ ، މަހުލޫފް ޒިންމާނަގަންޖެހޭނީ ބާސްކެޓް ވެސް ފުނޑާލީ ކުފޫހަމަނުވާ ބަޔަކު އަރުވަިގެން
ކިންގް އިލްހާމް ( މުޙައްމަދު އިލްހާމް )
21 November 2023
ދިވެހި ރާއްޖޭގައި ފުޓްބޯޅަކުރި އެރުވުމަށް ދަޢުލަތުން ނުހަނު ބޮޑެތި ހޭދަތައް ކުރޭ މިއުޅެނީ ފުޓުބޯލައިގެ މައްސަލައެއްނޫން މިއުޅެނީ މެނޭޖްކުރުމާއި ލީޑަރ ޝިޕްނެގުމުގެ މައްސަލައެއް އަދި މިމައްސަލަތައް ދިރާސާކޮށް ބަލައި އިސްލާޙްކުރަންޖެހޭ ކަންތައްތައް އިސްލާޙްކޮށް މަގުކޮށާ އަލިކުރަން ޖެހޭ މޮނިޓަރރިން މެކޭނިޒަމްއެއް ގާއިމްކުރަން ޖެހޭ
ޑޮންޑޮން އ
21 November 2023
ރާއްޖޭގަ މިހާރު ފުޓްބޯލް ކުޅޭތަ؟ މަށަކައް ނޭގޭ ކުޅޭކަމެއް؟ 1990 އިން ފެށިގެން 2000 ހުގެ އަހަރުތަކުގަ ވަރުގަދަ މެޗެއް އޮތީޔާ ރިސޯޓް ގަ ތިބެފަ ލޯންޗު ކުއްޔައް ހިފައިގެން މެޗްބަލަން އަހަރަމެން އެބަ އައްނަން އޭރު ހާދަ ފޯރިޔެއް އޮއް ކުޅިވަރަކޭ
ޕެނިކު ފަރީދާ
21 November 2023
މިރާއްޖޭގެ މިކަހަލަ ގަޅިކަންތަކެއް ވާނީ. ކުރެވޭނީ. ހަމަޖެހޭ އުސޫލުތެއް އޮންނަ ގައުމެއްގައި މިހެނެއް ނުވާނެ. ވިޔަސް މައްސަލަ ގޯސްވެ ބޮއްސުން ލައިގެންނުދަނީސް ހައްލުކުރާނެ، އެމީހަކު އެތަނުން ބޭރުކުރެވުނު ގޮތަކަށް ބޭރުކުރާނެ ހެޔޮ، ކެރެންނާ ވިންޗު ބޭނުންކުރަން ޖެހުނަސް!
މަގޭ ހިޔާލު
21 November 2023
އަދި އިތުރު މިސާލެއް ޖަހާލާނަން. ވަރަށް ފަހުން ހަވީރު ކުޅުން ބަންގްލަދޭޝްއާއި ދިވެހި ގައުމީ ޓީމު ގަލޮޅު ދަނޑުގައި. މެޗް ކުޅުން ވަގުތު މައިނީ ކެފޭއެއްގަ ސައިބޯލަން. މެޗް ހުރީ ޓީވީން އަޅުވާފަ. ކެފޭ އޮތީ ފުރިފައި އެކަމަކު އެ ޓީވީއަށް ބަލާލާނެ މީހަކުނުވޭ. ފެންވަރުދަށް ކުޅުމެއްބަލާނެ މީހަކު ނުވާނެތާ ދޯ.
ބަދުނަސީބު
21 November 2023
އެއްޒަމާނެއްގައި ފުޓްބޯޅައަށް މަރުދޭބަޔަކު، ބައްސާމު ވަރު ކަޑަމީހެއް ލައިގެން މިހާދުވަހު މިހާނިކަމެތި ފެންވަރަށް ފުޓްބޯޅަ ވެއްޓެންދެން، ހިމޭނުން ތިބީތީވެސް އަޖައިބުވެއްޖެ.
ނަގިއްޔާ
21 November 2023
މިހާރުދެން ބައްސާމުގެ ދައުރު ގަދަކަމުންވެސް ނިންމަންވެއްޖެ. އެހެންނޫނީ މިދާ ރޭޓުން އަނެއްކާ އަހަރުމެން ތިބެންޖެހިދާނެ މެޗުކުޅޭ ރޭރޭ ފާނޫޒު ހިފައިގެން ބޮކިދަނޑިއަށް އަރާ ނުނީ ގޭގަ ހުރި ނޯޓިސް ބޯޑު ގެނެސް ސްކޯ ބަލަހައްޓަން.
ކޮލަމާހުއްޓާ
21 November 2023
ތިޔަތަން ހުސްކޮއްފަ އެއްބައިގަ ޕާރކިންގ ބިލްޑިންގ އަކާއި ޝޮޕިނގް މޯލެއް އަޅާފަ އަނެއްބައިގަ ޕާކެއް ހަދަން ފެނޭ. ކީއްކުރަން ބާއްވާ ތަނެއް. ބަޔަކު ތިތަނަށް މެޗެއް ބަލަންނުވަންނަތާ 3 އަހަރުވަރު ވަނީ.