ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އާއި އދ. ގެ ހިއުމަން ރައިޓްސް ހައިކޮމިޝަނަރު ވޮލްކާ ޓާކް.-- ފޮޓޯ: ރައީސް އޮފީސް
12 ޑިސެމްބަރ 2023 - 10:43
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް، އދ. ގެ ހިއުމަން ރައިޓްސް ހައިކޮމިޝަނަރު ވޮލްކާ ޓާކްއާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.
ވޮލްކާ ޓާކްއާ ނައިބު ރައީސް ބައްދަލުކުރެއްވީ ސްވިޒަލޭންޑުގެ ޖެނީވާގައި ކުރިއަށްދާ އިންސާނީ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ "ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ މަތީފަންތީގެ ހަރަކާތްތަކުގެ ތެރެއިންނެވެ.
ރައީސް އޮފީހުން ބުނީ އިންސާނީ ހައްގުތައް ނެގެހެއްޓުމުގެ ގައުމީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުގެ އެންމެހާ އިދާރާތަކާއި ރަސްމީ އޮފީސްތައް ހިމެނޭހެން މަސައްކަތް ކުރުމަށް ރާއްޖެއިން ތައްޔާރަށް އޮތް ކަމަށް މި ބައްދަލުވުމުގައި ނައިބު ރައީސް ވިދާޅުވި ކަމަށެވެ.
ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލުކުރުމުގައި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހާއި އެ މަޖިލީހާ ގުޅިފައިވާ ނިޒާމުތަކަށް އެއްބާރުލުން ދީގެން ރާއްޖެއިން ބިނާކުރަނިވި މަސައްކަތްތަކެއް ކުރާނެ ކަމުގެ ޔަގީންކަން ވެސް ނައިބު ރައީސް ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ބައްދަލުކުރެއްވުމުގައި ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެއްވި އެވެ.
ރައީސް އޮފީހުން ބުނީ ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށާއި ދިރިއުޅުމުގެ ފެންވަރު މަތިކުރުމާއި އިންސާނީ ހައްގުތައް ކުރިއެރުވުމުގެ މުހިންމު ކަމުގެ މައްޗަށް ވެސް ދެ ބޭފުޅުން އަލިއަޅުއްވާލެއްވި ކަމަށެވެ.
ހާއްސަކޮށް، ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ހައްގުތައް ހިމާޔަތްކުރުމާއި ގާޒާއަށް މިހާރުން މިހާރަށް ބޭނުންޖެހިފައިވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭކަން ޔަގީންކުރުމުގެ މުހިންމު މައުޟޫއަށް އަށް ނައިބު ރައީސް އަލިއަޅުއްވާލެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
"ހިއުމަން ރައިޓްސް 75"ގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އިއްޔެ އާއި މިއަދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔާޏު
12 December 2023
ތިޔަ ހިއުމަން ރައިޓްސް ފެނިގެން އެދަނީ ފަލަސްތީނުން. ކަންބަޅި ތަކެއްހެން އަހަރުމެންގެ އަޚުންނާއި އުޚުތުންގެ ދަރިން ކަތިލާ އިރު ތިޔަ ހިއުމަން ރައިޓްސް އޮތް ތަނެއް ދައްކާލަދީބަލަ. ލަދު
ޅައިމާ
12 December 2023
ތި ހިއުމަން ރައިޓްސް ނުވަތަ އިންސާނީ ހައްގުތަކަކީ ރަތްލާޖެހި ކާފަރުން މާތް ﷲ ގެ ޙުކުމް ފުޅުތަކަށް ގޮންޖަހަން އަމިއްލަ އަކަށް ހަދައިގެން އުޅޭ އުސޫލުތަކެއް،ﷲ އިންސާނާގެ ހައްޤު ކަށަވަރު ކޮށްދޭވަރަށް އިންސީންނަކަށް އެކަމެއް ނުކުރެވޭނެ،މާތް ﷲ ގެ ޝަރީއަތް ޤާއިމް ކޮށް ތަންފީޒް ކޮށްފާނެތީ ކޮށްގެން އުޅޭކަމެއް،ތިއަކަށް ފޮލޯކުރާކަށް އެއްވެސް މުސްލިމަކަށް ވާޖިބް ވެގެނެއް ނުވޭ،އަދި ފޮލޯ ނުކުރުމަށް މިޤައުމުގެ މުސްލިމުންނަށް ގޮވާލަން،ﷲ އަކްބަރު