އާޒިމާ މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: މެނިފެސްޓޯ ވަނީ ލޯންޗުކޮށްފައި - ފޮޓޯ: ނިޝާން އަލީ / މިހާރު
05 ޖެނުއަރީ 2024 - 22:34
މާލޭގެ މޭޔަރުކަމަށް އޭނާ އިންތިހާބު ކޮށްފި ނަމަ، ތަފާތު ދައްކަވާނެ ކަމުގެ ޔަގީންކަން ދެއްވަމުން، ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ މެނިފެސްޓޯ މިރޭ އިފުތިތާހުކޮށްފި އެވެ.
"ހަމަ ކޮންމެ މީހަކަށް ވެސް ރައްކާތެރިކަމާއި ހަމަޖެހުމާ އެކު ދިރިއުޅޭ ރަށަކަށް" މާލެ ހެދުމުގެ މަގުސަދުގައި އެކުލަވާލާފައިވާ މެނިފެސްޓޯ އިފުތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި އާޒިމާ ވިދާޅުވީ އޭނާ އަށް ފުރުސަތު ދީފި ނަމަ ތަފާތު ދައްކަވާނެ ކަމަށެވެ.
"އަޅުގަނޑު ހޮވައިގެން ކުރާނެ ހިތާމައެއް ނޯންނާނެ،" ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވީ ވާދަވެރި ކެމްޕެއިނެއްގެ ތެރޭގައި އޭނާ ހުންނެވީ އިތުބާރާއި ޔަގީންކަމާ އެކު ކަމަށާއި އޭގެ ސަބަބަކީ އޭނާ އަށް މަގު ދައްކަވަން ކުރިމަތީގައި ހުންނެވީ ރައްޔިތުން ބަލައިގަނެ، ނަތީޖާ ނެރެދެއްވާފައިވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ވާތީ ކަމަށެވެ.
އާޒިމާގެ މެނިފެސްޓޯގައި ހިމެނޭ ބައެއް ކަންކަމާ ގުޅޭ ގޮތުން އޭނާ މިރޭ ވާހަކަ ދެއްކެވިއިރު، އޭގެ ތެރޭގައި ކޮމިއުނިޓީ ސެންޓަރުތައް ހިމެނެ އެވެ. ވިދާޅުވީ މާލެ ސަރަހައްދުގައި ކޮމިއުނިޓީ ސެންޓަރުތައް ގާއިމްކޮށް، އެ ތަނުގައި ހަމަޖެހިލައިގެން ކޮންމެ މީހަކަށް ވެސް ތިބެވޭނެ ގޮތް ހައްދަވައިދެއްވާނެ އެވެ. އެ ތަނުން ޓިއުޝަން ދިނުން ފަދަ ކަންކަމަށް ކޮޓަރި ނުވަތަ ފްރީލާންސް މަސައްކަތްތެރިންނަށް ސްޓޫޑިއޯ ސްޕޭސް ފަދަ ތަންތަން ފޯރުކޮށްދެއްވާނެ ކަމަށް އާޒިމާ ވިދާޅުވި އެވެ.
ކުޅިވަރު އެވެނިއުތަކާއި ވެޓް ސެންޓަރަކާއި ބުޅާ ޝެލްޓާއެއް ވެސް އާޒިމާގެ މެނިފެސްޓޯގައި ވަނީ ހިމަނައިފަ އެވެ.
މާލެއަކީ ހިތްގައިމު، ފެހި، ފަހި، ފަރި މާލެއަކަށް ހެދުމަށް ވެސް އާޒިމާގެ މެނިފެސްޓޯގައި ހިމަނާފައިވެ އެވެ. އޭގެ ތެެރޭގައި އޮތް އެންމެ މުހިންމު މަސައްކަތަކީ ރާއްޖޭގެ ހުރިހާ މާމެލާމެލީގެ ބަގީޗާއެއް ގާއިމްކުރުމެވެ. އަދި އާއިލާވަންތަ ޕާކުތަކާއި ކުނި މަދުކުރުމުގެ ޕްރޮގްރާމެއް ވެސް ހިންގަން ވަނީ ހިމަނައިފަ އެވެ.
އާޒިމާގެ ކެމްޕެއިން މެނިފެސްޓޯ އިފުތިތާހު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި އޭނާ އާއި ރައީސް ޑރ. މުއިއްޒާއި ނައިބު ރައީސް ހުސައިން.---ފޮޓޯ: ނިޝާން އަލީ| މިހާރު
ނުކުޅުދެންތެރިކަން ހުންނަ މީހުންނަށް ވެސް ރައްކާތެރި ތަނަކަށް މާލެ ހެދުމަށްޓައި އެފަދަ މީހުންނަށް ޕާކް ކުރުމާއި އިމާރާތްތަކަށް ވަދެ ނުކުތުމުގެ ނިޒާމާއި އިސްރަށްވެހިންގެ މަރުކަޒުތަކާއި ކޮމިއުނިޓީ ހެލްތު ވަސީލަތްތައް ގާއިމް ކުރަން ވެސް ވަނީ ނިންމާފަ އެވެ.
މާލެ، ދިވެހިންގެ އިގުތިސޯދުގެ ވިންދަށް ހެދުމަށް ވެސް އާޒިމާގެ މެނިފެސްޓޯގައި ކަންތައްތަކެއް ހިމަނާފައި ވެ އެވެ. ކޮންވެންޝަން ސެންޓަރުތައް ބިނާ ކުރުމާއި ލޯކަލް މާރުކޭޓްތައް އިތުރަށް ތަރައްގީ ކުރުމާއި ބަނދަރު ސަރަހައްދު ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން މުހިންމު ހިދުމަތްތަތަކާ އެކު ބެލެހެއްޓުމަށް ވެސް މެނިފެސްޓޯގައި ވެ އެވެ.
ޒަމާނީ ތަނަކަށް މާލެ ހެދުމަށްޓަކައި މުޅި މާޅެ އެއްވިއުގަޔަކުން ގުޅާލުމާއި މާލޭގެ ހުރިހާ ވަސީލަތްތައް ފަސޭހަކަމާ އެކު، ދަނެގަނެ، ބޭނުން ކުރެވޭނެ އެޕެއް ތައާރަފް ކުރަން ވެސް މެނިފެސްޓޯގައިވެ އެވެ. އަދި އެއް ފުރާޅެއްގެ ދަށުން ހުރިހާ ހިދުމަތެއް ލިބޭ ފިހާރައެއް އުފައްދަން ވެސް ނިންމާފައިވެ އެވެ.
އަންހެނުންނަށް ހާއްސަ 1000-1500 ވަޒީފާ އުފައްދަން ވެސް މެނިފެސްޓޯގައި ކަނޑައަޅާފައިވާއިރު، މާލީ ހޭލުންތެރިކަން ދިނުމަށް ވެސް މެނިފެސްޓޯގައި ހިމަނާފައިވެ އެވެ. އަވަށު ބޯޑު އުފެއްދުމާއި މުޖުތަމައުގެ ކަމުއޮށިގެންވާ ބޭފުޅުންގެ މަޝްވަރާ މަޖިލީހެއް ހެދުމަށް ވެސް ވަނީ ނިންމައިފަ އެވެ.
އަދި ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީއަކާއި ޝަކުވާ ހުށެހެޅުމުގެ ނިޒާމަކާއި ޒުވާނުން ބާރުވެރިކުރުވުމުގެ ފޯރަމެއް ބޭއްވުމަށް ވެސް އާޒިމާ ވަނީ ހުށަހަޅުއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެންވަރައިފިން؟
06 January 2024
މައުމޫނު އިރުއްސުރެ ޓެސްޓުކުރަމުން އަންނަމީހެއް، ވީފެއިލް،،
ދަރަނި
06 January 2024
ދަރަނި ދަރަނި
ކޮލަމާހުއްޓާ
06 January 2024
އާޒިމާ ދާންވީ ރައިސްއޮފީހައް ޗާގޯސް ހޯދަން.
ހިތާމައިން
06 January 2024
މިހާރުވެސް މިއުޅެނީ 18،000 ގެ ބަޖެޓަކަށް ވަންނަން ކަމުދާވަރުގެ ތަންކޮޅެއް ނުލިބިގެން. 2 މަސް ޑިޕޮޒިޓް ދޭންޖެހޭ. އެހާ ބޮޑު އަގު ކޔާއިރު ހުންނަނީ ބާ ފާހާނަޔަކާ، ސިޑިންއަރަންޖެހޭ 5 ވަނަބުރީގެ ކުޑަ ގޮޅި
މުހަނމަދު ނަސީމު
06 January 2024
ވަރަަަށ ރަނގަޅު
އަލްމުދިޝް
06 January 2024
ހުރިހާ ކަމެއްގެ ތެރެއަށް ގުޅުން ހުރި ކަރޯކޭ ވެސްލާން ޖެހޭނޫން ތޯއެވެ.
ކޮޅުވެއްޓި
06 January 2024
ވަރަށް ބޮޑަށް ސޮރީ.