13 މާޗް 2024 - 08:02
ތ. ވޭމަންޑޫ ބަނދަރުގެ އެއްކޮޅުގައި ހުރި ފަންތޮށި ސްޓޯރު ދޮރުމަތީ ފީފާތަކެއް އެއްފަރާތްކޮށް ތެޔޮ ހޮޅިތައް ނެރެ ދުވަހުގެ މަސައްކަތަށް ތައްޔާރުވާން މާ ހެނދުނަކާ ނުކުމެ އެ ހުރީ އެތަނުގެ ވެރިޔާ އަހްމަދު ނައީމެވެ. އާދައިގެ ގޮތަކަށް ހުރި ތަނެކެވެ. އެކަމަކު މިއީ އެތައް އަހަރެއްގެ ބުރަ މަސައްކަތާއި ދުރުވިސްނުމުގެ ތެރެއިން އަމިއްލަ ވިޔަފާރިއެއް ފަށައި ފުޅާކުރަމުން އައި ގޮތުގެ ޝައުގުވެރި ވާހަކައެއްގެ ސުރުހީ އެޅޭ ހިސާބެވެ.
މީގެ ސާޅީހަކަށް އަހަރު ކުރިން މަސައްކަތް ދަސްކޮށް އަމިއްލަ ވިޔަފާރި ފަށައި އެ ވިޔަފާރި ފުޅާކުރަމުން އައި ގޮތުގެ ވާހަކަ ކިޔައިދޭން ނައީމްބެ ބޭނުންވީ އޭނާގެ މާވަޑިކަމުގައި ބަންނަމުން އަންނަ، ދަގަނޑު ބިޔަ ބޯޓު ކައިރީ ހުރެގެންނެވެ.
ރަށުގެ ހުޅަނގު ފަރާތު އަތިރިމަތީ އޮތް އެ ބޯޓަށް ބަލަން ޖެހުނީ އަނގަ މައްޗަށް ޖަހައިގެން ތިބެގެންނެވެ. އެހާ އުހެވެ. ދިގު ހަރުގަނޑަކުން އެޔަށް އަރައި އެއްކޮޅުގައި ހުރެ ގޮވާލުމުން އަނެއްކޮޅުގައި ހުންނަ މީހާއަށް އަޑު އިވެނީ ކިރިޔާ އެވެ. ފުން ވަތްތަކުގައި އޮތް ބޮޑު ޖާގައިން މިއީ އާދައިގެ އެއްޗެއް ނޫންކަން އެނގެ އެވެ.
ބޯޓުގެ ތިރީގައި ހުރެގެން ނައީމްބެ ވާހަކަ ފެށީ މަސައްކަތް ދަސްކުރި ހިސާބުންނެވެ.
އަމިއްލައަށް ބޯޓު ބަނދެ ތެލުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ، ތ. ވޭމަންޑޫ އަހްމަދު ނައީމް (ނައީމްބެ) އެ ރަށު ބަނދަރުމަތީ ހިންގާ ފިއުލް ޝެޑް. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު
މިހާރު އުމުރުން 58 އަހަރުގެ ނައީމްބެގެ އުމުރުން 15 ވަރަކަށް އަހަރުގައި އޭރުގެ ވޮކޭޝަނަލް ޓްރެއިން ސެންޓަރު (ވީޓީސީ) އަށް ވަދެ ދަސްކުރި ލޭތާއި ވެލްޑިންގެ މަސައްކަތްވީ ދިރިއުޅުމުގެ ބިންގަލަށެވެ. އެތަނުން ކިޔަވައި ބޮންޑު ފުރިހަމަކުރުމަށް 1985 ގައި އެމްޓީސީސީއަށް ވަޒީފާ އަށް ދިޔަ އެވެ. މިއީ ނަައީމްގެ ވަރަށް ގަޔާވެގެން އަދާކުރި ވަޒީފާއެއް ނަމަވެސް ބޮންޑު ހަމަވުމުން ވަޒީފާ ދޫކޮށްލައި ނައީމްގެ ދިރިއުޅުން ރަށަށް ބަދަލުވީ އެވެ.
ރަށަށް ބަދަލުވެ އެކި މަސައްކަތްކުރަމުން ދިޔައިރު ވެސް އަމިއްލައަށް ބޯޓު ބަނުމަކީ ހުވަފެނެކެވެ. އެކަމަކު އޭރު ހުރަހަކަށްވީ ފައިސާ އެވެ. އަސްލު ދަތުރަށް ފެށީ މި ހިސާބުންނެވެ.
އެ ވަގުތު އެންމެ ރަނގަޅަށް ކުރެވެން އޮތީ ލޮނުމަސްއަޅައި އެ ވިއްކުން ކަމަށް ވާތީ އެކަން ފަށައިގެން ފައިސާ އެއްކުރަމުން ގޮސް ވަކި ހިސާބަކުން ނިންމީ ދޯންޏެއް ބަންނާށެވެ. އެކަން ކާމިޔާބުކުރި އެވެ. ދޯނި ދުއްވައިގެން އެކަށީގެންވާ ވަރަށް ފައިސާ ލިބުމުން ދެން ނިންމީ ތެޔޮ ބޯޓެއް ބަންނާށެވެ.
ނައީމްބެގެ ފުރަތަމަ ތެޔޮ ބޯޓަކީ ފައިބަރު އުޅަނދެކެވެ. ދަގަނޑު ބޯޓެއް އެންމެ ފުރަތަމަ ބަނީ ފައިބަރު ބޯޓު ދުއްވަމުން އެއިން ލިބުނު އާމްދަނީންނެވެ. އެއީ ނައީމްބެގެ މާވަޑިކަމުގައި ބަން ފުރަތަމަ ބޯޓެވެ. މިހާރުވެސް ދުއްވާ އެ ބޯޓުގައި 260،000 ލިޓަރުގެ ތެޔޮ އުފުލެ އެވެ.
އަމިއްލައަށް ބޯޓު ބަނދެ ތެލުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ، ތ. ވޭމަންޑޫ އަހްމަދު ނައީމް (ނައީމްބެ) މިހާރު ބަންނަމުން އަންނަ ބޯޓަށް ބަލަހައްޓައިގެން. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު
މިހާރު ބަންނަމުން އަންނަ ބޮޑު ބޯޓާއި އެ ބޯޓުގެ މަސައްކަތް އެކުއެކީގައި ކުރަމުން ދިޔަ ނަމަވެސް ތެލުގެ މާކެޓަށް އޮތް ޑިމާންޑަށް ބަލައި ކުޑަ ބޯޓު އަވަހަށް ބަނދެ ނިންމާލައި މަސައްކަތަށް ނެރުނީ އެވެ. ސަރަހައްދުގެ އަދި މާ ދުރު ހިސާބުތަކުގެ މަސްވެރިންނާއި އެކި ތަންތަނަށް ތެޔޮ ސަޕްލައިކުރުމުގައި، 96 ފޫޓުގެ އެ ބޯޓު ހުއްޓުމެއް ނެތި، މީގެ ދެ އަހަރު ކުރިން ފެށިގެން އަންނަނީ ބުރުޖަހަމުންނެވެ.
މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ދެ ބޯޓު އެއްފަހަރާ ބަންނަން ފަށައި އެއް ބޯޓު ނިންމާފައި ވާއިރު މިހާރު ބަންނަމުން އަންނަ ބޯޓު ހުރިހާ ގޮތަކުން ވެސް ތަފާތުވެފައި ހާއްސަ އެވެ.
އަމިއްލައަށް ބޯޓު ބަނދެ ތެލުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ، ތ. ވޭމަންޑޫ އަހްމަދު ނައީމް (ނައީމްބެ) އަމިއްލައަށް ބަނދެ މިހާރު ބޭނުންކުރަމުން އަންނަ ތެޔޮ ބޯޓު.
ނައީމްބެ ބުނީ މިއިން ކޮންމެ އުޅަނދެއް ވެސް ފުރަތަމަ އަމިއްލައަށް ކުޑަކޮށް ކުރަހާލުމަށް ފަހު ދެން ހުރިހާ ކަމެއް ހުންނާނީ "ހިތުގައި" ކަމަށެވެ.
"ގެންދަންވާ ޑިޒައިން އޮންނާނީ ހިތުގައި،" ނައީމްގެ ހިނިތުންވެފައި އިނދެ ބުންޏެވެ.
ނައީމްބެގެ ހިތާ ގުޅިފައިވާ ފުރަތަމަ ބޯޓު ކަނޑަށް ކިހިނެއްތޯ އެހުމުން ބުނީ "ވަރަށް ފައްކާ" ކަމަށެވެ. އޭނާމިހާރު ބަންނަ ބޯޓުގެ މަސައްކަތުގައި 8-10 މީހުން އުޅޭއިރު ނައީމްބެގެ ބެލުމުގެ ދަށުން ހުރިހާ ކަމެއް ކުރަމުން ބިދޭސީން ވެސް މިހާރު އެ މަސައްކަތަށް ފައްކާވެއްޖެ އެވެ.
އަމިއްލައަށް ބޯޓު ބަންނަ ތ. ވޭމަންޑޫ އަހްމަދު ނައީމް (ނައީމްބެ) މިހާރު ބަންނަމުން އަންނަ ބޯޓުގެ އެތެރޭގައި ހުންނައިރު އެ ފެންނަ ގޮތް: މި ބޯޓުގެ މަސައްކަތް އެއްކޮށް ނިންމައި ރޯދައިގެ ފަހުން ބާލަން އަންނަނީ ތައްޔާރުވަމުން. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު
"މި ދިވެހިރާއްޖޭގައި [އަމިއްލައަށް ބަނދެފައި އޮތް ދަގަނޑު] އެންމެ މަޝްހޫރު ބޯޓު އެއީ. 'ޕްރިންސް ފޮލާ' ކިޔާނީ،" ނައީމްބެ އެހެން ބުނި އިރު ކާމިޔާބީގެ އުފަލާއި ފަހުރުވެރިކަން މޫނުމަތިން ފެނެ އެވެ.
"ފޮލާ" އެއީ ނައީމްބެގެ އާއިލީ ނަމެކެވެ. މިހާރު ބާލަން ތައްޔާރުވެފައިވާ ބޯޓަށް ވެސް ނަން ކިޔާނީ އެއާ ގުޅުވައިގެންނެވެ.
ދިގުމިނުގައި 140 ފޫޓު ހުންނަ ލޭންޑިން ކްރާފްޓް ގާތްގަނޑަކަށް ނިމި ބާލަން ތައްޔާރުވެފައި ވާއިރު މިއީ ރާއްޖޭގައި ބަންނަ އެންމެ ބޮޑެތި ސައިޒުގެ އުޅަނދެއް ކަމަށް ނައީމްބެ ބުންޏެވެ. އޭނާ އަންދާޒާކުރަނީ މިއަށް 18 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.
ނައީމްބެ މިހާރު ވެސް ތެލުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނައިރު، އެއްވެސް ވިޔަފާރިއަކަށް އެއްވެސް ލޯނެއް ނުނަގާ ކަމަށް ބުންޏެވެ.
"ހަމަ ލިބޭ އެއްޗަކުން ކުރަނީ. އެއްވެސް ލޯނެއް އެއްޗެއް ނެގުން ރަނގަޅެއް ނޫން. އަދި ހަމަ ހުރިހާ ކުދިންނަށް ކިޔަވައިދެމުން،" ބޯޓު ބަނުމުގެ ބޮޑު ހޭދައަށް ފަންޑުކުރާ ގޮތް އެހުމުން ބުންޏެވެ.
ތ. ވޭމަންޑޫ އަހްމަދު ނައީމް (ނައީމްބެ) ގެ މާވަޑިކަމުގައި ބަންނަމުން އަންނަ ބޮޑު ބޯޓުގައި ބިދޭސީ މަސައްކަތު މީހަކު ދަގަނޑު ގަނޑެއްގައި ގްރޭންޑަރު އަޅަނީ: އޭގައި މަސައްކަތްކުރާ މީހުން ބުނީ ގިނަ މަސައްކަތް ދަސްވީ ނައީމްބެގެ ފަރާތުން ކަމަށް. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު
ނައީމްބެ ބުނި ގޮތުގައި ކުރިން ބަން ބޯޓު ވެސް އަދި މިހާރު މި ބަންނަ ބޯޓު ގަންނަން ވެސް އެތައް ބަޔަކު އެބަ ހުށަހަޅަ އެވެ.
"ނުވިއްކާނަން،" އެކަމަށް ނައީމްބެގެ ޖަވާބު ކުރެވެ.
އޭނާ ބުނީ ކުރިން ބަން ބޯޓުގެ އަގު މިހާރު ހަމަވެއްޖެ ކަމަށާއި އެހެންވެ ބޯޓު ވިއްކުމަށް ވުރެ އަމިއްލަ ވިޔަފާރިއަށް ބޭނުންކުރުމުގެ ފައިދާ މާ ބޮޑު ކަމަށެވެ.
ރަށުގައި އައިސް ޕްލާންޓެއް ބަހައްޓާނެ ބިން ހަމަޖައްސައި އެކަން ކުރެވޭނެ ގޮތެއް ހަމަޖެހޭތޯ ރަށު ކައުންސިލްގައި އެދިގެން އުޅުނަސް އެކަންވާ ގޮތް ނުވުމުން ނައީމްބެގެ ވިސްނުމަކީ މިހާރު ބަންނަމުން އަންނަ ބޯޓުގައި އައިސްޕްލާންޓެއް ބަހައްޓައިގެން މަސްވެރިންނަށް އައިސް ވިއްކުމެވެ. ހަމަ އެއާ އެކު މަސް ގަތުމެވެ. އެހެންވެ މި ބޯޓު މަސްވެރިކަމާ ގުޅޭނެ އެވެ.
އެކަމަކު މިއީ ކޮންމެ ކަނޑަކަށް ހެޔޮވަރުކޮށް ހަދާ ބޯޓެކެވެ.
އަމިއްލައަށް ބޯޓު ބަނދެ ތެލުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ، ތ. ވޭމަންޑޫ އަހްމަދު ނައީމް (ނައީމްބެ) މިހާރު ބަންނަމުން އަންނަ ބޯޓު ކައިރިން ހިނގާފައި އަންނަނީ. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު
"ރާއްޖޭގައި މަސައްކަތްތެރިކަން ހުންނަން ޖެހޭނީ ހުރިހާ ކަމަކަށް ވެސް، އޭރަކު އަންނަ ގޮތަކަށް ކުރެވޭ ގޮތަށް. މިސާލަކަށް، މުދާ އުފުލަން ޖެހިއްޖެ ހާލަތެއްގައި މުދާ ވެސް އުފުއްލޭ ގޮތަށް. އެކްސްކަވޭޓަރު އެއްޗެހި ބާލަން ޖެހިއްޖާ އެ ވެސް ބޭލޭ ގޮތަށް. ޕިކަޕް އެއްޗެހި ވެސް ގެންނަން ޖެހޭ ނޫންތޯ؟ އެ ވެސް ބޭލޭ ގޮތަށް،" ނައީމްބެގެ އުޅަނދު ކޮންމެ ކަމަކަށް ވެސް ހެޔޮވަރުވާނެކަމުގެ ޔަގީންކަމާ އެކު ބުންޏެވެ.
ރޯދައިގެ ފަހުން ބާލަން ތައްޔާރުވަމުން އަންނަ މި ބޯޓުގައި 750 ހޯސްޕަވަރުގެ ދެ އިންޖީނު އަޅައި ވިޔަފާރީގެ ދުވެލި ބާރުކޮށްލާނެ އެވެ.
އަމިއްލައަށް ބޯޓު ބަނދެ ތެލުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ، ތ. ވޭމަންޑޫ އަހްމަދު ނައީމް (ނައީމްބެ) އަމިއްލައަށް ބަނދެ މިހާރު ބޭނުންކުރަމުން އަންނަ ތެޔޮ ބޯޓު.
އޭނާ މިހާރު ވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ތެޔޮ ސަޕްލައިކުރެ އެވެ. ރަޝިޔާ/ޔުކްރެއިން ހަނގުރާމަ ބާރުވި އިރު މަހެއްގެ މައްޗަށް ދެ މިލިއަން ލިޓަރުގެ ތެޔޮ ވިކުނު ކަމަށް ބުންޏެވެ. ހޯކްސް، އެސްޓީއޯ އަދި ވިލާ ފަދަ ތަންތަނުން ތެޔޮ ގަނެގެން ވިއްކުމެވެ. އޭނާ ބުނީ ރަށުގައި 100،000 ލިޓަރު ޑީސަލް އަދި ގާތްގަނޑަކަށް 50،000 ލިޓަރު ޕެޓްރޯލް ރައްކާ ކުރެވޭއިރު މިހާރު ދުއްވާ ބޯޓާ އެކު 400،000 ލިޓަރުގެ ކެޕޭސިޓީ މިހާރު ވެސް އެބަ ހުރި ކަމަށެވެ. މިއީ 15 ވަރަކަށް ދުވަހަށް ބޭނުންވާ ވަރެވެ. އެކަމަކު ޑިމާންޑް ބޮޑު ނަމަ ބައެއް ފަހަރު 6-10 ދުވަހުން ވެސް މިވަރަށް ތެޔޮ ވިއްކާލެވެ އެވެ.
ނައީމްބެގެ ތެލުގެ ވިޔަފާރި ފުޅާކުރަމުން އަންނައިރު ސިމެންތި އާއި ހިލަޔާއި ހިލަވެލި ފަދަ ތަކެތި ގެނެސް ހާޑްވެއާގެ ވިޔަފާރި ފެށުމަށް ވަނީ ތައްޔާރުވެފަ އެވެ.
އަމިއްލައަށް ބޯޓު ބަންނަ ތ. ވޭމަންޑޫ އަހްމަދު ނައީމް (ނައީމްބެ) މިހާރު ބަންނަމުން އަންނަ ބޯޓުގެ އެތެރޭގައި ހުންނައިރު އެ ފެންނަ ގޮތް: މި ބޯޓުގެ މަސައްކަތް އެއްކޮށް ނިންމައި ރޯދައިގެ ފަހުން ބާލަން އަންނަނީ ތައްޔާރުވަމުން. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު
ނައީމްބެ އަކީ އުފެއްދުންތެރި މީހަކެވެ. ބޯޓު ބަންނަން ރަށަށް ގެނައި ދަގަނޑު ފިލާތައް ބާލަން ދަތިކަމުން އަމިއްލައަށް ހެދި ކްރޭނެއް ވެސް ރަށު ބަނދަރުގައި އެބަ އޮތެވެ. މިހާރު އެއީ ރަށަށް ގެންނަ ހިލަޔާއި ހިލަވެއްޔާއި ސިމެންތި ފަދަ އެތައް ސާމާނެއް ބާލަން އެންމެންގެ ހިދުމަތުގައި އޮތް އެއްޗެކެވެ. ބޭނުން ކޮންމެ މީހަކު ހިލޭ އެ ބޭނުންކުރަންވީ އެވެ.
"އަޅުގަނޑަށް ގެއްލުމެއް ނުލިބޭ. ވަރަށް ފައިދާ. އަހަރަކަށްވުރެ އަހަރެއް، ޒަކާތް ދައްކާއިރު ޑަބަލްވޭ ކޮންމެ ފަހަރަކު. އެހެންވެ ވަރަށް ކާމިޔާބު،"
ނައީމްބެ ބުނީ ކާމިޔާބީގެ ފަހަތުގައި އޮތީ ކުދިންނަށް ކިޔަވައިދިނުން ކަމަށެވެ. އޭނާގެ ފަސް ކުދިން ތިބި އިރު އެއް ކުއްޖަކު ވަޒީފާގައި އަދި އެހެން ހުރިހާ ކުދިން އަދިވެސް އުޅެނީ ކިޔެވުމުގައި ކަމަށް ބުންޏެވެ. ނައީމްގެ ވިޔަފާރީގެ އެހީތެރިންނަކީ އެއީ އެވެ.
ނައީމްބެގެ ނަސޭހަތަކީ މިއީ އެވެ؛
"އަޅުގަނޑުގެ ނަސޭހަތަކީ ހަމަ ކިޔަވާ ނިމޭ ގޮތަށް މަސައްކަތަށް ނުކުންނާށޭ. އޭރުންނޭ އެންމެ ރަނގަޅީ،"
"މީހެއްގެ ވަޒީފާ އަދާކުރުމަށް ވުރެ އަމިއްލަ މަސައްކަތް ދަސްކޮށްގެން އަމިއްލަޔަށް މަސައްކަތް ކުރާށޭ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިހިނެއް
21 March 2024
އަޅުގަނޑަކީ ނައީމްބެ ދަންނަ މީހެއް. ނައީމްބެގެ ހަމަ އެންމެ ތަންކޮޅެއް އިންނަނީ މާބޮޑައް އެމްޑީޕީއައް ގޮސް ހުސްވެފަ ހުރުން. ނިމިދިޔަ ސަރުކާރު އޮތްއިރު ރުފިޔާދީފަ ހުވާ ކުރުވާށޭ ބުނާ ވީޑިޔޯގަ ނައީމްބެ ވެސް އިނދޭ
އަލިބެ ވޭމަންޑޫ
14 March 2024
ޙަގީގަތުގައި ނައީމްބެ ތިކަމުގެ އެންމެ މުހިއްމު މީހަކީ ޑރ ޒިޔާދު. ނައީމްބެގެ ތިހުރިހާ ބޯޓެއް ބަނުމަށް ގެނައި ދަނގަޑާއި އިންޖީނަކީވެސް ޑރ ޒިޔާދުގެ މަސައްކަތް. ފިއުލް ޝެޑަކީވެސް ޑރ ޒިޔާދުގެ ބުރަމަސައްކަތުން ކުރެވުނު ކަމެއް. ނައީމްބެ ހުރިހާ ބޯޓަކަށް ނަންދީ ރެޖިސްޓަރީވެސްކޮށް ހަދަނީ ޑރ ޒިޔާދު. ނައީމްބެގެ އެންމެ އަގުހުރި އިންވެސްޓުމަންޓަކީ ޑރ ޒިޔާދު .
ކުޑަ އަލިބެ
15 March 2024
ރުފިޔާ ހުރިއްޔާ ކޮންމެ މީހަކަށް ވެސް ކޮންމެ ތާކު ހުރެވެސް ކުރެވޭ ކަންކަންތީ. މޮޅު ކަމެއް ނޫން ތީކީ.
ފަހުމީ-
14 March 2024
ތ.ވޭމަންޑޫ ފިއުލް ޝެޑްގަ ހުރި ކުއްޖާ ވަރަށް ރަނގަޅު. އަހަރެން މުޅިން އަލަށް އެރަށައް ދިޔަދުވަހު ޝެޑް ގަ ހުރި އިސްތަށިގަޑު ދިގު ތަންކޮޅެއް ހިކި ކޮއް ހުރި ކުއްޖަކު ޖުމްލަ ރުފިޔާ ބުނީރުގަ އަހަރެންނައް ނޭންގި އިތުރައް 340 ރުފިޔާ ޓުރާސްފާ ކުރެވުން. އަހަރެން ނެރުން ނައްޓާލި ތަނާ އެކުއްޖާ ގުޅާފަ ބުނި އިތުރައް ފޮނުވިފަ އިނީ އެކައުންޓް ނަންބަރ ފޮނުވާލަ ދެދއްޗޭ. ޓްރާންސފާ ބެކް ކޮއްލަން. ވަރަށްވެސް ހެޔޮ ކުއްޖެއް އެއީ. ނައީންބެ އައް މި ފެންނާނެ ކަމައް ހީކުރ
ސަމީ
14 March 2024
ކިޔަވައިގެންތިބި ދަރިން ފަހަތުގަތިބީމަ ކުރިއަށް ދެވޭނެ. ދަރިންނަށް ކިޔަވައިދިނުމުގެ ފައިދާ މިއަދު ނައީމް އަށް ތި ލިބުނީ.
ޙަލީމ
14 March 2024
ނައީމްބެ ގެ ހުއްނާނެ ވަރަށް މޮޅު ޑރ ދަރިއެއް. އެވެސް ނައީމްބެގެ އަމިއްލަ އިންވެސްޓުމެންޓް ފަހުރެއް. ކާމިޔާބު އެދެން
ލޮލީބެ
14 March 2024
ކޮން ކަމަކައް މޮޅޭތޯ ތިދެންނެވީ؟ ހެހެ
ހުޅަނގު
14 March 2024
ހުޅަނގުން އިރު އަރާ ކަހަލަ ހަމަ
ނުދަންނަ މީހާ
14 March 2024
ދިރި އުޅުމުގައި އެކިމީހުން ކުރާނީ އަދި ކުރެވޭނީ އެކި މަސައްކަތެވެ. ހުރިހާ މީހުން މުއްސަނދި ވުމަކި ނާދިރު ކަމަކެވެ. އަހުރެން ބައްޕަ 5ސްތަނުގައި މަސައްކަތް ކޮށް 5 ދަރިން ބަލާ ބޮޑުކޮށް މިއަދު ބަލި އެނދުގައި އޮށޯނަން މަޖުބޫރުވިއިރު އެޅުނުގެއެއް ހޯދުނު ހަރުމުދަލެއް ފެންނާން ނެތެވެ. ބައްޕަ މަސައްކަތްކުރިއެވެ. ތަނަވަސް ކަންދެއްވަން އިރާދައެއް ނުކުރެއްވިއެވެ. ބައްޕަ އުޅުންޖެހުނީ މާލޭގެ ތަފާތު ގެތަކަށް ކުލިދައްކައިގެންނެވެ. އެމީހުން މުއްސަނދިވިއެވެ.
ހިބިރިންބެއްޔާގެ ކުޑަސޮރު
13 March 2024
ނައީމްބެ ހާދަ ގަދައޭ. ވިޔަފާރި ދަސްކުރާން ހަމަ ދާންވީ ނައީމްބެ ގާތަށް.
ޕޮންޒީ
13 March 2024
ބަރާބަރަށް މުދަލު ޒަކާތް ދައްކާނަމަ ހީވެސް ނުކުރާ ގޮތްގޮތަށް މާތްﷲ އެމީހަކަށް މުދާ އިތުރުކޮށްދެއްވާނެ. ދިރިއުޅުމުގެ ބޭނުންތަކަށް އެހެން މީހުން ކައިރިން ސަލާންޖަހާކަށްނުޖެހޭނެ. އެކަމު ހިސާބަށްވުރެ ދަހިވެތިވެއްޖެނަމަ ލިބޭ އެއްޗަކުން ދުވަހަކުވެސް ނުފުދޭނެ.
ފިލާސް
13 March 2024
ނައީންބެ ގެ ކުޑަދަރި އަކީ މިވިޔަ ފާރި އެއްމެ ފުޅާ ވުމުގެ އެއް ސިއްރު. އަމިލްލަ ތަކެތިހެން ބަލާ ހިންހެޔޮ ވަފާތެރި ކުއްޖެއް. ދުއާ އަކީ އަބަދުވެސް ނައީމްބެ އައް ކާމިޔާބީ ލިބުން.
ރަފް
13 March 2024
ޢެންމެ ފުރަތަމަ އުގެނި ތަޖުރިބާ ހޯދޭނެ ފުރަތަމަ ދޮރަކީ ވަޒީފާއިން ލިބިދެވޭ ފިލާވަޅު. މަދުރަސާއިން ދަސްކޮށްނުދެވޭ އެތައްކަމެއް އުގެނުމުގެ ފުރުސަތުލިބެނީ ވަޒީފާގައި އުޅެގެން، އިސްވެ ބުނެވުނު ގިނަކަންކަން ތަޖްރިބާކުރެވޭނީ މީހުންނާއިއެކީ މަސައްކަތް ކޮށް ލިބޭގިނަގުނަ ނަމޫނާއާއި ޗެލެންޖުން. ޢެއާއިއެކު މަސައްކަތް ދަސްކޮށްގެން އަމިއްލަޔަށް މަސައްކަތް ކުރުން އެއީ ހަމަ އެންމެ ރަގަޅުގޮތް!