06 އެޕްރީލް 2024 - 22:18
ކުށްކުރާ ކުޑަކުދިންނަށް 15 އަހަރުނުވާ ނަމަ އަދަބު ނުދެވޭ ގޮތަށް އޮތްއޮތުން އުވާލައި, ކުށަށް ޒިންމާވާންޖެހޭ އުމުރު 12 އަހަރަށް ދަށްކުރަން ސަރުކާރުން ނިންމައިފި އެވެ.
އއ. ރަސްދޫގެ މިސްކިތެއްގައި ކުޑަކުއްޖަކަށް އަނިޔާކުރާ ވީޑިއޯއެއް ދައުރުވުމާ ގުޅިގެން ކަމާގުޅޭ ފަރާތްތަކުން މިރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ކުޑަކުދިން ކުރާ މައްސަލަތައް ހައްލުކުރަން ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖިނާއީ ކުށްތަކުގެ ޒިންމާ އުފުލަންޖެހޭ އުމުރު މަތިކޮށްފައި އޮތުމެވެ.
ދެހާސް ނަވާރަ ވަނަ އަހަރު އަމަލުކުރަން ފެށި ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނު ބުނާގޮތުން ކުޑަކުދިން ކުރާ ޖިނާއީ ކުށްތަކުގެ ޒިންމާ ނަގަން ޖެހެނީ 15 އަހަރުގަ އެވެ. އޭގެކުރިން ރާއްޖޭގައި އޮތީ 10 އަހަރު ފުރިފައިވާނަމަ އިސްލާމްދީނުގައި ހައްދު ކަނޑައެޅޭ ކުށްތަކުގެ ޒިންމާ އުފުލަންޖެހޭ ގޮތަށް އަދި 13 އަހަރު ފުރުމަށްފަހު ހުރިހާ ކުށެއްގެ ޒިންމާ އުފުލަންޖެހޭ ގޮތަށެވެ.
އެހެންވެ، އެ ގާނޫނަށް ބަދަލު ގެނެސް، ޖިނާއީ ކުށްތަކަށް 12 އަހަރުގައި ޒިންމާ އުފުލަންޖެހޭ ގޮތަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ.
އިހުސާން ވިދާޅުވީ ޖުވެނައިލް ޑިޕާޓްމަންޓުގެ ރިކޯޑުތައް ދައްކާގޮތުން، 200 އެއްހާ ކުދިން ކުށުގެ ރިސްކުގައި އެބަތިބި ކަމަށެވެ. އޭގެ ތެރޭގައި ވެސް އެންމެ ގިނައީ 12-14 އަހަރާ ދެމެދުގެ ކުދިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މި ވަގުތު ޖިނާއީ ކުށެއް ކުރިއަސް އެކަމަށް ޒިންމާ ނުކުރެވޭ. މި އުމުރު 12 އަހަރަށް ބަދަލުކުރަން މި ނިންމީ." އިހުސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކުށްތަކަށް ޒިންމާވާންޖެހޭ އެންމެ ހަގު އުމުރުގެ ގޮތުގައި ކަނޑައަޅާފައިވަނީ 12-14 އަހަރު ކަމަށެވެ.
އެ ވީޑިއޯއިން ފެންނަނީ މިސްކިތެއްގެ ފާހާނާގެ ތެރޭގައި ކުޑަކުއްޖަކަށް ބުލީކޮށް، އެ ކުއްޖާގެ ގައިގައި އެހެން ކުދިންތަކެއް ގޮށްމުށުންނާއި ކޮޅުފައިން ޖަހައި އަނިޔާކުރާ ތަނެވެ. އެ ކުއްޖާގެ ކޯމަތީގައި ވަރަށް ބާރަށް ޖެހުމުން ރޯން ވެސް ފަށަ އެވެ. އަދި ވަރަށް ހަޑިހުތުރުބަހުން އެ ކުއްޖާ ދިމާލަށް ދެން ތިބި ކުދިން އެއްޗެހި ކިޔަ އެވެ.
އޭގެ އިތުރުން، އެ ކުއްޖާގެ އަތުގައި އޮތް ފެންފުޅި އަތުލައި ބޮލަށް އަޅާލުމާއި އަނިޔާނުކޮށް އެ ކުއްޖާ ދޫކޮށްލަން އެދި ކުޑަކަކޫ މައްޗަށް ތިރިވެ އެ ކުއްޖާ އާދޭސްކުރާ ތަން ވެސް ފެނެ އެވެ.
ފަހުން ފުލުހުން ހާމަކުރި ގޮތުގައި ތަރާވީސް ނަމާދު ކުރިއަށް ދަނިކޮށް އެ ކުއްޖާއަށް އަނިޔާކުރި ބަޔަކު ވަނީ ދެނެގަނެވިފަ އެވެ. އެއީ 13 އަހަރާއި 14 އަހަރުގެ ދެ ފިރިހެން ކުދިންނެވެ.
އިހުސާން ވިދާޅުވީ 17 އަހަރުގައި ކުއްޖަކު ކުރި ކުށެއް ސާބިތުވެ، ކުޑަކުދިންގެ ޖަލުގައި މިހާރު ވެސް ދަނީ ޖަލު ހުކުމް ތަންފީޒު ކުރަމުންނެވެ. އެ ގާނޫނަށް ބަދަލުތައް ގެނެސްފައިނުވާތީ ގޮންޖެހުންތައް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ އީދު ބަންދަށްފަހު ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާނެ ކަމަށެވެ. އޭރުން، މަހެއްގެ ތެރޭގައި ފާސްކުރެވެއްޖެނަމަ އެ ގޮންޖެހުންތަކަށް ހައްލު ލިބޭނެ ކަމަށް އުޝާމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަފައެއް
09 April 2024
މާ ރަނގަޅު ގޮތެއް އެބައިން. ހިންގާ 12 އަހަރު ފުރެންދެން ޖަލުގަ ބާއްވަން. ބަސް އަހާ ކުދިން އެކަނި ނެރޭނީ 12 ފުރުނީމަ. ކީއްކުރަން ދޯ މައިންބަފައިން ޒިންމާދާރު ކުރުވަންވީ
ކުފޫ ހަމަނުވޭ
07 April 2024
މި ސަރުކާުގަ ބުއްދިހަމަޖެހޭ އެކަކުވެސ ނެތީތަ. އުމުރު ދަށްކުރުމަކީ ހައްލެއްނޫން. ސަރުކާރު ހންގަން ނޭގެންޏާ އިސްތިއުފާދީފަ އެގޭބަޔަކާ ހަވާލްކުރޭ.
ޒިޔާދު
07 April 2024
ސުޕްލިޓް ސެކަންޑްގަ ރިއެކްޓް ކުރާ އެހާ ބޯރަގަޅު މީހެއްނޫން މި ބަޒީރަކީ
ސަބާހް އަހްމަދު
07 April 2024
މިހާރު ގޭންގް ތަކުން ހަދާ ގޮތަކީ 18 ނުވާ ކުދިން ލައްވާ ކުއްކުރުވަނީ. އެކަން ހުއްޓޭނެ މިހެން ހެދީމަ. ޕޮޒިޓިވް ބަދަލެއް
ޘުލް
08 April 2024
ކުށަށް އަރައިގަތުން ހުއްޓުވޭނީ ރަނގަޅަށް ތަރުބިއްޔަތު ކުރުމުގައި ކުރި ހޯދައިގެން
ތިހާމް އަލީ
07 April 2024
ކަން ކުރަން އިނގޭ އެކަން ކުރާނެ މީހުން ވެރިކަން ކުރަން އައީމަ މި ފެންނާނީ ތަފާތު. މީގެ ސަބަބަބުން ގިނަ ފައިދާ ވާނެ
އިމްރާން އަބްދުﷲ
07 April 2024
މިއީ ސަރުކާރުން ކުރާނެ ވަރަށް ރަނގަޅު ކަމެއް. މިދިޔަ ސަރުކާރުތަކުންވެސް ކުރަން ޖެހޭ ކަމެއް
އަމްޝާދު
07 April 2024
ރަނގަޅު ނިންމުމެއް. މިކަން ކުރަން ލަސްވެސް ވެއްޖެ
އިފްހާމް
07 April 2024
ބަރާބަރު. މިހާރު ރެކެނީ
ހީހީ ސުލީހް
07 April 2024
އިންތިހާބައް ޗައްކަރެއްޖަހަނީ. ތިކަމެއް ކުރި ކުދިންތަށްވެސް މަޖްލީސް އިންތިހާބަށް ވާދަކުރާ ސަރުކާރު ކެންޑިޑޭޓް އުނގަންވެއްޓްނީ އެކަމުން ސަލާމަތްވީ
ގުމްރީ
07 April 2024
10 އަކަށް ވައްޓާލާ.