ކުޅިވަރު / ޔޫރޯ 2024

ބޮޑުވަޒީރުގެ ވިސްނުމާ ސީދާ ދެކޮޅަށް ހަންގޭރީ ތަމްސީލުކުރަނީ އެކި ގައުމުތަކުގެ ކުޅުންތެރިން

ހަންގޭރީގެ ބޮޑުވަޒީރު ވިކްޓާ އޯބަން ވިދާޅުވެފައިވާ ގޮތުގައި އެހެން ގައުމުތަކުގެ ރައްޔިތުން ހަންގޭރީގެ ބޯޑަރު ހުރަސްކޮށް ވަދެ އެ ގައުމުގައި ވަޒަންވެރިވުމަކީ އޭނާ ދެކޮޅު ކަމެކެވެ.

"މަސްހުނި ސަގާފަތްތަކުން ހަންގޭރީ ސަލާމަތް ކުރުމަށް ހުރިހާ ކަމެއް ކުރާނެ" ކަމަށް 2015 ގައި އޯބަން ވިދާޅުވެފައި ވެއެވެ.

އޭނާގެ އެ ވާހަކަ އަށް ބާރުދީ، 2022 ގައި ވިދާޅުވެފައި ވަނީ ހަންގޭރީ އަކީ މަސްހުނި ދަރިކޮޅުތަކުގެ ބައެއް ނޫން ކަމަށެވެ.

"އަދި މަސްހުނި ބަޔަކަށް ވާކަށް ވެސް އަހަރެމެން ބޭނުމެއް ނޫން،" 2022 ގައި އޭނާ ވިދާޅުވެފައި ވެއެވެ.

ނަމަވެސް އޭނާގެ ގައުމުގެ އިގްތިސާދުގެ އެއްބަޔަކީ އެ ގައުމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުންނަށް ވިއްކާ ބޮންޑެވެ. ރެޒިޑެންސީ ބޮންޑްގެ ނަމުގައި 2013 ގައި ހަންގޭރީގެ ސަރުކާރުން އިއުލާން ކުރި ބޮންޑް، 267,562 ޑޮލަރަށް ގަތުމުގެ ފުރުސަތު އެ ގައުމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުންނަށް ހުޅުވާލި އެވެ.

ބޮޑުވަޒީރު އޯބަން (ކ)

އެ ބޮންޑްގެ ޒަރިއާއިން، ބޭރު މީހުންނަށް ލިބޭ ފުރުސަތުތައް ބޮޑުވުމުން ބޮންޑް އެންމެ ގިނައިން ގަތީ ހަންގޭރީގައި ދިރިއުޅޭ ޗައިނާގެ ވިޔފާރިވެރިންނެވެ. ހަންގޭރީގެ އެކި ސިނާއަތްތަކުގައި ވިޔަފާރި ކުރާ ޗައިނާގެ އިންވެސްޓަރުންނާ އެކު އިރުމަތީ ޔޫރަޕްގައި ޗައިނާގެ ރައްޔިތުން އެންމެ ގިނަ ގައުމަކީ ހަންގޭރީ އެވެ.

ހަންގޭރީ އަށް ހިޖުރަކުރުމާއި އެހެން ގައުމުތަކުގެ މީހުން އެ ގައުމުގައި ވަޒަންވެރިވުމަކީ އޯބަން، ދެކޮޅު ސިޔާސަތަކަށް ވިޔަސް ގައުމަށް ލިބެމުންދިޔަ އިގްތިސޯދީ މަންފާއާ އެކު އެކަމާ ދެކޮޅަށް ފިޔަވަޅު އަޅަން އޭނާ ޖެހިލުންވެ އެވެ.

ރޭ ފެށި، ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ހަންގޭރީގެ ފުޓްބޯޅަ ޓީމަށް ވެސް ވެފައި އޮތީ އެހެންނެވެ. އެ ޓީމުގައި ގިނައީ އެހެން ގައުމުތަކަށް ނިސްބަތްވާ ކުޅުންތެރިންނެވެ. ހަންގޭރީގެ އަސްލު ރަށްވެހިންގެތެރެއިން ހުނަރުވެރި ކުޅުންތެރިން އުފެދޭ މިންވަރު މަދެވެ.

އެގައުމުގެ ޕްރިމިއާ ފުޓްބޯޅަ ލީގުގައި ދެބައިކުޅަ އެއްބަޔަށް ވުރެ ގިނައީ އެހެން ގައުމުތަކުގެ ކުޅުންތެރިންނެވެ. އެ ލީގަށް ކުޅެން އަންނަ އެހެން ގައުމުތަކުގެ ކުޅުންތެރިންނަށް ރަށްވެހިކަން ދީގެންނާއި ނެޗްރަލައިޒޭޝަން އުސޫލުން ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ހޯދައި ދިނުން ނޫން ގޮތެއް، އެ ގައުމަކަށް ނެތެވެ.

މެދުއިރުމަތީގެ ގައުމުތަކުގެ ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުގެ ގައުމުތަކުގެ ގިނަ އަދަދެއްގެ ބަޔަކު ޔޫރަޕަށް ހިޖުރަ ކުރި އެވެ. އެ މައްސަލަ އެންމެ ބޮޑުވި ދުވަސްވަރު އޯބަން ވިދާޅުވެފައި ވަނީ ހިޖުރަވެރިންނަކީ، ޔޫރަޕް ހިފަން އަންނަ "މުސްލިމް އިސްތިއުމާރީން" ކަމަށެވެ.

ނަމަވެސް، އެންމެ ފަހުން ބޭއްވި އޮލިމްޕިކްސް ގޭމްސްގައި ހަންގޭރީގެ ދިދަ އުފުލުމުގެ ޝަރަފު ހާސިލު ކުރީ، އެ ގައުމަށް ހިޖުރަކުރި ސީރިއާ އާއިލާއަކަށް އުފަން އެތުލީޓެކެވެ. ފެންސާ އެތުލީޓް އައިދާ މުހައްމަދެވެ. ހަމަ އެ ގޭމްސްގައި ހަންގޭރީ ތަމްސީލު ކުރި ރެސްލާ އިސްމާއީލް މުސްކައޭވް އަކީ ވެސް ހިޖުރަވެރިއެކެވެ. ހަންގޭރީގެ ރަށްވެހިކަން އޭނާ އަށް ލިބުނީ އޮލިމްޕިކް ގޭމްސްގެ ދެ އަހަރު ކުރިންނެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އިޓަލީގެ މާކޯ ރޮސީ، އެކުލަވާލި ޓީމުގައި ނަގާކިޔަން ތިބީ ވެސް އެހެން ގައުމުތަކާ ގުޅިފައިވާ ކުޅުންތެރިންނެވެ. ހަންގޭރީގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވާ، ރޮސީ އަށް އަތްފުނާއަޅައިގެން ވެސް އޮރިޖިނަލް ހަންގޭރީގެ މޮޅު ކުޅުންތެރިނެއް ލިބޭކަށް ނެތެވެ.

"ސްކޮޑްގެ ބޮޑު ނިސްބަތް ބިނާވެފައި ވަނީ ބޭރު ގައުމުތަކުން އުފެއްދި ކުޅުންތެރިންގެ މައްޗަށް،" ހަންގޭރީގެ ފުޓްބޯޅައާ ބެހޭގޮތުން ޕޮޑްކާސްޓް ޝޯއެއް ހުށަހަޅައި ދޭ ޔާނަސް ކެލޭ ބުންޏެވެ.

"އޭގެ ތެރެއިން ބައެއް ކުޅުންތެރިންނަކީ ބޭރު ގައުމެއްގެ ވައިޑީޕީ ސިސްޓަމްގެ ތެރެއިން އުފެއްދި ކުޅުންތެރިން. ލޮއިކް ނެގޯ، ވިލީ އޯބަން، ކެލަމް ސްޓައިލްސް އަދި މާޓަން ޑާޑައި ފަދަ ކުޅުންތެރިން. ހަންގޭރީގައި ހުނަރުވެރި، ޓެކްޓިކަލީ އަދި ޓެކްނިކަލީ މޮޅު ކުޅުންތެރިން ތިބުމުގެ ސިއްރަކީ އެ ކުޅުންތެރިން."

ވިލީ އޯބަން އަކީ ހަންގޭރީ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. އޭނާ އުފަންވީ ޖަރުމަނަށެވެ. ފުރަތަމަ 11 އިން ގަވާއިދުން ޖާގަ ހޯދަމުން އަންނަ، ސްޓައިލްސް އާއި ނެގޯ އަކީ ވެސް އެހެން ގައުމުތަކަށް އުފަން ދެ ކުޅުންތެރިންނެވެ. ސްޓައިލްސް އިންގްލެންޑަށެވެ. ނެގޯ އުފަންވީ ފްރާންސަށެވެ. ހަންގޭރީ ބަހުން ވާހަކަ ދައްކާކަށް ވެސް އެ ކުޅުންތެރިންނަކަށް ނޭނގެ އެވެ.

ފަހުގެ އަހަރުތަކުގައި ބްރެޒިލާއި ނައިޖީރިއާ އަދި ދެކުނު އެފްރިކާ އަށް ނިސްބަތްވާ ކުޅުންތެރިން ވެސް ހެންގޭރީގެ ޓީމަށް ކުޅެފައި ވެއެވެ.

އެ ކުޅުންތެރިންގެ އެހީގައި ހަންގޭރީން، ފުޓްބޯޅައިގެ ބޮޑު ކުރިއެރުންތަކެއް ވެސް ހޯދި އެވެ. މިފަހަރުގެ ޔޫރޯ އަށް އެ ގައުމު ކޮލިފައިވީ ގުރޫޕްގެ އެއްވަނަ ހޯދައިގެންނެވެ. އެ ޓީމުގެ ތާރީހްގައި ކޮލިފައިން ގުރޫޕްގެ އެއްވަނަ ހޯދީ މުޅިން އަލަށެވެ.

ޔޫރޯގައި ހެންގޭރީގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ނުކުންނާނީ ސްވިޒަލެންޑާ ދެކޮޅަށެވެ. މެޗު ފަށާނީ ރާއްޖޭ ގަޑިން ހައެއް ޖަހާއިރު އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454