ކުޅިވަރު / ޔޫރޯ 2024

ޗެކިއާ ހުއްޓުވި ތާރީހީ މެޗުގައި ޖޯޖިއާގެ ކީޕަރު ވިދާލައިފި

22 ޖޫން 2024 - 20:59

ހެމްބާގް (ޖޫން 22) - ޖޯޖިއާ އިން ބައިނަލްއަގުވާމީ މުބާރާތެއްގައި ފުރަތަމަ ޕޮއިންޓް ހޯދި މެޗުގައި އެގައުމުގެ ގޯލްކީޕަރު ޖިއޯޖީ މަމާޑަޝްވިލީ ވިދާލައިފި އެވެ.

މިރޭ ޗެކިއާއާ ދެކޮޅަށް ޖޯޖިއާ ކުޅުނު ގުރޫޕް ސްޓޭޖުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މިއާ އެކު ދެ ޓީމަށް ވެސް ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން އެއް ޕޮއިންޓް ލިބިފަ އެވެ. މި ގުރޫޕްގައި ހިމެނޭ ތުރުކީ އާއި ޕޯޗުގަލް ވަނީ ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފަ އެވެ.

މިރޭގެ މެޗަކީ، ސްޕެއިންގެ ވެލެންސިއާ އާއެކު މިހާތަނަށް ކުޅުނު ތިން ސީޒަނުގައި 100 މެޗު ހަމަކޮށްފައިވާ 23 އަހަރުގެ ކީޕަރު މަމާޑަޝްވިލީ ގައުމީ ޖޯޒީގައި ކުޅުނު 18 ވަނަ މެޗެވެ. މިރޭގެ މެޗުގައި އޭނާ ވަނީ 10 ހަމަލާ ދިފާއު ކޮށްފަ އެވެ. އޭގެ ތެރޭގައި އޭރިއާ ތެރެއިން ޗެކިއާ ކުޅުންތެރިން ފޮނުވާލި ހަ ހަމަލާ ހިމެނެ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިނިމި އޮއްވައި ޖޯޖިއާ އިން ލީޑު ނެގީ ލިބުނު ޕެނަލްޓީއަކުންނެވެ. ޗެކިއާގެ ޑިފެންޑަރު ރޮބިން ރާނަކް އަތުގައި ޖެހުނު ކަމަށް ވީއޭއާރުން ނިންމުމުން ލިބުނު މި ޕެނަލްޓީ ކާމިޔާބު ކޮށްދިނީ، ފުރަތަމަ މެޗުގައި ވެސް އެޓީމަށް ލަނޑު ޖަހައިދިން ޖިއޯޖެސް މިކޯޓަޑްޒޭ އެވެ.

ޗެކިއާ އިން ކުޅުނު ފުރަތަމަ މެޗުގައި ޕޯޗުގަލް އިން އެޓީމު ކޮޅަށް ޖެހި ދެ ގޯލު ވެސް ވަނީ ރާނަކް އަށް ހެދުނު ގޯސްތަކުންނެވެ.

މިއާ އެކު މިކޯޓަޑްޒޭ ވެފައި ވަނީ، ވޭލްސްގެ ކުރީގެ ކުޅުންތެރިޔާ ގަރެތު ބޭލް އަށް ފަހު، ޔޫރޯގައި އެގައުމެއް ކުޅުނު ފުރަތަމަ ދެ މެޗުގައި ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ. ވޭލްސް އިން 2016 ވަނަ އަހަރު ފުރަތަމަ ފަހަރަށް ޔޫރޯއަށް ކޮލިފައިވެ، ގުރޫޕް ސްޓޭޖުގެ ތިން މެޗުގައި ވެސް ބޭލް ގޯލު ޖެހި އެވެ.

ޗެކިއާ އިން އެއްވަރު ކުރީ 59 ވަނަ މިނިޓުގައި ގޯލު އަރިމަތީ ދަނޑީގައި ޖެހިފައި އައި ބޯޅަ، ކުރިމަތީ ހުރި ޕެޓްރިކް ޝިކްގެ މޭގައި ޖެހިފައި ގޯލަށް ވަން ބޯޅައިންނެވެ.

މިއީ ޗެކިއާ އަށް މިހާތަނަށް ކުޅުނު 40 މެޗުން 20 ގޯލު ޖަހައިދީފައިވާ ޝިކް، ޔޫރޯ މުބާރާތުގައި އެ ގައުމަށް ޖަހައިދިން ހަވަނަ ގޯލެވެ. މި ގޯލާ އެކު އޭނާ ވެފައި ވަނީ ޔޫރޯ މުބާރާތުގެ ތާރީހުގައި އެ ގައުމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއަށެވެ. މީގެ ކުރިން ފަސް ގޯލު ޖަހައިގެން މި ރެކޯޑް އޮތީ ލިވަޕޫލަށް ކުޅުނު މިލާން ބަރޯސް އަތުގަ އެވެ. ޝިކް އެޓީމަށް ނަތީޖާ އެއްވަރު ކޮށްދިންތާ 10 ވަރަކަށް މިނިޓު ފަހުން އޭނާގެ ފަޔަށް އަނިޔާވެގެން ވަނީ ބަދަލު ކޮށްފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ޖޯޖިއާ އަށް މެޗު ކާމިޔާބު ކުރަން ވެސް ފުރުސަތު ލިބުނެވެ. ނަމަވެސް ކައުންޓާ އެޓޭކުގައި ސަބާ ލޮބްޒަނިޑްޒޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާ ދިޔައީ ގޯލު ހުރަސް ދަނޑިމަތިން ބޭރަށެވެ.

މިއީ ޖޯޖިއާ، ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454