ކުޅިވަރު

އޮލިމްޕިކްސްއިން އާޖެންޓީނާ ކަޓައިފި، ފްރާންސާއި މިސްރު، ސްޕެއިން އަދި މޮރޮކޯ ސެމީއަށް

ޖިއާން ފިލިޕޭ މަޓޭޓާ، ފްރާސް އަށް ގޯލު ޖަހައިދުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

03 އޯގަސްޓް 2024 - 11:50

1 comments

ބޯޑޯ (އޮގަސްޓް 3) - މިހާރު ކުރިއަށްދާ ހޫނު މޫސުމުގެ އޮލިމްޕިކްސް މުބާރާތުގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުން، ދެފަހަރު ރަން މެޑަލް ހާސިލް ކުރި އާޖެންޓީނާ 1-0 އިން ބަލިކޮށް، މުބާރާތް ބާއްވާ ގައުމު ފްރާންސް ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ފްރާންސް އާއެކު ސްޕެއިން އާއި މިސްރު އަދި މޮރޮކޯ ވެސް ވަނީ ސެމީގެ ޖާގަ ހޯދައިފަ އެވެ. ސްޕެއިން ވަނީ އިއްޔެގެ ކުއާޓާ ފައިނަލްގައި 3-0 އިން ޖަޕާން ބަލިކޮށްފަ އެވެ. މިސްރުން ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރު ވުމުން ޕެނަލްޓީ ޝޫޓައުޓްގައި މިސްރު ކުރި ހޯދީ 5-4 އިންނެވެ. އަދި މޮރޮކޯ ވަނީ ފަސޭހަ ކަމާއެކު 4-0 އިން އެމެރިކާ ބަލިކޮށްފަ އެވެ.

އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗު ފްރާންސް އިން ކާމިޔާބު ކުރީ ފަސްވަނަ މިނިޓުގައި، ކްރިސްޓަލް ޕެލަސް އަށް ކުޅެމުން އަންނަ ޖިއާން ފިލިޕޭ މަޓޭޓާ ޖަހައިދިން ހަމައެކަނި ގޯލުންނެވެ. މިއީ 1984 ވަނަ އަހަރު އެމެރިކާގައި ރަން މެޑަލް ހޯދި ފަހުން ފްރާންސް ސެމީ އަށް ދިޔަ ފުރަތަމަ ފަހަރެވެ.

ފާމިން ލޮޕޭޒް ސްޕެއިން އަށް ގޯލު ޖަހައިދިނުމަށްފަހު.-- ފޮޓޯ: އޭއެފްޕީ

ވަރުގަދަ ސްޕެއިން އިން ޖަޕާން ބަލިކުރަން، މިދިޔަ މަހު ސްޕެއިން އިން ޔޫރޯ މުބާރާތް ކާމިޔާބު ކުރި ޓީމުގައި ހިމެނުނު ބާސެލޯނާއަށް ކުޅޭ ފާމިން ލޮޕޭޒް ވަނީ ދެ ގޯލު ޖަހައިފަ އެވެ. ފަހު ގޯލު ޖަހައިދިނީ ކުރިއަށް އޮތް ފަސް ސީޒަންގައި ޖިރޯނާ އަށް ކުޅެން އެއްބަސް ވެފައިވާ އާބެލް ރުއިޒް އެވެ.

އެންމެ ފަހުން ޓޯކިއޯ އޮލިމްޕިކްސް 2020ގެ ފައިނަލްގައި ކުޅެ ރިހި މެޑަލް ހޯދި ސްޕެއިން ވަނީ 1992 ވަނަ އަހަރު އަމިއްލަ ފަސްގަނޑުގައި ރަން މެޑަލް ހާސިލް ކޮށްފަ އެވެ.

މިސްރާއި ޕެރަގުއޭ ބައްދަލުކުރި ފޯރި ގަދަ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ވިއްސަކަށް މިނިޓަށް ވެފައި ވަނިކޮށް ލިއޮނެލް މެސީ އާއެކު އިންޓަ މަޔާމީއަށް ކުޅެމުން އަންނަ ޑިއޭގޯ ގޮމޭޒް ވަނީ ޕެރަގުއޭ އަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް އިބްރާހިމް އާދިލް މިސްރަށް ނަތީޖާ އެއްވަރު ކޮށްދިނުމުން އިތުރު ވަގުތުގެ ކުޅުމަށް ފަހު ވެސް ނަތީޖާއަކަށް ބަދަލެއް ނައެވެ.

ޕެނަލްޓީ ޝޫޓައުޓް ކާމިޔާބު ކުރުމަށް ފަހު މިސްރުގެ ކެޕްޓަން އެލްނެނީ.-- ފޮޓޯ: އޭއެފްޕީ

ނަތީޖާ ނެރެން ޕެނަލްޓީ ޝޫޓައުޓްގައި މިސްރުން ވަނީ ޖެހި ފަސް ޕެނަލްޓީ ވެސް ކާމިޔާބު ކޮށްފަ އެވެ. ޕެރަގުއޭ އަށް ކާމިޔާބު ނުވީ، ދެވަނައަށް ފޮނުވާލި މާސެލޯ ޕެރޭޒްގެ ޕެނަލްޓީ އެވެ. އެއަށް ފަހު އާސެނަލް އަށް ކުޅެމުން އަންނަ މިސްރުގެ ކެޕްޓަން މުހައްމަދު އެލްނެނީ ވަނީ އެޓީމުގެ ދެވަނަ ޕެނަލްޓީ ކާމިޔާބުކޮށް، އުންމީދު ދަމަހައްޓައިފަ އެވެ.

ކުރިން 1928 އާއި 1964 ވަނަ އަހަރުގެ އޮލިމްޕިކްސްގެ ސެމީ ފައިނަލް ކުޅުނު މިސްރު ވަނީ އެންމެ ފަހުން އޮތް ޓޯކިއޯ އޮލިމްޕިކްސް 2020 ގައި ކުއާޓާ ފައިނަލަށް ދަތުރު ކޮށްފަ އެވެ.

އެމެރިކާއާ ދެކޮޅަށް މޮރޮކޯ އިން ލީޑު ނެގީ ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ސުފިއާން ރަހީމީ އެވެ.

އަޝްރަފް ހަކީމީ، ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ބާސެލޯނާއިން ކެރިއަރު ފަށައި މިދިޔަ ސީޒަންގައި ވިޔަރެއާލަށް ބަދަލުވި އިލިއާސް އަކޯމަކް އާއި ކެޕްޓަން އަޝްރަފް ހަކީމީ ގޯލު ޖަހައި، ދެވަނަ ހާފުގައި ތިން ގޯލުގެ ލީޑެއް ހޯދައިދީފައި ވަނިކޮށް، އިތުރު ވަގުތުގައި ހަތަރުވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ އަލް މަހުދީ މައުހޫބް އެވެ.

މިއީ މޮރޮކޯ، އޮލިމްޕިކްގެ ސެމީ ފައިނަލަށް ދަތުރު ކުރި ފުރަތަމަ ފަހަރެވެ. އަދި މީގެ ކުރިން އެޓީމު އޮލިމްޕިކްސްގައި ވާދަކުރި ހަތަރު ފަހަރު ވެސް (1992 ގައި 23 އަހަރުން ދަށަށް ބަދަލު ކުރި ފަހުން) ގުރޫޕް ސްޓޭޖް ފަހަނައަޅައި ދެވިފައެއް ނުވެ އެވެ.

ސެމީ ފައިނަލްގެ މެޗުތައް ކުޅޭނީ ހޯމަ ދުވަހު އެވެ. ފުރަތަމަ ސެމީގައި ސްޕެއިން އާއި މޮރޮކޯ ބައްދަލުކުރާއިރު، ފަހު ސެމީގައި ފްރާންސް އާއި މިސްރު ބައްދަލުކުރާނެ އެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މިސްރު ސަޕޯތަރެއް

03 August 2024

ރާއްޖޭގައި މެޗްތައް ބެލޭތަ؟ ޓީވީއެމްކޮބާ؟..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454