ޝިޔާމް، ގައުމީ ކުތުބުހާނާ އަށް އިއްޔެ ފޮތްތައް ހަދިޔާ ކުރައްވަނީ.
08 އޯގަސްޓް 2024 - 11:21
ފޮތްތައް ކިޔުއްވުމާއި ލިޔުއްވުމުގައި އުފެދުނު ޝައުގުވެރިކަމާ އެކު، ގިނަ އަހަރުތަކެއް ވަންދެން އެއްކުރި ފޮތްތައް، ލިޔުންތެރިޔާ މުހައްމަދު ޝިޔާމް ގައުމީ ކުތުބުހާނާ އަށް އިއްޔެ ހަދިޔާ ކުރައްވައިފި އެވެ.
ދައުލަތަށް 35 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ހިދުމަތް ކުރެއްވި ޝިޔާމް "މިހާރު" އަށް މިއަދު ވިދާޅުވީ، އޭނާގެ "ފޮތް އަލަމާރި" ގައި ހުރި 700 ފޮތް ނޭޝަނަލް ލައިބްރަރީ އަށް ހަދިޔާކުރީ، ގިނަ ބަޔަކަށް އިލްމު ފޯރުކޮށްދިނުމުގެ މަގްސަދުގައި ކަމަށެވެ.
"ފޮތްތައް އަލަމާރީގައި ހުރީމާ ބޭނުންކުރެވޭނީ އަޅުގަނޑަށް އެކަނި. އެކަމަކު ގައުމީ ކުތުބުހާނާ އަށް ލީމާ، އޭގެ ބޭނުން ގިނަ ބަޔަކަށް އެބަ ކުރެވޭ. އިލްމު އެބަ ލިބޭ ގިނަ ބަޔަކަށް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފޮތްތައް "ފޮރުވައިގެން" ގިނަ ދުވަސްތަކެއް ވަންދެން ގެންގުޅުއްވިޔަސް އޭނާ ނެތް ދުނިޔެއެއްގައި ދެން އެތަކެތި އުކާލަައިފި ނަމަ، އޭގެ ބޭނުން އެއްވެސް މީހަކަށް ނުކުރެވޭނެ ކަމަށެވެ. އެހެންވެ، ރައްކާތެރިކޮށް، އެ ތަކެތި ގެންގުޅޭނެ ތަނަކަށް ފޮތްތަައް ހަދިޔާކުރީ ކަމަށް ވިދާޅުވީ އެވެ.
ޝިޔާމް، ގައުމީ ކުތުބުހާނާ އަށް އިއްޔެ ހަދިޔާކުރި ފޮތްތައް.
ޝިޔާމް ހަދިޔާ ކުރެއްވި ފޮތްތަކުގެ ތެރޭގައި މަޖައްލާތަކާއި ދީނީ ފޮތްތަކާއި ތާރީހީ ފޮތްތައް ހިމެނެ އެވެ. އޭގެ ތެރޭގައި ކުތުބުހާނާގައި ނެތް ފޮތްތައް ވެސް ހިމެނެ އެވެ.
އޭނާ ހަދިޔާކުރެއްވި އެންމެ ދުވަސްވީ ފޮތަކީ 1966 ގައި ނެރެފައިވާ "އެކުވެރިންގެ ރޫހު" އެވެ.
"އަޅުގަނޑަށް ވެސް މި ފޮތް ލިބުނީ މަންމަ ފަރާތުން. މި ފޮތެއް ވެސް ނެތް ކުތުބުހާނާގައި. ފޮތް އޮތީ ވެސް ރަތްކުލަ އަރައި، ހީރަސްތައް ވެސް ނެއްޓިފައި،" ޝިޔާމް ވިދާޅުވި އެވެ.
ގައުމީ ކުތުބުހާނާ އަށް އިއްޔެ ފޮތްތައް ހަދިޔާ ކުރެއްވުމަށް ފަހު، ފޮތެއްގައި ސޮއިކުރައްވަނީ.
ޝިޔާމް ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެ މަނިކުފާނު ދެއްވި ހިތާބުތަކާއި ތަގުރީރުތައް ވެސް އެ ފޮތްތަކުގެ ތެރޭގައި ހިމެނެ އެވެ. އެހެންވެ، އިލްމީ ދިރާސާތައް ކުރާ ފަރާތްތަކަށް ވެސް މި ފޮތްތަކަކީ މުހިއްމު ފޮތްތަކަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.
އެ ފޮތްތަކުގެ ތެރޭގައި ޝިޔާމް ލިޔުއްވާފައިވާ ފޮތްތައް ހަތަރު ފޮތެއް ވެސް ހިމެނެ އެވެ. އެއީ ދެ ވާހަކަ ފޮތާއި ސިނަމާލޭ ބްރިޖާ ގުޅޭ ގޮތުން ލިޔުއްވި ފޮތް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުޙައްމަދު 1234
15 August 2024
ހެޔޮލަފާ ހިއްތިރި މަޑުމައިތިރި މިޒަމާނުގަ ވަރަށް މަދުން ނޫނީ ނުފެންނަ ކަހަލަ ބޭފުޅެއް ޝިޔާމް އަކީ.
ރަދީފްއޮފިޝަލް
08 August 2024
ޝިޔާމްގެ ލިޔުންތައް އެއީ ކިޔާހިތުން ކިޔާލެވޭ ލިޔުންތަކެއް.މީގެތެރެއިން ވެސް ހަގީގީ ހާދިސާތައް ހިމެނޭ ''ހަނދާންތަކުން ތަންކޮޅެއް'' އެއީ ވަރަށް ޝައުގުވެރި ސިލްސިލާއެއް.މާލޭގެ ކަންތައް ކުރީ ޒަމާނުގަ އޮތް ގޮތް ވަރަށް ރަނގަޅަށް ސިފަކޮށްދީފައިވާ މިސިލްސިލާއިން އަދުގެ ޖީލަށް ނުހަނު ގިނަ ދަރުސްތަކެއް ލިއްބައިދޭނެކަން ޔަގީން. ޝިޔާމްގެ ޅަދުވަސްވަރު ޝިޔާމް އެއީ ނުހަނު ބަސްއަހާ ކިޔަމަންތެރި ދަރިއެއްކަން މި ސިލްސިލާ ކިޔާލީމަ ހާމަވޭ.ވ.ވެދުން (ޝިޔާމްގެ ފޭނެއް)
ފޮތުގެ ނަން
08 August 2024
"އޭނާ ހަދިޔާކުރެއްވި އެންމެ ދުވަސްވީ ފޮތަކީ 1966 ގައި ނެރެފައިވާ "އެކުވެރިންގެ ރޫހު" އެވެ." މީ ކޮން ބޭފުޅެއް ލިޔުއްވާފައިވާ، ކޮންކަހަލަ ފޮތެއްކަން އެނގޭނެ މަޢުލޫމާތު ކޮޅެއް ހިމެނިނަމަ ދެއްތޯ
ކޮރަލް
08 August 2024
އަހްލާގް ރަނގަޅު މީހެކެވެ.
ރަދީފްއޮފިޝަލް
08 August 2024
މިއީ 100ގެ ކޮމެންޓެއް.
ރާޒުވާ
08 August 2024
އަތުން ލިޔެފައިވާ ވަރަށް ދުވަސްވީ ރާޒުވާ ގެ ޤަވާއިދު ފޮތެއް އެބައޮތް ކުތުބުހާނާއަށް ހަދިޔާ ކުރަން ކިހިނެއް ހަދަންޖެހެނީ
ލައިބްރަރީ
08 August 2024
ލައިބްރަރީއަށް ވަޑައިގެންނެވީމާ އެބޭފުޅުން އުފަލާއިއެކު ތިފޮތާ ޙަވާލުވެލައްވާނެ.
ރަގަޅުވާނީ
08 August 2024
ތިފޮތް ބޮޑަށް ރަގަޅު ވާނީ ނެޝަނަލް ލައިބްރަރީ ނުވަތަ ދާރުލް އާސާރަށް ދެއްވިއްޔާ
ދުރު ރައްޓެއްސެއް
08 August 2024
ޝިޔާމް އަކީ މިޒަމާނުގައި މަދުން ނޫނީ ނުފެންނަ ކަހަލަ ހިއްތިރި މަޑުމައިތިރި އަދި ކުރައްވާ ކަމެއް ރަގަޅައް ކުރައްވާ ބޭފުޅެއް.
ސީސާ
08 August 2024
ރީތި މޮޅު އަދި އިލްމީ ލިޔުންތައް ލިޔުއްވާ ލިޔުންތެރިއެއް ކާމިޔާބީއަށް އެދެން