09 އޯގަސްޓް 2024 - 15:03
ޕެރިސް (އޮގަސްޓް 9) - ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ހުރެ، އޮލިމްޕިކްސްގައި ފިރިހެނުންގެ 200 މީޓަރުގައި ދުވެގެން، އެމެރިކާގެ ނޮއާ ލައިލްޒް ބްރޯންޒް މެޑަލް ހޯދައިފި އެވެ.
ލައިލްޒް ވަނީ ފަސް މިލިސިކުންތުގެ ފަރަގަކުން މި ހަފްތާ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ. އަދި އޭނާ އަކީ މިދިޔަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕުގައި ވެސް މި އިވެންޓުން ރަން މެޑަލް ހޯދައި ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާގެ މަގާމުގައި ހުރި ދުވުންތެރިޔާ އެވެ. އޭނާ އެ މުބާރާތުގައި 200 މީޓަރު ދުވުމުން ވެސް ރަން މެޑަލް ހޯދި އެވެ.
އިއްޔެ އޮތް 200 މީޓަރު އިވެންޓު އޭނާ ފުރިހަމަ ކުރީ 19.70 ސިކުންތުންނެވެ. ދެވަނައަށް ދިޔައީ 19.62 ސިކުންތުން ދުވި އެމެރިކާގެ ކެންނެތު ބެނެރިކް އެވެ. އަދި ރަން މެޑަލް ހޯދި ބޮސްޓާވާގެ ލެޓްސިލޭ ޓެބޯގޯ ރޭސް ނިންމީ 19.46 ސިކުންތުންނެވެ.
ރޭސް ނިންމުމާ އެކު ޓްރެކް މަތީ އޮށޯވެ އޮތުމަށް ފަހު އޭނާ އެ ސަރަހައްދުން ގެންދިޔައީ ފުރޮޅުލީ ގޮނޑީއެއްގަ އެވެ. އަދި އަންގާރަ ދުވަހު އޭނާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަން އޭނާ ހާމަކުރި އެވެ.
"އަހަރެން ހާސްކަން ފިލުވާލެވޭތޯ ބެލިން. ކުރިން މިއަށް ވުރެ ދެރަ ހާލުގައި ހުރެގެން އަހަރެން ހުންނާނީ ދުވެފައި،" މާސްކު އަޅައިގެން ހުރެ ވާހަކަ ދައްކަމުން ލައިލްޒް ބުންޏެވެ.
މިހާރު ކުރިއަށްދާ އޮލިމްޕިކްސް މުބާރާތުގައި 40 އަށް ވުރެ ގިނަ އެތުލީޓުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވެސް މިދިޔަ އަންގާރަ ދުވަހު ހާމަ ކޮށްފައިވެ އެވެ.
މީޑީއާތަކުން ރިޕޯޓް ކުރާގޮތުގައި އޮލިމްޕިކްސްގައި އެތުލީޓެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވިއަސް، ތަމްރީނުތައް ހުއްޓާނުލައި، ވާދަކުރުމުގެ ހިތްވަރު ހުރި ނަމަ ކުރިއަށް ދިޔުމުގައި ހުރަހެއް ނެތެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy