ކުޅިވަރު / އޭޝިއަން ގޭމްސް

އޭޝިއަން ގޭމްސްގެ ސާފިން އިން ފިރިހެން ޖާގައެއް ވެސް ރާއްޖޭން ޔަގީން ކޮށްފި

މިއަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްސްގެ ފިރިހެން އޯޕަން ބައިގައި ގައުމީ ޓީމު ތަމްސީލުކުރި އަންމަޑޭ، ހޫދު އަދި ކުޑަ އިއްސެ.-- ފޮޓޯ: ސިޑިބަރި

22 އޯގަސްޓް 2024 - 22:17

މިއަހަރުގެ ޢޭއެސްއެފް އޭޝިއަން ގޭޟްސްގެ ފިރިހެން އޯޕަން ބައިން ދިވެހިރާއްޖެއަށް މެޑަލް އެއް ނުހޯދުނު ނަމަވެސް، ދެކުނު އޭޝިއާގެ އެއްވަނަ ގައުމުގެ ގޮތުގައި 2026 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގެ ޖާގައެއް ހޯދައިފި އެވެ.

މިއަދު ކުރިއަށް ދިޔަ ފިރިހެން އޯޕަން ބައިގެ ކުއާޓާ ފައިނަލްގައި ދެކުނު އޭޝިއާގެ ދެ ސާފަރުން ވާދަ ކޮށްފައިވެ އެވެ. އެއީ ދިވެހި ގައުމީ ޓީމުގެ ހޫދު އަހުމަދު (ހޫބްޒް) އާއި އިންޑިއާގެ ހަރީޝް މުތޫ އެވެ. ނަމަވެސް ދެ ސާފަރުން ވެސް ސެމީ އަށް ހޮވިފައެއް ނުވެ އެވެ.

ކުއާޓާގެ ފުރަތަމަ ހީޓުގައި ހޫދު ތިންވަނައަށް ވެއްޓުނީ، ޖަޕާނުގެ ޓާކީ ކަނާޒަވާ ފަހުވަގުތު އެޅި ރާޅަކަށް ހޯދި 5.50 ޕޮއިންޓަކާ އެކު، ޖުމްލަ 11 ޕޮއިންޓް ހަމަކޮށްގެންނެވެ. ހޫދު އަށް އެއްކުރެވުނީ ޖުމްލަ 9.10 ޕޮއިންޓެވެ. ހީޓުން އެއްވަނަ ހޯދީ 14.57 ޕޮއިންޓް ހޯދި ފިލިޕީންސްގެ ޖޯން މާކް ޓޮކޮންގް އެވެ.

ދެވަނަ ހީޓުގައި ވާދަކުރި ހަރީޝް އަށް އެއްކުރެވުނީ ޖުމްލަ 6.76 ޕޮއިންޓެވެ. މި ހީޓުން އެއްވަނަ ހޯދީ 15.66 ޕޮއިންޓް ހޯދި އިންޑޮނޭޝީއާގެ އައި މޭޑް ޖޯއި ސަޓްރިއާވަން އެވެ. ދެވަނައަށް ދިޔަ ޖަޕާނުގެ ކައިސޭ އަޑާޗީ ވަނީ 12.50 ޕޮއިންޓް ހޯދައިފަ އެވެ.

ފިރިހެން އޯޕަން ބައިގައި ގައުމީ ޓީމުގެ އެތުލީޓުންގެ ގޮތުގައި ރާއްޖޭގެ ތިން ސާފަރުން ވާދަ ކޮށްފައިވެ އެވެ. ކުއާޓާ އަށް ނުގޮސް އަހުމަދު އާގިލް (އަންމަޑޭ) އާއި އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) ކެޓީ ހަތަރުވަނަ ބުރުންނެވެ.

ކ. ތުލުސްދޫގައި މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްސްގެ ފިރިހެން އޯޕަން އާއި އަންހެން އޯޕަން ބައިން ވެސް 12 ސާފަރުން އޭޝިއަން ގޭމްސް އަށް ކޮލިފައި ވާނެ އެވެ. އެގޮތުން އޭޝިއަން ގޭމްސްގެ އަންހެން ޖާގައެއް ވެސް ރާއްޖޭން ވަނީ ސަރަހައްދުގެ އެއްވަނަ ގައުމުގެ ގޮތުގައި ހޯދައިފަ އެވެ.

އޭޝިއާ ބަހާލެވިފައިވާ ފަސް ސަރަހައްދުން ވެސް އެއް ވަނަ ގައުމުގެ ދަރަޖަ ހޯދައިގެން ޖާގައެއް ޔަގީން ކުރެވޭ އިރު، މި ފަސް ޖާގައިގެ އިތުރުން ރޭންކިންގެ އެންމެ ރަނގަޅު ހަތް ގައުމަށް ވެސް އޭޝިއަން ގޭމްސް އިން ފުރުސަތު ލިބޭނެ އެވެ. މުބާރާތުގެ ރޭންކިން އިން އެންމެ ރަނގަޅު ހަތް ގައުމު ހޮވާއިރު، ފަސް ސަރަހައްދުން އެއް ވަނަ ހޯދި ގައުމުތައް ނުހިމަނާނެ އެވެ.

އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގައި ސާފިން ހިމަނަން ނިންމާފައިވުމުން، އެ ކުޅިވަރުން އޭޝިއަން ގޭމްސް އަށް ކޮލިފައިވާނެ އުސޫލުތަކެއް އޮލިމްޕިކް ކައުސިލް އޮފް އޭޝިއާ އާއި އޭޝިއަން ސާފިން ފެޑެރޭޝަން ގުޅިގެން ވަނީ ނިންމައިފަ އެވެ.

އޭޝިއާގެ އޮލިމްޕިކްސްގެ މައި އިދާރާ އާއި ބައްރުގެ ސާފިން މައި ޖަމިއްޔާ އިން ނިންމީ މިހާރު ކުރިއަށްދާ އޭޝިއާން ޗެމްޕިއަންޝިޕާއި އަންނަ އަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުން އަންނަ އޭޝިއަން ގޭމްސް އަށް އެތުލީޓުން ހޮވަން ނިންމައިފަ އެވެ.

މިއަހަރުގެ މުބާރާތުން (އަންހެން އަދި ފިރިހެން ވެސް، ކޮންމެ ޑިވިޝަނަކުން) 12 ގައުމަކާއި އަންނަ އަހަރުގެ މުބާރާތުން ވެސް 12 ގައުމު ހިމެނޭ ގޮތަށް (އަންހެން އަދި ފިރިހެން ވެސް، ކޮންމެ ޑިވިޝަނަކުން) ޖުމްލަ 24 ޖާގަ، ނަގޯޔާ އާއި އައިޗީ ސިޓީގައި ބާއްވާ ގޭމްސްއިން ދޭނެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454