ހުޅުމާލޭ ފަޅުގައި އަޅާފައި ހުރި ބައެއް ސަފާރީ ޔޮޓްތައް. އުޅަނދުތަކުން ބޮޑު ފީއެއް ނަގާތީ ލިވަބޯޑުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު
04 މާޗް 2017 - 16:13
ހުޅުމާލޭގެ ބަނދަރުގައި އަޅާ އުޅަނދުތަކުން ބޮޑު ފީއެއް ނަގާތީ ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން އެކަމުގެ ކަންބޮޑުވުންތައް ޓްރާންސްޕޯޓް އޮތޯރިޓީގެ އިސްވެރިންނާ ހިއްސާކޮށްފި އެވެ.
ލޭމްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފީ ނަގަން ފެށުމުން ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި 40 އުޅަނދެއްގެ އިސް ވެރިން ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން މަހުދީ އިމާދުއާ ބައްދަލުކުރި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއްވެސް އުޅަނދެއްގެ ވެރިޔަކު ފީ ނެގުމާ ދެކޮޅެއް ނޫނެވެ. ނަމަވެސް އުޅަނދުތަކުން ނަގަން ވާނީ އެކަށީގެންވާ އަގެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އާންމުކޮށް އެވްރެޖް ސަފާރީތަކުގައި 20 މީޓަރު ހުންނާނެ، އެހެންވީމަ ކޮންމެ ސަފާރީއަކުން މަހެއްގެ މައްޗަށް 25،000ރ. ދައްކަން ޖެހޭތީ ކަންބޮޑުވުން ހުރީ،" އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ހުޅުމާލޭގެ ބަނދަރުގައި އަޅާ އުޅަނދުތަކުން ފީއެއް ނަގަން އެޗްޑީސީން ނިންމީ ލޭމްއާ މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ. ނަމަވެސް ލޭމްގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައި ދޭނެ ކަމުގެ ޔަގީންކަން ޓްރާންސްޕޯޓް އޮތޯރިޓީން ދިން ކަމަށް އޭނާ ވިދާޅުވި އެވެ.
އެޗްޑީސީން އާންމުކުރި "ހުޅުމާލެ ފަރާއި ފަޅު ހިމެނޭ ސަރަހައްދު ބޭނުން ކުރުމުގެ އުސޫލު" ގެ ސަބަބުން ސަފާރީ އިންޑަސްޓްރީއަށާއި އިންޑަސްޓްރީގައި މަސައްކަތްކުރާ ދިވެހިންނަށް ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށް ލޭމް އިން ކުރިން ވަނީ ބުނެފަ އެވެ.
ލޭމް އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އުޅަނދުތަކުން އަހަރީ ފީގެ ގޮތުގައި ވަރަށް ބޮޑު އަދަދަކާއި ތަފާތު އެތައް ޓެކްސް އެއް ދައުލަތަށް ދައްކާއިރު، ޒަރޫޒީ ބޭނުމަކަށް ހުޅުމާލެ ފަޅުގެ ބޭނުންކުރުމަށް ހޭދަކޮށްލާ މަދު ދުވަސްކޮޅަށް ބޮޑު އަދަދެއްގެ ފީއެއް ނެގުމަކީ ސަފާރީ އިންޑަސްޓްރީގެ ކުރިއެރުމަށް އެޅޭނެ ވަރަށް ބޮޑު ހުރަހެކެވެ. އެ ކަމުގެ ސަބަބުން ސަފާރީތައް ފަތުރުވެރިންނަށް ވިއްކާ އަގުތައް ބޮޑުވެ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ހީނަރުކަމެއް އަތުވެދާނެ ކަމަށް ވެސް ލޭމް އިން ބުނެފައިވެ އެވެ.
އެޗްޑީސީން ކަނޑައަޅާފައި ވަނީ ރާއްޖެއިން ބޭރުން އަންނަ ޔޮޓްފަހަރާއި ޓޫރިޒަމްގެ ސިނާއަތުގައި ބޭނުންކުރާ އުޅަނދުތަކުގެ ތެރެއިން ސަފާރީ، ޑައިވިން ދޯނި، އެކްސްކާޝަން ފަދަ ހިދުމަތް ދޭ އުޅަނދުތައް ހުޅުމާލޭގެ ބަނދަރުގައި އަޅާފައި އޮންނަ ނަމަ އެ އުޅަނދުގެ މީޓަރަކަށް މަހަކު 50 ޑޮލަރު (771ރ.) އެޗްޑީސީ އަށް ދެއްކުމަށެވެ. އަދި ލޯންޗާއި މުދާ އުފުލާ އުޅަނދާއި މަސްވެރިކަމުގެ ސިނާއަތުގައި ބޭނުންކުރާ އުޅަނދުތަކާއި އަމިއްލަ އުޅަނދުތައް އަޅާފައި އޮންނަ ނަމަ، މީޓަރަކަށް މަހަކު 100 ރުފިޔާ ދޭން ޖެހޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނާލީމާ
05 March 2017
އެޗްޑީސީން ނަގާކުލި މިހާރަށް ތަންކޮޅެއްކުޑަ! އެކަމަކު މަހަކު 25000 ރުފިޔާ އެއީ ބޮޑުވަރެއް! ކަންކަންކުރުމުގާ ހަމަތިބެލާފާ ގޮތެއްހަމަޖެއްސުން ދޫކޮށްލާ، ތަންކޮޅެއް ހަމަޖެހޭ ގޮތަކަށް ކަންކަންކުރުމަކީ ބުއްދިވެރިކަމެއް! ހަގީގަތުގާ ފަޅުގެބޭނުންކުރާ ބޮޑެތި ސަފާރީތަކުގެ ބޭބޭފުޅުންނާއެކުވެސް ކޮންމެވެސް ވަރަކަށް މަޝްވަރާކޮށްފާ ކަންކަން ހަމަޖައްސާނަމަ ތިހެނެއް ނުވާނެ! ބަޔަކުއަތުން އެއްޗެއް ނެގިޔަސް ތީ ފުކެއް ބޮޑުވަރު! -އިބްރާހީމް-
ލޯބި
04 March 2017
ތިވެރިން ތި ސަފާރީތަކުން ތިނަގާ ރޭޓުތަކޯ....
ހާސަރު
04 March 2017
ރިސޯޓެއްގެ ބިމުކުއްޔަށް ވުރެ ނިސްބަތުން ސަފާރީއެއްގެ މަހުކުލިބޮޑުވީމަ އެއީ ދެން ތަންފުކެއް ބޮޑުވަރުދޯ ދޭއެއްވެސް ޚިދުމަތެއް އޮތީކީނޫން! ސަފާރީތަށް އަޅަން މާލެކައިރީގައި ކާއްސަބަނދަރެއް ހަދަނީއޭ ކިޔާތާ ކިހާދުވަހެއްވެއްޖެ! ބަލަގަ ޓެކުސްނަގާ ގައުމުތަކުގައި ޓެކްސް ހޯދަދޭން މަސައްކަތް ކުރާފަރާތްތައް ފެލައެއް ނޫޅޭ! ބަލަނީ އެބަޔަކު ކުރާމަސައްކަތެއް ވީހާ ފައިދާހުރިގޮތެއްގާ ކުރެވޭނެގޮތްތައް ފަހިކޮށްދީގެން މަސައްކަތުން ލިބޭފައިދާއިން ޓެކްސްނަގައިގެން ސަރުކާރު މުއްސަދިވާން.
ކުރަފި
04 March 2017
މުސާރަދީފަ ކމެންޓުކުރަން ތިބޭ ކޮމެންޓޭމެންގެ ކޮމެންޓުތަކަށް ލައިކް ޑިސްލައިކް ދިނުމަކީ ކޮމެންޓޭމެނަށް ދެވޭ ހިއްވަރެއް.
ޑިސްކައުންޓެޑް
04 March 2017
ހުޅުމާލޭ ފަޅުގައި އަޅާ ސަފާރީ ތަކުން މަހަކު 25 ހާސް ރުފިޔާ ނެގީމައޭ ރަނގަޅު ޔޮޓް މެރީނާ އެެއް ތަމެންނަށް ހުޅުމާލޭގައި ހަދާ ދެވޭނީ އިނގޭ. މިހާރު ދެން ހުޅުމާލޭ ފަޅުތެރޭގައި އެއްވެސް ތަރްތީބެއް ނެތް ގޮތަށް އުކާލާފައިވާ އުސޫލުން ތިޔާ ސަފާރީ ތައް އަޅާފައި ބެހެއްޓުން އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫން. އާން ދެން މައްސަލަ އެއް ނެތޭ މަހަކު 24 ހާހަށް ކުޑަ ކުރީ ޑިސްކައުންޓެއް ދިނީ މި ދެން އިނގޭ.
އަލިކަތީބު
04 March 2017
ޜައްތަކާ، ފަޅުތަކާ، ފަރުތައް ވިއްކައިގެ ލިބޭ ލާރިޔަށް ވާގޮތެއްނޭގެ. އަބަދުވެސް މިބަލަނީ ރައްޔިތުން ފެލާލެވޭނެ ގޮތެއްއޮތްތޯ. ޖީޑީޕީ ބޮލަކަށް 8000 ރުފިޔާ ޖައްސައިފީމޭ ބުނާނެ، އެކަމަކުވެސް ދައުލަތުގަ ލާރިނެތިގެން ކޮންމެ މަހަކު އޮންނަނީ ޓީބިލް ވިއްކަންޖެހިފަ. އެހެންތާވާނީ އެބަބުނޭ ފޭދޫފިނޮޅު ވިއްކާލީ 4 މިލިޔަން ޑޮލަރަށޭ.