އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި އާޔާ.-- ފޮޓޯ: އެމްއެސްއޭ
01 ނޮވެމްބަރ 2024 - 15:48
މިއަހަރުގެ ދިވެހި ސާފް ލީގުގެ އަހަރުގެ ފަހު މުބާރާތް، ރަންނަމާރި ޗެލެންޖްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން މަރިޔަމް ރާހިލް ނަސީމް (އާޔާ) ހޯދައިފި އެވެ.
ކުރީ މުބާރާތްތަކާ ހިލާފަށް މި އަހަރުގެ މުބާރާތުގައި ވަނީ ހަ އަންހެން އެތުލީޓުން ވާދަ ކުރި އެވެ. މީގެ ކުރީ މުބާރާތްތަކުގައި މުޅިން ވެސް ވާދަ ކޮށްފައި ވަނީ ތިނެއް ނުވަތަ ހަތަރު ސާފަރުންނެވެ.
އާޔާ ޗެމްޕިއަންކަން ހޯދީ މިއަދު ހެނދުނު އޮތް ފައިނަލް ހީޓުގައި ޝާޒިޔާ ސައީދު (ޝާޒު) އާ ވާދަކޮށް ޖުމްލަ 10.25 ޕޮއިންްޓް ހޯދައިގެންނެވެ. ޝާޒިޔާ އަށް ހޯދުނީ 6.50 ޕޮއިންޓެވެ.
އާޔާ އަކީ އެމްއެސްއޭ އިން 2021 ވަނަ އަހަރު ވާދަވެރި ސިފައެއްގައި އަންހެން ޑިވިޝަން ބާއްވަން ފެށި ފަހުން ހުރިހާ މުބާރާތެއް ކާމިޔާބު ކުރި އެތުލީޓެވެ.
އެގޮތުން މިއަހަރުގެ މުބާރާތާ އެކު، ޖެހިޖެހިގެން ހަތަރު އަހަރުގެ ރަންނަމާރި ޗެލެންޖްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން އާޔާ ވަނީ 2022 ވަނަ އަހަރު ގައްދޫގައި އޮތް ކަޅެގަލެކޮޑާ އާއި ހިންމަފުށީގައި ބޭއްވި ގާމާދޫކޮޅު މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި އޭނާ އަންނަނީ އިންޓަނޭޝަނަލް މުބާރާތްތަކުގައި ވެސް ރާއްޖެ ތަމްސީލު ކުރަމުންނެވެ.
އާޔާ، 2021 ވަނަ އަހަރުގެ ރަންނަމާރި ޗެލެންޖް ކާމިޔާބު ކުރީ ވެސް އެ އަހަރުގެ ފައިނަލްގައި ޝާޒިޔާ ބަލިކޮށްފަ އެވެ.
މިއަހަރުގެ ފައިނަލް ހީޓުން އާޔާ ޖާގަ ހޯދީ، ފުރަތަމަ ހީޓުގައި ރިޝްތާ ޝުޖާ އާއި އާމިނަތު ތާނީސް ޝިރަންއާ ވާދަކޮށް 12.50 ޕޮއިންޓް ހޯދައިގެންނެވެ. ޝާޒިޔާ ވަނީ ފުރަތަމަ ބުރުގެ ދެވަނަ ހީޓުގައި ރައުފާ އަހްމަދާއި ނަހާ ނަސްރުﷲ އާ ވާދަކޮށް 9.25 ޕޮއިންޓް ހޯދައިފަ އެވެ.
ތިންވަނަ ހޮވަން ކުރިއަށް ގެންދިޔަ ހީޓުގައި ވާދަކުރީ، ފުރަތަމަ ބުރުގެ ހީޓުތަކުން ދެވަނަ ހޯދި ރިޝްތާ އާއި ރައުފާ އެވެ. ޖުމްލަ 6.25 ޕޮއިންޓާ އެކު މި ހީޓް ކާމިޔާބު ކުރީ ރިޝްތާ އެވެ.
މިއީ ރައުފާ އާއި ތާނީސް ވެސް އެމްއެސްއޭގެ މުބާރާތެއްގައި ވާދަކުރި ފުރަތަމަ ފަހަރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަންސ
01 November 2024
އަންހެން ސާފަރުންނަށް ސާބަސް.