ކުޅިވަރު / ހޭންޑްބޯޅަ

ހޭންޑްބޯޅައިގެ ގައުމީ ޗެމްޕިއަންކަން ޖީބީ އާއި ރެޑްހޯކްސް އަށް

އެއްވަނަ ޑިވިޝަންގެ ފިރިހެން ޗެމްޕިއަން ޖީބީ ސްޕޯޓްސް.-- ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް

23 ނޮވެމްބަރ 2024 - 13:14

ހޭންޑްބޯޅަ އެސޯސިއޭޝަނުން ބާއްވާ 11 ވަނަ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ އެއްވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ޖީބީ ސްޕޯޓްސް ކްލަބާއި ރެޑްހޯކްސް ހޯދައިފި އެވެ.

އެއްވަނަ ޑިވިޝަންގެ ދެ ފައިނަލް ވެސް ކުޅުނީ ބުދަ ދުވަހުގެ ރޭ އެވެ. އެއްވަނަ ޑިވިޝަންގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ޖީބީ ސްޕޯޓްސް ކްލަބެވެ. ވާދަވެރި މި ފައިނަލް މެޗު އެޓީމު ކާމިޔާބު ކުރީ 35-34 އިން ފިއުޗާ ސްޕޯޓްސް ކްލަބް އެކަޑަމީ ބަލިކޮށްފަ އެވެ.

ފިރިހެން އެއްވަނަ ޑިވިޝަންގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ޖީބީގެ މުހައްމަދު ފިރުނާސް، ޒަހުވާން އިމްތިޔާޒް، އަބްދުﷲ ނާޖީ، ގޯލްކީޕަރު އިނާޝް ގެ އިތުރުން، ފިއުޗާ ސްޕޯޓްސްގެ މުހައްމަދު ޔަޝްމު، ރާއިދު ރަޝީދު އަދި ޑީއެސްސީގެ މުސްތަފާ އެވެ.

އެއްވަނަ ޑިވިޝަންގެ އަންހެން ޗެމްޕިއަން ރެޑްހޯކްސް.-- ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް

ފާއިތުވި ދެ އަހަރުގެ ވެސް ޗެމްޕިއަންކަން ހޯދި އޮރިކްސް ސްޕޯޓްސް ކްލަބާ ވާދަކޮށް، އެއްވަނަ ޑިވިޝަންގެ އަންހެން ފައިނަލް މެޗު 29-25 އިން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ރެޑްހޯކްސް އެވެ.

މި ބައިގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ރެޑްހޯކްސްގެ ޖުނާ އާއި އެސްޖީސީގެ ރިޒްނާގެ އިތުރުން، އޮރިކްސްގެ ޒުހާ، ޒުލެއިހާ، ރަފާހާ، އަރުޝާ އަދި ލީން އެވެ.

ހޭންޑްބޯޅަ އެސޯސިއޭޝަނުން ވަނީ ގައުމީ މުބާރާތުގެ ދެވަނަ ޑިވިޝަންގެ ކުޅުން ބުދަ ދުވަހުގެ ރޭ ނިންމާލައިފަ އެވެ.

ދެވަނަ ޑިވިޝަންގެ އަންހެން ޗެމްޕިއަން ޒެފްރޯލް.-- ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް

ގައުމީ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އިސްލޭނޯއާ ވާދަކޮށް 19-9 އިން މޮޅުވި ކްލަބް ޒެފްރޯލް އެވެ.

މި ބައިން އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރެއިން ގޯލްކީޕަރު ފިޔަވައި ދެން ހިމެނުނީ ހުސްވެސް ޒެފްރޯލްގެ ކުޅުންތެރިންނެވެ. އެއީ އިމްސާ، އިބާ، ލީމް، ވިރާޝާ، ޝަފާ އަދި ޒާނާ އެވެ. ގޯލްކީޕަރަކީ އިސްލޭނޯގެ މައީޝާ އެވެ.

ދެވަނަ ޑިވިޝަންގެ ފިރިހެން ޗެމްޕިއަން ތުޅާދޫ ޔަންގް އީގަލް.-- ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް

ފިރިހެން ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ތުޅާދޫ ޔަންގް އީގަލް ސްޕޯޓްސް (ޓިޔެސް) އެވެ. ޓިޔެސް ވަނީ އެ ރޭ އޮޑި ސްޕޯޓްސް ކްލަބާ ވާދަކޮށް 18-16 އިން މޮޅުވެފަ އެވެ.

ފިރިހެން ދެވަނަ ޑިވިޝަންގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ޓިޔެސްގެ އައްޒާމް އާއި ނާއިފްގެ އިތުރުން އޮޑި ސްޕޯޓްސްގެ ލަހުފާން، ނައިޝަމް، އަމްސާލް ހިމެނެ އެވެ. މީގެ އިތުރުން ހިމެނެނީ ޝައިހާން އާއި އަހުމަދެވެ.

މިއަހަރުގެ ގައުމީ މުބާރާތުގެ އެއްވަނަ ޑިވިޝަންގައި އަންހެން އަދި ފިރިހެން ތިން ޓީމު ވާދަ ކުރި ނަމަވެސް، ދެވަނަ ޑިވިޝަންގައި އަންހެން 26 ޓީމު ބައިވެރިވެފައިވެ އެވެ. އަދި ފިރިހެން 16 ޓީމު ދެވަނަ ޑިވިޝަންގައި ކުޅުނެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454